ރައީސް ސޯލިހް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭނަށް އިއްޔެ ފުވައްމުލަކުގައި. (ފޮޓޯ/ކެމްޕެއިން ޓީމް)

ފުވައްމުލަކަށް ރައީސްގެ ވައުދުތަކެއް: ސީޓީ ސްކޭނާއި މަސްކިރޭނެ ފެސިލިޓީއެއް

ސާވޭއަށް ފަހު ބަނދަރު ބޮޑުކުރުމުގެ އަމަލީ މަސައްކަތް ފައްޓަވާނެ ކަމަށް ވެސް ރައީސް ވިދާޅުވި
22 ޖެނުއަރީ 2023

ޏ. ފުވައްމުލައް - ފުވައްމުލަކު ހޮސްޕިޓަލުން ސީޓީ ސްކޭންގެ ހިދުމަތް ލިބޭނެ ގޮތާ އެކު މި ސިޓީގެ ރައްޔިތުން އެދުނު މުހިންމު ކަންތައްތަކެއް ފުއްދަވައިދެއްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރޭ ވައުދުވެވަޑައިގެންފި އެވެ.

ވީ ކިހިނެއް؟ - ރައީސް އިއްޔެ ފުވައްމުލަކަށް ކުރެއްވި ކެމްޕޭން ދަތުރުފުޅުގެ ތެރެއިން ސަޕޯޓަރުންނާ މުހާތަބުކުރައްވައި ވާހަކަފުޅު ދައްކަވަމުން އެ މަނިކުފާނު ވަނީ ތިން ކަމަކަށް ވައުދުވެވަޑައިގެންފަ އެވެ. އެއީ:

  • ފުވައްމުލަކު ހޮސްޕިޓަލަށް އިތުރުކުރި އާ އިމާރާތުގައި ސީޓީ ސްކޭންގެ ހިދުމަތް ފެށުން

  • މި ސިޓީގެ މަސްވެރިން ބާނާ މަސް ފުވައްމުލަކުން މިފްކޯއަށް ކިރޭނެ ފެސިލިޓީއެއް ގާއިމްކުރުން

  • ސާވޭއަށް ފަހު ބަނދަރު ބޮޑުކުރުމުގެ އަމަލީ މަސައްކަތް ފެށުން

ބުނީ ކީކޭ؟ - "މިކަންކަން ކުރިއަށް ގެންދިއުމަށް އަޅުގަނޑުމެން ވެރިކަމުގައި ތިބެން ޖެހޭ. އެދާ ގޮތަށް ގޮސް މަގުމަތިވެގެން އަޅުގަނޑުމެންނަށް މިކަންކަން ނުކުރެވޭނެ،" ރައީސް ވިދާޅުވި އެވެ.

ރައީސް ސޯލިހް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭނަށް އިއްޔެ ފުވައްމުލަކުގައި. (ފޮޓޯ/ކެމްޕެއިން ޓީމް)

އެ މަނިކުފާނު ވިދާޅުވީ ފުވައްމުލަކުގެ ތަރައްގީއަށް މި ސަރުކާރުން އިސްކަން ދޭ ކަމަށެވެ. އެގޮތުން، އެ މަނިކުފާނު ވިދާޅުވީ:

  • ވެރިކަމަށް ވަޑައިގެންނެވިއިރު، ކުރީ ސަރުކާރުން މަސައްކަތް ކޮށްފައި ހުރި ގޮތުން ފުވައްމުލަކުގެ މަގުތަކުންނާއި ގޭގެއިން ނަޖިސް ބޭރުވަމުން ދިޔަ؛ އެކަން ތަކުލީފަކަށް ވެފައިވޭ

  • މި ސަރުކާރުން ބޮޑު ހަރަދުކޮށްގެން އެ މައްސަލަ ހައްލުކޮށްފައިވޭ

  • ފުވައްމުލަކުގެ މަގުތައް ހެދުމުގެ މަޝްރޫއަކީ ވެސް ރައްޔިތުން އެދެމުން އައި ހުވަފެނެއް ހަގީގަތަކަށްވުން

މިކަންކަން ކުރިއަށް ގެންދިއުމަށް އަޅުގަނޑުމެން ވެރިކަމުގައި ތިބެން ޖެހޭ. އެދާ ގޮތަށް ގޮސް މަގުމަތިވެގެން އަޅުގަނޑުމެންނަށް މިކަންކަން ނުކުރެވޭނެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

މީގެ އިތުރުން، ފުވައްމުލަކުގެ ސްކޫލްތަކުގެ ފެންވަރު މަތިކުރުމުގެ މަސައްކަތް ކުރިއަށްދާކަން ވެސް ރައީސް ފާހަގަކުރެއްވި އެވެ. ތަރައްގީގެ އެ މަަސައްކަތްތަކަކީ ރައްޔިތުންނަށް ފެންނަ ކަންކަން ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ސަރުކާރުގެ ތަރައްގީގެ މަސައްކަތްތަކުގައި މި ރަށަކީ ހާއްސަ އިސްކަމެއް އޮތް ރަށެއް،" އެ މަނިކުފާނު ވިދާޅުވި އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް