ކޮމަންވެލްތު ހެޑްސް އޮފް ގަވަމެންޓް މީޓިން (ޗޯމް)ގައި ބައިވެރިވެވަޑައިގަތުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ދެކަނބަލުން މިރޭ ރުއާންޑާއަށް ފުރާވަޑައިގަންނަވަނީ. (ފޮޓޯ/ރައީސް އޮފީސް)
ކޮމަންވެލްތުގައި ހިމެނޭ ގައުމުތަކުގެ ވެރިންގެ ބައްދަލުވުން، ކޮމަންވެލްތު ހެޑްސް އޮފް ގަވަމެންޓް މީޓިން (ޗޯމް)ގައި ބައިވެރިވެވަޑައިގަތުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިރޭ ރުއާންޑާއަށް ފުރާވަޑައިގެންފި އެވެ. މިއީ، ރާއްޖެ 2020ގައި އަލުން ކޮމަންވެލްތާ ގުޅުނު ފަހުން ބާއްވާ އެ ޖަމާއަތުގެ ވެރިންގެ ފުރަތަމަ ބައްދަލުވުމެވެ.
ވީ ކިހިނެއް؟ - ރައީސް އޮފީހުން ބުނި ގޮތުގައި، މި ދަތުރުފުޅުގައި ރައީސްގެ އަރިހުގައި:
އެ މަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހުމަދު ވަޑައިގެންނެވި
ސަރުކާރުގެ މަތީ ފަންތީގެ ވަފުދެއް ބައިވެރިވޭ
ނަމަވެސް، މި ދަތުރުފުޅުގައި ރައީސް ރުއާންޑާގައި ހޭދަކުރައްވާނެ މުއްދަތާއި އެ މަނިކުފާނުގެ އަރިހުގައި ދަތުރުކުރައްވާ ސަރުކާރުގެ އޮފިޝަލުންގެ ތަފްސީލެއް ރައީސް އޮފީހަކުން އަދި ނުދެ އެވެ.
އެނގުން މުހިންމު - ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި، އޭރުގެ ސަރުކާރުން އިންސާނީ އަދި މަދަނީ ހައްގުތަކާ ކަންކަމުގައި އަމަލުކުރަމުން ދިޔަ ގޮތުގެ ސަބަބުން، ކޮމަންވެލްތު މިނިސްޓީރިއަލް އެކްޝަން ގްރޫޕް (ސީމެގް)ގެ ރަސްމީ އެޖެންޑާގައި ރާއްޖެ ހިމެނި އެވެ. އަދި އެ ކަންކަން އިސްލާހުނުކޮށްފި ނަމަ އެ ޖަމާއަތުން ރާއްޖެ ސަސްޕެންޑު ކުރާނެ ކަމުގެ އިންޒާރު ދިނެވެ.
އެ ފިޔަވަޅުން ސަލާމަތްވުމުގެ ގޮތުން އޭރުގެ ސަރުކާރުން 2016ގައި ކޮމަންވެލްތުން ވަކިވީ އެވެ. އޭގެ ހަތަރު އަހަރު ފަހުން ރާއްޖޭން އަލުން ކޮމަންވެލްތާ ގުޅުނީ މި ސަރުކާރުގައި، ފެބުރުއަރީ 2020ގަ އެވެ.
ކޮންމެ ދެ އަހަރަކުން ބާއްވާ ބައްދަލުވުމެއް
އެންމެ ފަހުން މި ބައްދަލުވުން ބޭއްވީ 2018ގައި އިނގިރޭސިވިލާތުގައި؛ އޭރު ރާއްޖޭން ކޮމަންވެލްތުން ވަކިވެފައިވާތީ އެ ބައްދަލުވުމުގައި ރާއްޖޭން ބައިވެރިއެއް ނުވޭ
މި އަހަރު މި ބައްދަލުވުން މި ބާއްވަނީ، ކޮވިޑާ ގުޅިގެން ހަތަރު އަހަރުގެ މެދުކެނޑުމަކަށް ފަހު
މި އަހަރުގެ ބައްދަލުވުން ބާއްވަނީ ރުއާންޑާގެ ވެރިރަށް ކިގަލީގައި، މިދިޔަ ހޯމަ ދުވަހުން ފެށިގެން އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށް؛ ގައުމުތަކުގެ ވެރިންގެ ސަމިޓް އޮންނާނީ ހޮނިހިރު ދުވަހު
ކޮމަންވެލްތުގައި ހިމެނޭ 54 ގައުމުގެ ވެރިން މި ސަމިޓުގައި ބައިވެރިވެވަޑައިގަންނަވާނެ ކަމަށް އެ ޖަމާއަތުން ބުނޭ
ކޮމެންޓް
(2)