'ބްރެއިން އެންޑް ސްޕައިން' ކޮންފަރެންސްގައި ނައިބު ރައީސް ފައިސަލް ނަސީމް ވާހަކަފުޅު ދައްކަވަނީ. (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)

ސިއްހީ ހިދުމަތް ދޭ އަމިއްލަ ތަންތަން ކުރިއަރުވަން ސަރުކާރުގެ އެއްބާރުލުން ލިބޭނެ: ނައިބު ރައީސް

ނައިބު ރައީސް ވިދާޅުވީ ރާއްޖޭގެ ހުރިހާ ހިސާބެއްގައި ވެސް ފަސޭހައިން ސިއްހީ ހިދުމަތް ލިބޭނެ މަގު ތަނަވަސްކުރަން ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުން
21 ސެޕްޓެމްބަރު 2022

ސިއްހީ ދާއިރާ އިން މީހުން ތަމްރީނު ކުރުމަކީ ގައުމު ބިނާކުރުމަށް ކުރެވޭ މުހިންމު މަސައްކަތެއް ކަމަށާއި، ސިއްހީ ހިދުމަތް ދޭ އަމިއްލަ ތަންތަނުގެ ހިދުމަތްތަކުގެ ފެންވަރު ރަނގަޅު ކުރަން ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް މިއަދު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - އެ މަނިކުފާނު މިހެން ވިދާޅުވީ އޭޑީކޭ ހޮސްޕިޓަލުގެ 'މޯލްޑިވްސް ބްރެއިން އެންޑް ސްޕައިން ކޮންފަރެންސް 2022'ގެ ސައިންޓިފިކް ސެޝަން ފެށުމަށް މިއަދު ކްރޮސްރޯޑްސްގައި ބޭއްވި ރަސްމިއްޔާތުގަ އެވެ.

ބުނީ ކީކޭ؟ - ނައިބު ރައީސްގެ ވާހަކަފުޅުގައި އިންސާނީ ވަސީލަތްތައް ތަރައްގީކުރަން އަމިއްލަ ފަރާތްތަކުން އަދާކުރާ މުހިއްމު ދައުރުގެ މައްޗަށް އަލިއަޅުއްވާލެއްވެވި އެވެ.

އެ މަނިކުފާނު ވަނީ، އޭޑީކޭ ހޮސްޕިޓަލުން ރާއްޖޭގެ ސިއްހީ ދާއިރާ ކުރިއަރުވަން ކުރަމުން އަންނަ މަސައްކަތްތަކަށް ތައުރީފު ކުރައްވައި ޑޮކްޓަރުންނަށް ސްކޮލަޝިޕް ދިނުމާއި މުވައްޒަފުން ތަމްރީން ކުރަން އެ ހޮސްޕިޓަލުން ކުރާ މަސައްކަތްތައް ފާހަގަކުރައްވާފަ އެވެ.

'ބްރެއިން އެންޑް ސްޕައިން' ކޮންފަރެންސްގައި ނައިބު ރައީސް ފައިސަލް ނަސީމް ވާހަކަފުޅު ދައްކަވަނީ. (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)

ތަފުސީލު - ސަރުކާރުން ސިއްހީ ދާއިރާ ކުރިއަރުވަން ވަމުން އަންނަ އެހީތެރިކަން ފާހަގަކުރައްވައި ނައިބު ރައީސް ވިދާޅުވި ގޮތުގައި:

  • ސަރުކާރުން ދެމުން އަންނަ މަތީ ތައުލީމުގެ ސްކޮލަޝިޕްތަކުގައި މެޑިސިންގެ ދާއިރާ އިން 70އަށް ވުރެ ގިނަ ދަރިވަރުން އަންނަނީ ކިޔަވަމުން

  • ސަރުކާރުގެ ހިލޭ ޑިގްރީ ޕްރޮގްރާމުގައި މިހާތަނަށް 15،000އަށް ވުރެ ގިނަ ދަރިވަރުން ބައިވެރިވެފައިވޭ؛ އޭގެ ތެރޭގައި ނަރުސްކަން ކިޔަވާ 800އަށް ވުރެ ގިނަ ދަރިވަރުން ހިމެނޭ

  • ރާއްޖޭގެ ހުރިހާ ހިސާބެއްގައި ވެސް ފަސޭހަ އިން ސިއްހީ ހިދުމަތް ލިބޭނެ މަގު ތަނަވަސްކުރަން ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުން

  • ރާއްޖެ ޓްރާންސްޕޯޓު ލިންކު (އާރުޓީއެލް)ގެ ހިދުމަތާ އެކު ސިއްހީ ހިދުމަތް ހޯދަން ދަތުރުކުރުމުގައި ހުރި ދަތިތައް ނިމުމަކަށް ގެނެވޭނެ

  • އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގައި ވަރަށް އަވަހަށް ކެތުލެބެއް ހުޅުވާނެ

'ބްރެއިން އެންޑް ސްޕައިން' ކޮންފަރެންސްގެ ތެރެއިން. (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)

ނައިބު ރައީސް ވަނީ، ރާއްޖޭގައި ގައިންގަޔަށް ނާރާ ބަލިތައް ކަންބޮޑުވާން ޖެހޭ މިންވަރަށް އިތުރުވެފައިވާ ކަމަށް ވިދާޅުވެފަ އެވެ. އެ މަނިކުފާނު ގޮވާލެއްވީ، ދުޅަހެޔޮ ސިއްހަތަކަށް ދިރިއުޅުމުގެ ވައްޓަފާޅި ބަދަލުކުރަން މުޖުތަމައުން އެއްބާރުލުން ދިނުމަށެވެ.

ގައިންގަޔަށް ނާރާ ބަލިތަކުގެ ސަބަބުން މެދުވެރިވާ ހާދިސާތައް މަދުކުރެވި އާއްމު ސިއްހަތަށް ހެޔޮ ބަދަލެއް ގެނައުމަކީ، އެ މަނިކުފާނު ވިދާޅުވި ގޮތުގައި، މުޖުތަމައުގެ އެންމެން ގުޅިގެން މަސައްކަތް ކުރާ ނަމަ ހާސިލު ކުރަން އުނދަގޫކަމެއް ނޫން ކަމަށެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް