ކޮމަންވެލްތުގެ ވެރިންގެ ބައްދަލުވުން ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސް ސޯލިހު ބައިވެރިވެވަޑައިގަންނަވަނީ (ފޮޓޯ/ ރައީސް އޮފީސް)

ކޮމަންވެލްތްގެ އިސް ވެރިންގެ ބަައްދަލުވުން ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސް ބައިވެރިވެވަޑައިގެންފި

ރާއްޖެ އަނެއްކާވެސް ކޮމަންވެލްތުގެ އާއިލީ މެންބަރު ގައުމެއްގެ ގޮތުގައި ހިމެނުމަކީ ހާއްސަ އުފަލެއް ލިބިވަޑައިގަންނަވާ ކަމެއް ކަމަށް ރައީސް ވިދާޅުވި

ކޮމަންވެލްތު ގައުމުތަކުގެ ވެރިންގެ ބައްދަލުވުން، ކޮމަންވެލްތު ހެޑްސް އޮފް ގަވަމެންޓް މީޓިން (ޗޯމް) ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ބައިވެރިވެވަޑައިގެންފި އެވެ. މިއީ ރާއްޖެ ކޮމަންވެލްތުން ވަކިވުމަށް ފަހު 2020ގައި އަލުން ގުޅުނު ފަހުން ބާއްވާ އެ ޖަމާއަތުގެ ވެރިންގެ ފުރަތަމަ ބައްދަލުވުމެވެ. 

ތަފްސީލު - ރުވާންޑާގެ ވެރިރަށް ކިގާލީގައި އޮތް ރަސްމިއްޔާތަށް ފަހު ރައީސް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މި ބައްދަލުވުންތަކުގައި ބައިވެރިވަޑައިގެންނެވުމުގެ ފުރުސަތު ލިބުމަކީ އެމަނިކުފާނު އުފާކުރައްވާ ކަމެއް ކަމަށެވެ. އަދި ރާއްޖެއިން އަނެއްކާވެސް ކޮމަންވެލްތުގެ އާއިލީ މެންބަރު ގައުމެއްގެ ގޮތުގައި ހިމެނުމަކީ އެމަނިކުފާނަށް ވަކިން ހާއްސަ އުފަލެއް ލިބިވަޑައިގަންނަވާ ކަމެއްގެ ގޮތުގައި ރައީސް ފާހަގަ ކުރެއްވި އެވެ.

ރައީސްގެ ޓްވީޓް

ރައީސް އޮފީހުން ބުނީ މި ބައްދަލުވުމުގައި ރައީސް ސޯލިހް ބައިވެރިވެވަޑައިގެންނެވުމަކީ ޑިމޮކްރަސީ އާއި ފާގަތިކަމާއި ސުލްހަމަސަލަސްކަން ފަދަ ބައިނަލްއަގުވާމީ މުޖުތަމައުގެ ގުޅިފައިވާ ލަނޑުދަނޑިތައް ހާސިލުކުރުމުގައި ލިބޭނެ ބާރެއް ކަމަށެވެ.

ކޮމަންވެލްތު ހެޑްސް އޮފް ގަވަމެންޓް މީޓިން

  • މި ފަހަރުގެ ބައްދަލުވުމުގެ ޝިއާރަކީ 'ޑެލިވަރިން އަ ކޮމަން ފިއުޗަ: ކަނެކްޓިންް، އިނޮވޭޓިން، ޓްރާންސްފޯމިން'

  • މި ބައްދަލުވުމުގައި، އެފްރިކާ، ކެރީބިއަން، އެމެރިކާ އަދި ޔޫރަޕް، އޭސިއާ، ޕެސިފިކްގެ 54 ގައުމެއްގެ އިސް ވެރިންނާއި މަންދޫބުން ބައިވެރިވެވަޑައިގަންވާ

  • ގައުމުތަކުގެ މެދުގައި އެއްބާރުލުން އިތުރުކުރުމާއި އާ ފުރުސަތުތައް ދެނެގަތުމާއި އަންނަން އޮތް ޖީލުތަކަށް ހުރި ގޮންޖެހުންތައް ހައްލުކުރުމާ ގުޅޭގޮތުން މަޝްވަރާތައް ކުރިއަށް ދާނެ

  • ހުޅުވުމުގެ ރަސްމިއްޔާތަށް ފަހު ބާއްވާ މަތީ ފަންތީގެ ބައްދަލުވުމުގައި ވިޔަފާރި އާއި ސިއްހަތާއި ތިމާވެށި ފަދަ މައުލޫއުތަކަށް މަންދޫބުންގެ މެދުގައި މަޝްވަރާތައް ކުރިޔަށްދާނެ

  • ހަތަރު ފޯރަމަކާއި މިނިސްޓީރިއަލް ބައްދަލުވުންތަކާއި ހަވާސާގައި ބާއްވާ އިވެންޓްތަކާއި އެހެނިހެން ހަރަކާތްތައް ވެސް ހިމެނޭ

  • އެންމެ ފަހުން މި ބައްދަލުވުން ބޭއްވީ 2018ގައި އިނގިރޭސިވިލާތުގައި؛ އޭރު ރާއްޖޭން ކޮމަންވެލްތުން ވަކިވެފައިވާތީ އެ ބައްދަލުވުމުގައި ރާއްޖޭން ބައިވެރިއެއް ނުވޭ. ކޮންމެ ދެ އަހަރަކުން ބާއްވާ މި ބައްދަލުވުން، ކޮވިޑާ ގުޅިގެން ވޭތުވެދިޔަ ދެ އަހަރު ބާއްވާފައެއް ނުވޭ

ފަސްމަންޒަރު - ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި، އޭރުގެ ސަރުކާރުން އިންސާނީ އަދި މަދަނީ ހައްގުތަކާ ގުޅޭ ކަންކަމުގައި އަމަލުކުރަމުން ދިޔަ ގޮތުގެ ސަބަބުން، ކޮމަންވެލްތު މިނިސްޓީރިއަލް އެކްޝަން ގްރޫޕް (ސީމެގް)ގެ ރަސްމީ އެޖެންޑާގައި ރާއްޖެ ހިމެނި އެވެ. އަދި އެ ކަންކަން އިސްލާހުނުކޮށްފި ނަމަ އެ ޖަމާއަތުން ރާއްޖެ ސަސްޕެންޑު ކުރާނެ ކަމުގެ އިންޒާރު ދިނެވެ.

އެ ފިޔަވަޅުން ސަލާމަތްވުމުގެ ގޮތުން އޭރުގެ ސަރުކާރުން 2016ގައި ކޮމަންވެލްތުން ވަކިވީ އެވެ. އޭގެ ހަތަރު އަހަރު ފަހުން ރާއްޖޭން އަލުން ކޮމަންވެލްތާ ގުޅުނީ މި ސަރުކާރުގައި ފެބުރުއަރީ 2020ގަ އެވެ.

ކޮމެންޓް (1)

މަރިޔަމް

25 ޖޫން 2022
މަރުހަބާ އިބުރާ
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް