ޝްރައްދާ ވަލްކާރުގެ މަރާ ގުޅިގެން އިންޑިއާގައި މުޒާހަރާކުރަނީ. (ފޮޓޯ/ ގެޓީ އިމޭޖެސް)

އިންޑިއާ

އިންޑިއާގައި އަނެއްކާވެސް ރަހުމު ކުޑަ މަރެއް

ފިރިހެނަކު އޭނާއާ އެކު ދިރިއުޅެމުން އައި އަންހެނަކު މަރާލުމަށް ފަހު ހަށިގަނޑުގެ ބައިބައި ވަކިކޮށް ފްރިޖަށް ލާފައި ހުރި ކަމަށް ތުހުމަތުކުރެވޭ
25 ނޮވެމްބަރު 2022

ފާއިތުވެދިޔަ ދުވަސްތަކުގައި އިންޑިއާގައި އެންމެ ގަދައަށް ދެކެވެމުން އަންނަ ވާހަކަ އަކީ އަނެއްކާވެސް އަންހެނަކު ރަހުމުކުޑަ ގޮތަކަށް މަރާލައި އޭނާގެ ހަށިގަނޑުގެ ބައިބައި ފްރިޖަކަށް ލާފައި ހުއްޓާ ފެނުނު ވާހަކަ އެވެ.

މި މައްސަލައާ ގުޅިގެން، ވެރިރަށް ދިއްލީގެ ފުލުހުން ވަނީ އަފްތާބް ޕޫންވާލާ ކިޔާ ޒުވާން ފިރިހެނަކު ހައްޔަރުކޮށްފަ އެވެ. ޕޫންވާލާއަށް ކުރަނީ އޭނާއާ އެކު ތިން އަހަރު ވަންދެން އެކީގައި ދިރިއުޅެމުން ދިޔަ ބައިވެރިޔާ މަރާލިކަމުގެ ތުހުމަތެވެ.

އޭނާގެ ބައިވެރިޔާ ޝްރައްދާ ވަލްކާރު މިދިޔަ މޭ މަހު މަރާލައި އެ އަންހެން މީހާގެ ހަށިގަނޑު ބައިބަޔަށް ކޮށާލައި ފްރިޖަށް ރައްކާކުރަން ލުމަށް ފަހު، އެކި ދުވަސް މަތިން ހަށިގަނޑުގެ އެކި ބައިބައި ދިއްލީގެ އެކި ސަރަހައްދުތަކަށް އުކާލަމުން ގޮސްފައިވާކަމުގެ ތުހުމަތު ޕޫންވާލާއަށް ކުރެވެ އެވެ.

ޕޫންވާލާ މިވަގުތު ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ނަމަވެސް އޭނާ އަދި އާންމުކޮށް ބަޔާނެއް ދީފައެއް ނުވެ އެވެ. އަދި "ތިމަންނައާ ދެކޮޅަށް ދައްކަމުން ދާ ވާހަކަތަކަކީ ރަނގަޅު ވާހަކަތަކެއް ނޫން" ކަމަށާއި، އޭނާ ދަނީ ފުލުހުންގެ ތަހްގީގަށް ބަރާބަރަށް އެއްބާރުލުން ދެމުން ކަމަށް އޭނާ ވަނީ އަންގާރަ ދުވަހު ކޯޓުގައި ބުނެފަ އެވެ.

ޝްރަައްދާ ވަލްކާރު މަރާލާފައިވާކަން ހާމަވެގެން ގޮސްފައި ވަނީ މިދިޔަ ހަފްތާގައި ވަލްކާރުގެ ބައްޕަ އޭނާ ގެއްލިފައިވާ ކަމަށް ރިޕޯޓު ކުރުމާ ގުޅިގެންނެވެ. އެއަށް ފަހު، ޕޫންވާލާ ހިންގާފައިވާ ކަމަށް ތުހުމަތުކުރެވޭ މި މުޑުދާރު އަމަލުގެ ތަފްސީލުތައް އަންނަނީ އިންޑިއާގެ ނޫސްތަކުގެ ސުރުހީތަކުން ޖާގަ ހޯދަމުންނެވެ. މި މަރު އިންޑިއާގެ މީޑިއާގައި މަޝްހޫރު ވެގެން ގޮސްފައި ވަނީ "ފްރިޖު ގަތުލު"ގެ ނަމުންނެވެ. 

މި މަރާ ގުޅިގެން އާންމުން ވަރަށް ބޮޑަށް ނުރުހުން ފާޅުކޮށް، މުޒާހަރާކޮށް، ޕޫންވާލާއަށް އެންމެ ހަރުކަށި އަދަބު ދިނުމަށް އަންނަނީ ގޮވާލަމުންނެވެ. އަދި މީޑީއާތަކުން މި މައްސަލައަށް ދެމުން އަންނަ ސަމާލުކަމާ ގުޅިގެން ވަކީލުންނާއި އެކްޓިވިސްޓުންނާއި ކުރީގެ ފުލުސް އޮފިސަރުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. 

މިއީ "އިންތިހާއަށް ޒިންމާދާރުކަން ކުޑަ" ކަމެއް ކަމަށް އުއްތަރް ޕްރަދޭޝްގެ ފުލުހުންގެ ކުރީގެ ޑިރެކްޓަރު ޖެނެރަލް ވިކްރަމް ސިންގްހް ވަނީ ވިދާޅުވެފަ އެވެ. އޭނާ ވިދާޅުވި ގޮތުގައި، މި ތަހްގީގުގެ ތަފްސީލުތައް މިނެޓުން މިނެޓަށް މީޑިއާ އިން ހާމަކުރަމުން ދިޔުމަކީ ތަހްގީގަށް ހުރަސް އެޅި، މަރުވެފައިވާ މީހާއަށް ދޭން ޖެހޭ އިހްތިރާމު ކުޑަވެގެންދާނެ ކަމެކެވެ. 

މީޑިއާ އިން މި މައްސަލައާ ގުޅިގެން ހާމަކުރަމުން އަންނަ މައުލޫމާތުތަކުގައި ހަގީގަތާ ހިލާފު ކަންތައްތައް ހުރި ކަމަށް ބައެއް ފަރާތްތަކުން އަންނަނީ ބުނަމުންނެވެ. 

ޕޫންވާލާ އާއި ވަލްކާރުގެ ގުޅުން އެނގޭ ރަހުމަތްތެރިން ބުނާ ގޮތުގައި، އެ ދެ މީހުން ގިނަގިނައިން ޒުވާބުކޮށް ހަދަ އެވެ. އަދި ޕޫންވާލާ ވަލްކާރުއަށް އަނިޔާ ކުރާ ކަމަށް ވެސް އެ ފަރާތްތަކުން ތުހުމަތުކުރެ އެވެ. 

އޭއެންއައި ނޫހާ ވާހަކަދެއްކެވި ފުލުހުންގެ އިސް އޮފިޝަލެއް ކަމަށްވާ އަންކިތު ޗައުހަން ވިދާޅުވި ގޮތުގައި، އެ ދެ މީހުން ކައިވެނި ކުރުމަށް ވަލްކާރު ދިޔައީ ޕޫންވާލާއަށް މި އަހަރުގެ ކުރީކޮޅު ޕްރެޝަރު ކުރަމުންނެވެ. އަދި މޭ 18 ވަނަ ދުވަހު ރުޅިގަނޑު ފަޅައިގެން ގޮސް، ޕޫންވާލާ ވަނީ ވަލްކާރު ހާސްކޮށްލައިގެން މަރާލާފައިވާ ކަމަށް ވެސް އަންކިތު ވިދާޅުވި އެވެ. 

ވަލްކާރުގެ ހަބަރެއް ނުވެގެން އޭނާގެ ރަހުމަތްތެރިން އޭނާގެ ބައްޕައަށް އެންގެމުން އޭނާގެ ބައްޕަ ވަނީ އެކަން ފުލުހުންނަށް އަންގާފަ އެވެ. 

ވަލްކާރު މީގެ ދެ އަހަރު ކުރިން އަތުން ލިޔެފައިވާ ލިޔުމެއް ފުލުހުން ވަނީ މިދިޔަ ބުދަ ދުވަހު ހާމަކޮށްފަ އެވެ. ވަލްކާރު 2020 ވަނަ އަހަރު ލިޔެ، މުމްބާއީގެ ފުލުހުންނަށް ހުށައަޅާފައިވާ މި ލިޔުމުގައި "މަރާލާނެ ކަމަށާއި، ބައިބަޔަށް ކޮށާލާނެ ކަމަށް" ޕޫންވާލާ އިންޒާރު ދިން ކަމަށް ވަނީ ލިޔެފަ އެވެ.

ޕޫންވާލާ ފުލުހުންގެ ބަންދުގައި. (ފޮޓޯ/އޭއެންއައި)

މިދިޔަ އަންގާރަ ދުވަހު ޕޫންވާލާ ވަނީ ކޯޓަށް ހާޒިރުކޮށް، އޭނާ ކޮށްފައިވާ ކުށް އޭނާއަށް އަމިއްލައަށް ފަހުމު ވޭތޯ ސުވާލުކޮށްފަ އެވެ. ޖަވާބުގައި އޭނާ ވަނީ މިއީ ގަސްދުގައި ކޮށްފައިވާ ކަމެއް ނޫން ކަމަށާއި، އެއީ ހިނދުކޮޅުގެ ހޫނުކަމުގައި ވީ ކަމެއް ކަމަށް ބުނެފަ އެވެ. 

އިތުރު އާޓިކަލް

އިތުރު އާޓިކަލް