ކުދިންގެ ހަށިގަނޑާ ގުޅޭ ގޮތުން ކުރާ ކޮމެންޓްތަކުން ނޭދެވޭ އަސަރު ކުރޭ

ޕޭރެންޓިން

ކުދިންގެ ހަށިގަނޑާ ގުޅޭ ގޮތުން ކޮމެންޓް ނުކުރަން ސަމާލުވާންޖެހޭ

މީހުންގެ ކޮމެންޓްތަކާ އެކު، ވަކި ގޮތަކަށް ހުންނަން ކުއްޖާ ނުރަނގަޅު އާދަތަަކަކަށް ދިއުމަކީ އެކަށީގެންވާ ކަމެއް

ދަރިފުޅު ބަލާ ސުކޫލް ދޮށަށް ދާ އިރު ދިމާވާ ރައްޓެއްސަކު އަބަދުވެސް ދަރިފުޅަށް އިޝާރަތްކޮށް، "ހާދަ ދިގޭ މިހާރު، ދުވަސްކޮޅަކުން މަންމައަށް ވުރެ ވެސް ދިގު ވާނެ"އޭ ބުނެލަ އެވެ. މި ކޮމެންޓް ދަރިފުޅަށް ކުރާތީ އޭނާއަށް އުދަނގޫވާނެކަން އެނގެ އެވެ.

މި ކޮމެންޓް ދަރިފުޅާ ހަމައަށް ގެނެސްދެނީ އޭނާ އެކަންޏެއް ނޫނެވެ. ނުފެނި އެތައް ދުވަހަކަށް ފަހު ބައްދަލުވާ ރަހުމަތްތެރިންނާއި ގާތްތިމާގެ މީހުންގެ ފަރާތުން ވެސް މެ އެވެ. ކޮވިޑް-19 އާ އެކު ދަރިފުޅުގެ ރޫފަ ވެސް މުޅިން ބަދަލުވެފައި ހުރުމުން، އެ އުމުރު ފުރައިގެ ގިނަ ކުދިންނާ އަޅާބަލާ އިރު ދިގުހެން ހީވެ އެވެ.

މިހާރުގެ ހޯދުންތަކުން އެނގޭ ގޮތުގައި ކުދިންގެ ހަށިގަނޑާ ގުޅޭ ގޮތުން ކުރާ ކޮމެންޓްތަކުން ނޭދެވޭ އަސަރު އެ ކުދިންނަށް ކުރެ އެވެ. އެއީ ޕޮޒިޓިވް ކޮމެންޓެއް ކަމަށް ހީވިޔަސް، ބައެއް ފަހަރަށް، އެ ކުދިންނަށް ނެގެނީ އެހެން ގޮތަކަށެވެ.

ހެދި ބޮޑުވަމުން އަންނަ ކުއްޖެއްގެ ހަށިގަނޑު ކޮންޓްރޯލްކުރަން އެ ކުއްޖާއަށް އުނދަގޫވެ އެވެ. އެހެންކަމުން ކުއްޖާ ހެދިބޮޑުވުމާއި ހަށިގަނޑުގެ ސައިޒަށް އަންނަ ބަދަލުތަކަކީ ގޯސް ސިފަތަކެއް ކަމަށް ކުދިންނަށް ހީވާ ކަމަށް ނަފުސާނީ އިލްމުވެރިން ބުނެ އެވެ. އަދި ހެދި ބޮޑުވާ ހަށިގަނޑުގެ ބަދަލުތައް ކޮންޓްރޯލް ކުރެވޭތޯ އުޅެވެ އެވެ. ވަކި ގޮތަކަށް ހުންނަން ބޭނުންވެ އެވެ.

 ހެދި ބޮޑުވަމުން އަންނަ ކުއްޖެއްގެ ހަށިގަނޑު ބޮޑުވަމުން އަންނަ ގޮތަކީ އެ ކުއްޖަކަށް ކޮންޓްރޯލް ކުރެވޭ ކަމެއް ނޫން (ދައުރު ފޮޓޯ/އަބްދުﷲ އަނޫފް ޖުނެއިދު)

މިކަމުގެ އަސަރު ކުރަނީ ބިޔަކޮށް، ބޮޑުކޮށް ތިބޭ ކުދިންނަށް އެކަންޏެއް ނޫނެވެ. ބަރުދަން އިތުރު ނޫނަސް ވަރަށް ކުޑަ އިރުއްސުރެ ކުއްޖާއަށް ވިސްނިފައި އޮންނަނީ ހިކިކޮށް، ކުޑަކޮށް ތިބުމަކީ ރަނގަޅު ގޮތް ކަމަށެވެ. އަދި ވަކި ރޫފައެއްގައި ހުންނަން ކުރެވެން ހުރި ހުރިހާ ކަމެއް ކުރަން ފަށަ އެވެ.

ކުދިންގެ މުޅި އައިޑެންޓިޓީ އޮންނަނީ ހަށިގަނޑުގެ ސައިޒާ ގުޅިފަ އެވެ. އެހެންކަމުން ހަށިގަނޑަށް އަމާޒުކޮށް ކުރާ ކޮމެންޓްތަކުން ވަކި ގޮތަކަށް ހުންނަން ކުދިން ބޭނުންވެ އެވެ. 

ނަފުސާނީ އިލްމުވެރިން ބުނާ ގޮތުގައި ހަށިގަނޑާ ގުޅޭ ގޮތުން ކޮމެންޓްކުރާ ނަމަ ހިކިކޮށް ތިބޭ ކުދިން އެގޮތަށް ތިބެން ވެސް ބޭނުންވެދާނެ އެވެ. އަދި ހަށިގަނޑު ބޮޑެތި ކުދިން ހިކެން އުޅުމުގެ ފުރުސަތު ވެސް އެބަ އޮތެވެ.

ކުދިންގެ ހަށިގަނޑާ މެދު ކޮމެންޓް ނުކުރާންވީ އެކުދިންގެ މުޅި އައިޑެންޓިޓީ ސައިޒާ ގުޅުވާލާތީ (ދައުރު ފޮޓޯ/އަބްދުﷲ އަނޫފް ޖުނެއިދު)

ދެން ފަށަނީ އެންމެ ރަނގަޅު ނޫން ގޮތް ނޫން ގޮތް ގޮތަށް ކަސްރަތުކުރާށާއި ކެއުން ކޮންޓްރޯލްކުރާށެވެ. އެކަމަކު ބޮޑެތިވަމުން އަންނަ ކުދިބަޔަކަށް އެފަދަ ކަންކަމުން ޖިސްމާނީ އަދި ނަފްސާނި ދުޅަހެޔޮކަމަށް އަސަރު ކުރާނެ ކަމަށް ތަޖުރިބާކާރުން ބުނެ އެވެ.

އަހަރެމެންގެ ގޭތެރެއިން ވެސް ކުދިންނަށް މިފަދަ ކޮމެންޓް އަމާޒުވެ އެވެ. ގެއިން ބޭރުން ލިބޭ ކޮމެންޓްތަކުން ދަރިފުޅުގެ ރައްކާތެރި ކުރަން އުދަނގޫވެދާނެ އެވެ. އެކަމަކު ގޭތެރެއިން މިފަދަ ކޮމެންޓް ކުރާ ނަމަ މިކަމަށް ރައްދެއް ދެވިދާނެ އެވެ.

1. ހަށިގަނޑާ ގުޅޭ ގޮތުން ކޮމެންޓް ނުކުރުމަށް ގާތްތިމާގެ މީހުންނަށް ހަނދާންކޮށްދީ

ކުދިންގެ ހަށިގަނޑަށް އައިސްފައިވާ ބަދަލުތަކާ ގުޅޭ ގޮތުން ވާހަކަ ދެއްކުމުގެ ބަދަލުގައި އެކުދިން މިހާރު ޝައުގުވެރިވެގެން ކުރާ ކަންކަމާ ގުޅޭ ވާހަކަ ދެއްކުމަށް ހަނދާންކޮށްދެވިދާނެ އެވެ. މިގޮތަށް އެދުމުން ބައެއް މީހުން ހިތްހަމަނުޖެހުމަކީ ވެސް އެކަށީގެންވާ ކަމެކެވެ.

މާ ގިނައިން ނުފެންނަ މީހުންނަށް ފޯނުން ގުޅާފައި ބުނެފިއްޔާ ހިތްހަމަނުޖެހުން ބޮޑުވެދާނެ އެވެ. އެމީހުން ގާތު އެދެންވީ ދަރިފުޅުގެ ހަށިގަނޑާ ގުޅޭ ގޮތުން އެހެން މީހުން ކޮމެންޓް ކުރިޔަ ނުދޭސް މަސައްކަތްކޮށްދިނުމަށެވެ. "ހާދަ ދިގޭ. ހާދަ ވަށްވެއްޖޭ،" މިފަދަ ކޮމެންޓްތަކަކީ ފުރާވަރަށް އަރަމުން އަންނަމުން އަންނަ އަންހެން ކުއްޖަކަށް، މީހުންގެ ތެރޭގައި ދެއްކުމުން، ލަދުގަންނާނެ ވާހަކަ އެވެ. އަދި ފިރިހެން ކުއްޖެއް ނަމަ "ކޮން އިރަކު މަތިމަސްފެޅީ؟" ފަދަ ބަސްތައް ރައްދުވާ ނަމަ އެ ކުދިން ލަދުން މީހުންގެ ކުރިމައްޗަށް ނުކުންނަން ބޭނުން ނުވެދާނެ އެވެ.

ފުރާވަރު ކުދިންގެ ހަށިގަނޑާ ގުޅޭ ގޮތުން ކޮމެންޓް ކުރުމުން އެ ކުދިން މީހުންގެ ތެރެއަށް ނުކުންނަން ލަދުގަނޭ

2. އެހެން މީހުންނަށް ވިސްނައިދޭންވީ އިހްތިރާމާ އެކު

އާއްމުކޮށް ކުދިންނަށް މިކަހަލަ ކޮމެންޓްތައް ރައްދުކުރަނީ ކުރަނީ ގާތް މީހުންނެވެ. ރުޅިވެރިކަމާއި ކުރިމަތިލުމުގެ ބަދަލުގައި އެ މީހުންގެ އިހްސާސްތައް ވެސް ދަންނަންވީ އެވެ. އާއްމުކޮށް އެ މީހުން ކުއްޖާގެ ހަށިގަނޑަށް އަމާޒުކޮށް ކުރާ ކޮމެންޓް ކުރަނީ ނެގެޓިވް ވިސްނުމެއްގައެއް ނޫނެވެ. އެމީހުންގެ ނިޔަތް ރަނގަޅަސް، ނުވަތަ ކުއްޖާގެ ހަށިގަނޑާ ގުޅޭގޮތުން ކޮމެންޓް ކުރުމަކީ  ފަހަރުގައި ތައުރީފު ކުރުމުގެ ގޮތުން ބުނާ އެއްޗެއް ކަމުގައި ވިޔަސް، ހަށިގަނޑަށް އަމާޒުކޮށް ކޮމެންޓް ކުރުމަކީ ރަނގަޅު ކަމެއް ނޫން ކަމުގައި ވިސްނައިދޭންވީ އެވެ.

ހަނދާން ނެތިގެން އެކަހަލަ ކޮމެންޓެއް ކުރެވުނަސް ރުޅި އިސްކުރުމުގެ ބަދަލުގައި އަލުން ހަނދާންކޮށްދޭންވީ އެވެ. ބައެއް އާދަތައް ހަރުލާން ދުވަސް ނަގަ އެވެ. އަދި އާދައެއް ދޫކޮށްލަން ވެސް ދުވަސް ނަގަ އެވެ. ދަރިފުޅުގެ ހާޒިރުގައި އެގޮތަށް ކޮމެންޓް ކުރާ ނަމަ އިސްކުރަންވީ ދަރިފުޅެވެ. "ދަރިފުޅު ދިގުވެގެން އުދަނގުލެއް ނުވޭ، ނުވަތަ ބަރުދަން އިތުރު ކަމަކަށް ޑޮކްޓަރުން ނުބުނޭ،" ފަސް ބަސްތައް ބޭނުން ކުރެވިދާނެ އެވެ. މި މޭރުމުން ކޮމެންޓް ކުރާ ނަމަ ދަރިފުޅު އަމިއްލަ ނަފްސާ މެދު ކުރާ އިތުބާރަށް ވެސް ބަދަލެއް ނާދެ އެވެ.

ހަށިގަނޑާ ގުޅޭ ގޮތުން ކުރާ ކޮމެންޓްތަކާ މެދު ކުއްޖާ އާއި ބެލެނިވެރިޔާ ވާހަކަ ދެއްކުން މުހިއްމު (ދައުރު ފޮޓޯ/އަބްދުﷲ އަނޫފް ޖުނެއިދު)

3. ދަރިފުޅާ ވާހަކަ ދެއްކުން މުހިއްމު

ދަރިފުޅަށް ވިސްނައިދޭންވީ ބޮޑުވަމުން އަންނަ ކުއްޖެއްގެ ހަށިގަނޑަށް ކާނާ ބޭނުންވާނެ މިންވަރެވެ. ހުރިހާ ބާވަތެއްގެ ކާއެއްޗެހި ކާން ޖެހެނޭ ކަން ދަސްކޮށްދޭންވީ އެވެ. އަދި އަމިއްލަ ހަށިގަނޑު ވަކި ގޮތަކަށް ހުންނާތީ އެކަމާ ދޭތެރޭ ނެގެޓިވްކޮށް ވިސްނުން ނުގެންގުޅުމަށް ދަސްކޮށްދޭންވީ އެންމެ ކުޑައިރުން ފެށިގެންނެވެ. ދަރިފުޅުގެ ހަށިގަނޑަށް އަމާޒުކޮށް ކޮމެންޓް އައުމުން އެ ކުއްޖާގެ އިހްސާސްތަކަކީ ކޮބައިތޯ އޮޅުން ފިލުވަން ސުވާލު ކުރާށެވެ. އަދި އެ ކުއްޖަކު އެކަމާ މެދު ހިތްހަމަނުޖެހޭކަން ފާޅުކޮށްފި ނަމަ ކުއްޖާއާ އެއްބައިވާށެވެ. 

އަހަރެންގެ ދަރިފުޅު އަދި ފުރާވަރަކަށް ނާރަ އެވެ. ޕްރީ ސްކޫލްގައި އުޅޭ ދަރިފުޅާ މެދު، ސުކޫލު ދޮށުން އަހަންނާ ދިމާވާ ރަހްމަތްތެރިޔާގެ ކޮމެންޓަށް އަހަރެން ވެސް ރައްދެއް ދިނީމެވެ. ރަހުމަތްތެރިޔާ "ކުޑަ އިރު ބަތްތަށި ހުސްނުކުރާތީ ދިގު ނޫނީ ދޯ؟"އޭ ބުނެލީމެވެ. 

އިތުރު އާޓިކަލް

އިތުރު އާޓިކަލް