ހަވީރު ވަގުތު މާލޭގެ ބްރިޖް ކައިރީ ދެ މީހަކު މަޑުކޮށްލައިގެން (ދައުރު ފޮޓޯ/ އަބްދުﷲ ޔަޝާއު)

ކެންސަރު ޖެހުމުން ބުނީ ކޯފާއެކޭ، ފަރުވާއެއް ނެތޭ

ކެންސަރުގެ ބަލީގެ މީހުންނަށް ކުރިމަތިވާ އާއްމު އެއް ސުވާލަކީ، ބަލި ޖެހުނީ ކިހިނެއް ވެގެންހޭ، ކުރި ކަމަކުން ނުވަތަ އުޅެވުނު ގޮތަކުން ހެއްޔޭ؟

ކެންސަ ސޮސައިޓީ އޮފް މޯލްޑިވްސްގެ ފައުންޑާ ހުސެން ރަޝީދަށް އައި ފޯނު ކޯލެކެވެ.

އުމްރާގެ އަޅުކަމަށް ގޮސް ހުރި ރަހުމަތްތެރިއަކު އޭނާއަށް ކިޔައިދިނީ، މައްކާގައި ތަގުރީރެއް ދެއްވި އިލްމުވެރިޔަކު ބުނި ވާހަކަ އެކެވެ: ކެންސަރު ފަދަ ބޮޑެތި ބަލިތަކަކީ ﷲ އެ މީހަކަށް ލައްވާ ކޯފާއެއް ކަމަށާއި އެމީހަކު ކޮށްފައިވާ ނުބައި އަމަލެއްގެ ސަޒާ ކަމަށެވެ.

އެއީ، ކެންސަ ސޮސައިޓީގެ ސަޕޯޓް ގުރޫޕަށް ވެސް ޒިޔާރަތް ކުރަމުން އައި، ކެންސަރު ބަލީގެ ރަހުމަތްތެރިޔާގެ ހިތް މަރާލި ވާހަކައަކަށްވި އެވެ. އޭނާ އެ ވާހަކަ ގަބޫލުކޮށް، އެ ކުރެވުނު ފާފައަށް ތައުބާވެ، ދެން ބޭނުންވީ ފަރުވާ ނުކޮށް ބަލީގައި ނިމިދިޔުމަށެވެ.

"އޭގެ ފަހުން އޭނާ ސަޕޯޓް ގުރޫޕަކަށް ވެސް ނާދޭ. ފަހުން އައިސް ފަރުވާއަށް ވެސް ދެކޮޅު ހަދަން ފެށީ،" ރަހުމަތްތެރިޔާގެ ހަނދާން އާ ކުރައްވަމުން، ކެންސާ ސޮސައިޓީއާ ގުޅިގެން 'ދައުރު'އިން ގެނެސްދޭ ޕޮޑްކާސްޓްގައި ވާހަކަ ދައްކަވަމުން ހުސެއިން ކިޔައިދެއްވި އެވެ.

"އެހެންވެ، މާގިނަ ދުވަހެއް ނުވެ އޭނާ ބަލީގައި ނިޔާވެއްޖެ."

ބައްޔާއި އަގީދާއާ ގުޅުވުން: ބަލި މީހާ އިތުރަށް މާޔޫސްކޮށްލާ ކަމެއް

ކެންސަރުގެ ބަލީގެ މީހުންނާ ކުރިމަތިވާ އާއްމު ސުވާލެއް އޮވެ އެވެ. ބަލި ޖެހުނީ ކިހިނެއްވެގެން ހެއްޔެވެ؟ ކުރި ކަމަކުން ނުވަތަ އުޅެވުނު ގޮތަކުން ހެއްޔެވެ؟ ބައެއް މީހުން އަގީދާއާ ވެސް އެކަން ގުޅުވަ އެވެ.

އެކަމަކު ދީނީ އިލްމުވެރިޔާ ޑރ. އިބްރާހިމް ޒަކަރިއްޔާ މޫސާ ވިދާޅުވި ގޮތުގައި، މިފަދަ ބޮޑެތި ބަލިތަކާ އެ މީހެއްގެ އަގީދާއާ ގުޅުވޭނެ ގޮތެއް ނެތެވެ. އަދި މީހަކަށް ބޮޑު ބައްޔެއް ޖެހުނީ، އެ މީހަކު އުޅުނު ވިޔާނުދާ ގޮތަކުން، ﷲ ފޮނުއްވި ކޯފާއެއްގެ ގޮތުގައި ގަބޫލުކުރުމަކީ ވެސް ނުބައި ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ޕޮޑްކާސްޓުގައި ވާހަކަ ދައްކަވަމުން ޒަކަރިއްޔާ ވިދާޅުވި ގޮތުގައި، ހަޔާތުގައި ދިމާވާ މިފަދަ ކޮންމެ ދެރަ ކަމަކީ އިމްތިހާނެކެވެ. ﷲގެ ރަސޫލުންނަށް ވެސް ކުރިމަތިވެވަޑައިގެންނެވި ދަތިއުނދަގޫތަކާއި ބަލިމަޑުކަމުގެ ވާހަކަތައް ހިއްސާކުރައްވަމުން އޭނާ ވިދާޅުވީ މީހަކު ކުރާ ގޯސްކަމަކުން ހަމަ ވަގުތުން އެ މީހަކަށް ﷲ ކޯފާ ފޮނުއްވާ ނަމަ، އެއްވެސް އިންސާނަކު ދުނިޔެމަތީގައި ނުހުންނާނެ ކަމަށެވެ. ނޫނީ އެއްވެސް މީހަކު ގޯސްކަމެއް ނުކުރާނެ ކަމަށެވެ.

"ދެން ކިހިނެއްތޯ ދަންނަވާނީ ކެންސަރަކީ އޭނާއަށް ލެއްވި ކޯފާއެއް ކަމަށް؟" ޒަކަރިއްޔާ ސުވާލު ކުރެއްވި އެވެ.

ބަލި މީހުންގެ އެކި ތަޖުރިބާތަކަށް އިޝާރާތް ކުރައްވައި އޭނާ ވިދާޅުވީ، ކެންސަރުގެ ބަލި މީހަކާ ނުކުރަންވާ އެއް ސުވާލަކީ، ބަލި ޖެހުނީ އޭނާ ކިހިނެއް އުޅެގެންތޯއޭ އެވެ. އަދި ކިތަންމެ ހެޔޮ ނިޔަތުގައި އެހި ކަމުގައި ވިޔަސް، ކެންސަރު ފަދަ ބަލިތަކުގެ މީހުންނާ ސުވާލެއް ކުރުމުގެ ކުރިން، ބުއްދީގެ ތިލަފަތުން ކިރުމަށް ފަހު ނޫނީ ނޭހުމަށް އޭނާ އެދިވަޑައިގެންނެވި އެވެ.

ކެންސަރު ބައްޔަށް، ބޭހުގެ އިތުރުން ދެން އޮތް އެންމެ ބޮޑު ފަރުވާ އަކީ އެ މީހެއްގެ ނަފްސާނީ ދުޅަހެޔޮކަމެވެ. ކެންސަރުގެ ފަރުވާގައި، ކީމޯތެރަޕީ އާއި ރޭޑިއޭޝަނާއި އޮޕަރޭޝަނާ އެކު އެންމެ މުހިއްމީ ނަފްސާނީ ގޮތުން އަންނަ ބަދަލުތައް އެމީހަކަށް ތަހައްމަލު ކުރެވުމެވެ.

މާލޭގެ މަގެއްގެ މަތީ ގިނަ ބަޔަކު ވަގުތު ހޭދަކުރަނީ (ދައުރު ފޮޓޯ/ އަބްދުﷲ ޔަޝާއު)

އެފަދަ ބައްޔަކާ ހަނގުރާމަ ކުރަމުން ދާއިރު، އިވޭ ހިތް މަރުވާ ފަދަ ބަސްތަކުން މީހާ އިތުރަށް ބަލިކޮށްލަ އެވެ.

ކުރިން ކެންސަރު ބައްޔާ ހަނގުރާމަކުރެއްވި ހުސެއިން ވިދާޅުވި ގޮތުގައި މަރާއި ބައްޔަކީ ދެ ކަމެކެވެ. އޭނާ ވިދާޅުވީ ކެންސަރު ބަލީގެ މީހުންގެ ސަޕޯޓު ގުރޫޕުގައި، އެ މީހެއްގެ ބަލި ހުރި ސްޓޭޖެއް ނުބަލާ ކަމަށާއި ކޮންމެ މީހަކު ވެސް މަސައްކަތް ކުރަނީ ވަރުގަދަ އަޒުމަކާ އެކުގައި ބަލީގެ މައްޗަށް ކުރި ހޯދޭތޯ ކަމަށެވެ. އަދި އެކަމުގައި ފަރުވާއާ އެއްވަރަށް، އެ މީހަކަށް ﷲ ޝިފާ ދެއްވާނެކަން ގަބޫލުކުރަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެ ހިތްވަރުގައި މަސައްކަތް ކުރާއިރު، ހަށިގަނޑުގެ ދިފާއީ ނިޒާމު ވަރުގަދަވެ، ޝިފާ ލިބުމަށް އެބަ މަގުފަހިވޭ،" ހުސެއިން ވިދާޅުވި އެވެ.

ޒަކަރިއްޔާ ވިދާޅުވި ގޮތުގައި ކޮންމެ ހެޔޮ ބަހަކީ ވެސް އޭގައި އަސަރަކާއި ވަރުގަދަ އަރާމެއް ވާ އެއްޗެކެވެ. އޭގެ ބަދަލުގައި އަނެއް މީހާ ހިތުގައި ޖެހޭ ފަދަ ބަސްތައް ވިހައަކަށްވެ އެވެ. ހެޔޮ ބަހެއް ނޫނީ ދުލުން ބޭރު ނުކުރަން، ރަސޫލާ އަންގަވާފައިވަނީ ވެސް އެ ސަބަބާ ގުޅިގެން ކަމަށް އޭނާ ވިދާޅުވި އެވެ.

ކެންސަރު ޖެހުނީ ކީއްވެގެންތޯ އާއި ކިހިނެއް އުޅެގެންތޯ އާއި އެއީ ﷲގެ ކޯފާއެއް ކަމަށް ބުނުމަކީ ވަރަށް ވޭންދެނިވި، ނުބައި ބަސްތަކެއްގެ ގޮތުގައި ޒަކަރިއްޔާ ސިފަކުރެއްވި އެވެ.

"ﷲގެ ތަނަވަސް ރަހުމަތްފުޅާ މެދު މީހާ މާޔޫސްވާ ގޮތަކަށް ވާހަކަ ދައްކާކަށް ނުވާނެ. އެއީ ވަރަށް ނުބައި ކަމެއް،" އޭނާ ވިދާޅުވި އެވެ.

"ﷲ އެއްވެސް ބައްޔެއް ޝިފާއެއް ނެތް ގޮތަކަށް ނުލައްވަވާނެ."

ކެންސަރު ޖެހެން މަގުފަހިވާ ސަބަބުތަކެއް އެބަހުއްޓެވެ. ދުންފަތުގެ އިސްތިއުމާލު ކުރުމާއި ދުންފަތް ލައިގެން ދުފުމެވެ. ބައެއް ކަހަލަ ކާ އެއްޗެއްސަކީ ވެސް އެ ބައްޔަށް މަގުފަހިކުރުވާ އެއްޗެކެވެ. އެފަދަ ތަކެއްޗާއި ކަންކަމުން ދުރުހެލިވުމަކީ، ބަލިން ރައްކާތެރިވުމަށް ކުރެވިދާނެ ކަންކަމެވެ. މީގެ އެއްވެސް ސަބަބެއް ނެތި ވެސް އެތައް ބަޔަކަށް ކެންސަރު ޖެހެ އެވެ.

އެކަމަކު އޭގެ ބަދަލުގައި މީހަކަށް ކެންސަރު ޖެހުނީ ވަކި ގޮތަކަށް އުޅެގެން ކަމާއި އެކަމާއި އޭނާގެ އަގީދާއާ ގުޅުވުމަކީ ރަނގަޅު ގޮތެއް ނޫން ކަމަށް ދެ ބޭފުޅުން ވެސް ވިދާޅުވި އެވެ.

ޒަކަރިއްޔާ އެދިވަޑައިގެންނެވީ، ފަރުވާ ފުރިހަމަ ކުރުމާ އެކު ﷲއަށް ދުއާ ކުރުމަށެވެ. ﷲއަށް ވަކީލުކޮށް، އިންސާނެއްގެ ހައިސިއްޔަތުން އެކަމުގައި ކުރެވުނު ކަމެއް ކުރުމަށެވެ. އަދި ބަލި މީހާއަށް އިތުރު ވޭނަކަށް ވާނެ ފަދަ ބަސްތައް ބޭރު ނުކުރުމަށެވެ.

ކޮމެންޓް (3)

ޒަކީ

7 މޭ 2022
ތިޔަ ނަސޭހަތެއް ދިން މީހަކު ބެލޭނެއްނު؟ ކޮން ގްރޫޕަކުން ކޮން އިރެއްގަ އުމްރާއަށް ދިޔަ މީހެއްތޯ ބަލާފަ، އެ "އިލްމު ވެރިއަކު" ހޯދާފަ ނަސޭހަތް ދޭން ފެނޭ. ނޫނީ އެކަން ދާނީ ކުރިޔަށް
3 0

އޮގަރޭ

16 ޖޫން 2022
@ޒަކީ ކޮންގުރޫޕެއްކަމާއި އަހަރު އެނގޭނެ، އެއަހަރު އެގުރޫޕުން ދިޔައީ އިލްޔާސް ހުސެންތޯ ނޫނި އެހެންމީހަކުތޯ ބެލުމަކީ ވަރަށް ފަސޭހަކަމެއް
0 0

ނޯނޭމް

6 މޭ 2022
ޒަމާނައްސުރެ ވެސް އެއްމެންނައް ހީވެފަ އޮންނަނީ ތިހެން.އަދި ގިނަ މީހުންނައް ހީވާ ކަހަލަ ކެންސަރ އަކީ "ޱެތް ސެންޓެންސް" އެކޭ މިއޮއް ފަދަ ކުރި އަރާފައިވާ ޒަމާނުވެސް.
5 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް