ސްޕޯޓްސް މިނިސްޓަރު މަހުލޫފު (މ) މިދިޔަ އަހަރުގެ ސާފް ޗެމްޕިއަންޝިޕުގެ ތެރޭ ނޫސްވެރިންނާ ވާހަކަދައްކާއިރު އެފްއޭއެމްގެ ރައީސް ބައްސާމް (ވ) ކައިރީގައި: އެފްއޭއެމް ވެސް އޮތީ މާލީ ގޮތުން ހާލުގައި. (ފޮޓޯ/ އަނޫފް ޖުނައިދު)

ވެލެންސިއާ

ވެލެންސިއާއަށް ޓިކެޓް ދިނިން، ފައިސާ ނުދެވުނީ އެކައުންޓެއް ނެތުމުން: މިނިސްޓްރީ

އޭއެފްސީ ކްލަބް ލައިސަންސް ސިސްޓަމުގައި ރަޖިސްޓްރީކޮށްފައިވާ ރާއްޖޭގެ ޕްރޮފެޝަނަލް ފުޓްބޯޅަ ކްލަބެއްގެ އެކައުންޓެއް ނެތުމަކީ ވަރަށް ބޮޑު ހައިރާންކަމެއް

އޭއެފްސީ ކަޕް މެޗެއް ކުޅެން ކްލަބް ވެލެންސިއާ އިން ބަންގްލަދޭޝްއަށް ކުރަން އޮތް ދަތުރު ފައިސާ ނެތިގެން ކަމަށް ކެންސަލްކޮށްފައިވާއިރު، އެ ފައިސާ ހަމަޖައްސައިދޭން ނިންމި ކަމަށާއި ފައިސާ ޖަމާކޮށްނުދެވުނީ ކްލަބުގެ އެކައުންޓެއް ނެތުމުން ކަމަށް ސްޕޯޓްސް މިނިސްޓްރީން ބުނެފި އެވެ.

އޭއެފްސީ ކްލަބް ލައިސަންސް ސިސްޓަމުގައި ރަޖިސްޓްރީކޮށްފައިވާ ރާއްޖޭގެ ޕްރޮފެޝަނަލް ފުޓްބޯޅަ ކްލަބެއްގެ އެކައުންޓެއް ނެތުމަކީ ވަރަށް ބޮޑު ހައިރާންކަމެކެވެ.

މުބާރާތުގެ ޕްރިލިމިނަރީ ދެ ވަނަ ބުރުގައި ބަންގްލަދޭޝްގެ އަބަހާނީ ލިމިޓެޑް ޑާކާއާ ދެކޮޅަށް ކުޅެން ވެލެންސިއާއަށް ނުދެވުނީ، އެ ކްލަބުގެ ކުޅުންތެރިއަކު 'ދައުރު' އަށް ބުނި ގޮތުގައި، ޓިކެޓް ހަމަޖެހުނު ނަމަވެސް ހުރުމާއި ކެއުމަށް ފައިސާ ނެތިގެންނެވެ.

މިނިސްޓްރީން މިއަދު ހަވީރު ނެރުނު ނޫސް ބަޔާނެއްގައި ބުނީ މާދަމާ ކުޅެން އޮތް މެޗަށް ދާން ވެލެންސިއާ އިން ޓިކެޓާއި އެކޮމަޑޭޝަން ފައިސާ ހަމަޖައްސައިދޭން ވެލެންސިއާ އިން ހުށަހެޅީ މިދިޔަ ބުދަ ދުވަހު ކަމަށެވެ. އަދި މި ފުރުސަތަކީ އޭއެފްސީ ކަޕުގެ ގްރޫޕް ސްޓޭޖަށް ދެވެން އޮތް ފުރުސަތަކަށް ވާތީ އެކަންކަން ހަމަޖައްސައިދޭން ނިންމި ކަމަށް މިނިސްޓްރީން ބުންޏެވެ.

މިނިސްޓްރީން ވެލެންސިއާގެ ދަތުރަށް ހަރަދުކުރަން ނިންމި ފައިސާގެ ތަފްސީލް

  • ޓިކެޓަށް 28،809 ޑޮލަރު (444،234 ރުފިޔާ)

  • އެކޮމަޑޭޝަނަށް 4731.36 ޑޮލަރު (72،957 ރުފިޔާ)

އެ ފައިސާ މިދިޔަ ބުރާސްފަތި ދުވަހު ޖަމާކުރަން ބެލިއިރު ކްލަބުގެ އެކައުންޓެއް ނެތް ކަމަށް މައުލޫމާތު ލިބުނު ކަމަށާއި އެހެންވެ ދެން ބެލީ އެފްއޭއެމްގެ އެކައުންޓަށް ޖަމާކުރަން ކަމަށް މިނިސްޓްރީން ބުންޏެވެ. އެކަމަކު ދެން އައީ ހަފުތާ ބަންދު ކަމުން އެކަން ނުވެ އޮއްވާ ހޮނިހިރު ދުވަހު މިނިސްޓްރީން ޓިކެޓް އިޝޫކޮށްދޭން ވެލެންސިއާ އިން އެދުމުން އެރޭ ޓިކެޓް ނަގައިދިން ކަމަށް ވެސް މިނިސްޓްރީން ބުނެ އެވެ.

މިނިސްޓްރީން ބުނީ އެކޮމަޑޭޝަން ފައިސާ ދޭން ބޭނުންވި ނަމަވެސް ދައުލަތުގެ ފައިސާގެ ނިޒާމު ހަމަޖެހިފައިވާ ގޮތުން އެކަންވާން ނެތީ ކަމަށެވެ. އެހެންވެ އާއްމު އުސޫލުގެ ދަށުން މިފަދަ ހަރަދުތަކަށް ޒިންމާވަނީ، މިނިސްޓްރީން ފަހުން ދައްކާ ގޮތަށް ކްލަބްތަކުން ކަމަށް ވެސް ބުނެފައިވެ އެވެ.

"ކްލަބްތަކަކީ ގާނޫނުން ބާރު ލިބިދޭ އަމިއްލަ މިނިވަން ޝަހުސްތަކެއް ކަމުން، އެ ކްލަބަކަށް ހަމަޖައްސަންޖެހޭ އިދާރީ ކަންކަން ހަމަޖެއްސުމަކީ، އެ ކްލަބެއްގެ ޒިންމާއެކެވެ. ކްލަބްތަކުގެ އިދާރީ އިންތިޒާމްތައް ހަމަޖެއްސުމަކީ މި މިނިސްޓްރީގެ މެންޑޭޓެއް އަދި މަސައްކަތެއް ވެސް ނޫނެވެ،" ބަޔާނުގައިވެ އެވެ.

ވެލެންސިއާގެ ފުރަތަމަ 11 ގްރޫޕް ފޮޓޯއެއްގައި: ވެލެންސިއާ އޮތީ ވަރަށް ހާލުގައި.

މިނިސްޓްރީން ބުނީ ނެގި ޓިކެޓްތަކަށް ރީފަންޑް ނުލިބޭނެތީވެ މިނިސްޓްރީން ކްލަބްތަކަށް ފައިސާ ދޫކުރާއިރު ވެލެންސިއާގެ ބައި ދޫކުރާނީ ޓިކެޓް ފައިސާ އިން އުނިކޮށްފައި ކަމަށެވެ.

"މިފަދަ ކަންކަން ތަކުރާރުވިޔަ ނުދިނުމަށް މި މިނިސްޓްރީން ފިޔަވަޅު އަޅަމުން ގެންދާނެކަމުގެ ޔަގީންކަން އަރުވަމެވެ،" ބަޔާނުގައިވެ އެވެ.

މިއީ މި މުބާރާތުގެ ތާރީހުގައި ރާއްޖޭގެ ކްލަބެއް ފައިސާ ނެތިގެން މެޗެއް ނުކުޅެވޭ ގޮތް ދިމާވި ފުރަތަމަ ފަހަރެވެ.

ވެލެންސިއާ އިން ޕްރިލިމިނަރީ ފުރަތަމަ ބުރުން މިދިޔަ ހަފުތާގައި މާލޭގައި ބޫޓާނުގެ ޕަރޯ އެފްސީ އަތުން 2-1 އިން މޮޅުވެ ދެ ވަނަ ބުރުން ފުރުސަތު ހޯދުމުގެ ކުރިން ވެސް މާލީ މައްސަލަތައް އޮތީ ދިމާވެފަ އެވެ. އެގޮތުން ޓީމުގެ ގޯލްކީޕަރު މުހައްމަދު ފައިސަލް ވެސް ވަނީ މުސާރަ ނުދޭތީ ޓީމާ ދުރަށް ގޮސްފަ އެވެ. އަދި ބިދޭސީ ކުޅުންތެރިން ވެސް ވަނީ ނުކުޅެން ނިންމައިފަ އެވެ. އެހެންވެ އޭރު ވެސް އޮތީ ފުރަތަމަ ބުރުން މޮޅުވިޔަސް ދެ ވަނަ ބުރު ކުޅެން ދެވޭނެކަމާ މެދު ސުވާލު އުފެދިފަ އެވެ.

ވެލެންސިއާ މެޗަށް ހާޒިރުނުވުމުން އަބަހާނީ އޮޓޮމެޓިކުން ޕްލޭއޮފް ބުރަށް ހޮވޭނެ އެވެ. އަދި ޕްރިލިމިނަރީ ދެ ވަނަ ބުރުގައި އިންޑިއާގެ އޭޓީކޭ މޯހަން ބަގާން އާއި ސްރީ ލަންކާގެ ބްލޫ ސްޓާ ކުޅެ މޮޅުވާ ޓީމަކާ އެކު ޕްލޭއޮފް ކުޅޭނެ އެވެ. ގްރޫޕް ސްޓޭޖުގެ ދެކުނު އޭޝިއާ ޒޯނަށް ދާނީ އެ މެޗުން މޮޅުވާ ޓީމެކެވެ. ގްރޫޕް ސްޓޭޖުން މިހާރު ޖާގަ ހޯދާފައިވަނީ އިންޑިއާގެ އައި ލީގުގެ ޗެމްޕިއަން ގޯކަމް ކެރެލާ އާއި ރާއްޖޭގެ ޗެމްޕިއަން މާޒިޔާ އަދި ބަންގްލަދޭޝްގެ ޗެމްޕިއަން ބަޝުންދުރާ ކިންގްސް އެވެ.

ވެލެންސިއާ މި މެޗަށް މެޗަށް ހާޒިރުނުވުމުން އޭއެފްސީން އަދަބު ދޭނެ އެވެ. އެގޮތުން ޖޫރިމަނާއެއްކޮށް ފަހަރުގައި މުބާރާތުން ވަކި މުއްދަތަކަށް ސަސްޕެންޑް ވެސް ކޮށްފާނެ އެވެ.

ރާއްޖޭގެ ކްލަބްތައް އޭޝިއަން ކްލަބް ޗެމްޕިއަންޝިޕާއި އޭޝިއަން ކަޕްވިނާސް ކަޕް އަދި އޭޝިއަން ޗެމްޕިއަންސް ލީގުގައި ވާދަކުރި ޒަމާނުގައި ފައިސާ ނެތިގެން ބައެއް ފަހަރު ދަތުރުކުރަން ދަތިތައް ދިމާވި އެވެ. އެހެންވެ ސްޕޯޓްސް މިނިސްޓްރީން އަންނަނީ އަބަދުވެސް ޓިކެޓް ދެމުންނެވެ. އެކަމަކު 2004 ވަނަ އަހަރު އޭއެފްސީ ކަޕް ތައާރަފުކޮށް އެ މުބާރާތުން ކްލަބްތަކަށް އާމްދަނީ ލިބޭނެ ގޮތް އޭއެފްސީން ފަހިކުރި ފަހުން އެއްވެސް ކްލަބަކަށް މިފަދަ ދައްޗެއް ދިމަލެއް ނުވެ އެވެ.

ވެލެންސިއާއަކީ ރާއްޖޭގެ ނިސްބަތުން ކުރިން މުއްސަނދި އަދި ފުރަތަމަ ޑިވިޝަނުގެ އެންމެ މަތީ ފަންތީގައި ގިނަ އަހަރުތަކެއް ހޭދަކުރި ކްލަބެކެވެ. އެކަމަކު 2007 އިން ފެށިގެން މެނޭޖްމަންޓް ބަދަލުވެ އެގޮތް މިގޮތްވެ ކްލަބް މައްސަލަތަކެއްގެ ތެރެއަށް ދިޔައީ އެވެ. މީގެ ދެ އަހަރެއް ކުރިން ހާލަތު ރަނގަޅުވި ނަމަވެސް ހިފެހެއްޓޭ ގޮތް ނުވެ އަނެއްކާ ވެސް މިވަނީ އަޑިއަޅާލައިފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް