Majlis 2024

މިސް ތައިލެންޑް އަނާ ސުއިންގަމް-އިއަމް އޭނާގެ އާދަޔާ ހިލާފު ހެދުމުގައި

ފެޝަން

މިސް ތައިލެންޑްގެ ހެދުން ދުނިޔޭގެ ސަމާލުކަން ހޯދައިފި

މިސް ޔުނިވާސް ޕޭޖެންޓުގައި ބައިވެރިވި މިސް ތައިލޭންޑުގެ ހެދުން ފަރުމާކޮށްފައިވަނީ ސޯޑާ ދަޅުގެ މަތިގަނޑު ބޭނުން ކޮށްގެން
15 ޖެނުއަރީ 2023

މިދިޔަ ހަފުތާގެ ބުދަދުވަހު އެމެރިކާގެ ނިއު އޯލީންސްގެ ބޭއްވި 71 ވަނަ މިސް ޔުނިވާސް ޕޭޖެންޓުގެ ބޮޑު ހަފުލާގައި 86 ގައުމަކުން ބައިވެރިވި އެވެ. އެ ޕެޖެންޓުގެ ޕްރެލިމިނަރީ މުބާރާތުގައި މިސް ތައިލެންޑު ލައިގެން ހުރި އާދަޔާ ހިލާފު ހެދުމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން ސަމާލުކަން ލިބުނެވެ.

މިސް ތައިލެންޑް އަނާ ސުއީންގަމް-އިއަމް އެ ޕެޖެންޓުގެ ޕްރެލިމިނަރީ ބައިގައި ލައިގެން ހުރި އީވްނިން ގައުން ފަރުމާކޮށްފައިވަނީ ސޯޑާ ދަޅު މަތިގަނޑު ބޭނުންކޮށްގެނެވެ. ސުއީންގަމް-އިއަމް އޭނާގެ އިންސްޓަގްރާމް ޕޭޖުގައި ޝާއިއުކުރި އޭނާގެ ހެދުން ދައްކައިދޭ ފޮޓޯ ހިނދުކޮޅެއްގެ ތެރޭގަ މަގުބޫލުވެ، އެތައް ބައެއްގެ ތައުރީފު ލިބުނެވެ. މި ހެދުމުގެ ފަހަތުގައިވާ ޑިޒައިނަރަކީ މަނިރަޓް ބްރޭންޑުގެ އަރިފް ޖެވަންގް އެވެ. އެ ހެދުމަށް ދިން ނަމަކީ 'ހިޑަން ޕްރެޝަސް ޑައަމަންޑް ޑްރެސް' އެވެ. ހެދުން ފަރުމާކުރަން ބޭނުންކުރި ސޯޑާ ދަޅުތަކުގެ މަތިގަނޑުތަކާ އެކު ސްވަރޮވްސްކީ ކްރިސްޓަލް ބޭނުންކޮށްގެން ޖަރީކޮށްފައިވެ އެވެ. މި ހެދުން އުފެއްދުމުގެ ފަހަތުގައި ވަރަށް މުހިއްމު މެސެޖެއް އޮތެވެ. އެއީ ސުއީންގަމް-އިއަމްގެ ހަޔާތުގެ ތަޖުރިބާތަކެއް ކިޔައިދޭ ހެދުމެކެވެ.

"މި ހެދުން ފަރުމާކުރަން ހިޔާލު ހޯދާފައިވަނީ އަޅުގަނޑު އުޅެބޮޑުވި މާހައުލުން،" ސުއީންގަމް-އިއަމް ކިޔައިދިނެވެ. 

އޭނާގެ މައިންބަފައިންނަކީ ކުނި ހޯވާ އަދި މަގުމަތި ކުނިކެހުމުގެ މަސައްކަތުގައި އުޅޭ ބައެކެވެ. އުމުރުން 24 އަހަރުގެ ސުއީންގަމް-އިމަމް ބުނިގޮތުގައި އޭނާ އުޅެ ބޮޑުވީ ވަރަށް ނިކަމެތި ހާލުގަ އެވެ. އޭނާ ކުޑައިރު ކުޅެން ގެންގުޅުނީ ވެސް ބާވެގެން އެއްލާލައިފައި ހުރި ތަކެއްޗެވެ. އޭރު އެހެން ކުދިން އޭނާއަށް މަލާމާތްކޮށް ކިޔާ އުޅުނީ 'މިސް ގާބޭޖް' އެވެ.

ސޫއީންގަމް-އިއަމް ބުނީ އެމީހެއް އުފަންވި ނިކަމެތި ހާލަތަށް ތަބާވާން ނުޖެހޭ ކަމަށެވެ. އެ ހާލަތުން އަރައިގަނެވޭނެ ކަމަށް އޭނާ ބުންޏެވެ. އެމީހެއް ކުރި ހިތްވަރަކުން ކާމިޔާބު މުސްތަގުބަލެއް ލިބޭނެ ކަން އޭނާއަށް ޔަގީނެވެ.

މި ހިތްވަރުގަދަ މެސެޖަށް ގިނަ ބައެއްގެ ތައުރީފާއި ސަޕޯޓު ލިބުނެވެ. ސުއީންގަމް-އިއަމްގެ އަމާޒަކީ މިފަހަރުގެ މިސް ޔުނިވާސް ތާޖު ކާމިޔާބު ކުރުމެވެ. މިސް ތައިލެންޑުން މި ތާޖު އެންމެ ފަހުން ކާމިޔާބުކުރީ 1988 ގައި ޕޯންޓިޕް ނަކިރުންކަނޮކް އެވެ. އޭގެ 1965ގައި ވެސް މިސް ޔުނިވާސްގެ ތާޖު ތައިލެންޑްގެ އަންހެނަކު ހޯދި އެވެ. އެފަހަރު އެ ޝަރަފު އެ ގައުމަށް ގެންގޮސްދިނީ އަޕަސްރަ ހޮންގްސަކުލަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް