ފުވައްމުލަކު ބަނދަރުގައި ހުރި ތެޔޮ ތާނގިއެއްގައި ރޯވި އަލިފާންގަނޑު ނިއްވާލުމުގެ މަސައްކަތުގައި އެމްއެންޑީއެފްގެ ފަޔާ ފައިޓަރުން ހަރަކާތްތެރިވަނީ. (ފޮޓޯ/އެމްއެންޑީއެފް)

ފުވައްމުލަކުގައި ތެޔޮ ތާނގިއެއްގައި ރޯވެ 2 މީހަކަށް އަނިޔާވެއްޖެ

އެ ހާދިސާގައި އަނިޔާވި ބިދޭސީ މީހާގެ ހަށިގަނޑުގެ ބޮޑު ބައެއް ވަނީ ފިހިފައި

ފުވައްމުލަކު ދޫޑިގަން އަވަށު ބަނދަރު ސަރަހައްދުގައި ހުރި ތެޔޮ ރައްކާ ކުރާ ތާނގިއެއްގައި މިއަދު ހަވީރު އަލިފާން ރޯވެ މީހަކަށް އަނިޔާވެއްޖެ އެވެ.

ވީ ކިހިނެއް؟ - އެމްއެންޑީއެފް އިން ބުނީ އެ ހާދިސާގައި ރޯވީ 'ދަ ހޯކްސް' ކުންފުނީގެ ތެޔޮ ތާނގިއެއްގައި ކަމަށެވެ.

"މި ހާދިސާ ހިނގާފައިވަނީ ގޭސް ކަޓަރެއް ބޭނުންކޮށްގެން މަސައްކަތެއް ކުރަން އުޅުމުގެ ތެރޭގައި،" އެމްއެންޑީއެފްގެ އިންފޮމޭޝަންސް އޮފިސަރު، ކެޕްޓަން ހަނާ މުހައްމަދު ވިދާޅުވި އެވެ.

"މި ހާދިސާގައި އަނިޔާވެފައިވަނީ އެ މަސައްކަތް ކުރަން އުޅުނު ބަންގްލަދޭޝް މީހާއަށް."

ތަފްސީލު - ފުވައްމުލަކު ހޮސްޕިޓަލުގެ މެނޭޖަރު މުހައްމަދު ލިރާރު 'ދައުރު'އަށް ވިދާޅުވީ:

  •  އެ ހާދިސާގައި ދެ މީހަކަށް އެކި ވަރުގެ އަނިޔާ ލިބިގެން ހޮސްޕިޓަލުގައި ފަރުވާދެމުން އެބަދޭ

  • އެއީ ދިވެއްސަކާއި ބިދޭސީއެއް 

  • ބޮޑެތި އަނިޔާތައް ލިބުނީ ބިދޭސީ މީހާއަށް

"ބިދޭސީ މީހާގެ ބޯފަޅައިގެން ގޮސް، ހަށިގަނޑުގެ ބޮޑު ބައެއް ވަނީ ފިހިފައިި. އެކަމަކު އޭނާގެ ހާލު ސްޓޭބަލް،" ލިރާރު ވިދާޅުވި އެވެ.

ލިރާރު ވިދާޅުވީ ދިވެހި މީހާގެ ހަށިގަނޑުގެ އެކި ތަންތަން މަށައިގެން ދިއުން ފިޔަވައި އިތުރު އަނިޔާއެއް ނުލިބޭ ކަމަށެވެ.

އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއު އިން މިހާރު ވަނީ އެ އަލިފާންގަނޑު ނިއްވާލާފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް