Majlis 2024

ރައީސް ސޯލިހް (ކ) މިއަދު ކިގާލީގައި އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޖަޔަޝަންކަރާ ބައްދަލު ކުރައްވަނީ: ދެ ގައުމުގެ ގުޅުން އިތުރަށް ވަރުގަދަ ކުރުމާ ގުޅޭ ގޮތުން މަޝްވަރާކުރެއްވި (ފޮޓޯ/ ރައީސް އޮފީސް)

ރާއްޖެ-އިންޑިއާ

އިންޑިއާ އާއި ރާއްޖޭގެ ގުޅުން އިތުރަށް ބަދަހިކުރުމަށް މަޝްވާރާކޮށްފި

ރައީސް ސޯލިހު ވަނީ ކޮމަންވެލްތު ޖަލްސާގެ ހަވާސާގައި އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޖަޔަޝަންކަރާ ބައްދަލުކުރައްވާފައި

'އިންޑިއާ އައުޓް'ގެ ނަމުގައި އިދިކޮޅުން މުޒާހަރާތައް ބާއްވައި އަޑުއުފުލަމުންދާ މި ދަނޑިވަޅުގައި، އިންޑިއާ އާއި ރާއްޖެއާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކުރުމާ ބެހޭގޮތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެ ގައުމުގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުބްރަމާނިއަމް ޖަޔަޝަންކަރު މިއަދު މަޝްވަރާކުރައްވައިފި އެވެ.

ވީ ކިހިނެއް؟ - ރައީސް ސޯލިހު ޖަޔަޝަންކަރާ ބައްދަލުކުރެއްވީ ކޮމަންވެލްތު ހެޑްސް އޮފް ގަވަމެންޓް މީޓިން (ޗޯމް)ގައި ބައިވެރިވެވަޑައިގަތުމަށް ރުވާންޑާއަށް ވަޑައިގެން އުޅުއްވަމުން އެ ގައުމުގެ ވެރިރަށް ކިގާލީގަ އެވެ. ރައީސް އޮފީހުން ބުނިގޮތުގައި ކިގާލީ މެރިއޮޓް ހޮޓެލްގައި ބޭއްވި ބައްދަލުވުމަކީ ޖަޔަޝަންކަރު ރައީސް އަރިހަށް ކުރެއްވި އިހުތިރާމްގެ ޒިޔާރަތެކެވެ.

ރައީސް ސޯލިހް މިއަދު ކިގަލީގައި އިންޑިއާގެ އެކްސްޓަނަލް އެފެއާޒް މިނިސްޓަރާ ބައްދަލު ކުރައްވަނީ: ދެ ގައުމުގެ ގުޅުން ކުރިއަށް އޮތް ދުވަސްތަކުގައި އިތުރަށް ބަދަހިކުރުމަށް މަސައްކަތްކުރައްވަން ބޭނުންފުޅުވާކަން ދެ ބޭފުޅުން ހާމަކުރެއްވި (ފޮޓޯ/ ރައީސް އޮފީސް)
ރައީސް ސޯލިހް މިއަދު ކިގަލީގައި އިންޑިއާގެ އެކްސްޓަނަލް އެފެއާޒް މިނިސްޓަރާ ބައްދަލު ކުރައްވަނީ: ރާއްޖޭގެ ތަރައްގީގައި އިންޑިއާއިން ވެދެއްވާފައިވާ އެހީތެރިކަން ރައީސް މި ބައްދަލުވުމުގައި ފާހަގަ ކުރެއްވި (ފޮޓޯ/ ރައީސް އޮފީސް)

ތަފްސީލު - ދެ ގައުުމުގެ ދޭދޭ ގުޅުމާ ބެހޭގޮތުން މި ބައްދަލުވުމުގައި އެ ދެ ބޭފުޅުން ދެއްކެވި ވާހަކައަށް އިޝާރާތްކޮށް ރައީސް އޮފީހުން ބުނިގޮތުގައި:

  • ދެ ގައުމަށް ވެސް ފައިދާވާ ގޮތަށް ދެ ގައުމުން ވެސް ޝައުގުވެރިވާ ކަންކަމުގައި އިތުރަށް ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން ދެ ބޭފުޅުން މަޝްވަރާކުރެއްވި

  • ރައީސް ވަނީ ރާއްޖެ އާއި އިންޑިއާގެ ގުޅުން ބިނާވެފައި ވަނީ ތާރީހާއި ސަގާފަތާއި ދެ ގައުމުގެ ވެސް ގަބޫލުކުރުންތަކުގެ މައްޗަށް ކަމުގައި ވިދާޅުވެފައި

  •  ބޭރު ގައުމުތަކާ އެކު ރާއްޖެއިން ބާއްވާ ގުޅުން ހަރުދަނާކޮށް ވަރުގަދަކުރުމަކީ މި ސަރުކާރުން ނުހަނު ބޮޑު އިސްކަމެއް ދޭ ކަމެއް ކަމުގައި ރައީސް ވިދާޅުވި

  •  ރައީސްގެ ވާހަކަފުޅުގައި، ރާއްޖޭގެ ތަރައްގީގައި އިންޑިއާއިން ވެދީފައިވާ އެހީތެރިކަން ފާހަގަކުރެއްވި އަދި ދެ ބޭފުޅުން ވަނީ ދެ ގައުމުގެ ގުޅުން ކުރިއަށް އޮތް ދުވަސްތަކުގައި އިތުރަށް ބަދަހިކުރުމަށް މަސައްކަތްކުރައްވަން ބޭނުންވާކަން ހާމަކުރައްވާފައި

ރައީސް ސޯލިހް އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރާ ބައްދަލު ކުރެއްވި އިރު އަރިހުގައި ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު (ފޮޓޯ/ ރައީސް އޮފީސް)

އެނގުން މުހިންމު - ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ފޭބުމަށާއި އެ ގައުމާ އެކު ހަދާފައިވާ އަސްކަރީ ސިއްރު އެއްބަސްވުންތައް ހާމަކުރަން ގޮވާލައި އިދިކޮޅުން ހިންގާ ކެމްޕެއިން ހުއްޓުވުމަށް ސަރުކާރުން ދަނީ މަސައްކަތްކުރަމުންނެވެ. އޭގެ ތެރޭގައި، ރާއްޖޭގެ ހާރިޖީ މަސްލަހަތަށް ގެއްލުން ދިނުމަކީ ޖިނާއީ ކުށަކަށް ހަދަން ގާނޫނުލްއުގޫބާތަށް އިސްލާހު ގެންނަން މިދިޔަ ބުރާސްފަތި ދުވަހު އެޓާނީ ޖެނެރަލްގެ އޮފީހުން ރައީސް އޮފީހަށް ބިލެއް ފޮނުވުން ހިމެނެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް