Majlis 2024

ބްރިޓިޝް އެއާވޭސްގެ އާ ޔުނިފޯމްތަކުގެ ތެރެއިން ބުރުގާ އެޅޭ ގޮތަށް ތައާރަފްކުރާ ޔުނިފޯމް ދައްކާލަނީ

ފެޝަން

ބްރިޓިޝް އެއާވޭޒްގެ އާ ޔުނިފޯމުތަކާ އެކު ބުރުގާގެ ފުރުސަތު

މުސްލިމް އަންހެނުންނަށް ހާއްސަ ޔުނިފޯމެއް ހިމެނޭ އާ ކަލެކްޝަން ފަރުމާކޮށް މި މަހު ދައްކާލީ 4 އަހަރުގެ މަސައްކަތަށް ފަހު
18 ޖެނުއަރީ 2023

ބްރިޓިޝް އެއާވޭޒްގެ ޔުނިފޯމްތައް ވިއްސަކަށް އަހަރު ފަހުން އަލުން ފަރުމާކޮށް، މި މަހުގެ ކުރީކޮޅު ވަނީ ދައްކާލައިފަ އެވެ.

އިނގިރޭސިވިލާތުގެ މަޝްހޫރު ސެވިލް ރޯ ޑިޒައިނަރު އޮޒްވާލްޑް ބޯޓެންގް މި ފަރުމާތަކާ އެކު ބްރިޓިޝް އެއާވޭޒް އިން އަލަށް ގެނައި އެއް ބަދަލަކީ ބުރުގާ އަޅާ މީހުންނަށް ފުރުސަތު ހުޅުވާލުމެވެ. އެއީ ގިނަ ބަޔެއްގެ ތައުރީފް ލިބި، މަރުހަބާކިޔަމުން އަންނަ ކަމަކަށް ވަނީ ވެފަ އެވެ.

ބޯޓެންގް އާއި އޭނާގެ ޓީމުން މި ޔުނިފޯމްތައް ފަރުމާކުރަން ފެށީ މީގެ ހަތަރު އަހަރު ކުރިންނެވެ. އަދި މިކަމަށް ގިނަ ދިރާސާތަކެއް ކުރި ކަމަށް އޭނާ ބުންޏެވެ. އެގޮތުން، ބްރިޓިޝް އެއާވޭޒްގެ 1،500 މުވައްޒަފުން ލައްވައި އެކި ވައްތަރުގެ ސާމްޕަލް ޔުނިފޯމްތައް ލައި އަޖުމަބަލަައި ހިޔާލު ހޯދި އެވެ.

އިންޖިނިއަރުން ބޭނުންކުރާ އާލާތްތައް ފަސޭހައިން ލެވޭނެ ޖީބުތަކަކާ އެކު އެމީހުންގެ ޔުނިފޯމް ފަރުމާކުރުމަށާއި ގްރައުންޑް ހޭންޑްލިން މުވައްޒަފުންނަށް ފިނި މޫސުމުގައި ފަސޭހަވާނެ ގޮތަށް ޓަޗް ސްކްރީން ޓެކް ފޮތި ބޭނުންކުރަން ދިރާސާ ކުރި އެވެ. ޑިޒައިންތައް އާއްމުކުރުމުގެ ކުރިން، މުވައްޒަފުން ޔުނިފޯމްތައް ލައިގެން އުޅެ، އެ އެއްޗެހީގެ ފަސޭހަކަމާއި ބޭނުންތެރިކަމުގެ އަޖުމަބެލި އެވެ.

މިއީ ތިމާވެއްޓަށް ރައްކާތެރި ދެމެހެއްޓެނިވި އުސޫލަކުން އުފައްދާފައިވާ ޔުނިފޯމްތަކެކެވެ. ޔުނިފޯމްތަކުގެ %90 ގައި ބޭނުންކޮށްފައިވަނީ ރީސައިކަލް ކޮށްފައިވާ ޕޮލިއެސްޓާ ފޮއްޗެވެ. އަދި ޔުނިފޯމްތައް އުފެއްދީ 'ބެޓާ ކޮޓޮން'ގެ މެމްބަރުންނެވެ.

ބްރިޓިޝް އެއާވޭޒްގެ މި ކަލެކްޝަނުގައި ފިރިހެނުންނަށް ތްރީ-ޕީސް ސޫޓެއް ހިމެނެ އެވެ. އަދި އަންހެނުންނަށް ސޫޓާ އެކު ސްކާޓް، ހެދުން އަދި ފަޓުލޫނު ވެ އެވެ. މި ކަލެކްޝަނުގައި ހިމެނޭ ޖަމްޕްސޫޓަކީ ބްރިޓިޝް އެއާވޭޒްގައި ފުރަތަމަ ފަހަރަށް ބޭނުންކުރާނެ ސްޓައިލެކެވެ. މުޅިން އަލަށް ތައާރަފު ކުރި ޓިއުނިކް އަދި ހިޖާބް ޔުނިފޯމަކީ ބްރިޓިޝް އެއާވޭޒްގައި މަސައްކަތް ކުރާ މުސްލިމް އަންހެނުންނަށް ހާއްސަކޮށްގެން ފަރުމާކޮށްފައިވާ ޑިޒައިނެކެވެ. 

އެއާލައިންގެ ލޯގޯ ކަމަށްވާ ނޫ، ރަތް އަދި ހުދު ކުލައިގެ ރާޅުބާނި ޑިޒައިން މި ޔުނިފޯމްތަކުގައި ބޭނުންކޮށްފައިވެ އެވެ. މި ކަލެކްޝަނުގައި ހިމެނޭ ޓީޝާޓު، ޖެކެޓު، ޓައި އަދި ގޮށްތަކުގައި މި ޑިޒައިން ހިމެނެ އެވެ.

ބޯޓެންގް ބުނިގޮތުގައި މި ޔުނިފޯމްތައް ފަރުމާ ކުރުމަކީ ފަސޭހަ ކަމެއް ނޫނެވެ. އެތައް ދިރާސާތަކެއް ކޮށް، އެތައް ފަހަރެއްގެ މަތީން ހެދުން ފަރުމާކޮށް، އަޖުމަބަލާ، ފޮތީގެ ފެންވަރާ މެދު ވެސް ވަރަށް ބޮޑަށް ފަރުވާތެރިވާން ޖެހުނެވެ. މައިގަނޑު މަގުސަދަކަށްވީ އެއާލައިންގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ކަމުދާ އަދި ބްރިޓިޝް އެއާވޭޒް އެންމެ ރަނގަޅަށް ރަމްޒުކޮށްދޭނެ ޔުނިފޯމެއް ފަރުމާކުރުމެވެ. އަދި ބްރިޓިޝް އެއާވޭޒްގެ ތާރީހާއި ހައިބަތު ރަމްޒުކޮށްދޭ ޒަމާނީ ޔުނިފޯމެއް ހަދަން މަސައްކަތް ކުރި އެވެ. 

މި ކަލެކްޝަނުގެ ފުރަތަމަ ހެދުންތައް ބޭނުންކުރަން ފަށާނީ މި އަހަރުގެ ބަހާރު މޫސުމުގަ އެވެ. އާ ޔުނިފޯމްތައް ލާން ފަށާއިރު، ކުރީގެ ޔުނިފޯމްތައް ހަދިޔާކޮށް، ރީސައިކަލްކޮށް، އެ ހެދުންތައް ބޭނުންކޮށްގެން އެހެން ތަކެތި އުފައްދައި އަދި ބައެއް ހެދުންތައް ބްރިޓިޝް އެއާވޭޒްގެ ދާރުލްއާސާރަށް ލާނެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް