Majlis 2024

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައީސް މުހައްމަދު ނަޝީދު ސަލާމް ކުރައްވަނީ. (ފޮޓޯ/ މަޖިލިސް)

ސަރުކާރުގައި ކޮރަޕްޝަނާއި އާއިލީ ވެރިކަމުގެ ސިފަތައް އެހާ ބޮޑަކަށް ނެތް: ނަޝީދު

ނަޝީދު ވިދާޅުވީ އާއިލީ ވެރިކަމަކަށް ބަދަލުވެ، ސަރުކާރުގެ އަސާސަކީ ކޮރަޕްޝަނަށް ވާ ދުވަހަކުން ސަރުކާރާ އެކު ނުހުންނަވާނެ ކަމަށް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރަކީ އެ މަނިކުފާނުގެ އާއިލީ ވެރިކަމެއް ކަމަށާއި ސަރުކާރުގައި ކޮރަޕްޝަން މޫލާފައި އޮތް ކަމަށް ބަޔަކު ދެކުނު ނަމަވެސް، އެ ގޮތަށް ގަބޫލުނުކުރައްވާ ކަމަށް، އެމްޑީޕީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - 'ދިވެހި ޗެނަލް'އިން މިއަދު ދެއްކި ޕްރޮގްރާމެއްގައި، ސަރުކާރަށް އަމާޒުކޮށް އެކި ފަރާތްތަކުން ދައްކާ ވާހަކަތަކާ ގުޅޭ ގޮތުން ނަޝީދު ދެކެވަޑައިގަންނަވާ ގޮތަކީ ކޮބައިތޯ ހުށަހެޅުންތެރިޔާ ސުވާލުކުރި އެވެ.

ހުށަހެޅުންތެރިޔާ ބުނީ މި ސަރުކާރަކީ ކޮރަޕްޝަނާއި ނެޕޮޓިޒަމް ނުވަތަ އާއިލީ ވެރިކަމުގެ ސިފަތައް އިންތިހާއަށް އޮތް ސަރުކާރެއް ކަމަށް ބައެއް މީހުން ބުނާ ކަމަށާއި އެކަމާ މެދު ނަޝީދު ދެކެވަޑައިގަންނަވާ ގޮތަކީ ކޮބައިތޯ އެވެ.

"އަޅުގަނޑު އެ ގޮތަކަށް ނުދެކެން،" ވަރަށް ކުރުކޮށް ނަޝީދު ވިދާޅުވި އެވެ.

ބުނީ ކީކޭ؟ - ނަޝީދު ވިދާޅުވީ މި ސަރުކާރުގައި ވެސް އެ މަނިކުފާނު ހިތްޕުޅާ ނުވާ ކަންކަން އެބަހުރި ކަމަށެވެ. އެގޮތުން ފާހަގަކުރެއްވި ކަންތައްތަކަކީ:

  • ރައީސްގެ އާއިލީ ބޭފުޅުން "ތަންކޮޅެއް ގިނައިން" މަގާމުތަކުގައި ތިއްބެވުން 

  • ވެންޓިލޭޓަރު ހިޔާނާތުގެ މައްސަލަ ރަނގަޅަށް ނުބެލުން 

  • އެމްއެމްޕީއާރުސީގެ ހިޔާނާތް ވެސް ރަނގަޅަށް ނުބެލުން 

"އެހެން ނަމަވެސް، މި ސަރުކާރު ބަޔާންކުރާ ގޮތް އެއީ ކޮރަޕްޝަނާއި ނެޕޮޓިޒަމް ކަމަށް އަޅުގަނޑު އަދި މުޅިއަކުން ނުދެކެން. އެއީ އެމްޑީޕީ މި ސަރުކާރުގެ ތެރޭގައި ވަރަށް ބޮޑަށް ހިމެނިފައިވާ ކަމަށް އަޅުގަނޑަށް އަދިވެސް ގަބޫލުކުރެވޭތީ،" ނަޝީދު ވިދާޅުވި އެވެ. 

އެ މަނިކުފާނު ވިދާޅުވީ، މި ސަރުކާރުގެ އަސާސީ ސިފައަކީ ކޮރަޕްޝަނާއި އާއިލީ ވެރިކަމަށް ވާން ފަށައިފި ނަމަ، އެ ދުވަހަކު އެ މަނިކުފާނު ސަރުކާރާ އެކު ނުހުންނަވާނެ ކަމަށެވެ. އަދި އެމްޑީޕީގެ އުސޫލުތައް ސަރުކާރުގައި ހިފަހައްޓައި އަށަގެންނެވުމަށް އެމްޑީޕީގެ މެމްބަރުން މަސައްކަތްކުރާ ކަމަށާއި، އެކަން ކާމިޔާބުވާނެ ކަމަށް އުންމީދުކުރައްވާ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.

އިތުރަށް ކިޔާލަން -

އިތުރު އާޓިކަލް

އިތުރު އާޓިކަލް