ރަނިލް ވިކްރަމަސިންހާ: ހުޅަނގާ ގާތް ގުޅުމެއް ގެންގުޅުއްވާ. (ފޮޓޯ/ އޭއެފްޕީ)

ސްރީ ލަންކާ

ރަނިލްގެ ގައުމީ އެއްބައިވަންތަކަމުގެ ސަރުކާރާ އިދިކޮޅުން ދެކޮޅު ހަދައިފި

އާ ބޮޑު ވަޒީރަކީ ހުޅަނގާ ރައްޓެހި، މިނިވަން ވިޔަފާރީގެ ސިޔާސަތުތަކަށް ތާއީދު ކުރައްވާ ބޭފުޅެއް

ސްރީ ލަންކާގެ އިދިކޮޅު ހުރިހާ ޕާޓީތަކުން، ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހާގެ އެއްބައިވަންތަކަމުގެ ސަރުކާރުގައި ބައިވެރިވުމަށް އިއުތިރާޒުކޮށް އަވަސް އިންތިހާބަކަށް ގޮވާލައިފި އެވެ.

ލަންކާ އިގްތިސާދީ ބޮޑު ކާރިސާއަކާ ކުރިމަތިލާން ޖެހި، ގައުމު ބަނޑަށް ޖެހޭ ހާލަތަށް ދިއުމުން ރައީސް ގޯތާބާޔަ ރާޖަޕަކްސަ ވަނީ ކުރިން ހަ ފަހަރު ބޮޑުވަޒީރުކަން ކުރެއްވި ރަނިލް އަނެއްކާ ވެސް ބޮޑުވަޒީރަކަށް މިދިޔަ ބުރާސްފަތި ދުވަހު އައްޔަން ކުރައްވައިފަ އެވެ.

ރަނިލް، 73،އަށް ސަރުކާރު ހިންގުމުގެ ބާރުތައް ވަނީ ދީފަ އެވެ. އަދި ބޭނުންވާ ގާނޫނުތައް ހެދުމަށް ވެސް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ އޮތީ ސަރުކާރާ އެއްކޮށެވެ. ނަމަވެސް، އެންމެ ބޮޑު އިދިކޮޅު ތިން ޕާޓީން ވަނީ ސަރުކާރުގައި ބައިވެރިނުވާނެ ކަމަށް ބުނެފަ އެވެ. އެ މީހުން ގަބޫލު ކުރާ ގޮތުގައި ބޮޑުވަޒީރު ރަނިލްއަށް އިތުބާރެއް ނެތެވެ.

ގާނޫނު ހަދާ މަޖިލީހުގެ އިދިކޮޅު މެންބަރެއް ކަމަށްވާ ހަރުޝާ ޑިސިލްވާ ވަނީ ފާޅުގައި ރަނިލްގެ ސަރުކާރާ ދެކޮޅު ހައްދަވައިފަ އެވެ. އޭނާ ވިދާޅުވީ އޭނާ ބޭނުން ވަނީ އާ ސަރުކާރަކަށް ފުރުސަތު ލިބުމަށް ސަރުކާރު އިސްތިއުފާ ދިނުން ކަމަށެވެ. އޭނާ ވިދާޅުވީ މި ވަގުތު ބޭނުން ވަނީ މީހުންގެ ލޮލުގައި އަނދުން އެޅުވުން ނޫން ކަމަށާއި ރައްޔިތުންގެ މަސްލަހަތު ރައްކާތެރިކުރުން ކަމަށެވެ. 

ޑިސިލްވާ ވިދާޅުވީ އޭނާ ހުންނަވާނީ އާންމުންގެ ފަޅީގައި، ރައީސް ގޯތާބާޔަ ބޭރުކޮށްލުމަށް ކަމަށާއި ސިޔާސީ ގޮތުން އެތެރެ އެތެރެއިން ކަންކަން ނިންމުމަށް ތާއީދު ނުކުރައްވާ ކަމަށެވެ.

ގައުމުގެ އިގްތިސާދު ފުނޑާލުމުގެ ޒިންމާ އިދިކޮޅުން އަޅުވަނީ ސަރުކާރުގެ ބޮލުގަ އެވެ. އަދި ގައުމުގެ އިގްތިސާދު ފުނޑާލުމުގެ ޒިންމާ އާންމުން ވެސް ސަރުކާރުގެ ބޮލުގައި އަޅުވައި ރައީސް ގޯތާބާޔަ ރާޖަޕަކްސާ އިސްތިއުފާ ދެއްވުމަށް ގިނަ ބަޔަކު އަންނަނީ އަޑު އުފުލަމުންނެވެ.

އިތުރު ކުޑަ ދެ ޕާޓީއަކުން ވެސް ވަނީ ރަނިލްގެ ސަރުކާރަށް އެއްބާރުލުން ނުދޭނެ ކަމަށް ބުނެފަ އެވެ.

