Majlis 2024

އާ ސައިންސް ގާނޫނަކީ ޖީލަކު އެއް ފަހަރު ކުރެވޭ ވަރުގެ އިންވެސްޓްމަންޓެއް ކަމަށް ބައިޑަން ވަނީ ވިދާޅުވެފައި (ފޮޓޯ/ ރޮއިޓާސް)

ޓެކްނޮލޮޖީ ދާއިރާއިން ޗައިނާއާ ވާދަކުރުމަށް އެމެރިކާއިން 280 ބިލިއަން ޑޮލަރު އިންވެސްޓު ކުރަނީ

ޗައިނާ އާއި ޔޫރަޕުން ވެސް ދަނީ ޓެކްނޮލޮޖީ ސިނާއަތުގައި ވާދަވެރިކަން ދެމެހެއްޓުމަށް ވަރުގަދަ އިންވެސްޓްމަންޓުތަކެއް ކުރަމުން

ޓެކްނޮލޮޖީގެ ގޮތުން ޗައިނާއަށް ވުރެ ފަހަތަށް ހިނގައިދާނެ ކަމުގެ ބިރަށް، ހައި-ޓެކް އީޖާދުތަކަށާއި ސައިންސްގެ ތަހްލީލުތައް ކުރުމަށް 280 ބިލިއަން ޑޮލަރު އިންވެސްޓުކުރާ ގާނޫނެއް އެމެރިކާގެ ރައީސް ޖޯ ބައިޑަން ތަސްދީގު ކުރައްވައިފި އެވެ.

މި އިންވެސްޓްމަންޓުތަކުގެ ތެރޭގައި ކޮމްޕިއުޓަރު ޗިޕު އުފައްދާ އެމެރިކާގެ ކުންފުނިތަކަށް ޓެކުހުން ލުއިތަކެއް ދޭ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.

ޓެކްނޮލޮޖީގެ ދާއިރާއިން އެމެރިކާ ޗައިނާއަށް ބަރޯސާވާ މިންވަރު ކުޑަކޮށް، ސަރުކާރުން އިތުރު އެހީތެރިކަން ފޯރުކޮށްދިނުމަށް، ޓެކްނޮލޮޖީ އާއި ސައިންސްގެ ދާއިރާއަށް ނިސްބަތްވާ އެމެރިކާގެ ވިޔަފާރި ގްރޫޕުތަކުން ގޮވާލަމުންދާތާ އަހަރުތަކެއް ވަނީ ވެފަ އެވެ. އަދި މިހާރު ދުނިޔެއަށް ކުރިމަތިވެފައިވާ ކޮމްޕިއުޓަރު ޗިޕުގެ ދަތިކަމާ އެކު މި ގްރޫޕުތަކުގެ އަޑުތައް ވަނީ އިތުރަށް ގަދަވެގެން ގޮސްފަ އެވެ.

އާ ގާނޫނުގެ ސަބަބުން ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމަށާއި ކުރިއަށް އޮތް ގަރުނުގައި އެމެރިކާގެ ލީޑަޝިޕާއި މުއްސަނދިކަން ކަށަވަރު ވެގެންދާނެ ކަމަށް އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ ޑިމޮކްރެޓިކް ޕާޓީގެ މެމްބަރު ޗަކް ޝޫމާ ވިދާޅުވި އެވެ.

"ހުދުމުހުތާރު ވެރިން ގެންދިޔައީ އަހަރެމެން ދަށްވުމަށް އަދި އަހަރެމެން އަމިއްލަ އަތްމަތީގައި އިށީނދެ ތިބޭނެ ކަމަށް ތަރުހީބު ދެމުން،" އޭނާ ވިދާޅުވި އެވެ. "ޗިޕްސް އާއި ސައިންސްގެ ގާނޫނު ތަސްދީގުކޮށް އަހަރެމެން ސާފުކޮށްދެނީ މި އެމެރިކާއަށް ވަރުގަދަ ގަރުނެއް އަނެއްކާވެސް އުދަރެހުން ފެންނަން އޮތްކަން އަހަރެމެން ގަބޫލު ކުރާކަން."

ކޮންގްރެސްގައި ދެ ޕާޓީގެ މެމްބަރުން ވެސް ވަނީ މި ބިލަށް ތާއީދުކޮށްފަ އެވެ.

ކާރާއި މޯބައިލް ފޯނު ފަދަ ގިނަ އުފެއްދުންތަކެއްގައި ބޭނުން ކުރާ ކޮމްޕިއުޓަރު ޗިޕުތަކުގެ މާކެޓުގައި އެމެރިކާއިން މިހާރު ހިއްސާ ކުރަމުން އަންނަނީ އެންމެ %10 އެވެ. މި އަދަދު މީގެ 30 އަހަރު ކުރިން 1990ގައި ހުރީ %40ގަ އެވެ.

ޗައިނާއާ ޓެކްނޮލޮޖީގެ ގޮތުން ވާދަވެރިކަން ދެމެހެއްޓުމަށް ބައިޑަން ތަސްދީގު ކުރެއްވި ބިލާ ގުޅޭ (ވީޑިއޯ/ އޭބީސީ ނިއުސް)

މި ގާނޫނުން އެމެރިކާގެ ނޭޝަނަލް ސައިންސް ފައުންޑޭޝަނަށް، ރޮބޮޓިކްސް އާއި ވަޔަލަސް ކޮމިއުނިކޭޝަން ފަދަ ޓެކްނޮލޮޖީތައް ކުރިއެރުވުމަށް، 200 ބިލިއަން ޑޮލަރު ހަމަޖެހިގެންދާނެ އެވެ.

ބައިޑަން ވިދާޅުވީ މިއީ "ޖީލެއްގައި އެއް ފަހަރު" އަންނާނެ ކަހަލަ އިންވެސްޓްމަންޓުތަކެއް ކަމަށާއި މިކަމުން މިހާރު ވެސް ފައިދާތައް ކުރަން ފަށާފައިވާ ކަމަށެވެ. މައިކްރޮން ކުންފުނިން 40 ބިލިއަން ޑޮލަރުގެ ޗިޕު ކާރުހާނާއެއް ބިނާކޮށް، 40،000 ވަޒީފާ އުފައްދާނެކަން އޭނާ ފާހަގަކުރެއްވި އެވެ. 

ސައިންސާއި ޓެކްނޮލޮޖީގެ ސިނާއަތަށް އިންވެސްޓު ކުރަމުން އަންނަނީ އެމެރިކާއިން އެކަންޏެއް ނޫނެވެ.

ކޮމްޕިއުޓަރު ޗިޕު އުފެއްދުން އިތުރު ކުރުމަށް 40 ބިލިއަން ޔޫރޯ އިންވެސްޓުކުރާނެކަން ޔޫރަޕިއަން ޔޫނިއަނުން ވެސް ވަނީ މި އަހަރު އިއުލާނުކޮށްފަ އެވެ. އަދި ޗައިނާއިން ވެސް ދަނީ ޓެކްނޮލޮޖީ އާއި ސައިންސްގެ ސިނާއަތަށް ވަރުގަދަ އިންވެސްޓްމަންޓުތަކެއް ކުރަމުންނެވެ.

ވޮޝިންޓަނުގައި ހުންނަ ޗައިނާގެ އެމްބަސީން އެމެރިކާގެ އާ ގާނޫނަށް ފާޑުކިޔައި ބުނެފައި ވަނީ މި ގާނޫނުން ދައްކުވައިދެނީ "ފިނި ހަނގުރާމައިގެ ވިސްނުން" ކަމަށެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް