Majlis 2024

މާލޭގެ ލޯކަލް މާރުކޭޓް ސަރަހައްދުގައި މީހަކު ފޮށިގަނޑުތަކެއް އަރުވަނީ: ފުރަތަމަ ކުއާޓާގައި ވިޔަފާރިތައް ވަނީ ރަނގަޅުވެފައި (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)

އިގްތިސާދު

ވިޔަފާރިތަކަށް ތިޔާގި ފެށުމަކާ އެކު ވަޒީފާތައް އިތުރުވެއްޖެ

ކޮވިޑަށް ފަހު އިމާރާތް ކުރުމުގެ ސިނާއަތަށް ފުރަތަމަ ފަހަރަށް ވަނީ ކުރިއެރުން ލިބިފައި

މިއަހަރުގެ ފުރަތަމަ ތިން މަސް ދުވަސް، ނުވަތަ ފުރަތަމަ ކުއާޓާގެ ތެރޭގައި ރާއްޖޭގެ މައި ސިނާއަތްތަކުގެ ވިޔަފާރި ރަނގަޅުވެ އާ ވަޒީފާތައް އުފެދިފައިވާ ކަމަށް މަރުކަޒީ ބޭންކް އެމްއެމްއޭއިން އެކުލަވާލި ކުއާޓްލީ ބިޒްނަސް ސާވޭ ރިޕޯޓްގައި ބުނެފި އެވެ.

ވީ ކިހިނެއް؟ - ރާއްޖޭގެ އެންމެ ބޮޑެތި ވިޔަފާރިތައް ހިމެނޭ ގޮތުން ޖުމްލަ 134 ވިޔަފާރިއަކުން ބައިވެރިވި އެ ސާވޭގެ ރިޕޯޓްގައިވާ ގޮތުގައި ޖެނުއަރީ އިން މާޗަށް ޓޫރިޒަމާއި އިމާރާތްކުރުމާއި ހޯލް ސޭލް، ރިޓެއިލް ވިޔަފާރި އާއި ދަތުރުފަތުރު އަދި މުވާސަލާތީ ހިދުމަތްތައް ދިނުމުގެ ދާއިރާގެ ވިޔަފާރިތަކަށް ވަނީ ކުރިއެރުން ލިބިފަ އެވެ. އެގޮތުން އެ ރިޕޯޓްގައި ފާހަގަކޮށްފައިވާ ގޮތުގައި:

  • ސާވޭގައި ބައިވެރިވި ޓޫރިޒަމް ދާއިރާގެ %94 ވިޔަފާރިން ބުނެފައިވަނީ އެ މީހުންގެ ބުކިންސްތައް ރަނގަޅުވެފައިވާ ކަމަށް. އަދި ބައިވެރިވި ހުރިހާ ވިޔަފާރިތަކުން ބުނެފައި ވަނީ އާމްދަނީ ރަނގަޅުވެފައިވާ ކަމަށް

  • އިމާރާތް ކުރުމުގެ ދާއިރާގެ ވިޔަފާރިތަކުގެ ތެރެއިން %51 ވިޔަފާރިތަކުން ބުނެފައި ވަނީ އެ މީހުންނަށް ލިބުނު ކޮންޓްރެކްޓްތައް އިތުރުވެފައިވާ ކަމަށް. މިއީ ކޮވިޑަށް ފަހު އެ ސިނާއަތުގެ ވިޔަފާރިތައް ރަނގަޅުވާކަން ދެއްކި ފުރަތަމަ ފަހަރު

  • ހޯލް ސޭލާއި ރިޓެއިލް ދާއިރާގެ %83 ވިޔަފާރިތަކުން ބުނެފައި ވަނީ އެ މީހުންގެ ސޭލްސް އިތުރުވެފައިވާކަމަށް

  • ދަތުރުފަތުރާއި މުވާސަލާތީ ހިދުމަތް ދޭ %93 ވިޔަފާރިތަކުން ބުނެފައި ވަނީ އެ މީހުންގެ އާމްދަނީ ރަނގަޅުވެފައިވާ ކަމަށް

އެސްޓީއޯއިން ސުޕަމާކެޓް، އެސްޓީއޯ ޕީޕަލްސް ޗޮއިސް އިން ބަޔަކު ވިޔަފާރި ކުރަނީ (ދައުރު ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް)

ހުރިހާ ސިނާއަތަކުން ވެސް ވަޒީފާ އިތުރުވި

ސާވޭ ރިޕޯޓުން ދައްކާ ގޮތުގައި އެ ސާވޭއަށް މައުލޫމާތު ދިން ޓޫރިޒަމް ދާއިރާގެ %73 ވިޔަފާރިން ބުނެފައި ވަނީ އެ މީހުންގެ މުވައްޒަފުން އިތުރުވެފައިވާ ކަމަށެވެ. އަދި ބާކީ %27 ވިޔަފާރިތަކުން ބުނެފައި ވަނީ މުވައްޒަފުންގެ އަދަދަށް ބަދަލެއް ނާންނަ ކަމަށެވެ. އިމާރާތް ކުރުމުގެ ދާއިރާއިން ސާވޭގައި ބައިވެރިވި %47 ވިޔަފާރިތަކުން ބުނެފައި ވަނީ އެ މީހުންގެ މުވައްޒަފުންގެ އަދަދު އިތުރުވެފައިވާ ކަމަށެވެ. އަދި %38 ވިޔަފާރިތަކުގައި ތިބި މުވައްޒަފުންގެ އަދަދަށް ބަދަލެއް އައިސްފައެއް ނުވެ އެވެ. 

މާރުކޭޓް ގޮޅިއެއްގައި ވިޔަފާރިވެރިޔަކު އިށީންދެލައިގެން: ވިޔަފާރިތައް ރަނގަޅުވެ އޭގެ ހެޔޮ އަސަރު ވަނީ ކޮށްފައި (ދައުރު ފޮޓޯ)

ހޯލް ސޭލް އާއި ރިޓެއިލް ދާއިރާ އާއި ދަތުރުފަތުރާއި މުވާސަލާތީ ދާއިރާއިން ވެސް މުވައްޒަފުންގެ އަދަދު ވަނީ އިތުރުވެފަ އެވެ. އެގޮތުން މުވާސަލާތީ ދާއިރާ އާއި ދަތުރުފަތުރުގެ ދާއިރާގެ %71 ކުންފުނީގެ މުވައްޒަފުންގެ އަދަދު ވަނީ އިތުރުވެފަ އެވެ. އަދި އެ ދާއިރާގެ %55 ވިޔަފާރިވެރިން ބުނި މުވައްޒަފުންގެ އަދަދު އިތުރު ނުވެ އެއްވަރެއްގައި ހިފެހެއްޓިފައިވާ ކަމަށެވެ.

ހޯލް ސޭލާއި ރިޓެއިލް ދާއިރާގެ ވިޔަފާރިތަކުގެ ތެރެއިން ސާވޭއަށް މައުލޫމާތު ދިން %66 ވިޔަފާރިތަކުން ބުނެފައި ވަނީ އެ މީހުންގެ މުވައްޒަފުންގެ އަދަދު އިތުރުވެފައިވާ ކަމަށެވެ.

ޓޫރިޒަމްގެ ވިޔަފާރިތައް ދަށްވާނެ ކުއާޓާއެއް

ސާވޭގައި ބައިވެރިވި ޓޫރިޒަމް ދާއިރާގެ ވިޔަފާރިތަކުން ލަފާކުރަނީ މިހާރު ހިނގަމުން މިދާ މިއަހަރުގެ ދެވަނަ ކުއާޓާގައި އެ މީހުންގެ ވިޔަފާރީގެ ހާލަތު ދަށްވާނެ ކަމަށެވެ. އެގޮތުން ޓޫރިޒަމްގެ %51 ވިޔަފާރިތަކުން ބުނަނީ ވިޔަފާރީގެ ހާލަތު ދަށްވާނެ ކަމަށެވެ. އެހެންވުމުގެ ސަބަބުން ދަތުރުފަތުރާއި މުވާސަލާތީ ހިދުމަތްދޭ ވިޔަފާރިތަކުން ވެސް ލަފާކުރަނީ މި ކުއާޓާގައި އެ ކުންފުނިތަކުގެ ވިޔަފާރި ރަނގަޅުނުވެ ދަށަށް ދާނެ ކަމަށެވެ. އެގޮތުން އެ ދާއިރާގެ %43 ވިޔަފާރިތަކުން ބުނެފައި ވަނީ އެ މީހުންގެ ވިޔަފާރި ދަށްވާނެ ކަމަށެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި ރާއްޖެ އައި ޓޫރިސްޓުންތަކެއް: މި ކުއާޓާގައި ޓޫރިޒަމް ވިޔަފާރިތައް ދަށްވާނެ ކަމަށް ވަނީ ލަފާކުރެވިފައި (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

އެހެން ނަމަވެސް އިމާރާތް ކުރުމުގެ ދާއިރާގެ %68 ވިޔަފާރިތަކުން ބުނެފައި ވަނީ އެ މީހުންގެ ވިޔަފާރި ރަނގަޅުވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި ހޯލްސެލާއި ރިޓެއިލް ދާއިރާގެ %84 ވިޔަފާރިތަކުން ވެސް ބުނީ އެ މީހުންގެ ވިޔަފާރި މި ކުއާޓާގައި ރަނގަޅުވާނެ ކަމަށެވެ. 

އިތުރު އާޓިކަލް

އިތުރު އާޓިކަލް