Majlis 2024

ތެލެސީމިއާ މޭޖާއެއް ކަމަށްވާ ސައިފާ އިބްރާހީމް ނަސީރު (ވ) އަދި ސައިފާ އޭނާގެ ދަރިފުޅު އުރައިގެން އިނދެ ލޭ އަޅަނީ.

ތެލަސީމިއާ

ލޭ އަޅާ މައިން: ހިތްވަރާއި ތަކުލީފު، އުފަލާއި ކުރިއެރުން

ލޭ އަޅާ މީހުންނަށް ދަރިން ލިބުމަކީ ކުރިން އާއްމު ކަމަކަށް ނުވިޔަސް ހޭލުންތެރިކަމާއި ސިއްހަތަށް ދޭ ސަމާލުކަން އިތުރުވަމުންދާ ވަރަކަށް އެކަން އަންނަނީ ބަދަލުވަމުން

ކައިވެނި ކުރުމަށް ފަހު ސައިފާ އިބްރާހީމް ނަސީރު އޭނާ ފަދަ އެހެން މީހުންނާ ވާހަކަދައްކާލި އެވެ. ލޭ އަޅާ ގިނަ އަންހެނުންނަށް، މާބަނޑުވުމާއި ދަރިން ހޯދުމުގައި ދަތިތައް ކުރިމަތިވާކަން އޭނާއަށް އެނގެ އެވެ. ތެލެސީމިއާ މޭޖާއެއްގެ ގޮތުގައި ސައިފާ، ދަރިން ތިބި ލޭ އަޅާ މީހުންގެ ފަރާތުން އޮޅުންފިލުވަން ބޭނުންވީ ކުއްޖަކު ހޯދުމުގެ ކުރިން ވާން ޖެހޭ ހާއްސަ ތައްޔާރީއެއް އެބައޮތްތޯ އެވެ.

ސައިފާ، 25، އަކީ ރާއްޖޭގައި ދަރިން ލިބިފައިވާ ތެލެސީމިއާ މޭޖާ މަދު މީހުންގެ ތެރެއިން މަައެކެވެ. އާބާދީގެ ނިސްބަތުން ތެލެސީމިއާ ކުދިންނާއި މީހުން ގިނަ ރާއްޖޭގައި ލޭ އަޅާ މީހުންގެ ތެރެއިން ދަރިން ތިބީ، މޯލްޑިވިއަން ތެލެސީމިއާ ސޮސައިޓީން ބުނިގޮތުގައި، ގާތްގަނޑަކަށް ވިއްސަކަށް މީހުންގެ އެވެ. އޭގެ ތެރޭގައި ވެސް، އެންމެ ގޯސް ހާލަތުގައި އުޅޭ، ތެލެސީމިއާ މޭޖާއިން ވަރަށް މަދެވެ. ރާއްޖޭގައި ތެލެސީމިއާ މޭޖާއަކު ފުރަތަމަ ފަހަރަށް ކުއްޖަކު ވިހެއީ ވެސް 2016ގަ އެވެ.

ތެލެސީމިއާ މޭޖާއަކަށް ވެ ހުރެ، މަންމައަކަށް ވެވުނުކަމީ ސައިފާގެ ހަޔާތުގެ އެންމެ ބޮޑު އުފަލެވެ.

ދޮޅު އަހަރުގެ އަންހެން ދަރިފުޅު ބަލަމުން، ވަޒީފާ އަދާކުރަމުން، އަމިއްލަ ފުރާނަ އާއި ސިއްހަތު ސަލާމަތްކުރުމުގެ ބޮޑު ޒިންމާއެއް ވެސް ސައިފާއަށް ކޮންމެ ދުވަހަކު އޮވެ އެވެ. އެކަމަކު އޭނާ ބުނިގޮތުގައި މަޔަކަށް ވުމަކީ އެ ހުރިހާ ބުރައަކާ އެކު ވެސް ލިބިގަތުން އެދެވޭހާ އަގުހުރި ނިއުމަތެކެވެ.

ތެލެސީމިއާ ނުހުންނަ މީހުންނެކޭ އެއްގޮތަށް އެ މީހުންގެ ވެސް ބޮލުގައި ރިއްސާ، މި ހުރިހާ ކަމެއް ވެސް ވާނެ. އެކަމަކު އޭގެ އިތުރަށް، ޑެސްފަރޯލް ގުޅަން ޖެހޭނެ ކޮންމެ ރެއަކުހެން. ލޭ އަޅަން ދާން ޖެހޭނެ. ލޭ މަދުވާ އިރަށް ވަރުބަލި ވެސް ވާނެ. އެކަމަކު ވަރުބަލިވެގެން ތިބޭކަށް ވަގުތެއް ވެސް ނޯންނާނެ.

ޖީހާން ސަލީމް / މޯލްޑިވިއަން ތެލެސީމިއާ ސޮސައިޓީގެ ޗެއާޕާސަން

މާބަނޑުވުމާއި މައެއްގެ ޒިންމާތަކުގެ ބުރަ އާއްމުކޮށް ވެސް ބޮޑު އިރު، ލޭ އަޅާ މީހުންނަށް ކުރިމަތިވާ ގޮންޖެހުން އަމުދުން ބޮޑެވެ. ތެލެސީމިއާ ސޮސައިޓީގެ ޗެއާޕާސަން ޖީހާން ސަލީމް، ލޭ އަޅާ މައިން "ވަރަށް ހިތްވަރުގަދަ" ބައެއްގެ ގޮތުގައި ސިފަކުރެއްވި ސަބަބަކީ އެއީ އެވެ. ދުނިޔޭގެ ތެލެސީމިއާ ދުވަހާއި މައިންގެ ދުވަސް އެކުއެކީގައި މިއަދު އައި އިރު ޖީހާން ވިދާޅުވީ މައިންގެ ދަައުރު އަދާކުރާ ލޭ އަޅާ އަންހެނުންނާ މެދު ފަހުރުވެރިވެވަޑައިގަންނަވާ ކަމަށެވެ.

"ވަރަށް ޒިންމާދާރު، ވަރަށް ކެތްތެރިކަމާ އެއްކޮށް ހުރިހާ ކަމެއް ވެސް ފަރުވާ ބަހައްޓައިގެން ކުރާ މަންމައިން މި އުޅެނީ. އެއީ އެހެން މީހުންނަށް ހުރި ނަމޫނާއެކޭ ބުނެވޭނީ،" އޭނާ ވިދާޅުވި އެވެ.

ތަފާތު ތަޖުރިބާތަކެއް

ފާތިމަތު ނިއުމާ، ދަރިއަކު ލިބިދާނެ ކަމަކަށް އުއްމީދެއް ނުކުރެ އެވެ. އޭނާގެ ދިރިއުޅުމުގައި ތަކުރާރުވަމުން އައީ ބަލިވެއިނުމަށް ފަހު ބައިގެންދިޔުމުގެ ހިތާމަ އެވެ. ނިއުމާ، 34، މިހާތަނަށް ހަތް ފަހަރު އެކަން ތަޖުރިބާކޮށްފި އެވެ. އަދި، އުފަން ނުވަނީސް ހަތް މަހުގައި ބަނޑަށް ކުއްޖަކު މަރުވުމުގެ ހިތްދަތިކަން ވެސް އޭނާ މިފަހުން ވަނީ ތަހައްމަލްކޮށްފަ އެވެ.

ހުރި ހަމައެކަނި ދަރިފުޅަށް ނިއުމާ ބަލިވެއިނީ އުމުރުން 22 އަހަރުގަ އެވެ. އެޗްބީ އީ ތެލެސީމިއާ ހުންނަ ނިއުމާ އޭގެ ކުރިން ލޭ އަޅަމުން ގެންދިޔައީ ކޮންމެ ތިން މަހަކުން އެއް ފަހަރު ކަހަލަ ގޮތަކަށެވެ. އެކަމަކު މާބަނޑުވުމުން އޭނާއަށް ހަފްތާއަކު އެއް ފަހަރު ލޭ ބޭނުންވި އެވެ. ނިއުމާ ބުނިގޮތުގައި އެއީ ހާސްކަން ބޮޑު، އުނދަގޫ، އެކަމަކު އެންމެ ފަހުން ފޮނި ތަޖުރިބާއެކެވެ.

"އެހާ ވަރަށް ލޭ އަޅަން ޖެހުނީމަ ވަރަށް ވަރުވި. ބޭބީ ލިބުނީމަ ވަރަށް އެހެން ކަހަލަ އިހުސާސެއް ކުރެވުނީ. ދުވަހަކު ވެސް ނުވާ ވަރަށް އުފާވި. ލޭ އަޅަން އެހާ ހިތްވަރުކޮށްލެވުނީމަ ވަރަށް ހިތްހަމަޖެހުނު،" ނިއުމާ ކިޔައިދިނެވެ. 

ނިއުމާ (ކ) އޭނާގެ 11 އަހަރުގެ ދަރިފުޅާ އެކު

ސައިފާ، އެހެން މީހުންގެ ތަޖުރިބާ އަޑުއެހުމަށް ފަހު ދަރިއަކު ހޯދަން ނިންމީ އޭނާގެ ހަށިގަނޑުގައި ދަގަނޑުގެ ބައި ހުރި މިންވަރު ރަނގަޅުކަން ޔަގީންކޮށްފަ އެވެ. އާއްމުކޮށް ކޮންމެ ތިން ހަފްތާއަކުން ނުވަތަ މަހަކު އެއް ފަހަރު ލޭ އަޅަމުން އައި ސައިފާ ވެސް ބަލިވެއިނުމާ އެކު ކޮންމެ ހަފްތާއަކު ލޭ އަޅަން ޖެހުނެވެ. އެކަމަކު އޭނާއަށް ކުރިމަތިވީ، މާ އަވަސްއަވަހަށް އަތަށް ކަށި ކޮއްޕަން ޖެހުމުގެ ވޭން އެކަންޏެއް ވެސް ނޫނެވެ. ސައިފާގެ މާބަނޑު ދުވަސްވަރު ދިމާވީ ލޭ ހޯދަން އެންމެ ބޮޑަށް ދަތިވި ކޮވިޑްގެ ހާލަތާ އެވެ.

ތެލެސީމިއާ ލޭ އަޅާ މީހުންނަށް، ލޭ ހޯދައި ލޭ އެޅުމުގެ ބުރައިގެ ތެރެއަށް ދެން އިތުރުވަނީ ހަށިގަނޑުގައި ދަގަނޑުގެ ބައި ކޮންޓްރޯލްކުރުމުގެ ފަރުވާ ލިބިގަތުމަށް ކަށި ހަރައިގެން ހޭދަކުރަން ޖެހޭ އެތަކެއް ގަޑިއިރެވެ. ޑެސްފަރޯލް އިންޖެކްޝަންގެ އަސަރު ބޮޑުވަނީ ލަސްލަހުން ހަށިގަނޑަށް ފޮނުވުމުންނެވެ. ސައިފާ ހަފްތާއަކު ތިން ރޭ، ކޮންމެ ރެއަކު 10 ވަރަކަށް ގަޑިއިރު ވަންދެން އަދި ނިއުމާ 15-18 ގަޑިއިރު ވަންދެން ޑެސްފަރޯލް ގުޅައިގެން އުޅެ އެވެ. 

"ތެލެސީމިއާއާ އެކީ އުޅުމަކީ ފަސޭހަ ކަމެއް ނޫން. އެކަމަކު މަންމައަކަށް ވިޔަސް ތެލެސީމިއާ އެކު ވެސް އުޅެވޭނެ. އަޒުމެއް އޮތިއްޔާ ކޮންމެ ކަމެއް ވެސް ކުރެވޭނެ،" ސައިފާ ބުންޏެވެ.

 ސައިފާ (ވ) އޭނާގެ ދަރިފުޅާއި ފިރިމީހާއާ އެކު

ލޭ އަޅާ މައިންނަކީ ކެތްތެރި، ހިތްވަރުގަދަ ބައެއް ކަމަށް ޖީހާން ވިދާޅުވީ އެހެން މީހުންނާ ތަފާތުކޮށް ކުރިމަތިލާން ޖެހޭ ތަކުލީފުތަކާ ހެދި އެވެ.

"ތެލެސީމިއާ ނުހުންނަ މީހުންނެކޭ އެއްގޮތަށް އެ މީހުންގެ ވެސް ބޮލުގައި ރިއްސާ، މި ހުރިހާ ކަމެއް ވެސް ވާނެ. އެކަމަކު އޭގެ އިތުރަށް، ޑެސްފަރޯލް ގުޅަން ޖެހޭނެ ކޮންމެ ރެއަކުހެން. ލޭ އަޅަން ދާން ޖެހޭނެ. ލޭ މަދުވާ އިރަށް ވަރުބަލި ވެސް ވާނެ. އެކަމަކު ވަރުބަލިވެގެން ތިބޭކަށް ވަގުތެއް ވެސް ނޯންނާނެ. ކުދިންނަށް އަޅާލައި ކުދިންގެ ކަންތައްތައް ވެސް ބަރާބަރަށް ކުރަން ޖެހޭނެ،" އޭނާ ވިދާޅުވި އެވެ.

'ނަތީޖާ މި ފެންނަނީ'

ލޭ އަޅާ މީހުންނަށް ދަރިން ލިބުމަކީ ކުރިން އާއްމު ކަމެއް ނޫނެވެ. ޖީހާން ވިދާޅުވިގޮތުގައި ދަރިއަކު ހުރި އެފަދަ މީހަކު މީގެ 10-15 އަހަރު ކުރިއަކުން ރާއްޖޭގައި ނެތެވެ. ލޭ އަޅާ ކުދިންގެ ސިއްހަތާ މެދު ވަރަށް ބޮޑަށް ފަރުވާ ނުބަހައްޓައިފި ނަމަ ދަރިން ލިބުން އުނދަގޫވެ އެވެ. މިހާރު ދަރިން ތިބި މީހުންގެ ތެރޭގައި، ފަރުވާ ހޯދައިގެން ނުވަތަ އައިވީއެފް ހަދައިން އެކަން ކާމިޔާބުވި މީހަކު ވެސް ހިމެނެ އެވެ.

ތެލެސީމިއާއާ އެކީ އުޅުމަކީ ފަސޭހަ ކަމެއް ނޫން. އެކަމަކު މަންމައަކަށް ވިޔަސް ތެލެސީމިއާ އެކު ވެސް އުޅެވޭނެ.

ސައިފާ އިބްރާހީމް ނަސީރު، 25

ޖީހާން ވިދާޅުވިގޮތުގައި ލޭ އަޅާ ކުދިންގެ ހާލަތު ގަވާއިދުން ބަލައި ބޭނުންވާ ފަރުވާތައް ދީ ނަހަދާ ނަމަ ހަށިގަނޑުގެ ހުރިހާ ގުނަވަންތަކަކަށް ވެސް ނޭދެވޭ އަސަރުތައް ކުރެ އެވެ. އަދި ހެދިބޮޑުވުމުގައި ގޮންޖެހުންތަކާ ކުރިމަތިވެ އެވެ. އޭނާ ވިދާޅުވީ އުފަންވެނި ސިއްހަތު ސަލާމަތްކުރުމަށްޓަކައި ވެސް، ދެ ޖިންސުގެ ކުދިންނަށް ވެސް، ސިއްހީ ހާއްސަ އަޅާލުން ބޭނުންވާ ކަމަށެވެ.

"އުމުރުން ގާތްގަނޑަކަށް ނުވަ އަހަރު ހިސާބުން ފެށިގެން ހޯމޯންސް ދީ، ޕިއުބަޓީއަށް އަންނަންވާ އިރަށް އެ ކުދިން ތައްޔާރުކުރަން ޖެހޭނެ. ރާއްޖޭގައި އެ ބައެއް ހަގީގަތުގައި ނޯވޭ، ނުވަތަ އޮތް ކަމުގައި ވިޔަސް މެޑިކަލް ސިސްޓަމްގެ ތެރޭގައި އެ ބައި ވަރަށް ވީކްކޮށް މި އޮންނަނީ،" ޖީހާން ވިދާޅުވި އެވެ. "ޕިއުބަޓީއަށް އެޅުމާ އެކީ، ލޭ އެޅުމުގަ އާއި ފަރުވާ ދިނުމުގައި ބައިވަރު ތަފާތުތަކެއް އަންނާނެ. އެ ބައި ނާންނަންޏާ ރީޕްރޮޑަކްޓިވް ހެލްތަށް ވެސް އޭގެ ވަރަށް ބައިވަރު އަސަރުކުރާނެ."

ޖީހާން (ކ) ބައްދަލުވުމެއްގައި ވާހަކަދައްކަވަނީ: ކުދިން ތިބި މައިން ނަމޫނާއަކަަށް ބަލައިގެން އަމިއްލަ ސިއްހަތާ މެދު ފަރުވާތެރިވާން ތެލެސީމިއާ ޕޭޝެންޓުންނަށް ނަސޭހަތްދެއްވި

އެހާ ވަރަށް ލޭ އަޅަން ޖެހުނީމަ ވަރަށް ވަރުވި. ބޭބީ ލިބުނީމަ ވަރަށް އެހެން ކަހަލަ އިހުސާސެއް ކުރެވުނީ. ދުވަހަކު ވެސް ނުވާ ވަރަށް އުފާވި. ލޭ އަޅަން އެހާ ހިތްވަރުކޮށްލެވުނީމަ ވަރަށް ހިތްހަމަޖެހުނު

ފާތިމަތު ނިއުމާ، 34

ކުރިއާ ހިލާފަށް، ލޭ އަޅާ މީހުންނަށް ދަރިން ލިބެމުން އަންނަ އިރު، އައި ބަދަލަކީ، ޖީހާން ފާހަގަކުރެއްވި ގޮތުގައި، ހޭލުންތެރިކަމެވެ. ކަންކަން އެނގެން ފެށުމުން މައިންބަފައިން ކުދިންގެ ސިއްހަތަށް ދޭ ސަމާލުކަން އިތުރުވުމާއި ބައެއް ކުދިން އަމިއްލައަށް ވެސް ބަލައިގެން އުޅެން ފެށުމެވެ. އަބަދުވެސް ދަގަނޑުގެ ބައި ދަށްކޮށް ބެހެއްޓުމަށާއި ހޯމޯންސް ބޭނުންކުރުމަށް ސަމާލުކަން ދޭ ކަމެވެ.

"މިއީ ވަރަށް ބުރަ މަސައްކަތެއް ޕޭރެންޓަކަށް ވިޔަސް، ޕޭޝެންޓަކަށް ވިޔަސް. އަދި ޑޮކްޓަރަކަށް ވެސް، ފުދޭ ވަރެއްގެ ބޮޑު ކަމެއް މިއީ. ކުއްޖަކު ރަނގަޅަށް ބޮޑުކޮށްފައި އޭނާއަކީ އެހެން މީހުންނާ އެއްގޮތަށް އުޅެވޭ ކުއްޖަކަށް ހެދުމަކީ އެންމެންގެ ވެސް ވަރަށް ބޮޑު ހިއްސާއެއް ވާ ކަމެއް،" ޖީހާން ވިދާޅުވި އެވެ.

ލޭ އަޅާ މީހުންނަށް ދަރިން ލިބޭ ހިސާބަށް އައީ، ޖީހާން ފާހަގަކުރެއްވިގޮތުގައި، އެމީހުންގެ ހިތްވަރާއި "ކުރެވިފައި ހުރި ބައިވަރު މަސައްކަތްތަކެއް"ގެ ނަތީޖާ އިންނެވެ. އޭނާ އެދިވަޑައިގަންނަވަނީ ލޭ އަޅާ އެހެން ކުދިންނާއި މީހުން ވެސް މި މައިންނަކީ ނަމޫނާއެއް ކަމަށް ބަލައިގެން، އަމިއްލަ ސިއްހަތު ރައްކާތެރިކުރަން ހިތްވަރުކުރުމެވެ.

"ރަނގަޅަށް ގަޑިއަށް ފަރުވާ ނެގުމާއި ޑޮކްޓަރު ދޭ ލަފަޔާ އެއްގޮތަށް ކަން ކުރުން ވަރަށް މުހިއްމު. ދޭން އޮތް ނަސޭހަތަކީ ޕޭރެންޓުން ވެސް ކުދިންނަށް އެކަމުގައި އެއްބާރުލުން ދޭށޭ، މުޅި މުޖުތަމައުން ވެސް އެ ކުދިންނަށް އެއްބާރުލުން ދޭށޭ، ނަތީޖާ މި ފެންނަނީއޭ،" އޭނާ ވިދާޅުވި އެވެ.

"ރަނގަޅަށް ބެލެހެއްޓިގެން އަންނަ ކަމަށް ވެއްޖެއްޔާ، އެ ކުދިންނަކީ ދަރިމައިވުމުގައި ވިޔަސް، އަދި އެހެން ކަންކަމުގައި ވިޔަސް، އެހެން މީހުންނެކޭ އެއްގޮތަށް އުޅެވޭނެ ކުދިން."

'ލޭ އަޅާތީ ނުކުރެވޭ ކަމެއް ނެތް'

ލިބުނު އަންހެން ދަރިފުޅުގެ ސިއްހަތު ރަނގަޅު ނަމަވެސް، ވިހައިގެން ފުރަތަމަ ދުވަސްތައް ނިއުމާ ހޭދަކުރީ ދަރިފުޅަށް ކަމެއް ވެދާނެ ކަމުގެ ބިރުހީވެ، ރުއިމާއި ނުތަނަވަސްކަމުގެ ތެރޭގަ އެވެ. އެކަމަކު އާއިލާ އާއި ފިރިމީހާގެ އެހީތެރިކަމާ އެކު އެ ދުވަސް މާޒީވެ، އެ ދަރިފުޅަށް މިހާރު 11 އަހަރު ފުރިއްޖެ އެވެ.

"ދަރިފުޅަށް ޖޫން 24ގައި 12 އަހަރު ވާނެ. ވަރަށް އުފާވޭ، އަޅުގަނޑު މިހެން ހުއްޓާ ދަރިފުޅު އެހާ ބޮޑުވީމަ ވެސް. އެހާ ބޮޑުވާ ތަން ބަލަން ހުރެވޭކަން އެއީ ހަމަ ވަރަށް އުފާވާ ކަމެއް،" ނިއުމާ ބުންޏެވެ.

ނިއުމާ (ވ) އޭނާގެ ދަރިފުޅާއި ފިރިމީހާއާ އެކު

ރަނގަޅަށް ބެލެހެއްޓިގެން އަންނަ ކަމަށް ވެއްޖެއްޔާ، އެ ކުދިންނަކީ ދަރިމައިވުމުގައި ވިޔަސް، އަދި އެހެން ކަންކަމުގައި ވިޔަސް، އެހެން މީހުންނެކޭ އެއްގޮތަށް އުޅެވޭނެ ކުދިން

ޖީހާން ސަލީމް / މޯލްޑިވިއަން ތެލެސީމިއާ ސޮސައިޓީގެ ޗެއާޕާސަން

ނިއުމާގެ އަނެއް އުފަލަކީ އޭނާގެ ހާލަތާ މެދު ދަރިފުޅު ބަހައްޓާ ވިސްނުންތެރިކަމާއި އަޅާލުމެވެ. އޭނާ ގަވާއިދުން ލޭ އަޅަން ދާން ޖެހޭނެ ކަމާއި ޑެސްފަރޯލް ގުޅައިގެން އެތައް ގަޑިއިރެއް ހޭދަކުރާނެކަން ދަރިފުޅު ދަނެ އެވެ.

"ދަރިފުޅަށް އަމިއްލައަށް ވެސް އެނގޭނެ ކިހިނެއްކަން މި ވަނީ. އަޅުގަނޑު ޑެސްފަރޯލް ޖަހައިގެން ތަންތަން ދުޅަވެފައި ހުންނަ އިރު އައިސް ބާމް ވެސް އުނގުޅައިދޭނެ. ތަށި ދޮންނަ އިރު އަތުގައި އޭތި އިންނަންޏާ ދަރިފުޅު އައިސް އޭތި ހިފަހައްޓައިގެން ކައިރީގައި ހުންނާނެ،" ނިއުމާ ބުންޏެވެ.

 އެކަމަކު އެހެން މައިން އެ މީހުންގެ ދަރިންނަށް ކޮށްދޭ ފަދަ އެއްވެސް ކަމަކުން އަމިއްލަ ދަރިފުޅު މަހުރޫމް ނުވާ ކަމުގެ ހިތްހަމަޖެހުން ނިއުމާއަށް އެބަ އޮތެވެ. 

"ލޭ އަޅާ މަންމައަކަށް ވެގެން ނުކުރެވޭ އެއްވެސް ކަމެއް ނެތް. ދަރިފުޅަށް ބަރާބަރަށް ގަޑިންގަޑިއަށް ކާން ދިނުން، ސްކޫލަށް ގެންދިޔުން، ފިލާވަޅު ހަދަން އެހީތެރިވެދިނުން، ދަރިފުޅާ އެއްކޮށް ވަގުތު ހޭދަކުރުން. ނޯމަލް މަންމައަކަށް ވެސް ކުރެވޭނީ ހަމަ އެ ވަރަށް ދެއްތޯ؟" ނިއުމާ ބުންޏެވެ. "އެކަމަކު އެހެން މީހުންނާ ތަފާތުކޮށް އަޅުގަނޑު މުޅިން ވެސް މި އުޅެނީ ޑެސްފަރޯލް ޖަހައިގެން އޭތި ހިފައިގެން ގޭ ތެރޭގައި ދަރިފުޅު ގޮވައިގެން ކަންކަން ކުރުމުގައި."

ޖީހާން ފާހަގަކުރެއްވިގޮތުގައި ލޭ އަޅާ މައިންގެ ތެރެއިން ގިނަ މީހުން އުޅެނީ އެހެން މީހުންގެ އެހީތެރިކަން ލިބިގެންނެވެ؛ އެކަމަކު އެކަނި ދަރިން ބަލާ މީހުން ވެސް އެބަތިއްބެވެ. މިއަދުގެ މުނާސަބަތުގައި އެ އެމެންނަށް ވެސް އޭނާ ނިސްބަތްކުރެއްވީ ތައުރީފުގެ ބަސްތަކެވެ.

"ސިސްޓަމެއްގެ ތެރެއިން ބައިވަރު ގޮންޖެހުންތަކެއް ފަހަނަޅައި އައިސް، މި ހިސާބުގައި އެ މީހުން މި ތިބީ. އެހެންވީމާ އަޅުގަނޑު މި ހުރިހާ ކުދިންނާ ދޭތެރޭ ވެސް ވަރަށް ފަހުރުވެރިވޭ،" ޖީހާން ވިދާޅުވި އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް