މެޓް އޮފީހުގެ އެސިސްޓެންޓް މީޓިއޮރޮލޮޖިސްޓް ހުސައިން ވަހީދު، 'ދައުރު'އާ ވާހަކަ ދައްކަވަނީ (ދައުރު ފޮޓޯ/ އަބްދުﷲ ޔަޝާއު)

މޫސުން

ދިވެހި މީޓިއޮރޮލޮޖިސްޓެއްގެ ވާހަކަ: ހޫނުން ފެށިގެން ތޫފާންތަކާ ހަމައަށް

ރާއްޖެ އޮތް ތަނުގެ ގޮތުން ބޮޑު ހިމާޔަތެއް ލިބުނަސް ދުރުގައި އުފެދޭ ތޫފާންތައް ވަރުގަދަވުމުން ކުރާ އަސަރު ދަނީ ބޮޑުވަމުން

މުހިންމު ނުކުތާތައް

ދިވެހި ނަކަތްތައް ދިމާވޭ، ތަފާތަކީ ބައެއް ފަހަރަށް އަވަސްވުމާއި ލަސްވުން

އިހުސާސްވާ ހޫނުމިން މަތިވިޔަސް ރާއްޖޭގެ ހޫނުކަމަށް މާ ބޮޑު ބަދަލެއް ނާދޭ

ވާރޭވެހޭ އިރު ކުއްލިއަކަށް މާ ގިނައިން ވެހިގަތުމަކީ މިހާރު ދިމާވާ މައްސަލައެއް

"ހާދަ ހޫނެކޭ މި ވަނީ، ދުވަހަކު ވެސް މިހާ ހޫނެއް ނުވޭ،" މާލޭގެ މަގުމަތިން ދިޔަ އަންހެނަކު ބުންޏެވެ.

އެއީ ހަމައެކަނި އޭނާގެ ވާހަކައެއް ނޫނެވެ. މިދިއަ ރޯދަމަހު ކުރިމަތިވި އެ ދުވަސް، 17 އެޕްރީލްގައި، އޭނާ ނޫނަސް މާލެ ސަރަހައްދުގެ މަގުމައްޗަށް ނުކުމެ އުޅުނު ކޮންމެ މީހަކަށް ވެސް އެ ހޫނުގެ އިހުސާސްކުރެވުނެވެ. ފަހުން މެޓް އޮފީހުގެ ވައިބަ ގްރޫޕަށް ދޫކޮށްލި މައުލޫމާތުން އެނގުނީ އެ ދުވަހުގެ ދޭއްޖަހާކަންހާ އިރު 43 ޑިގްރީ ސެލްސިއަސްގެ ހޫނުކަން އިހުސާސްކުރެވޭނެ ކަމަށެވެ.

ނަމަވެސް އޭގެ މާނައަކީ ހޫނުމިން 43 ޑިގްރީ ސެލްސިއަސްއަށް އެރުމެއް ނޫނެވެ. އެދުވަހު ވެސް ހޫނުމިން އުޅުނީ ގާތްގަނޑަކަށް 31 ޑިގްރީ ސެލްސިއަސްގަ އެވެ. އެކަމަކު އެ ހޫނާއި ވައިގެ ތެތްކަމުގެ އެވްރެޖް ނިސްބަތް ފަދަ ސަބަބުތައް ދިމާވާ ގޮތުން ހޫނުކަން އިހުސާސްކުރެވޭ މިންވަރު މަތިވަނީ އެވެ.

މެޓްގެ ތަފާސްހިސާބުން ދައްކާ ގޮތުން ރާއްޖޭގެ ހޫނުމިނަށް އެހާ ބޮޑު ބަދަލުތަކެއް ނާދެ އެވެ. އެކަމަކު މުޅި ދުނިޔޭގެ ހޫނުމިން މަތިވަމުން ދާ ނަމަ، އެ ބައި ވެސް ކޮންމެވެސް ދުވަހަކުން، މަޑުމަޑުން ގޮސް، ރާއްޖެއަށް ލައްވާލާނެ އެވެ.

މި ނޫހުގެ 'ސީދާ' ޕޮޑްކާސްޓްގައި ވާހަކަ ދައްކަވަމުން މެޓް އޮފީހުގެ އެސިސްޓެންޓް މީޓިއޮރޮލޮޖިސްޓް ހުސެން ވަހީދަށް ދެންނެވި އެއް ސުވާލު ބިނާކުރީ، 17 އެޕްރީލްގައި، އިހުސާސްކުރެވުނު ހޫނުމިނާ ބެހޭ ގޮތުންނެވެ. އެއީ، އޭނާ ވިދާޅުވި ގޮތުގައި، އަސްލު ހޫނުމިނާއި ވައިގެ ތެތްކަން ހުރި މިންވަރު ބަލައިގެން ނެރޭ ވެލިއުއެކެވެ.

މީހުންގެ ލޮލުގައި މެޓްގެ މައުލޫމާތު އަޅައިގަތީ ވެސް އެ ދުވަހުގެ ހޫނުކަން އިހުސާސްކުރެވުނުލެއް ބޮޑުކަމުންނެވެ. ފީލްސް ލައިކް ޓެމްޕްރޭޗާ ބަލަން މެޓް އޮފީހުން ފެށީ މީގެ ދެ ތިން އަހަރު ކުރިންނެވެ.

"ކުރީގައި އެ މައުލޫމާތު ނުދޭތީ މީހުންނަށް [އަސްލު ވާ ގޮތް ނޭނގިފައި އޮތީ]،" ހުސެން ވިދާޅުވި އެވެ.

ހޫނުވުމަށް ވުރެ ލޮނުގަނޑު އުސްވުން މާ ބޮޑު މައްސަލައެއް

ރާއްޖެއަކީ ހޫނު ތަނެކެވެ. މީހުން އުޅޭ ގިނަ ރަށްރަށުގައި ތަރައްގީގެ ސިފަ ގެންނަން ގަސްތައް ކެނޑުން ފަދަ ކަންކަން ކުރުމުން ހޫނުކަން ކުރިއަށް ވުރެ މާ ބޮޑުކަން އިހުސާސްކުރެވެ އެވެ. އެކަމަކު ހޫނަށް ވުރެ ރާއްޖެއަށް މާ ނުރައްކާތެރި އެހެން މައްސަލައެއް މިހާރު ވެސް މިދަނީ ކުރިމަތިވަމުންނެވެ: އުދައެރުމެވެ.

ރާއްޖޭގެ ކަނޑުގެ ލޮނުގަނޑު އަހަރަކު 0.81 މިލިމީޓަރަށް އެބަ ބޮޑުވެ އެވެ. އެއީ ސައްހަ ހިސާބުތަކުން ދައްކާ މިންވަރެވެ. އަނެއްކޮޅުން އިންޑިއާ ކަނޑުގެ ބާނިތައް ބޮޑުވެއްޖެ އެވެ. ނަތީޖާއަކީ، ހުސެން ވިދާޅުވި ގޮތުގައި، ކުރިއަށް ވުރެ މާ ގިނަ ރަށްރަށަށް އުދައެރުމެވެ.

"ކުރީގައި ވިއްޔާ އެހާ ގިނައިން އުދައަރާ ވާހަކައެއް ނުދެކެވޭ،" ހުސެން ވިދާޅުވި އެވެ.

ހއ. ހޯރަފުއްޓަށް މިދިއަ އަހަރުގެ މޭ މަހު އެރި އުދާފައި އެއާޕޯޓް ސަރަހައްދުގައި ފެން ބޮޑުވެފައި: ރާއްޖޭގެ ރަށްރަށަށް އުދައެރުން މިހާރު އާންމު (ފޮޓޯ/ އޭވިއޭޓާޒް މޯލްޑިވްސް، ޓުވިޓާ)

"މިހާރު ވަކި މޫސުމެއް ނެތް. އިރުވައިގައި ވެސް، ހުޅަނގު މޫސުމުގައި ވެސް ރަށްތަކަށް އުދަ އެބަ އަރާ."

ލޮނުގަނޑު މަޑުމަޑުން އުސްވަމުން ދިއުމުގެ އިތުރުން ސުނާމީގެ ސަބަބުން ބައެއް ރަށްރަށުގެ ގޮނޑުދޮށަށް އައި ބަދަލުތަކުން ވެސް އުދައަރަން މަގުފަހިވެފައިވާ ކަމަށް، އޭނާ ވިދާޅުވި އެވެ.

ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ގިނަ އަދަދަކަށް ވާރޭ ވެހޭކަން، އެއީ އެންމެ ބޮޑަށް ފާހަގަކުރެވޭ އެއް ކަންތައް

ހުސެން ވަހީދު، މެޓް އޮފީހުގެ އެސިސްޓެންޓް މީޓިއޮރޮލޮޖިސްޓް

"އިންޑިއަން އޯޝަންގެ ބާނި މިހާރު ބޮޑު ކުރިއާ އަޅާބަލާ އިރު،" އެ ބޮޑެތި ބާނިތައް ރާއްޖޭގެ ކަނޑާ ވެސް ގުޅިފައި އޮތްކަން ފާހަގަކުރައްވަމުން ހުސެއިން ވިދާޅުވި އެވެ.

"މޮރިޝަސް ހިސާބުގައި އުފެދޭ ބިޔަ އުދައިގެ ބާނިތައް އެބަ އާދޭ އީކްއޭޓާ ހުރަސްކޮށް [ރާއްޖެއާ] ހަމައަށް."

އަހަރަކު ރާއްޖޭގެ ކަނޑުގެ ލޮނުގަނޑު 0.81 މިލިމީޓަރަށް އުސްވަމުން ދާ ނަމަ ކުރިއަށް އޮތް ގަރުނެއްގެ ތެރޭގައި ފޫޓަކަށް އުފުލޭނެ އެވެ. ރާއްޖޭގެ ގިނަ ރަށްރަށުގެ އުސްމިނުގައި ދެ ފޫޓު ވެސް ނުހުރެ އެވެ. އެހެންކަމުން މިއީ ކުރިއަށް އޮތް ވަރަށް ބޮޑު ނުރައްކަލެކެވެ.

ތޫފާނުން ގުދުރަތީ ރައްކާތެރިކަމެއް

ބަންގްލަދޭޝްގެ އައްސޭރި ފަށް ފުނޑުވެ، އެތައް ލައްކަ ބަޔަކު މަރުވި ހިތާމަވެރި އެތައް ހާދިސާއެއް ބާރުގަދަ ތޫފާންތަކުން ކުރިމަތިކުރުވި އެވެ. އިންޑިއާގެ އިރުމަތީ ފަރާތާއި ހުޅަނގު ފަރާތުގެ އައްސޭރިފަށް ބިމާ ހަމަކުރި ތޫފާންތައް ވެސް ފެނިއްޖެ އެވެ. ނޫނީ މިޔަންމާގެ އައްސޭރިފަށަށް ވާރެ އާއި ގަދަ ވައިގެ ހިފެހެއްޓުމެއް ނެތް ހަލާކު ލައިގަނެ އެވެ.

މި ތޫފާންތައް އުފަންވަނީ ބޭ އޮފް ބެންގޯލް ނުވަތަ އަރަބިއަން ސީގަ އެވެ. އަވަށްޓެރި ބައެއް ގައުމުތަކުގެ ތެރެއަށް އެ ތޫފާންތައް ވަދެގަންނަ އިރު، ރާއްޖެއަށް، މާތްﷲގެ ރަހުމަތްފުޅުން، އެފަދަ ވަރުގަދަ ގުދުރަތީ ނުރައްކަލަކާ ކުރިމައްޗެއް ނުވެ އެވެ. 

ރާއްޖެ އޮތް ތަނުގެ ގޮތުން ލިބޭ ހިމާޔަތާ ބެހޭ ގޮތުން ސުވާލުކުރުމުން ހުސެއިން ވަރަށް ތަފުސީލީ ޖަވާބެއް ދެއްވި އެވެ. އޭނާ ވިދާޅުވި ގޮތުގައި ދުނިޔޭގެ އީކުއޭޓަރުގައި ރާއްޖެ އޮތުމަކީ ވަރަށް ބޮޑު ނަސީބެކެވެ. ތޫފާންތައް ވިހާ ސަރަހައްދުތަކުގެ ގޮތުގައި ބެލެވޭ ބޭ އޮފް ބެންގޯލް އާއި އަރަބިއަން ސީގައި އުފެދިގަންނަ އެ ވަރުގަދަ ވަޔާއި ވިއްސާރައިގެ ތެރެއަށް ރާޢްޖެ ނުވަންނަނީ، އޭނާ ވިދާޅުވި ގޮތުގައި، ތޫފާނު ވަރުގަދަވާން ބޭނުންވާ ކޮރިއޮލިސް ފޯސް، ރާއްޖެ އޮތް ސަރަހައްދުގައި ނެތުމުންނެވެ.

ބަންގްލަދޭޝްއަށް 1991 ގައި އެރި ތޫފާނުގައި އައްސޭރިފަށް ފުނޑުފުނޑުވެފައި: ބޭ އޮފް ބެންގޯލްގައި އުފެދުނު މި ތޫފާންގައި 130،000 އަށް ވުރެ ގިނަ މީހުން މަރުވި

"ރާއްޖެ އީކްއޭޓަރުގެ މަތީގައި [އޮތީމާ] މިވާ ގޮތަކީ ސައިކްލޯންއެއް އުފެދެން ބޭނުންވާ ކޮރިއޮލިސް ފޯސް [ނެތުން]. އެ ފޯސްއަކީ އެއްޗެއް އެނބުރެން ބޭނުންކުރާ ފޯސްއެއް، ތޫފާނަކަށް ވެގެން އެނބުރެމުން މިދަނީ [އެ ފޯސް] އިން ބާރު ލިބިގެން،" މީޓިއޮރޮލޮޖީގެ ދާއިރާއިން ކެންޔާގައި ކިޔަވާ ވިދާޅުވެ، އެތައް ތަމްރީންތަކެއް ފުރިހަމަކުރައްވާފައިވާ ހުސެއިން ވިދާޅުވި އެވެ.

އެކަމަކު "ކޮރިއޮލިސް ފޯސް އީކްއޭޓަރުގައި ހަމަ ޒީރޯގައި ހުންނާނީ. އެހެންވީމާ އީކްއޭޓާއާ ދިމާލަކަށް އެއްވެސް ތޫފާނެއް ނާންނާނެ. ހުރިހާ ތޫފާނެއް އުފެދިގެން އެ ދަނީ އީކްއޭޓާއާ ދުރަށް."

އެ ހިމާޔަތް ލިބުނަސް ދުނިޔޭގެ މޫސުމަށް މި އަންނަ ބޮޑެތި ބަދަލުތަކުން އެހެން ނަތީޖާއެއް އެބަ ނުކުމެ އެވެ. އެ ދެ ސަރަހައްދުގައި އުފެދޭ ތޫފާންތައް ކުރިއަށް ވުރެ މިހާރު މާ ބާރުގަދަވުމުން، އޭގެ ވިލާތައް މާ ބޯކޮށް ރާއްޖޭގެ ސަރަހައްދަށް އަރަނީ އެވެ. މީޓިއަރޮލޮޖީ ދާއިރާގެ ބަހުރުވައިން ނަމަ ލޯ ޕްރެޝާ ޓްރަފްގެ އެ ވިލާތަކުގެ ބާރު ވެސް، އެ ހާލަތުގައި، ދަނީ ގަދަވަމުންނެވެ.

"ތޫފާންގެ ސީދާ އަސަރު ނުކުރި ކަމަށް ވިޔަސް، ނުސީދާ އަސަރުތައް އަހަރުން އަހަރަށް އިތުރުވަމުން ދަނީ. އޭގެ ބާރު ގަދަވަމުން ދަނީ،" ހުސެއިން ވިދާޅުވި އެވެ.

ނަކަތްތައް ދިމާވޭތަ؟

ދިވެހިންނަށް ކުރިންސުރެ މޫސުން ބުނެދެނީ ނަކަތްތަކުންނެވެ. އެއީ ކާބަފައިންގެ އިރުއްސުރެ ރާއްޖޭގެ ދެ މޫސުން، އިރުވައި އާއި ހުޅަނގު މޫސުމުގެ އަސަރުތައް އަހަރުގެ އެކި ދުވަސްވަރަށް ބެހިގެންދާ ގޮތުގެ ކަލަންޑަރެކެވެ.

މިހާރު އަހަރެމެން މި އުޅެނީ ހުޅަނގު މޫސުމުގެ ރޯނު ނަކަތުގަ އެވެ. ވިއްސާރަވެ، ވައި ބާރުވެ، ކަނޑު ވެސް ގަދަ ނަކަތެކެވެ. ކުރީގައި ނަމަ ބައެއް ރަށްރަށުގެ ދަނޑުވެރިން ގޮވާން ކުރަން ފަށަ އެވެ.

އައްސިދަ ލައިގަތުމާ އެކު ހުޅަނގު މޫސުން ފެށުނީކަމަށް، ނަކަތުން ބަލާ ނަމަ، ނިންމިދާނެ އެވެ. އެކަމަކު މިހާރު ސައިންސްގެ އަލީގައި އެކަން މެޓުން ކުރާ ގޮތް ތަފާތެވެ. އެޕްރީލް މަހު އައްސިދަ އަޔަސް އެއީ އަދި ހުޅަނގު މޫސުން ފެށުނީ ކަމަށް ކަނޑައެއް ނާޅަ އެވެ. އެކަން ނިންމަނީ ވައި ޖެހޭ ގޮތާއި ވާރޭ ވެހޭ ނިސްބަތަށް ބަލައިފަ އެވެ.

ހުސެއިން ވިދާޅުވި ގޮތުގައި މެޓުން ކަނޑައަޅާފައިވާ މިންގަނޑުން ނަމަ ހުޅަނގު މޫސުން ފެށުނު ކަމަށް ނިންމަނީ އައްޑު އަތޮޅަށް ގަޑިއަކު 10 ނޯޓިކަލް މޭލަށް ވައި ޖެހި، އެ ސަރަހައްދަށް 2.5 މިލިލީޓަރުގެ ވާރޭ ވެހުމުންނެވެ. އާންމު ގޮތެއްގައި އެ ދެ ކަންތައް ވެސް މޭ މަސް ފެށުމާ އެކު ކުރިމަތިވެ އެވެ.

މާލެއަށް ކުރި ވިއްސާރައިގައި ގަހެއް ވެއްޓިފައި: ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ގިނަ މިންވަރަކަށް ވާރޭ ވެހުން ފަދަ ބަދަލުތައް ވނަނީ އައިސްފައި (ދައުރު ފޮޓޯ/މުހައްމަދު މުޒައްޔިން ނާޒިމް)

މިދިއަ "20 އަހަރުގެ ޑޭޓާއަށް ބަލާއިރު މޭ މަސް ފެށުމުގެ ކުރިން ހުޅަނގު މޫސުން ފެށިފައެއް ނުވޭ،" ހުސެއިން ވިދާޅުވި އެވެ.

މި އަހަރުގެ ހުޅަނގު މޫސުން ރާއްޖޭގެ ދެކުނަށް ފެށުނީ މޭ 8 ގަ އެވެ. ދެކުނު އޭޝިއާގެ ގައުމުތަކުގެ ތެރެއިން ހުޅަނގު މޫސުން ފުރަތަމަ ފެށެނީ ވެސް ރާއްޖެއިންނެވެ.

މިދިއަ ދެ ހަފުތާގައި ރާއްޖޭގެ ބޮޑު ބަޔަކަށް ވަރަށް ބޮޑަށް ވިއްސާރަކޮށް، ވަޔާއި ކަނޑު ވެސް ގަދަވި އެވެ.

ހުސެއިން ވިދާޅުވި ގޮތުގައި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކޮންމެވެސް ވަރަކަށް ނަކަތްތައް ދިމާނުވިޔަސް އޭގެ ބޭނުމެއް ނުކެނޑެ އެވެ. އަދިވެސް ނަކަތްތަކުގައި ބުނާ ކަންކަން އެގޮތަށް އާދެ އެވެ. ތަފާތަކީ، އޭނާގެ ބަހުން ނަމަ، "ލަސްވެ ނުވަތަ އަވަސްވުމެ"ވެ.

އެއް ކަމެއް ޔަގީނެވެ: ރާއްޖެއަށް ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ގިނަ މިންވަރަކަށް ވާރޭ ވެހި ގަތުމެވެ. މިއީ ކުރިން ދިމާވާ ކަމެއް ނޫނެވެ. 

"ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ގިނަ އަދަދަކަށް ވާރޭ ވެހޭކަން، އެއީ އެންމެ ބޮޑަށް ފާހަގަކުރެވޭ އެއް ކަންތައް،" ރާއްޖޭގެ މޫސުމަށް އަންނަ ބަދަލުތަކާ ބެހޭ ގޮތުން ސުވާލުކުރުމުން، އޭގެ މިސާލެއް ދައްކަވަމުން ހުސެއިން ފުރަތަމަ ވެސް ވިދާޅުވި އެވެ.

"މިހެން ދިމާވީމާ ވާ ގޮތަކީ ފެން ބޮޑުވުމުގެ ހާދިސާތައް އިތުރުވަމުން ދަނީ. އަހަރުން އަހަރަށް އިތުރުވަމުން އެބަ ދޭ."

ބައެއް ދުވަސްދުވަހު އިހުސާސްވާ ހޫނުގެ މިންވަރު މައްޗެވެ. ބާނިތައް ބޮޑެވެ. އުދަ އަރަނީ އެވެ. ކުއްލިއަކަށް އެހާމެ ބޯކޮށް ވާރޭ ވެސް ވެހިގަންނަނީ އެވެ.

މި ކަންކަން މި ދިމާވަނީ ދުނިޔޭގެ މޫސުމަށް އަންނަ ބަދަލުތައް ފިޔަވައި ދެން ކޮން ކަމަކުން ހެއްޔެވެ؟

ކޮމެންޓް (3)

މޫސަ ފޭން

27 މޭ 2022
ތަފާތު މޮޅު ލިޔުމެއް!
5 0

ނަކަތް

29 މޭ 2022
@މޫސަ ފޭން މިލިޔުމަކީ މޮޅު ލިޔުމެއް. އަދިވެސް އިތުރަށް މިކަހަލަ ރިޕޯތްތަށް ލިޔަން ފެނޭ. ހުސެން އަކީ ތިި ދާއިރާގެ ތަޖުރިބާކާރެއް އަދި ގިނަ ބައެއްގެ އިތުބާރު ހޯއްދަވާފައިވާ ބޭފުޅެއް. ކުރިއެރުމަށް އެދެން
0 0

ޜަށުމީހާ

27 މޭ 2022
ޥަހީދު ޓީވީ އިން ފެންނަތާ ވަރަށް ގިނަދުވަސް ވެއްޖެ. ދާއިރާގެ ތަޖުރިބާކާރެއް. ޥަރަށްފުރިހަމަ.
4 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް