Majlis 2024

ސަންގު ޓީވީގެ ބަހުސްގައި އިމްތިޔާޒު: ބޮޑެތި ގިނަ ދާއިރާތައް އޭނާއަށް ގެއްލުނު (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)

އިމްތިޔާޒު ބަލިވުމުގެ އަސްލު: ތަފާތު ބޮޑުކޮށް ލިބޭނެ ކަމަށް ބެލި ދާއިރާތައް ގެއްލި، ވޯޓު ފަރަގު ވެސް ކުޑަވުން

އައްޑޫން އިމްތިޔާޒު ވީ ބަލި، މާލޭގެ ގިނަ ދާއިރާތައް ލިބުނަސް ފައްޔާޒުގެ ވޯޓުގެ ފަރަގު ކުޑަ

އިއްޔެ ބޭއްވި އެމްޑީޕީގެ ވާދަވެރި އެތެރޭގެ އިންތިހާބުގައި ބަލިވި މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީގެ ޓީމު އަދިވެސް އޮތީ "ޝޮކެއް"ގަ އެވެ. ބަލި ގަބޫލުކުރެއްވިކަން އޭނާ އިއުލާންކުރެއްވީ ވެސް 18 ވަރަކަށް ގަޑިއިރު ފަހުންނެވެ.

އިންތިހާބުގެ ކުރިން އެ ޓީމުން ޖަހަމުން އައީ ބޮޑު ތަފާތަކުން އިމްތިޔާޒަށް އިންތިހާބު ކާމިޔާބުކުރެއްވޭނެކަމުގެ ހިސާބެވެ. ސަރުކާރުގެ ބާރާއި ނޫފޫޒާ ދެކޮޅަށް ނުކުމެ ވެސް، އިންތިހާބު ކާމިޔާބު ވާނެ ކަމުގެ ޔަގީންކަން ދިނެވެ. ނަމަވެސް އޭނާއާ ވާދަކުރެއްވި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ރޭ ވިދާޅުވީ އިމްތިޔާޒުގެ ޓީމުން ކިތަންމެ މައްސަލައެއް ޖެއްސިޔަސް ނަތީޖާ ބަދަލު ނުވާނެ ކަމަށާއި އެއަށް ވުރެ ފަރަގު ބޮޑު ކަމަށެވެ.

ވަގުތީ ނަތީޖާ ދައްކާ ގޮތުން %59 އިން ފައްޔާޒު ވަނީ އިންތިހާބު ކާމިޔާބުކުރައްވައިފަ އެވެ.

މިހާ ބޮޑު ބައްޔަކާ އިމްތިޔާޒަށް ކުރިމަތިލައްވަން ޖެހިވަޑައިގެންނެވި މައިގަނޑު ސަބަބަކީ ބޮޑެތި ދާއިރާތަކުން އޭނާއަށް ކުރި ހޯއްދެވޭ ގޮތް ނުވުމެވެ. ޖުމްލަ 87 ދާއިރާގެ ތެރެއިން އިމްތިޔާޒަށް ތަފާތު ބޮޑުކޮށް ކުރި ލިބިވަޑައިގަތީ 32 ދާއިރާއަކުންނެވެ. ފައްޔާޒަށް 55 ދާއިރާ އެވެ.

މާލެއިން ވެސް އިމްތިޔާޒަށް ހީކުރިވަރުގެ ނަތީޖާއެއް ނޫން

ފައްޔާޒު އިސްމާއީލާއި އިމްތިޔާޒު ފަހުމީ 'ސަންގު' ޓީވީ ބަހުސް ތެރޭގައި (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)

އިމްތިޔާޒަށް އެންމެ ބޮޑު ކާމިޔާބީއެއް ލިބިވަޑައިގަންނަވާނީ އަބަދުވެސް އެމްޑީޕީގެ ތާއީދު ބޮޑު މާލެއިން ކަމަށް ކުރިން ބެލެވުނެވެ. މާލޭގެ ގިނަ ދާއިރާތަކުން އިމްތިޔާޒު ކުރި ހޯއްދެވި ނަމަވެސް ބޮޑު ފަރަގެއް ނެތެވެ. އިންތިހާބުގައި މާލޭގެ ގިނަ މަޖިލިސް މެންބަރުން ތިއްބެވީ އިމްތިޔާޒު ފަޅީގަ އެވެ. މާލޭގެ 15 ދާއިރާއިން ފައްޔާޒު ކުރި ހޯއްދެވީ ހަތަރު ދާއިރާއަކުންނެވެ. އެއީ:

  • 1-

    މާފަންނު ދެކުނު ދާއިރާ: %57 ފައްޔާޒަށް؛ އިމްތިޔާޒަށް %43

  • 2-

    މާފަންނު ހުޅަނގު ދާއިރާ: %57 ފައްޔާޒަށް؛ އިމްތިޔާޒަށް %43

  • 3-

    ހެންވޭރު ދެކުނު ދާއިރާ: %56 ފައްޔާޒަށް؛ އިމްތިޔާޒު %44

  • 4-

    ހުޅުމާލެ ދާއިރާ: %53 ފައްޔާޒަށް؛ އިމްތިޔާޒު %44

އިމްތިޔާޒަށް ކުރި ލިބިވަޑައިގެންނެވި 11 ދާއިރާއިން ވެސް މާ ބޮޑު ފަރަގެއް ނުފެނެ އެވެ. ހަމައެކަނި ބޮޑު ފަރަގަކަށް އޮތީ އޭނާ ނިސްބަތްވާ މާފަންނު އުތުރު ދާއިރާ އާއި އޭނާގެ ފަޅީގައި އިސްކޮށް އުޅުއްވި މަޖިލީހުގެ ނައިބު ރައީސް އިވާ އަބްދުﷲގެ ގަލޮޅު އުތުރެވެ. އެ ދެ ދާއިރާ ވެސް އިމްތިޔާޒް ނެންގެވީ %75 ވޯޓުންނެވެ. އެގޮތުން:

  • މާފަންނު އުތުރުން ވޯޓުގެ ފަރަގަކީ 120

  • ގަލޮޅު އުތުރު ވޯޓުގެ ފަރަގަކީ 138

އެމްޑީޕީގެ އެތެރޭގެ އިންތިހާބުގެ ވޯޓުލުން ކުރިއަށް ދާނީ، (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)

މާލޭގެ ހުރިހާ ދާއިރާތަކުގެ ޖުމްލަ ނަތީޖާ އެއްކޮށްލުމުން އިމްތިޔާޒަށް ލިބިވަޑައިގަތީ 1،955 ވޯޓެވެ. ފައްޔާޒުގެ ޖުމްލައަކީ 1912 ވޯޓެވެ. ދެ ބެފޭޅުންގެ ވޯޓުގެ ފަރަގު އެންމެ 43 ވޯޓުގައި އޮތުމުން، މުޅި އިންތިހާބުގައި ވެސް އިމްތިޔާޒަށް ހުރަސް ކުރިމަތިވި އެވެ.

މިއީ އިމްތިޔާޒު ޓީމުން ހީކުރިވަރުގެ ފަރަގެއް ވެސް ނޫނެވެ.

މި އިންތިހާބުގައި މާލެއިން ވޯޓު ލާން ނުކުތް މީހުންގެ އަދަދު ވެސް ވަރަށް މަދެވެ. 

އައްޑު އާއި ކުޅުދުއްފުށި ވެސް ގެއްލުނު

ދެން އެހެން އާބާދީ ބޮޑެތި ދާއިރާތަކަށް ބަލާއިރު، އިމްތިޔާޒަށް ކުރި ލިބިވަޑައިގަތީ ހަމައެކަނި ފުވައްމުލަކުންނެވެ. އެ ސިޓީގެ ތިން ދާއިރާއިން ދެ ދާއިރާ ނެންގެވީ އިމްތިޔާޒެވެ. ނަމަވެސް ޖުމްލަ ވޯޓަށް ބަލާއިރު، އެ ސިޓީން ވެސް މާ ބޮޑު ފަރަގެއް ނެތެވެ. އެގޮތުން:

  • ފުވައްމުލަކު އުތުރު ދާއިރާ: %63 އިމްތިޔާޒަށް؛ ފައްޔާޒަށް %34

  • ފުވައްމުލަކު ދެކުނު ދާއިރާ: %54 އިމްތިޔާޒަށް؛ ފައްޔާޒަށް %46

  • ފުވައްމަލަކު މެދު ދާއިރާ: %40 އިމްތިޔާޒަށް؛ ފައްޔާޒަށް %60

ފުވައްމުލަކު ޖުމްލަ ވޯޓަށް ބަލާއިރު، އިމްތިޔާޒަށް 1،069 ވޯޓު އަދި ފައްޔާޒަށް 1،024 ވޯޓެވެ. ފަރަގަކީ އެންމެ 45 ވޯޓެވެ.

ކުޅުދުއްފުށިން ކޮންމެ ބޭފުޅަކަށް ވެސް ލިބިވަޑައިގަތީ އެއް ދާއިރާ އެވެ. ނަމަވެސް ދެ ދާއިރާގެ ޖުމްލަ ވޯޓަށް ބަލާއިރު ކުރި ހޯއްދެވީ ފައްޔާޒެވެ. އެގޮތުން:

  • އިމްތިޔާޒަށް: 291 ވޯޓު

  • ފައްޔާޒަށް: 349 ވޯޓު

އިއްޔެ ބޭއްވި އެމްޑީޕީގެ އެތެރޭގެ އިންތިހާބުގެ ވޯޓު ގުނުމުގެ ތެރެއިން (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)

އައްޑޫ ސިޓީއަކީ، އިމްތިޔާޒު ފަޅީގައި ހުންނެވި ޕާޓީގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދު ބޮޑު ސަރަހައްދެކެވެ. ނަމަވެސް އެ ސިޓީގެ ހަތް ދާއިރާއިން އިމްތިޔާޒަށް ލިބިވަޑައިގެންނެވީ އެންމެ ދެ ދާއިރާ އެވެ. އެއީ: 

  • ހިތަދޫ މެދު ދާއިރާ: %58 އިމްތިޔާޒަށް؛ ފައްޔާޒަށް %42

  • މަރަދޫ ދާއިރާ: %55 އިމްތިޔާޒަށް؛ ފައްޔާޒަށް %45

އައްޑޫގެ ޖުމްލަ ވޯޓުން އިމްތިޔާޒަށް 2،054 ލިބިވަޑައިގެންނެވި އިރު ފައްޔާޒު އުޅުއްވަނީ 500 ވޯޓާ ގާތްކުރާ ވަރުގެ ފަރަގަކާ އެކު 2،542 ގަ އެވެ.

ބޮޑެތި އެހެން އަތޮޅުތަކަށް ބަލާއިރު ހުވަދޫގެ އަށް ދާއިރާއިން އިމްތިޔާޒަށް ކާމިޔާބުކުރެއްވީ އެންމެ ދެ ދާއިރާ އެވެ. ލާމު އަތޮޅުގެ ހަތަރު ދާއިރާއިން އިމްތިޔާޒަށް ލެނބުނީ މާވަށު ދާއިރާ އެކަންޏެވެ.

އިންތިހާބު ނިމެން ކުޑަ ވަގުތުކޮޅަކަށް ވެފައި ވަނިކޮށް އިމްތިޔާޒުގެ ޓީމުން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިންތިހާބާ ގުޅޭ ގޮތުން ޝަކުވާ ގޯންޏެއް އޮއްސާލި އެވެ. ގިނައިން ކަރުދާސް ދޫކުރުމާއި، ދައުލަތުގެ ވަސީލަތްތައް ބޭނުން ކުުރުމާއި ފައިސާ ބެހުން ފަދަ އެތައް ތުހުމަތެއް ކުރި އެވެ.

ފައްޔާޒު ގަބޫލުކުރައްވާ ގޮތުގައި އޭނާ އިންތިހާބުން މޮޅުވީ އިމްތިޔާޒު ފަޅިއަށް މައްސަލައެއް ޖެއްސޭވަރަށް ވުރެ ބޮޑު ތަފާތަކުންނެވެ. އަދި އިމްތިޔާޒުގެ ޓީމުން ކުރާ ތުހުމަތުތައް ދޮގުކުރެއްވި އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް