Majlis 2024

ޖަރުމަނުގެ ކުރީގެ ޗާންސެލަރު އެންގެލާ މާކަލް އާއި ރަޝިޔާގެ ރައީސް ވްލަޑިމިއާ ޕޫޓިން (ފޮޓޯ/ގެޓީ އިމޭޖެސް)

ޕޫޓިން އަށް ނުފޫޒުފޯރުވުމުގެ ބާރެއް މިދިޔަ އަހަރު ނެތް ކަމަށް މާކަލް ވިދާޅުވެއްޖެ

ޔޫކްރެއިނު ހަނގުރާމަ ފެށުން ހުއްޓުވުމަށް ޔޫރަޕުގެ ލީޑަރުން ކުރައްވަން ޖެހޭ ވަރަށް މަސައްކަތް ކުރައްވާފައި ނުވާ ކަމަށް ބައެއް ފަރާތްތަކުން ދެކޭ
26 ނޮވެމްބަރު 2022

ޔޫކްރެއިނު ހަނގުރާމަ ފެށުމުގެ ކުރިން ރަޝިޔާގެ ރައީސް ވްލަޑިމިއާ ޕޫޓިންއަށް ނުފޫޒު ފޯރުވުމުގެ ބާރެއް ނެތް ކަމަށް ވިދާޅުވެ ޖަރުމަނުގެ ކުރީގެ ޗާންސެލަރު އެންގެލާ މާކަލް އޭނާ ރަޝިޔާއާ މެދު ގެންގުޅުއްވި ސިޔާސަތުތައް ދިފާއު ކުރައްވައިފި އެވެ.  

ފަރަންސޭސިވިލާތުގެ ރައީސް އެމެނުއެލް މެކޯން އާއި ޕޫޓިންއާ އެކު ޔޫރަޕާ ބެހޭ މަޝްވަރާތައް 2021 ވަނަ އަހަރުގެ މެދުތެރޭ ބޭއްވުމަށް މަސައްކަތް ކުރެއްވި ކަމަށް މާކަލް ވަނީ ވިދާޅުވެފަ އެވެ.  

"އެކަމަކު އަހަރެން ބޭނުންވާ ގޮތަށް ކަންކަން އިންތިޒާމު ކުރުމަށް އަހަންނަކަށް ބާރެއް ނެތް،" ސްޕީގެލް ނޫހަށް ދެއްވި އިންޓަވިއުއެއްގައި މާކަލް ވިދާޅުވި އެވެ. "އެންމެނަށް އެނގޭ، އަހަރުގެ ފަހުކޮޅު އަހަރެން ނުހުންނާނެކަން."

ޖެހިޖެހިގެން ހަތަރު ދައުރަކަށް ޖަރުމަނުވިލާތުގެ ޗާންސެލަރުކަން ކުރެއްވުމަށް ފަހު މާކަލް އެ މަގާމުން ފައިބާވަޑައިގެންފައި ވަނީ މިދިޔަ ޑިސެމްބަރު މަހު އެވެ. އަދި މަގާމުން ފައިބައިވަޑައިގެންނެވުމުގެ ކުރިން މާކަލް އެންމެ ފަހުން ރަޝިޔާއަށް ދަތުރުފުޅެއް ކުރައްވާފައި ވަނީ މިދިޔަ އަހަރުގެ އޯގަސްޓު މަހު އެވެ. 

"އިހްސާސްތައް ވަރަށް ސާފު. ސިޔާސީ ބާރުގެ ގޮތުން ބަލަނީ ނަމަ، އަހަރެން މިވަނީ ނިމިފައި،" އެ ދަތުރުފުޅަށް ފަހު ޖަރުމަނުގެ ނޫހަކަށްމާކަލް ވިދާޅުވެފައިވެ އެވެ. 

އޯގަސްޓު މަހު ޕޫޓިންއާ އެކު ބޭއްވެވި ބައްދަލުވުމުގައި ރަޝިޔާގެ ހާރިޖީ ވަޒީރު ސަަރްގޭ ލަވްރޯވް ވެސް ބައިވެރިވެވަޑައިގެންނެވިކަމާއި އޭގެ ކުރިން ޕޫޓިންއާ އެކު އަބަދުވެސް ބައްދަލު ކުރެއްވީ އިތުރު އޮފިޝަލެއް ނެތިކަން މާކަލް ފާހަގަ ކުރެއްވި އެވެ. 

ޔޫކްްރެއިނު ހަނގުރާމަ ފެށުން ހުއްޓުވުމަށް މާކަލް ފަދަ ޔޫރަޕުގެ ލީޑަރުން ކުރައްވަން ޖެހިވަޑައިގެންނަވާ ވަރަށް މަސައްކަތް ކުރައްވާފައި ނުވާ ކަމަށް ގިނަ ފަރާތްތަކަކުން ވަނީ ތުހުމަތު ކޮށްފަ އެވެ. 

ނަމަވެސް ބެލަރޫސްގެ މިސްކުގައި ބޭއްވި ސުލްހައިގެ މަޝްވަރާތަކާ ހެދި ޔޫކްރެއިނަށް ދިފާއު ވާނެ ވަގުތު ލިބިފައިވާ ކަމަށް ސްޕީގަލް ނޫހަށް މާކަލް ވިދާޅުވި އެވެ. ރަޝިޔާއިން ޔޫކްރެއިނުގެ ކްރައިމިއާ ހިފުމާ ގުޅިގެން ޑޮންބާސް ސަރަހައްދުގައި 2014 ވަނަ އަހަރު ފެށުނު ހަނގުރާމައިގައި ހަމަލާތައް ބަދަލު ނުކުރުމަށް މިންސްކުގައި އެއްބަސްވި އެވެ. ނަމަވެސް ބައިނަލްއަގްވާމީ މުޖުތަމައުއިން މި ސަރަހައްދު ބަލަހައްޓާ، ސަރަހައްދުގައި ހަރަކާތްތެރިވަމުން ދިޔަ ހަނގުރާމަވެރިން އަތުން ހަތިޔާރުތައް އަތުލުން ފަދަ ކަންކަން ކުރުމަކަށް އެއްބަސްވެވިފައެއް ނުވެ އެވެ. 

މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ޖަރުމަނުގެ ޗާންސެލަރު ކަމުގެ މަގާމުން ވަކިވެވަޑައިގަންނަވަން ޖެހުނީތީ ހިތާމަ ނުކުރައްވާ ކަމަށާއި ސަބަބަކީ ޖަރުމަނުގެ ސަރުކާރުން އޭރު ކުރިއެރުން ހޯދުމަށް ފޭލުވަމުން ދިޔައީ ހަމައެކަނި ޔޫކްރެއިނުގެ މައްސަލައިގައި ނޫން ކަމަށާއި މޮލްޑޯވާ، ޖޯޖިޔާ، ސީރިއާ އަދި ލީބިޔާ ފަދަ ރަޝިޔާ ހިމެނޭ މައްސަލަތަކުގައި ވެސް ކުރިއެރުން ހޯދުމަށް ފޭލުވަމުން ދިޔަ ކަމަށް މާކަލް ވިދާޅުވި އެވެ.

އެކާވީސް ވަނަ ގަރުނުގައި ދުނިޔޭގައި އުފެދުނު އެންމެ ބާރުގަދަ ޝަހްސިއްޔަތުތަކުގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ޕޫޓިން އާއި މާކަލްއަކީ ފިނި ހަނގުރާމައިގައި ޖަރުމަނު ދެބައިވެފައި އޮތް އިރު ކޮމިއުނިސްޓު އިރުމަތީ ފަޅީގައި ގިނަ ތަޖުރިބާތަކެއް ކުރައްވާފައިވާ ދެ ބޭފުޅުންނެވެ. މާކަލް ބޮޑުވެފައި ވަނީ ކޮމިއުނިސްޓު ޖަރުމަނުގައި ކަމަށް ވާއިރު، ޕޫޓިން ވަނީ ކޭޖީބީ އޮފިސަރެއްގެ ހައިސިއްޔަތުން ޖާސޫސީ މަސައްކަތް އިރުމަތީ ޖަރުމަނުގައި ކުރައްވާފަ އެވެ. ޕޫޓިން އަށް ޖަރުމަނު ބަހުން ފުރިހަމައަށް މުއާމަލާތު ކުރަން އެނގިވަޑައިގަންނަވާއިރު، ރަޝިޔާ ބަހުން ކޮންމެވެސް ވަރަކަށް ވާހަކަދައްކަވަން މާކަލް އަށް އެނގިވަޑައިގަންނަވަ އެވެ. 

އިތުރު އާޓިކަލް

އިތުރު އާޓިކަލް