ތަމަޅަ ނޭޝަނަލް އެލަޔަންސުން ވެސް ބުނީ ރާޖަޕަކްސާގެ ސަރުކާރުގެ އިތުބާރު ގެއްލިފައިވާ ކަމަށާ އަދި ކުރިން ފަސް ފަހަރު ބޮޑުވަޒީރުކަން ކުރެއްވި އަދި 2019އާ ހަމައަށް ވެސް ބޮޑުވަޒީރުކަން ކުރެއްވި ރަނިލްއަށް އިތުބާރު ކުރެވެން ނެތް ކަމަށެވެ.

ވާތު ފިޔައިގެ ޕީޕަލްސް ލިބަރޭޝަން ފްރޮންޓް (ޖޭވީޕީ) އިން ބުނީ ހަމައެކަނި ހައްލަކީ އާ އިންތިހާބަކަށް ދިއުން ކަމަށެވެ. އިގްތިސާދީ މައްސަލަތައް ވެސް މިހާރު އޮތް ސަރުކާރާ އެކު ހައްލުވާނެ ކަމަށް ގަބޫލު ނުކުރާ ކަމަށް އެ ޕާޓީން ބުންޏެވެ.

ނަމަވެސް ފައިސާގެ ތާށިކަން ކުރިމަތިވެ، ސްކޫލްތަކުގެ އިމްތިހާނު ހަދާނެ ކަރުދާސް ފޯރުކޮށްދިނުމަށް ނުކުޅެދިފައިވާ ސަރުކާރަކަށް ވޯޓު ކަރުދާސް ފޯރުކޮށްދެވުމަކީ ވެސް ދަތިކަމަަށް ވާނެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބެއް 2025ގެ ކުރިން ބޭއްވުމަށް ތާވަލްކޮށްފައެއް ނެތެވެ.

'ދުވާލަކު ތިން ފަހަަރު ކެއުން ކަށަަވަރުކޮށްދޭނަން'

ލަންކާގައި ކާބޯތަކެތީގެ ދަތިކަމާއި ބޭހާއި ތެލުގެ ތާށިކަން ދިމާވެފައިވާތާ މަސްތަކެއް ވެއްޖެ އެވެ. އަދި ބޭރު ފައިސާއަށް ޖެހި މުހިންމު ބައެއް ތަކެތި އިމްޕޯޓް ކުރުމަށް ވަނީ ހުރަސްއެޅިފަ އެވެ.

ލަންކާގެ ސެންޓްރަލް ބޭންކުން މިދިޔަ ހަފުތާގައި ބުނީ އާ ސަރުކާރެއް އަވަހަށް ގާއިމު ނުކުރެވޭ ނަމަ، ގައުމު ސަލާމަތް ކުރެވޭނީ ސަރުކާރު އަވަހަށް އެކަށައެޅިގެން ކަމަށެވެ.

ބޮޑުވަޒީރު ރަނިލް ބުރާސްފަތި ދުވަހު ވިދާޅުވީ ގައުމުގެ އިގްތިސާދީ ކަންކަން ހަމައަކަށް އެޅޭނީ އަދި އިތުރަށް ގޯސްވުމަށް ފަހު ކަމަށެވެ. ރަނިލް ވަނީ ބައިނަލްއަގުވާމީ ފަރާތްތަކުގެ އެހީތެރިކަމަށް އެެދިވަޑައިގެންފަ އެވެ. އެ މަނިކުފާނު ވިދާޅުވީ ވީ އެންމެ އަވަހަކަށް ރައްޔިތުން ދުވާލަކު ތިން ކެއުން ރައްޔިތުންނަށް ލިބުން އުންމީދު ކުރައްވާ ކަމަށެވެ.

ލަންކާގެ ބޮޑުވަޒީރަކަށް ހުންނެވި މަހިންދަ ރާޖަޕަކްސަ ވަނީ މިދިޔަ ހޯމަ ދުވަހު އިސްތިއުފާ ދެއްވައިފަ އެވެ. އެއީ ސުލްހަވެރި މުޒާހަރާއަށް މަހިންދާގެ ސަޕޯޓަރުން އަރައިގަތްތާ މާ ގިނަ އިރުތަކެއް ނުވަނީހެވެ.

އެ ހަމަނުޖެހުންތަކުގައި ވަނީ ނުވަ މީހަކު މަރުވެފަ އެވެ. އަދި 200އަށް ވުރެ ގިނަ މީހުން ވަނީ ޒަހަމުވެގެން ހޮސްޕިޓަލްތަކުގައި ފަރުވާ ހޯދައިފަ އެވެ. އޭގެ ފަހުން، ސަރުކާރާ ދެކޮޅު ބަޔަކު ވަނީ ސަރުކާރަށް ތާއީދު ކުރާ ބައެއް މީސްމީހުންގެ ގޭގައި ހުޅުޖަހައިފަ އެވެ.

އާ ބޮޑުވަޒީރަކީ ހުޅަނގާ ރައްޓެހި، މިނިވަން ވިޔަފާރީގެ ސިޔާސަތުތަކަށް ތާއީދު ކުރައްވާ ބޭފުޅެކެވެ.

ކޮމެންޓް (1)

މުހައްމަދު

14 މޭ 2022
ރަނިލްއަކަށް އަހަރުންގެވެސް އިތުބާރެއް ނެތް
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް