ވާހަކަ: ކުލަވި މަންޒަރު

ވާހަކަ

ވާހަކަ: ކުލަވި މަންޒަރު

މާލީ ގޮތުން ފުދިގެން އުޅުމީ ދިރިއުޅުމުގެ ހުރިހާ ކަމެއް ފުރިހަމަ ވުމެއް ނޫނެވެ. ނަމަވެސް އެގޮތަށް ދެކޭ މީހުން ވެސް އުޅޭ ނޫން ހެއްޔެވެ؟
3 ނޮވެމްބަރު 2022

އެޕިސޯޑް 1

ގަޑިން ހެނދުނު ހައެއް ޖެހީއެވެ.  ރަފްހާގެ އަތްމަތި ހަލުއްވެވެ. ކުދި ކިޔަމުން، އެނދުމަތީގައި ގުޅައަކަށް ޖަހާފައިވާ ބެޑްޝީޓް ދަމައި ވާން ކުރިއެވެ. އެންމެ ރުލެއް ވެސް ނެތް ގޮތަށެވެ. މޭޒުމަތީގައި ހާވާލާފައި ހުރި ފޮތްތައް ދަބަހަށް އެޅި އިރު ލޯ ހުރީ ފާހާނާއާ ދިމާލަށެވެ. ޑަސްބިން ކައިރިއަށް އުކާފައި ހުރި ޓިޝޫތައް ނަގައި ކުނި ވަށިގަނޑަށް އަޅާލިއެވެ. ހިންދަމާލާފައި ތެދުވެ ކޮޓަރިތެރެއަށް ބަލާލިއެވެ. ކުރެވުނީ ވަރަށް ގިނަ ކަންތައް ކަމަށް ހީކުރަމުންނެވެ. ތަރުތީބު ކޮށްފައިވާ ކޮޓަރި ހިނދުކޮޅެއްގެ ތެރޭގައި އިހު އޮތް ގޮތަށް ބަދަލުވާނެއޭ ރަފްހާ ހިތަށް އެރިއެވެ. އަނެއްކާވެސް ފާހާނާއާ ދިމާލަށް ބަލާލިއެވެ. ހަލުވި ހިނގުމެއްގައި ގޮސް ދޮރުގައި ތަޅައިގަތެވެ.

"ދަރިފުޅާ. ސުކޫލަށް ދާން ޖެހެނީ ހެނދުނު 6:45 ގައި. އިރު އޮއްސުނީމައެއް ނޫން." އެ ވަގުތު ފާހާނާގެ ދޮރު ހުޅުވުނެވެ. އާ ފުރެމުން ސަންރާ ނުކުތީ ލޯ މަރައިގެން ހުރެއެވެ. ރަފްހާގެ ދެ ލޯ ބޮޑުވިއެވެ.

"އަދިވެސް ފެން ނުވަރަންތަ؟ މިހާރު އެހެރަ ގަޑި ޖެހެނީ އޭ،" ރަފްހާގެ ރުޅިގަނޑު ފަޅައިގެން ދިޔައެވެ. ބުރަކަށީގައި އަޅައި ކޮއްޕަމުން ސަންރާ އަނެއްކާވެސް ފާހާނާއަށް ވެއްދިއެވެ. "ކިހިނެއްތަ އަހަރެން މި ކުއްޖާއަށް ހަދަން ވީ؟"

"ތި ތަނުން ރޮށްޓެއް ދީބަލަ،" ރޮށި ތަށްޓަށް އިޝާރާތް ކުރަމުން ޝަމާން ބުންޏެވެ. ހެނދުނުގެ ނާސްތާގައި ގޭގެ އެންމެން ތިއްބެވެ. ސަންރާ ފިޔަވައެވެ.

ޝަމާންއާއި އަޝްރަފަކީ ދެބެންނެވެ. ޝަމާންގެ އަނބިމީހާ އަކީ އަޒްފާއެވެ. ދެ މީހުންނަށް ލިބިފައިވާ ހަމައެކަނި ދަރިއަކީ އިޝްފާއެވެ. ރަފްހާ އިނދެގެން އުޅެނީ އަޝްރަފްއާއެވެ. ދެ މީހުންނަށް ދެ ދަރިން ލިބިފައިވާ އިރު ދޮށީ ކުއްޖާއަކީ ސަންރާއެވެ. ހަގަށް ހުންނަނީ ފިރިހެން ކުއްޖެކެވެ. އެއީ 9 އަހަރުގެ ޒުކާންއެވެ. އިޝްފާ އާއި ސަންރާއަކީ އެއް އުމުރެއްގެ ދެ ކުދިންނެވެ. ކިޔަވަނީ އެއް ސުކޫލެއްގައެވެ. އުޅެނީ އެއް ކުލާހެއްގައެވެ. އުމުރަކީ 13 އަހަރެވެ. ދެބެންގެ ދެ ދަރިން ވިޔަސް ދެ ކުދިންގެ ސިފަ ވަރަށް ވައްތަރެވެ. ގިނަ މީހުން އެ ވާހަކަ ދައްކައެވެ.

އިޝްފާއަކީ ކިޔެވުމަށް މޮޅު ކުއްޖެކެވެ. ތައުލީމަށް ދޭ އަހަންމިއްޔަތުކަން އެނގެނީ ކޮންމެ އަހަރަކު ގެންނަ ނަތީޖާތަކުންނެވެ. ހޯދާ ޓްރޮފީތަކާއި ގެންނަ މެޑަލްތަކުންނެވެ. ކިޔެވުމުގެ އިތުރުން ގޭތެރޭގައި ވެސް އިޝްފާ މުހިންމު ދައުރެއް އަދާ ކުރެއެވެ. ގޭތެރެ އާއި ބަދިގެތެރޭގައި އަޒްފާއަށް އެހީތެރިވެދެއެވެ. ޒުކާންއަށް ފިލާވަޅުތައް ބުނެދެއެވެ. ބަރާބަރަށް ނަމާދުތައް ކުރެއެވެ. ގުރުއާން ކިޔަވައި ދީނީ ކަންކަމަށް ސަމާލުކަން ދެއެވެ. އެއްވެސް ކަމެއް ކުރަން ބުނާކަށް ނުޖެހެއެވެ. ގަޑި ޖެހުމުގެ ކުރިން ހުންނާނީ ކޮންމެ ކަމެއް ވެސް ކޮށް ނިންމާފައެވެ. ސާފުތާހިރުކަމަށް ލޯބި ކުރުމާއި ތަރުތީބުން ކަންކަން ކުރުމަށް އިސްކަމެއް ދެއެވެ.

މިއާ ހިލާފަށް ސަންރާއަކީ އިޝްފާއާ ދިމާ އިދިކޮޅު ކުއްޖެކެވެ. ކޮންމެ ކަމެއް ވެސް ކުރާނީ ބުނީމައެވެ. ބައެއް ކަންކަން ތަކުރާރުކޮށް ކިތަންމެ ފަހަރަކު ބުނެގެން ވެސް ނުކުރެއެވެ. އެހާ ކަންފަސޭހަ ވެފައި ކަންނެތެވެ. ދެ ކުދިން ނިދަނީ އެއް ކޮޓަރިއެއްގައެވެ. ނަމަވެސް ކޮޓަރި މެދުން ފަރުދާއެއް ހުރެއެވެ. ސަންރާ އުޅޭ ހިސާބުގައި އަބަދުވެސް ކުނި އޮވެއެވެ. އިސްތައްޓާއި ކަރުދާހާއި ޓިޝޫތަކެވެ. ފަންސޫރު ޖަހާފައިވާ ކުންޏެވެ. މެޓާ ކައިފައި އުކާފައި ހުންނަ ކަރުދާސްތަކެވެ. ތަނެއް ސާފު ކުރުވުމަކީ ސަންރާ ލައްވައި ކުރަން އުނދަގޫ ކަމެކެވެ. ކާ ތަށި ދޮވެލުން ފިޔަވައި އިތުރު ކަމެއް ކުރެވޭ ކަމަކަށް ނުވެއެވެ. ސުކޫލަށް ދަނީ ދާ ހިތަކުން ނޫނެވެ. ކިޔަވާ ހިތް ނުވާ ކަމުގައި ސަންރާ ބުނިތާ ކިތަންމެ ދުވަހެކެވެ. ސުކޫލަށް ދަނީ ރަފްހާ ބުނެގެންނެވެ. ފިލާވަޅުތައް ނުނިންމުމާއި އަހަރު ނިމޭ އިރު ސަންރާގެ ނަތީޖާ ދަށްވުމަކީ ރަފްހާގެ އެންމެ ބޮޑު ބޮލުގެރިހުމެވެ.

ސަންރާއަށް ނަސޭހަތް ދެވުނު އަދަދެއް ވެސް ނޭނގެއެވެ. ވިސްނައި ދެވިއްޖެއެވެ. އެކަމަކު އެއްވެސް ބަދަލެއް ނާދެއެވެ. ހީވަނީ އަހަރަކަށް ވުރެ އަހަރެއް ފަރުވާކުޑަ ވާހެންނެވެ. ޓިއުޝަން ވެސް ދެވިއްޖެއެވެ. އެދެވޭ ނަތީޖާއެއް ނުނިކުތެވެ. ރަފްހާ އަދިވެސް އުންމީދު ކުރަމުން އަންނަނީ ސަންރާގެ އުޅުން ބަދަލު ކުރެވޭނެ ކަމަށެވެ. އެކަމުން ފެއިލްވީއޭ މީހަކު ބުނާކަށް ރަފްހާ ބޭނުމެއް ނުވިއެވެ.

އެއް ދުވަހެއްގެ މެންދުރެވެ. ސަންރާ ސުކޫލަށް ލާފައި ރަފްހާ ދިޔައީ ރަސްރަނި ބަގީޗާއަށެވެ. އެއީ ވަރަށް ގިނަ ދުވަސް ދުވަހު ރަފްހާ ކުރާ ކަމެކެވެ. އަމިއްލަ ދިރިއުޅުމަށް ވަގުތުކޮޅެއް ހުސްކޮށްލުމަށް އެ ތަނަށް ދިޔުމަކީ ހިތަށް ހަމަޖެހުން ލިބޭ ކަމެކެވެ. ތަނަކީ ކިތަންމެ ގަސް ގިނަ ތަނެއް ކަމަށް ވިޔަސް ވަރަށް ހޫނުގަދައެވެ. އެންމެ ވައިރޯޅިއެއް ވެސް ނުވެއެވެ. ދުރުދުރުން މަދުން ނަމަވެސް ކުދިން ކުޅޭތަން ފެނުނެވެ. އެކި ހިސާބުތަކުގައި ހުރި ގޮނޑިތަކުގައި ތިބި މައިންގެ ވާހަކަ އޮލައެވެ. ސުކޫލަށް ދާ ކުދިންނާއި ނިމިގެން ގެއަށް ދާ ކުދިން، މަގުގެ އަނެއް ފަރާތުން ފެނެއެވެ. އެފަދަ އެހެން ދުވަސް ދުވަހެކޭ އެ ދުވަހަކޭ އެއްވެސް ތަފާތެއް ނެތެވެ.

ސަންރާ ބައެއް ފަހަރު ހިތަށް އަރައެވެ. ކޮންމެ މީހަކު ވެސް ބަލަނީ މާލޭގެ މުއްސަނދި މީހަކާ ކައިވެނި ކުރެވޭތޯއެވެ. އޭރުން ދިރިއުޅުމުގެ ބޮޑުބައި ފުރިހަމަވީއެވެ. ނުވާނީ ކީއްވެ ހެއްޔެވެ؟ ހުރިހާ ވެސް އެއްޗަކީ ފައިސާއެވެ. އަޝްރަފް އަތުގައި ފައިސާ އެބަ ހުއްޓެވެ. ރީތި އެޕާޓްމެންޓެއްގައި ރަފްހާއަށް އެބަ އުޅެވެއެވެ. ކާރުތަކާއި ދެ ލޯންޗު އޮވެއެވެ. މަހަކު ދެ ފަހަރު ރިޒޯޓްތަކަށް ދެވެއެވެ. ސުކޫލް ކޮންމެ ބަންދެއްގައި ދުބާއީ އާއި ސްވިޓްޒަލޭންޑް ފަދަ ގައުމުތަކަށް ދެވެއެވެ. ރީތިހާ އަންނައުނާއި މީރު ކާއެއްޗެހި ލިބެއެވެ. އަތަށް ފަޔަށް ނޯކަރުން ނެތަސް ކައްކާ މީހަކު އުޅެއެވެ. ރަފްހާއަށް ލުއިވާނެ ގޮތަށް ކަންކަން އިންތިޒާމު ކުރުމަކީ އަޝްރަފްގެ އާދައެވެ. ފިރިއެއްގެ ވާޖިބު ބަރާބަރަށް އަދާ ކުރެއެވެ. ދަރިންނަށް ދައްކަނީ ނަމޫނާ ބައްޕައެކެވެ. ވީއިރު ދިރިއުޅުމަށް އުނިވަނީ ކޮން ކަމެއް ހެއްޔެވެ؟ ރަފްހާގެ ނުފިލާ ބޮލުގެރިހުމަކީ ކޮބާ ހެއްޔެވެ؟

"ތި ވިސްނެނީ އަދި ރަނގަޅަކަށް ނޫން،" ރަފްހާ ސިއްސައިގެން ދިޔައީ މީހަކު އެހެން ބުނުމުންނެވެ. ކުރިމަތީގައި ހުރީ ދުވަސްވީ އެކުވެރި ނައުމާއެވެ. ރަފްހާ އެއްވެސް އެއްޗެއް ނުބުނެ ހިނިތުންވެލިއެވެ.

"އަސްލު ކޮބާތަ މައްސަލައަކީ؟" ނައުމާ ބުންޏެވެ. "ރަފްހާ ތި އުޅޭ ދިރިއުޅުން ކިހާ އުފާވެރި. ލޯބިވާ ފިރިއެއް އެބަހުރި. ލޯބި ދެ ކުދިން އެބަ ތިބި. އިރާދަކުރެއްވީތީ ދިރިއުޅުމަށް ބޭނުންވާ ހުރިހާ އެއްޗެއް ލިބޭ. ހުރިހާ ކަމެއް ކުރެވޭ. ދެން...."

"ތިއޭ މައްސަލައަކީ،" ރަފްހާ ތެދުވަމުން ބުންޏެވެ. "ތިހެން ވިސްނުން މައްސަލައަކީ. ތި ނޫނަސް ވިސްނަން ޖެހޭ ކިތަންމެ ކަމެއް އެބަހުރި. އަހަރެންނަށް ހީވަނީ އަހަރެންގެ ބޮލުގެރިހުމަކީ ސަންރާ ހެން. ނޭނގެ އޭނައަށް ވެފައި ހުންނަ ގޮތެއް. ނަސޭހަތް ދެވިއްޖެ، އަޑެއް ނޭހި. ވިސްނާ ދެވިއްޖެ. ގަބޫލެއް ނުކުރި. ސަންރާއަކީ ވަރަށް ބޯހަރު ކުއްޖެއް. ކަންކަން އިސްލާހު ކުރަން ބުނެދީދީ އަހަރެން ބަލިވެއްޖެ. އެ ކުއްޖާއަށް ހީނުވޭ މީހަކު އެއްޗެއް ކިޔާހެން ވެސް. ދެން ކީކޭ އަހަރެން ބުނާނީ؟"

ނައުމާ ވިސްނާލިއެވެ. އެކުވެރިޔާ އެ ދެއްކީ ތެދު ވާހަކައެވެ. ގިނަ ދުވަހެއްގެ ރަހުމަތްތެރިކަމުގެ ސަބަބުން ނައުމާއަށް ވެސް ސަންރާގެ އުޅުން ވަނީ ފެނިފައެވެ. އެކި ދުވަސް މަތިން ސަންރާގެ ޝަކުވާ ރަފްހާ ވަނީ ކިޔައިދީފައެވެ. ނަމަވެސް މިއަދު ރަފްހާގެ ވާހަކަ ދެއްކުމުގައި ވަނީ ރުޅިވެރިކަމެވެ. އެކަން ނައުމާއަށް ފާހަގަވިއެވެ.

"ދެން ބުނަން ޖެހޭނީ ނުބުނަން އޮންނަ އެތި. ގޭގައި ވެސް އެންމެންގެ ކަމަކީ ސަންރާއަށް ފާޑުކިޔުން. މަންމައަކު ދަރިއަކާ ދިމާލަށް އެއްޗެއް ބުންޏަސް އެހެން މީހުން ނުޖެހޭނެ އޭނައާ ދިމާލަށް އެއްޗެހި ބުނާކަށް. އަޒްފާ ވެސް އުޅޭނީ އަހަރެންނާ ޖައްސާލައިގެންހެން ހީވަނީ. އަބަދުވެސް އަހަރެން ދޭ ތަރުބިއްޔަތުގެ އަގެއް ނެތްކަން ބުނެދޭން އުޅޭހެން ހީވަނީ. އެހެންނު ވާނީ؟ އޭނަ ދަރިފުޅު އެއީ ފަސް މީރު ކުރި ރުކެއް ވިއްޔަ. ވަރަށް ފޫހިވޭ ބައެއް ފަހަރު،" ރަފްހާ ތުން އަނބުރާލާފައި ބުންޏެވެ. ނައުމާގެ މޫނު މައްޗަށް ހިނިތުންވުން ވެރިވިއެވެ. ރަފްހާގެ ބޮލުގެރިހުމަކީ އެއީކަން އެނގުނެވެ.

"އަހަރެން ބުނެފާނަން ގޮތެއް،" ރަފްހާ ގާތަށް ޖެހިލަމުން ނައުމާ ބުންޏެވެ. "ރަފްހާއަށް ކެރޭނެތަ ކުރަން؟"

- ނުނިމޭ -

އިތުރު ވާހަކަތައް

އިތުރު އާޓިކަލް

އިތުރު އާޓިކަލް