Majlis 2024

އެސްޓީއޯގެ ސުޕަމާކެޓް، އެސްޓީއޯ ޕީޕަލްސް ޗޮއިސް އިން ބަޔަކު ވިޔަފާރި ކުރަނީ. (ދައުރު ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް)

އެސްޓީއޯ

އެސްޓީއޯގެ ހުޅުމާލެ ފިހާރަ އަލުން ހުޅުވާއިރު ކޭޝިއަރުން ނުތިބޭނެ

އާޓިފިޝަލް އިންޓެލިޖެންސް ވިޝަން ބޭނުންކޮށްގެން ހިންގާ އެ ފިހާރައިގައި ކޭޝިއަރުން އަދި ސޭލްސްމަނުންނެއް ނުތިބޭނެ

އެސްޓީއޯ އިން ހުޅުމާލޭގައި ހިންގާ ފިހާރަ މަރާމާތަށް ފަހު އަންނަ މަހު އަލުން ހުޅުވާނީ، ކޭޝިއަލެސް ނުވަތަ ކޭޝިއަރުން ނުތިބޭ ފިހާރައެއްގެ ގޮތުގައި ކަމަށް އެ ކުންފުނިން ބުނެފި އެވެ.

ވީ ކިހިނެއް؟ - އެސްޓީއޯގެ ހުޅުމާލޭ ފިހާރަ މަރާމާތަށް ބަންދުކުރީ މިިދިޔަ މަހު އެވެ. އެ ފިހާރައިގެ މަރާމާތުގެ މަސައްކަތް ކުރިއަށް ދާއިރު، އެސްޓީއޯ އިން ބުނީ މަރާމާތަށް ފަހު ފިހާރަ ހުޅުވާނީ 'ސެލްފް ސާވިސް/ސެލްފް ޗެކްއައުޓް' ފިހާރައެއްގެ ގޮތުގައި ކަމަށެވެ.

ތަފްސީލް - އާޓިފިޝަލް އިންޓެލިޖެންސް ވިޝަން ބޭނުންކޮށްގެން ހިންގާ އެ ފިހާރައިގައި ކޭޝިއަރުން އަދި ސޭލްސްޕާޒަންސް ނުތިބޭނެ އެވެ. އެގޮތުން:

  • މި ޓެކްނޮލަޖީއާ އެކު ކަސްޓަމަރުން ފިހާރައިގައި ހޭދަކުރާ ވަގުތު ކުޑަކޮށްދޭނެ

  • ފައިސާގެ މުއާމަލާތް ކުރުމުގައި އަޅާ އޮޅުންތައް ނައްތާލެވޭނެ

  • މި ފިހާރަ އިން ވިޔަފާރިކުރަން ބޭނުންކުރާނީ މޮބައިލް އެޕްލިކޭޝަނެއް

  • އެޕުގައި ރެޖިސްޓާކޮށްފައިވާ ބޭންކު ކާޑު ބޭނުންކޮށްގެން ލޮގިންއެއް ހަދައިގެން ފައިސާ ދެއްކޭނެ

ބުނީ ކީކޭ؟ - ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކުގައި ވެސް ފިހާރަތަކުގައި ބޭނުންކުރާ މި ޓެކްނޮލަޖީ ރާއްޖެއަށް ތައާރަފުކުރާއިރު އެސްޓީއޯ އިން މިއަދު ބުނީ، އެ ކުންފުނިން މަސައްކަތް ކުރަނީ، ރާއްޖެއަށް އާ ޓެކްނޮލަޖީތައް ތައާރަފުކުރުމަށް ކަމަށެވެ. އާ ޓެކްނޮލަޖީއަށް އިންވެސްޓުކުރަން ވެސް އެސްޓީއޯ އިން އިސްކަންދޭ ކަމަށް އެ ކުންފުނިން ބުންޏެވެ.

"ކަސްޓަމަރު ހަމަ ފިހާރައަށް ވަދެފައި ބޭނުންވާ އެއްޗެއް ހިފައިގެން ދާންވީ، ޗެކްއައުޓު ޕުރޮސެސްއެއް ނޯންނާނެ. ހަމަ ގުރެބް އެންޑު ގޯ ކޮންސެޕްޓު އޮންނާނީ،" އެސްޓީއޯގެ ޗީފް އިންފޮމޭޝަން އޮފިސަރު އިސްމާއިލް މިފްރާހު މިއަދު ވިދާޅުވި އެވެ

"ފިހާރައަށް ވަންނަ ދޮރުގައި އިންނަ ކިއުއާރު ކޯޑު ސްކޭންކޮށްލީމަ ދޮރު ހުޅުވޭނެ. ދެން ބޭނުންވާ އެއްޗެހި ނަގައިގެން ނުކުންނަތާ ސިކުންތު ކޮޅެއްގެ ތެރޭގައި އެޕުގައި އިންޓަގުރޭޓުކޮށްފައި އިންނަ ކާޑުން ފައިސާ ކެނޑޭނެ."

  • އެ މުއާމަލާތް ކުރަން ބޭނުންކުރަނީ ޑެބިޓް އަދި ކްރެޑިޓް ކާޑުތަކުގައި ހުންނަ 'ޓޯކަނައިޒޭޝަން' ކިޔާ ފީޗާއެއް

  • އެ ފީޗާއަކީ ޕާސްވޯޑެއް ޖެހުމަކާ ނުލައި ފައިސާގެ މުއާމަލާތްތައް ކާޑުން ކުރެވޭ ރައްކާތެރި ފީޗާއެއް

  • ރާއްޖޭގައި އެ ފީޗާ މެދުވެރިކޮށް ހިދުމަތް ހޯދޭނީ ހަމައެކަނި ބީއެމްއެލްގެ ކާޑުތަކުން

އެސްޓީއޯ އިން ބުނީ ހުޅުމާލޭގައި ހުޅުވާ އެ ފިހާރަ އިން ހަމައެކަނި ލިބެން ހުންނާނީ އެސްޓީއޯ އިން އެތެރެކޮށް ވިއްކާ އުފެއްދުންތައް ނޫން ކަމަށާއި ކުދި ވިޔަފާރިތަކުން އުފައްދާ މުދާ ވެސް އެ ތަނުގައި ހުންނާނެ ކަމަށެވެ. ފިހާރައިގައި ހުންނަ އޭއައި ކެމެރާތަކުން ހަރުތަކުގައި ހުންނަ ސްޓޮކު ވެސް ބަލަހައްޓާނެެ ކަމަށް އެސްޓީއޯ އިން ބުންޏެވެ.

"ފިހާރަ އިން މީހަކު އެއްޗެއް ގަންނައިރަށް އަންނާނެ ވެންޑާއަށް އެޕްލިކޭޝަނުން ނޯޓިފިކޭޝަނެއް. އެނގޭނެ މިހާރު ފިހާރައިގައި ހުރީ ތިމަންނަމެންގެ ކިހާ މުދަލެއްކަން، ރީސްޓޮކް ކުރަންވީ ކޮންއިރަކުކަން،" މިފްރާހު ވިދާޅުވި އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް