ހަސަން އަތީގު (ބާބާ) އޭނާގެ ފުޑް ޓްރަކްގައި އެއްޗެހި ތައްޔާރުކުރަނީ: މިއީ ތަފާތު ވިޔަފާރިއެއް

ފުވައްމުލަކު 'ބާބާ ގާޑިޔާ': އަތީގު މުޅި މަންޒަރު ބަދަލުކޮށްލައިފި

ބެޓެރިން ދުއްވާ މި ފުޑް ޓްރަކްގައި ހުރިހާ އެއްޗެއް ތައްޔާރުކުރަނީ އަތީގު އަމިއްލައަށް
3 ޖެނުއަރީ 2022
2

 ކަމެއް ކުރަން ހިތުގައި އަޒުމެއް ކަނޑައަޅައި މަސައްކަތްކޮށްފި ނަމަ ކާމިޔާބުވާނެ އެވެ. 

މިއީ ފުވައްމުލަކުގެ ޒުވާނެއް ކަމަށްވާ ހަސަން އަތީގު (ބާބާ)، އޭނާގެ ވާހަކަ ފެށި ގޮތެވެ. އޭރު އޭނާ ވަނީ އެކަން ސާބިތުކޮށްދޭން އަމިއްލަ ދިރިއުޅުމުގައި ތަފާތު ކަމެއް ކޮށްފަ އެވެ. އޭނާގެ ހިޔާލަށް ތައްޔާރުކުރި ފުޑް ޓްރަކް، 1 ޖެނުއަރީ 2022 ގައި އިފްތިތާހުކޮށްދެއްވީ ފުވައްމުލަކު މޭޔަރު އިސްމާއިލް ރަފީގެވެ.

އެއްގޮތަކުން މިއީ ގާޑިޔާ ކޮންސެޕްޓްގެ އާ ވައްތަރެކެވެ. ކޮވިޑް-19 ލައްވާލުމުގެ ކުރިން ރިސޯޓްގެ ފުޑް އެންޑް ބެވަރޭޖް ދާއިރާގައި މަސައްކަތްކޮށް، ތަޖުރިބާ ލިބިފައިވާ އަތީގުގެ ފުޑް ޓްރެކަކީ އަސްލު ކުޑަ ބަދިގެއެކެވެ. ޒަމާނީ ވަސީލަތްތައް ހިމެނޭ މި ބަދިގެ، ރަށުގެ ކޮންމެ ތަނަކަށް ވެސް، ދުއްވާލައިފައި ގެންދެވެ އެވެ. ކާ އެއްޗެހި ވަގުތުން ތައްޔާރުކޮށްލަ އެވެ.

ކޮވިޑް-19 އަކީ، ރިސޯޓްތަކުގެ ގިނަ މުވައްޒަފުންނަށް ކުރިމަތިވި ގޮތަށް، އަތީގަށް ވެސް ބަދުނަސީބެކެވެ. ވަޒީފާ ގެއްލުމުން އެނބުރި ރަށަށް ދާން ޖެހުނު އިރު އަމިއްލަ މަސައްކަތެއް ފެށިފައެއް ނުވެ އެވެ. ރާއްޖޭގެ އެންމެ ބޮޑު އެއް ރަށުގައި ކެއިންބުއިމުގެ ވިޔަފާރިއަށް ބޮޑު ޑިމާންޑެއް އޮވެ، އެ ދާއިރާގެ ތަޖުރިބާ ހުއްޓަސް އަމިއްލަ ކަމެއް ނުފެށި އޮތުމަކީ، އަތީގުގެ ބަހުން ނަމަ 'ވަރަށް ދެރަވި ކަމެކެ'ވެ.

"ރިސޯޓުގައި ގިނަ ދުވަހު އުޅެފައި ޕެންޑެމިކާ އެކު ވަޒީފާ ދޫކޮށް ރަށަށް އަންނަން ޖެހުމުން ވަރަށް ދެރަވި. އިތުރު އިންކަމެއް ނެތް. ރަށުކޮޅުގައި ކަމެއް ނުފެއްޓި އޮތީ. ވަރަށް ދެރަވި،" އަތީގު ބުންޏެވެ.

" ޕެންޑެމިކް އައިމަ ކަމުގެ ބޮޑުކަން އިހްސާސްވީ. ހިތަށްއެރީ ކަމެއް ފެއްޓިފައި އޮތް ނަމައޭ."

އަތީގު ފުރަތަމަ ވިޔަފާރި  ފެށި އިރު ހިންގި ގާޑިޔާ: އޭނާ މިހާރު ވަނީ މަސައްކަތުގެ ސިފަ މުޅިން ބަދަލުކޮށްލާފައި

އެކަމަކު ރިސޯޓުގައި ފުޑް އެންޑް ބެވަރޭޖް ދާއިރާގައި މަސައްކަތްކޮށް ލިބުނު ތަޖުރިބާއަކީ އޭނާގެ އަމިއްލަ މަސައްކަތެއް ފަށަން އޮތް ވަރަށް ބޮޑު އެހީއެކެވެ. ފުޑް ޓްރެކަކާ ހަމައަށް ދިއުމުގެ ކުރިން ކުޑަ ވިޔަފާރިއެއް 2020 ގައި ފެށީ ގާޑިޔާއަކުންނެވެ. ކުދިކުދި ހެދިކާ ވިއްކަން ފެށުމުން އާންމުންގެ ތެރޭގައި އުފެދުނު ޑިމާންޑާ އެކު، ވިސްނުން ބަދަލުވާން ފެށި އެވެ. މިއަށް ވުރެ މިކަން ފުޅޭާކުރެވޭނެކަމާއި މުޅިން ތަފާތު ވެސް ކުރެވޭނެކަން، އެނގުނެވެ.

'ބާބާ ގާޑިޔާ' އަކީ އޭގެ ނަތީޖާ އެވެ. ދިގު މިނުގައި 4 މީޓަރު، ފުޅާ މިނުގައި 2.3 މީޓަރު އަދި އުސް މިނުގައި 2.5 މީޓަރު ހުރި، ރާއްޖެއަށް މުޅިން އާ މި ޓްރަކާ އެކު އަތީގުގެ މަސައްކަތް މިހާރު ވަނީ ފުޅާވެފަ އެވެ.

އޭގައި ޒަމާނީ ބަދިގެއެއްގައި ހިމެނޭ މުހިންމު ހުރިހާ ބައިތައް ވަނީ ލައިފަ އެވެ. އެހެންކަމުން ފަސޭހަކަމާ އެކު ކާއެއްޗެހި ހަދާލެވެ އެވެ.

'ބާބަ ގާޑިޔާ" ފުވައްމުލަކުގެ ރީތި ގޮނޑުދޮށުގައި: މި ހެދީ އަތީފުގެ އަމިއްލަ ހިޔާލަށް

"މިއީ އަމިއްލަ ސެޓަޕެއް. އަމިއްލައަށް މޮޑިފައިކޮށްގެން ޑިޒައިނަކަށް ގެނައި އެއްޗެއް މިއީ. އޭގައި އަދި ޑީޕް ފްރީޒަރަކާއި ފުޑް ޝޯކޭސް ކުރާ ރެކެއް އިތުރުވާނެ ފަހުން،" އަތީގު ބުންޏެވެ.

ބޭރު ގައުމުތަކުގެ ޕާކުތަކާއި އާއްމުން ޖަމާވާ ތަންތަނުގައި މި ކަހަލަ ފުޑް ޓްރަކް އާންމެވެ. އެއިން ލުއި ތަފާތު ކާނާގެ ރަހަ ތަޖުރިބާކޮށްލެވެ އެވެ. ރާއްޖޭގައި ފެށުނީ ގާޑިޔަލެވެ. ސިނަމާލެ ބްރިޖް އައުމުގެ ކުރިން މާލޭގެ ދެކުނު ފަރާތު ބޮޑުތަކުރުފާނު މަގުގެ އެއްކޮޅުން އަނެއް ކޮޅަށް ގާޑިޔާތައް ހިންގި އެވެ. ހަވީރާއި ރޭގަނޑު ފިންޏަށް ނުކުމެ އެ ގާޑިޔާތަކުން ކުރުނބާ ބޮއި، މަޖާ ކައި، އަދި ދުފުންގަނޑުތަކުން ހިތް އުފާ ހޯދި އެވެ. ފަހުން ގާޑިޔާތަކަށް ވުރެ މަގުބޫލުވީ ޓޭކްއަވޭ ހަދާ ގޮޅިތަކެވެ. ބާބެކިއުގެ ތަފާތު ވައްތަރުތައް، އެތަންތަނުން، ލިބެ އެވެ. 

އަތީގު އޭނާގެ ކަސްޓަމަރުންނަށް ހިދުމަތް ފޯރުކޮށްދެނީ

"އަޅުގަނޑުގެ ވެސް މައިގަނޑު އެއްޗަކީ ބާބެކިއު،" އަތީގު ބުންޏެވެ.

އެކަމަކު އޭނާގެ ގާޑިޔަލުން ޝަވަރުމާ ވެސް ހަދަ އެވެ. އެ ޝަވަރުމާ، ބައެއް މީހުން، މާލެއަށް ވެސް ގެންދާ ކަމަށް އަތީގު ބުންޏެވެ.

 އޭނާގެ މެނޫގައި ކުކުޅުފައި، ސޮސެޖު، ކުރަނޑި، ބާގާ، ،ޕަނީނޯ، ފިޝްބަން، ސޭންޑްވިޗް، ސްވީޓްކޯން، ޗިލީކޯން ފަދަ ކަނާ ލިބެން ހުރެ އެވެ. މިއީ މުޅިން ވެސް އޭނާ އަމިއްލައަށް ތައްޔާރުކުރާ އެއްޗިއްސެވެ.

ބާބާ ގާޑިޔާގައި ކާ އެއްޗެހި އަތުރާފައި: ފެށީ ލުއިކޮށް، މިހާރު ފުޅާވެފައި
ބާބާ ގާޑިޔާގެ ޝަވަރުމާ: ބައެއް މީހުން މާލެއަށް ވެސް ގެނޭ

"ކުރީގައި ގޭގައި ކާ އެއްޗެހި ހަދައިގެން ގާޑިޔާއަށް ގެންނަނީ. އޭގައި ދަތިތަކެއް ހުރޭ،" އަތީގު ބުންޏެވެ.

އެކަމަކު ބެޓެރިން ދުއްވާ މި ޓްރަކްގައި ހުރި ބަދިގޭގައި ހުރިހާ އެއްޗެއް ވެސް ހަދާލެވެ އެވެ.

މިއީ ރާއްޖޭގައި މިފަދަ ފުރަތަމަ ވިޔަފާރި އެވެ. ފުރަތަމަ ފުޑް ޓްރަކެވެ.

"ގާޑިޔާ ރަޖިސްޓްރީ ކޮށްފައި އަޅުގަނޑު އޮންނާނީ. ދެން މިއީ ވިޔަފާރި ހުއްދަ ނަގައިގެން ކުޑަ ކަންމަތީ ފިހާރައަކުން ބޮޑު ފިހާރައަކަށް ބަދަލުވުން ކަހަލަ ކަމެއް. ގާޑިޔާ ވެސް ބޭނުން ތާކަށް ގެންދެވޭ ނޫންތޯ؟" އަތީގު ބުންޏެވެ.

އަތީގުގެ 'ބާބާ ގާޑިޔާ' ފުވައްމުލަކުގެ މޭޔަރު އިސްމާއިލް އިފްތިތާހުކޮށްދެއްވަނީ

 ފުވައްމުލަކު ސިޓީގެ އެންމެންގެ ސަމާލުކަން އަތީގަށް މިހާރު ވަނީ ލިބިފަ އެވެ. "ބާބާ ގާޑިޔާ' ރަސްމީކޮށް އިފްތިތާހު ކުރުމުގެ ކުރިން 31 ޑިސެމްބަރު ދުވަހުގެ ރޭ އޭނާ ވަނީ ކުޑަ އިވެންޓަކަށް އެ ޓްރަކުން ކޭޓަރިން ހަމަޖައްސައިދީފަ އެވެ. އެގޮތުން 75 މީހުންނަށް ރޭގަނޑުގެ ކެއުން ތައްޔާރުކޮށްދިނެވެ.

އަތީގު އޭނާގެ ޓްރަކްގައި ކުކުޅު ފައިތަކެއް ހަދަނީ: ބާބެކިއުއަށް ޑިމާންޑް ބޮޑު
އަތީގު މަސައްކަތުގައި: 'ބާބާ ގާޑިޔާ'ގެ ހުރިހާ މީހަކީ ވެސް އޭނާ

ރިސޯޓްގައި ހޭދަކުރި ދުވަސްތަކުން އަތީގަށް ދަސްވީ ކައްކާށެވެ. އެކަމަކު މިއަދު އެ ހުނަރުގައި އޭނާ އެހުރީ އަމިއްލަ ވިޔަފާރިއެއް، އަދި ރާއްޖެއަށް މުޅިން އާ ކޮންސެޕްޓެއްގައި ހަދައިގެން އާންމުންގެ ކުރިމައްޗަށް ނުކުމެފަ އެވެ.

"ދުއްވަނީ ވެސް ބާބާ، ޝެފަކީ ވެސް ބާބަ، ވެއިޓަރަކީ ވެސް ބާބާ،" މިހެން އޭނާ ބުނެލީ ފަހުރުވެރިކަމާ އެކު އެވެ.

ކޮމެންޓް (2)

އަހަންމަދުބޭ

3 މާރިޗު 2022
މިކޮންސެޕްޓް މާލެއަށްވެސް އަދި ހުޅުމާލެއަށްވެސް ވަރަށް ކަމުދޭ، މީގަ އަޅުގަނޑަކަށް ނުވިސްނޭ މިކަން ނުކުރަންވީ ސަބަބެއް، ނުވަތަ ހުއްދަ ނުދޭންވީ ސަބަބެއް، ހާދަ ކޫލް ކަމެކޭ މިއީ ދެން އޮތީ ސާފްތާހިރުކަން މިކަންކަން ބަލަން އެބައޮތް ސިސްޓަމެއް އެހެން ތަންތަން ބަލައިހެން ގާޑީޔާތަށްވެސް ބެލޭނެދޯ
1 0

ޕެޓްސް

4 ޖެނުއަރީ 2022
ބާބާ އަކީ ވަރަހަ ކެރީގެން ކަންތެތިހާ ކުރިމަތިލާ މީހެއް.
1 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް