ރައީސް ސޯލިހު މިއަދު އައްޑޫ ފޭދޫ ބަނދަރު ސަރަހައްދުގައި ބޭއްވެވި ބައްދަލުވުމުގައި ސަޕޯޓަރުންނާ އެކު (ފޮޓޯ/ރައީސް ސޯލިހުގެ ކެމްޕެއިން)

އައްޑޫ ރައްޔިތުންނަށް ތަރައްގީގެ ވާހަކަ ދައްކާލެވޭ ވަރުވީ އަދި ކިރިޔާ: ރައީސް

ރާއްޖޭގެ ކޮންމެ ކުރިއެރުމެއްގެ އެންމެ އިސް ސަފުގައި ތިބީ އައްޑޫ މީހުން ކަމަށް ވެސް ރައީސް ވިދާޅުވި
13 ޖެނުއަރީ 2023

ސ. ފޭދޫ - އައްޑޫ ތަރައްގީ ނުވެ ރާއްޖެ ތަރައްގީ ނުވާނެ ކަމަށާއި އައްޑޫއަށް ހަގީގީ ތަރައްގީ ގެނެސްދެނީ އެމަނިކުފާނުގެ ސަރުކާރުން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށް ކެމްޕޭން ކުރައްވަން ރައީސް ސޯލިހު އައްޑޫއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެންމެ ފުރަތަމަ ވަޑައިގެންނެވީ ފޭދޫއަށެވެ. އެމަނިކުފާނަށް މަރުހަބާ ދަންނަވަން އެމްޑީޕީގެ އެމަނިކުފާނަށް ތާއީދުކުރާ ސަޕޯޓަރުން މި ރަށުގެ ބަނދަރު ސަރަހައްދުގައި ތިއްބެވެ.

ތަފްސީލް - ރައީސް އެ ތަނުގައި ވާހަކަދައްކަވަމުން ވިދާޅުވީ އެމަނިކުފާނު ނުކުމެވަޑައިގެން ހުންނެވީ އައްޑޫ ތަރައްގީ ކޮށްދެއްވުމަށް ކަމަށެވެ. އަދި މި ސަރުކާރުން ކުރަމުން އަންނަ ބައެއް މަސައްކަތްތައް ފާހަގަކުރައްވައި ރައީސް ވިދާޅުވީ:

  • 100 ކިލޯމީޓަރުގެ މަގު ހެދުމުގެ މަސައްކަތް ކުރިއަށް އެބަދޭ

  • ތިން ބަނދަރު ނިމިއްޖެ

  • ފެނާއި ނަރުދަމާގެ ނިޒާމު މުޅިން ނިމުމަކަށް އެބަދޭ؛ އެއީ، ކުރިއާ ހިލާފަށް، ފެން ހިންދާ ނިޒާމާއި ޕޭވްމަންޓާ އެކުގައި

  • ކަރަންޓުގެ ވިއުގަ މުޅިން ބަދަލުކުރަމުން އެބަދޭ

  • ބިން ހިއްކައި، އިތުރު ރަށްތައް އުފެއްދުމުގެ މަސައްކަތް ދަނީ ކުރަމުން؛ އެއަށް ފަހު ދެން އަންނާނީ ޓޫރިޒަމް

  • އެއާޕޯޓް ތަރައްގީގެ މަސައްކަތުގައި މިހާރު ކުރިއަށްދަނީ ފައިނަލް އިވެލުއޭޝަން؛ ރަށް ވަރަށް އަވަހަށް ކުންފުންޏަކާ ހަވާލުކުރާނެ

ބުނީ ކީކޭ؟ - "އަޅުގަނޑު އަބަދުވެސް ދަންނަވަން، ތަރައްގީގެ ވާހަކަ ދައްކަން ފައްޓަންވާނީ ގައިން ތާހިރުވެ ތިބެގެންނޭ. އަދި ކިރިޔާ، އަދި ކިރިޔާ، އައްޑޫ ސިޓީގެ ރައްޔިތުންނަށް ތަރައްގީގެ ވާހަކަ ކިރިޔާ ދައްކާލެވޭ ވަރު ވީ،" ރައީސް ސޯލިހު ވިދާޅުވި އެވެ.

ރައީސް ސޯލިހު މިއަދު އައްޑޫ ފޭދޫ ބަނދަރު ސަރަހައްދުގައި ބޭއްވެވި ބައްދަލުވުމުގައި ސަޕޯޓަރުންނާ ސަލާމްކުރައްވަނީ (ފޮޓޯ/ރައީސް ސޯލިހުގެ ކެމްޕެއިން)
ރައީސް ސޯލިހު މިއަދު އައްޑޫ ފޭދޫ ބަނދަރު ސަރަހައްދުގައި ބޭއްވެވި ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަނީ (ފޮޓޯ/ރައީސް ސޯލިހުގެ ކެމްޕެއިން)

ރައީސް ވިދާޅުވީ މީގެ ކުރީގެ ސަރުކާރުތަކުން ވެސް އައްޑޫ ތަރައްގީކުރަން މަސައްކަތްތަކެއް ކޮށްފައި އެބަހުރި ކަމަށެވެ. ނަމަވެސް، ފާޑުވިދާޅުވަމުން، މިސާލެއްގެ ގޮތުގައި ނެންގެވީ ޕްރައިމަރީގައި އެމަނިކުފާނުގެ ވާދަވެރިޔާ، ޕާޓީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި 2011 ވަނަ އަހަރު އައްޑޫގައި ބޭއްވި ސާކް ސަމިޓަށް ހިންގި މަޝްރޫއުތަކެވެ.

"މިސާލަކަށް ދަންނަވާ ނަމަ ސާކް ސަމިޓާ ގުޅިގެން މި ސިޓީގެ ތަރައްގީއަށް މަސައްކަތްތަކެއް ކުރަން ފެށި،" ރައީސް ވިދާޅުވި އެވެ.

"މަގު މެދުގައި ބޮޑު ބިޔަކޮށް ހެދިފައި ހުރި ގަސްތައް ކަނޑައި، މަގު ހަދަން ފެށި. އެހެން ނަމަވެސް، އެއީ އަޅުގަނޑު ދަންނަވާނީ ދެމެހެއްޓެނެވި ގޮތެއްގައި ކުރެވިފައި ހުރި ކަމެއް ނޫން. މި ސިޓީގެ ތަރައްގީއަށް ހަތަރު ޕްރައިވެޓް ރޫމާ އެކީގައި ހޮސްޕިޓަލެއް ސަރުކާރަކުން ހުޅުވި. މިއީ މި ސިޓީއަށް ބޭނުންވާ ވަރެއް ނޫން."

ރައީސް ސޯލިހު މިއަދު އައްޑުއަށް ވަޑައިގެން މޭޔަރު އަލީ ނިޒާރު އާއި އަރިސް ބޭފުޅުންނާ އެކު ހިންގަވާފައި ވަޑައިގަންނަވަނީ (ފޮޓޯ/ރައީސް ސޯލިހުގެ ކެމްޕެއިން)

ރައީސް ވިދާޅުވީ، އެމަނިކުފާނު ގަބޫލުކުރައްވާ ގޮތުގައި، ރާއްޖެއަށް އަންނަ ތަރައްގީގެ ހެޔޮ ބަދަލުތައް އެންމެ ފުރަތަމަ ފެންނަން ޖެހެނީ އައްޑޫއިން ކަމަށެވެ.

"ރާއްޖެއަށް އަންނަ ކޮންމެ ބަދަލެއްގެ ހެޔޮ ފާހަގަ ފުރަތަމަ ޖެހެންޖެހޭ ތަނަކީ އައްޑޫ ސިޓީ. އައްޑޫ ސިޓީ ތަރައްގީނުވެ، މި ރާއްޖެ ތަރައްގީއެއް ނުވާނެ،" ރައީސް ސޯލިހު ވިދާޅުވި އެވެ.

"އައްޑޫ ރައްޔިތުންނަކީ ސިޔާސީ ވިސްނުމާއި ތަރައްގީގެ ވިސްނުން ވަރަށް ފުޅާ ދާއިރާއެއްގައި އޮތް ބައެއް. މިއީ ތަރައްގީގެ ވިސްނުމުގެ މައި ހަބެއް."

ރައީސް ސޯލިހު މިއަދު އައްޑޫއަށް ވަޑައިގެން އާއްމުންނާ ސަލާމްކުރައްވަނީ (ފޮޓޯ/ރައީސް ސޯލިހުގެ ކެމްޕެއިން)

ރާއްޖޭގެ ކޮންމެ ކުރިއެރުމެއްގައި ވެސް އައްޑޫ މީހުންގެ ދައުރު ބޮޑުކަން ރައީސް ފާހަގަކުރެއްވި އެވެ.

"[އެއީ] ސިއްހީ ދާއިރާ ކަމުގައި ވިޔަސް، އެއީ ތައުލީމީ ދާއިރާ ކަމުގައި ވިޔަސް، ސިޔާސީ ދާއިރާ ކަމުގައި ވިޔަސް އަދި ވިޔަފާރީގެ ދާއިރާ ކަމަށް ވިޔަސް، އެންމެ ކުރީ ސަފުގައި ހަރަކާތްތެރިވަނީ މި އައްޑޫ ސިޓީގެ ރައްޔިތުން،" އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް އައްޑޫއަށް ކުރައްވާ ކެމްޕޭން ދަތުރުގެ ތެރެއިން، ފޭދޫ ސްކޫލަށް 50 އަހަރު ފުރުމުގެ މުނާސަބަތުގައި މިރޭ ބާއްވާ ޖަލްސާގައި ބައިވެރިވެވަޑައިގަންނަވާނެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް