ތިލަފުށި: އެ ރަށުން 160 ހެކްޓަރުގެ ބިން ހިއްކަން އެޗްޑީސީއިން ވަނީ ރާވާފައި

އެޗްޑީސީ

ދަރަނި ބޮޑު އެޗްޑީސީ އަނެއްކާ ވެސް ބޮޑު މަޝްރޫއަކަށް؛ ބުރަ އުފުލޭނެތަ؟

އެމްޑީ ސުހައިލް ވިދާޅުވަނީ ތިލަފުށި ހިއްކުމުގައި ހާސްކަމެއް ނެތް ކަމަށް، ނަމަވެސް ތަޖުރިބާކާރުންގެ ހިޔާލު ތަފާތު.
19 އޭޕްރީލު 2022
4

ހުޅުމާލޭގެ ދެވަނަ ފޭސްގައި ހަދާފައިވާ ހިޔާ ފްލެޓްތަކާ ގުޅޭ ގޮތުން މިދިޔަ ހަފްތާގައި ރައްޔިތުން މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް އޮޑިޓަ ޖެނެރަލް ހުސެން ނިޔާޒީ ހާޒިރުކުރުމުން އެންމެ ބޮޑު ކަންބޮޑުވުމެއް ފާޅުކުރެއްވީ ހުޅުމާލެ ބަލަހައްޓާ ހައުސިން ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ މާލީ ހާލަތާ މެދުގަ އެވެ.

އޭނާ އިންޒާރުކުރެއްވީ އެޗްޑީސީގެ ދަރަނިތައް ބޮޑުވެ އެ ކުންފުންޏަށް މެނޭޖް ނުކުރެވޭނެ ހާލަތަކަށް ވެއްޓިދާނެ ކަމަށެވެ. ނިޔާޒީ ވިދާޅުވި ގޮތުގައި އެޗްޑީސީގެ ދަރަނި މިހާރު ވެސް ވަނީ 10.8 ބިލިއަން ރުފިޔާއަށް އަރައިފަ އެވެ. އެ ލޯނުތަކުގެ %30 ދައްކަން ޖެހުނު ނަމަވެސް އަދި ނުދެއްކެ އެވެ. 

"އަޅުގަނޑުމެން އަވަށްޓެރި ސްރީ ލަންކާއަށް ވެސް ދިމާވެގެން އުޅޭ މައްސަލައަކީ ރަނގަޅަށް ލޯނުތައް މެނޭޖް ނުކުރެވުމުގެ މައްސަލަ. ހިޔާ މަޝްރޫއާ އެކު މިހާ ބޮޑެތި ލޯނުތަކެއް އެޗްޑީސީއިން ނަގާފައިވާ އިރު މުސްތަގުބަލުގައި މާލީ ގޮތުން އެޗްޑީސީއަށް ވެސް ގޮންޖެހުން ބޮޑު. އެ ބިރު އެޗްޑީސީއަށް ވެސް އެބަ އޮތް،" ނިޔާޒީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެޗްޑީސީގެ ކޭޝް ފްލޯ މެނޭޖްކުރަން މި އަހަރު 200-300 މިލިއަން ޑޮލަރު ބޭނުންވާ ކަމަށެވެ. އެ ފައިސާ ހޯދަން އެ އަދަދުގެ ބޮންޑް ވިއްކަން އެޗްޑީސީއިން އަންނަނީ މަސައްކަތް ކުރަމުންކަން އޭނާ ފާހަގަކުރެއްވި އެވެ.

"މި ބޮންޑް އިޝޫ ނުކޮށް އެޗްޑީސީއަށް މެނޭޖުކުރެވޭނެ ކަމަކަށް އަޅުގަނޑުމެންނަކަށް ނުފެނޭ،" އެޗްޑީސީގެ މާލީ ހާލަތު ކިޔައިދެއްވަމުން ނިޔާޒީ ވިދާޅުވި އެވެ.

އެ ހާލަތުގައި ވެސް ބޮޑު ބިމެއް ހިއްކަން ހިފާފައި

ލިބޭ އާމްދަނީން ނުވެގެން އިތުރަށް ދަރަނި ނަގައިގެން އެޗްޑީސީގެ ހަރަދުތައް ހަމަޖައްސަން ޖެހިފައި އޮތް އިރު އެޗްޑީސީއިން މިދިޔަ ބުރާސްފަތި ދުވަހު އިއުލާން ކުރީ ތިލަފުށީގައި ބިން ހިއްކުމުގެ ބޮޑު މަޝްރޫއެކެވެ. ކޮންޓްރެކްޓާ ފައިނޭންސް އުސޫލް ނުވަތަ ކޮންޓްރެކްޓަރުގެ އަމިއްލަ ހަރަދުގައި މަޝްރޫއު ހިންގުމަށް ފަހު އެޗްޑީސީއިން ފަހުން ފައިސާ ދައްކާ ގޮތަށް ތިލަފުށިން 160 ހެކްޓަރުގެ ބިން ހިއްކަން މިހާރު އެވަނީ ހިފައިފަ އެވެ.

މި ފަހުން ހިންގި ބިން ހިއްކުމުގެ މަޝްރޫއުތަކުގެ އަގުތަކަށް ބަލާއިރު ހެކްޓަރެއް ހިއްކެނީ އެވްރެޖްކޮށް 204،918 ޑޮލަރަށެވެ. އެ ރޭޓުން ބަލާ ނަމަ ތިލަފުށިން 160 ހެކްޓަރުގެ ބިން ހިއްކާ މަޝްރޫއަށް މަދުވެގެން 33 މިލިއަން ޑޮލަރު (508.8 މިލިއަން ރުފިޔާ) ހަރަދު ވާނެ އެވެ.

އެޗުޑީސީއަށް މިހާރު ވަނީ ގެއްލުމެވެ. އެގޮތުން އަހަރަކު ނުވަ މިލިއަނެއްހާ ރުފިޔާގެ ގެއްލުމާ ކުރިމަތިލާން ޖެހުނެވެ. އެ ހާލަތުގައި ވެސް އަނެއްކާ ބޮޑު މަޝްރޫއެއް ހިންގުމަކީ އުފުލޭ ވަރުގެ ބުރައެއް ހެއްޔެވެ؟ މިވަގުތަށް އެ މަޝްރޫއު މުހިންމު ހެއްޔެވެ؟

އެޗްޑީސީއިން އެ މަޝްރޫއު ހިންގަންޏާ އެ ނަގަނީ ވަރަށް ބޮޑު ރިސްކެއް. އެ މަޝްރޫއު ފަށައިގެން ނިންމޭނެ ދުވަހެއް އެނގެނީއެއް ނޫން.

އިގުތިސާދީ ދާއިރާގެ ތަޖުރިބާކާރެއް

އެ ސުވާލަށް ޖަވާބު ދެއްވަމުން އެޗުޑީސީގެ މެނޭޖިން ޑިރެކްޓަރު ސުހެއިލް އަހުމަދު ވިދާޅުވީ ކުންފުނީގެ ދަރަނި ބޮޑު ނަމަވެސް އެ މަޝްރޫއު ހިންގަން ކުންފުނީގެ އެއްވެސް ހާސްކަމެއް ނެތް ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި ތިލަފުށީގެ ބިން ހިއްކަން އިއުލާންކުރީ އެކަން ކުރެވޭނެ ކެޕޭސިޓީ ކުންފުނީގައި ހުރެ އެ ބުރަ އުފުލޭނެތީ އެވެ. އެގޮތުން އެކަން ކުރަނީ ދެކޮޅުޖެހޭތޯ ބެލުމަށް ފަހު ކަމަށް ސުހެއިން ވިދާޅުވި އެވެ.

"ފީޒިބިލިޓީ ހަދާ އަޅުގަނޑުމެންނަށް އެއީ ފައިދާހުރި މަޝްރޫއެއްކަން ޔަގީން ކުރެވުނީމާ މި މަޝްރޫއު މި ހިންގަނީ. އަނެއްކާ އެއް ފަހަރާ މަޝްރޫއު ހިންގާ ފައިސާ ކޮންޓްރެކްޓަރަށް ދޭކަށް ނުޖެހޭނެ،"  ސުހެއިލް ވިދާޅުވި އެވެ.

ތިލަފުށި ހިއްކުމުގެ ޕްލޭންގައި ވަނީ:

  • ބޮޑެތި ސިނާއީ ވިޔަފާރިތަކަށް - 60 ބިން

  • ގުދުރަތީ ގޭސް ޕްލާންޓެއް ގާއިމްކުރަން - 12.7 ހެކްޓަރު

  • އޮފީސް އިމާރާތްތައް ހަދަން - 7 ބިމެއް

  • ކުދި ސިނާއަތްތަކަށް - 60 ބިން

  • ބަނދަަރަށް ބާލާ މުދާ ރައްކާކުރަން - 9 ހެކްޓަރު ބިން

  • ގުޅީފަޅު ޕޯޓަށް ބޭނުން ކުރަން - 10.4 ހެކްޓަރު ބިން

އެޗުޑީސީގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހުމަދު

ތިލަފުއްޓަކީ މިހާރުވެސް ސިނާއީ މަސައްކަތްތައް ކުރަން ވަރަށް ގިނަ ވިޔަފާރިތަކުން ބިން ކުއްޔަށް ނަގާފައިވާ ރަށެެކެވެ. އެ ރަށުގެ ސިނާއީ ބިންތަކުގެ ކުލީގެ ގޮތުގައި އަހަރެއްގެ މައްޗަށް 72.9 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކުރެވެ އެވެ. އެޗްޑީސީއިން މިފަހަރުވެސް ރާވާފައި ވަނީ ބިން ވިއްކާށެވެ. މިހާރު ތިލަފުށީގައި 50.9 ހެކްޓަރު ހުންނަ އިރު އަލަށް ހިއްކާ 160 ހެކްޓަރާ އެކު ތިލަފުށި 210.9 ހެކްޓަރަށް ބޮޑުވެގެން ދާނެ އެވެ.

ސުހެއިލް ވިދާޅުވީ ތިލަފުށިން ބިން ހިއްކައި ކުއްޔަށް ދީގެން ރަނގަޅު އާމްދަނީއެއް ހޯދޭނެ ކަމަށެވެ.

"ދަރަނި އޮތަސް ވިޔަފާރިކޮށްގެން އެދަރަނި ދައްކަން އަޅުގަނޑުމެންގެ ޕްލޭނަކީ،" އޭނާ ވިދާޅުވި އެވެ.

ސުހެއިލްގެ ކަންބޮޑުވުމެއް ނެތް ނަމަވެސް މާލީ ދާއިރާގެ ބޭފުޅުންގެ ކަންބޮޑުވުން ވަރަށް ބޮޑެވެ. ނަން ނުޖަހާ ގޮތަށް ވާހަކަދެއްކެވި މާލީ ދާއިރާގެ ބޭފުޅަކު ވިދާޅުވީ އެޗްޑީސީއަށް ކުރިއަށް އޮތީ ވަރަށް ބޮޑެތި ލޯނުތަކެއް ދައްކަން ފަށަން ޖެހޭ ދުވަސްވަރު ކަމަށެވެ. ހާއްސަކޮށް ހިޔާ ފްލެޓަށް ނެގި ހަ ބިލިއަން ރުފިޔާގެ ލޯނު މިހާރު ވެސް ވަނީ ދައްކަން ފަށަން ޖެހިފަ އެވެ. އެކަން އެހެން އޮތް އިރު ބޯހިޔާވަހިކަމުގެ އެކި މަޝްރޫއުތަކަށް ދޫކޮށްފައިވާ ފްލެޓްތަކުން ކުލި ނުދެއްކުމުގެ ސަބަބުންނާއި ބިންތަކަށް ކުލި ނުދައްކާތީ އެޗްޑީސީއަށް ލިބެން ޖެހޭ އެތައް މިލިއަން ރުފިޔާއެއްގެ އާމްދަނީއެއް ހިފެހެއްޓިފައި ހުރިިކަން އޭނާ ފާހަގަކުރެއްވި އެވެ. ހާލަތު އެހެން އޮތް އިރު އެޗްޑީސީއިން އިތުރު މަޝްރޫއުތަކެއްގެ ބުރަ ނެގުމަކީ ބޮޑު ރިސްކަކަށް ވާނެ ކަމަށް ގަބޫލުކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ހުޅުމާލޭގެ 2 ވަނަ ފިޔަވަހީގައި ހަދާފައިވާ ހިޔާ ފްލެޓްތައް: މިއީ މާލީ ގޮތުން އެޗްޑީސީއަށް ގެއްލުން ބޮޑު އަދި ބުރަ ބޮޑު ޕްރޮޖެކްޓެއް (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

"އެޗްޑީސީއިން އެ މަޝްރޫއު ހިންގަންޏާ އެ ނަގަނީ ވަރަށް ބޮޑު ރިސްކެއް. އެ މަޝްރޫއު ފަށައިގެން ނިންމޭނެ ދުވަހެއް އެނގެނީއެއް ނޫން. ކޮންޓްރެކްޓާ ފައިނޭންސްގައި ވެސް އެކި ޕޭމަންޓްތައް ދޭން ޖެހޭނެ. އެހެން އެކަންވާއިރު މަޝްރޫއު ނުނިމި އެޗްޑީސީއަށް އެއްޗެއް ނުލިބޭނެ. ދެން އިތުރު އާމްދަނީއެއް ނުލިބި އެއަށް ހަރަދުތަކެއް އެދަނީ،" ތަޖުރިބާކާރު ވިދާޅުވި އެވެ.

މީގެ އިތުރަށް އެޗްޑީސީއިން ބޮޑެތި ލޯނުތައް ނަގާފައި ހުރީ ސަރުކާރުން ސޮވަރިން ގެރެންޓީ ދީގެންނެވެ. ތަޖުރިބާކާރު ވިދާޅުވީ އެޗްޑީސީއަށް ލޯނެއް ނުދެއްކިއްޖެ ނަމަ އޭގެ ބުރަ އަންނާނީ ސަރުކާރަށް ކަމަށެވެ. މިހާރުވެސް އެކި ފަރާތްތަކަށް ސަރުކާރުން ދައްކަން އޮތް ދަރަނި ބޮޑުއިރު އެޗްޑީސީގެ ބުރަ ސަރުކާރުން ނަގަން ޖެހޭ ގޮތް ވެއްޖެ ނަމަ އެ ވާނީ އުފުލޭ ވަރަށް ވުރެ ބޮޑު ބުރައަކަށް ކަމަށް ވެސް ތަޖުރިބާކާރު ވިދާޅުވި އެވެ. 

"މިވަގުތަށް ކޮންމެހެން ހިންގަން ޖެހޭ މަޝްރޫއެއް ނޫނީ ނުހިންގުން ބުއްދިވެރި. ސަބަބަކަށް ވަނީ ކޮވިޑާއި ޔޫކްރެއިން-ރަޝިޔާ ހަނގުރާމައިގެ އަސަރުތަކުގައި މުޅި ދުނިޔޭގެ އިގްތިސާދު ވެސް އޮތުން،" އޭނާ ވިދާޅުވި އެވެ.

"އެހެންވީމާ އެޗްޑީސީއަށް ވެސް އިގްތިސާދަށް ކުރާ އަސަރުތަކުގެ ގެއްލުމާ ކުރިމަތިވާނެ. ދަރަންޏަށް މަޝްރޫއުތައް ނުހިންގުން ވަރަށް މުހިންމު. އެކަމަށް ސަމާލުވާން ޖެހޭ. މިއީ އެޗްޑީސީގެ ދަރަނި މެނޭޖްކުރަން ފޯކަސް ކުރަންވީ ވަގުތު."

ކޮމެންޓް (4)

އައިޖޭ

24 އޭޕްރީލު 2022
މިއީ ތިލަފުށީ ޑިވޮލޮޕް ކޮށް ހަމަ ވިޔަފާރި އަށް ނުކުންނަންވީ ވަގުުތު.... ތިލަމާލެ ބްރިޖް އާއި އެކު މިސަރަހައްދުގެ ވިޔަފާރި ރަނގަޅަށް ރުކުރުވާލާ އިންޖީނު ތައް ބާރަށް ހިްނގާން ޖެހޭ..... ބިމުގެ ިޔަފާރި ދާނީ ބަާރަށް ކުރިއަށް
0 0

މުޙައްމަދު

19 އޭޕްރީލު 2022
ކުލި ކުޑަކުރަން، ކުލި ނުދައްކާ ން ގޮވާލާ މީހުނަށް ވާނުވާ އިނގޭ ބާ!!
2 0

އެޗްޑީސީ

19 އޭޕްރީލު 2022
ނުއުފުލުނަސް ނެތޭ މިކަންކުރާން އެހެން ބައެއްވެސް. އެވަރުންވެސް ހިޔާ ކުލި ކުޑަ ނުކޮށްގެނެއްނު އެރޮނީ. ދިވެހިން ދިވެހިންގެ ގޮތުގަ ހަމަ.
3 1

ޟަޒް

19 އޭޕްރީލު 2022
ކުލި ނުދައްކާ މީހުން ނެރެލާ
2 1

އިތުރު އާޓިކަލް

އިތުރު އާޓިކަލް