އެމެރިކާގެ ރައީސް ޖޯ ބައިޑަން ޓީވީ ޕްރޮގްރާމް '60 މިނެޓްސް'ގައި (ފޮޓޯ/ 60 މިނެޓްސް)

އެމެރިކާ

ޓެކްޓިކަލް ނިއުކްލިއާ ހަތިޔާރު ބޭނުންކުރުމާ ދެކޮޅަށް ބައިޑަން ޕޫޓިންއަށް އިންޒާރުދެއްވައިފި

ދުނިޔޭގައި އެންމެ ނިއުކްލިއާ ހަތިޔާރު ގިނަ ގައުމަކީ ރަޝިޔާ
18 ސެޕްޓެމްބަރު 2022

ޔޫކްރެއިނު ހަނގުރާމައިގައި ކެމިކަލް އަދި ޓެކްޓިކަލް ނިއުކްލިއާ ހަތިޔާރު ބޭނުންކުރުމާ ދެކޮޅަށް އެމެރިކާގެ ރައީސް ޖޯ ބައިޑަން ރަޝިޔާއަށް އިންޒާރު ދެއްވައިފި އެވެ.

ސީބީއެސް އަށް ދެއްވި އިންޓަވިއުއެއްގައި ވާހަކަ ދައްކަވަމުން ބައިޑަން ވިދާޅުވީ މިފަދަ އަމަލުތަކުގެ ސަބަބުން ހަނގުރާމައިގެ މަލަމަތި ދެވަނަ ބޮޑު ހަނގުރާމައިގެ ފަހުން ބަދަލުވެފައި ނުވާ މިންވަރަށް ބަދަލުވެގެން ދާނެ ކަމަށެވެ.

ނަމަވެސް އެފަދަ ހާލަތަކަށް ގޮސްފިނަމަ ދެއްވާނެ ރައްދެއް ބައިޑަން ވިދާޅުވެފައެއް ނުވެ އެވެ.

ޔޫކްރެއިނު ފެށުނުތާ މަދު ދުވަސްކޮޅެއް ތެރޭގައި ރަޝިޔާގެ ރައީސް ލަޑިމިއާ ޕޫޓިން ވަނީ އެ ގައުމުގެ ނިއުކްލިއާ ހަތިޔާރުތައް ތައްޔާރީ ހާލަތަކަށް ގެންނަވާފަ އެވެ. އަދި އެ ފިޔަވަޅު އެޅުއްވީ ހުޅަނގުން ނެރެމުންދާ "ހަރުކަށި ބަޔާންތަކުގެ" ސަބަބުން ކަމަށް ދިފާއީ ވެރިން ގާތު އޭރު ޕޫޓިން ވިދާޅުވެފައިވެ އެވެ.

ދުނިޔޭގައި ނިއުކްލިއާ ހަތިޔާރު ހުންނަތާ މިހާރު 80 ވަރަކަށް އަހަރުވެފައި ވާއިރު، ގިނަ ގައުމުތަކުން މި ހަތިޔާރުތަކުގެ ބޭނުން ހިފަނީ ހަމަލާތައް ދިނުމުގެ ބަދަލުގައި އަމިއްލަ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށެވެ.

ދަ ފެޑެރޭޝަން އޮފް އެމެރިކަން ސައިންޓިސްޓްސް ޖަމިއްޔާގެ ތަފާސްހިސާބުތައް ދައްކާގޮތުން ރަޝިޔާގައި 5،977 ނިއުކްލިއާ ވޯހެޑެއް އެބަ ހުއްޓެވެ. ނަމަވެސް މިފަދަ ހަތިޔާރުތައް ރަޝިޔާއިން ވެސް ބޭނުންކުރާނެ ކަމަކަށް ނުބެލެވެ އެވެ.

ދުރު ރާސްތާތަކަށް ފޮނުވާލެވޭ ސްޓްރެޓީޖިކް ނިއުކްލިއާ ހަތިޔާރުތަކާ ހިލާފަށް ޓެކްޓިކަލް ނިއުކްލިއާ ހަތިޔާރު ބޭނުން ކުރަނީ ކުރު ރާސްތާތަކަށެވެ. 

ދުނިޔޭގެ އެކި ސަރަހައްދުތަކުގައި ނިއުކްލިއާ ހަތިޔާރު ހުރި މިންވަރު (ބީބީސީ ގްރެފިކްސް)

ޔޫކްރެއިނު ހަނގުރާމައިގައި ޕޫޓިން ނިއުކްލިއާ ހަތިޔާރު ބޭނުންކުރައްވަން ނިންމަވައިފި ނަމަ ވިދާޅުވާނީ ކީކޭތޯ ސީބީއެސް އިން ސުވާލުކުރުމުން ބައިޑަން ތަކުރާރުކޮށް ތިން ފަހަރު ވިދާޅުވީ "ނުކުރާށޭ" އެވެ. 

އެފަދަ ކަމެއް ރަޝިޔާއިން ކޮށްފި ނަމަ އަޅުއްވާނެ ފިޔަވަޅަކީ ކޮބައިތޯ ވެސް ސީބީއެސް އިން ސުވާލުކުރި އެވެ.

"ތިކަން އަހަންނަށް އެނގޭ ނަމަ ހީވޭތަ އަހަރެން ބުނާނެހެން؟ އެއްގޮތަކަށް ވެސް ނުބެނެވޭނެއެއްނު؟ [ރަޝިޔާގެ ހަމަލައާ] ގުޅިފައި ފިޔަވަޅު އޮންނާނީ،" ބައިޑަން ވިދާޅުވި އެވެ.

"ދުވަހަކު އެކަހެރި ނުވާ މިންވަރަށް އެމީހުން އެކަހެރިވެގެން ދާނެ. އެމީހުން ކުރާ ކަމެއްގެ ކުޑަބޮޑުމިނަށް ބަލާފައި އަޅާނެ ފިޔަވަޅެއް ނިންމިގެން ދާނީ."

ސީބީއެސްގެ '60 މިނެޓްސް' އަށް ބައިޑަން ދެއްވި އިންޓަވިއުގެ ތެރެއިން (ވީޑިއޯ/ ސީބީއެސް)

ޔޫކްރެއިނުގެ ހަނގުރާމަ ކުރިއަށްދަނީ ރަޝިޔާ އިން އުއްމީދު ކުރިގޮތާ ހިލާފަށެވެ. ފާއިތުވެދިޔަ މަދު ދުވަސްކޮޅުގެ ތެރޭގައި ޔޫކްރެއިނުން ވަނީ ރަޝިޔާގެ އަތްދަށުގައި އޮތް 8،000 ކިލޯމީޓަރުގެ ސަރަހައްދެއް އަނބުރާ ހިފާފަ އެވެ. 

ނަމަވެސް މި ގޮންޖެހުންތަކާ އެކު ވެސް ޔޫކްރެއިނުގެ އިރުމަތީގައި ރަޝިޔާއިން ހިންގަން ރާވާފައިވާ އޮޕަރޭޝަންތައް ނުހުއްޓޭނެ ކަމަށް ޕޫޓިން ވަނީ ވިދާޅުވެފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް