ބްރެޒިލްގެ ނޭމާ، ސައުތު ކޮރެޔާ ކުޅުންތެރިން ކައިރިން ބޯޅަ ހިފައިގެން ދަނީ

ބްރެޒިލް ހަމައެކަނި މޮޅީކީ ނޫން، ކައިރިކޮށްލެވޭ ވަރު ވެސް ނުވޭ

ފުރަތަމަ ހާފުގައި ސައުތު ކޮރެޔާ ކޮޅަށް ޖެހި ހަތަރު ލަނޑާ އެކު މެޗު އޮތީ ނިމިފައި
6 ޑިސެމްބަރު 2022

ފުރަތަމަ 36 މިނިޓް ތެރޭގައި ސައުތު ކޮރެޔާގެ ދިފާއުއަށް ވާނުވާ ވެސް އަންގާނުލައި ޖެހި ހަތަރު ލަނޑާ އެކު، 4-1 އިން މޮޅުވެ ގަތަރު ވޯލްޑް ކަޕްގެ ކްއާޓާ ފައިނަލަށް، ފަސޭހަކަމާ އެކު ބްރެޒިލް މިރޭ ދަތުރުކޮށްފި އެވެ.

ގަދަ 16ގެ މި މެޗަށް އެރުމުގެ ކުރިން ހިތްވަރާއި އުއްމީދުގައި ކުޅެމުން، މޮޅެތި ޓީމުތަކެއް ބަލިކުރި އޭޝިއާގެ ފުޓްބޯޅައިގެ ބޮޑު އެއް ބާރުން ވާދަވެރި ކުޅުމެއް ދުނިޔޭގެ ފުޓްބޯޅައިގެ ބޮޑު ބާރާ ދެކޮޅަށް ދައްކާނެ ކަމަށް ބެލެވުނެވެ. ނަމަވެސް ހަތް ވަނަ މިނިޓްގައި ވިނީޝިއަސް ޖޫނިއަ، 13 ވަނަ މިނިޓްގައި ނޭމާ (ޕެނެލްޓީއެއް)، 29 ވަނަ މިނިޓްގައި ރިޗާލްސަން އަދި 36 ވަނަ މިނިޓްގައި ލޫކަސް ޕަކުއޭޓާގެ ލަނޑުތަކުން، މިއީ މުޅިން އެހެން ފެންވަރެއްގެ ފުޓްބޯޅައެއްކަން، ބްރެޒިލުން ދުނިޔެއަށް ދައްކައިދިނެވެ.

 ސައުތު ކޮރެޔާއަށް ލަނޑު ޖެހުމަށް ފަހު ބްރެޒިލް ކުޅުންތެރިން ނެށުމަކުން އުފާ ފާޅުކުރަނީ

މުބާރާތުގެ ފުރަތަމަ މެޗުގައި ލިބުނު އަނިޔާއާ ގުޅިގެން ބްރެޒިލްގެ ދެ މެޗު ނުކުޅެ ހުރެ މިރޭ ދަނޑަށް ނުކުތް ނޭމާގެ ލަނޑާ އެކު އޭނާއަށް ޕެލޭގެ ރެކޯޑާ ހަމަކުރަން މިހާރު ބޭނުންވަނީ އެންމެ ގޯލެކެވެ. މި ވަގުތު ކެންސަރު ބަލި ބޮޑުވެ ހޮސްޕިޓަލްގައި އެޑްމިޓްކޮށްފައި އޮތް ޕެލޭ ބްރެޒިލްއަށް 77 ލަނޑު ޖަހައިދީފައިވާ އިރު ނޭމާގެ މި ލަނޑާ އެކު 76 އަށް އެރީ އެވެ.

ދެވަނަ ހާފުގައި ސައުތު ކޮރެޔާއިން ވަރަށް ރަނގަޅަށް ކުޅެ، ނަތީޖާއަށް ތަފާތެއް ގެނެވޭތޯ މަސައްކަތްކުރި އެވެ. އަދި 76 ވަނަ މިނިޓްގައި ހިލޭ ޖެހުމަކުން ލިބުނު ބޯޅައެއްގައި ސުއެންގް-ހޯ ޕައިކް އޭރިޔާގެ ބޭރުން ފޮނުވާލި ރީތި، އަދި އެހާމެ ބާރު ހަމަލާ ލަނޑަކަށް ހަދައި، ސުން ކަނޑުވާލަދިނެވެ. މިއީ މިރޭ ބްރެޒިލްއާ ދެކޮޅަށް ސައުތު ކޮރެޔާއަށް ލިބުނު ހިތްހަމަޖެހުމެކެވެ.

ކްއާޓާ ފައިނަލްގައި ބްރެޒިލް ބައްދަލުކުރަން ޖެހޭނީ މިރޭ އޭޝިއާގެ އަނެއް ޓީމު، ޖަޕާން ބަލިކޮށް ފުރުސަތު ހޯދި، އެންމެ ފަހު ވޯލްޑް ކަޕްގެ ދެ ވަނަ ޓީމު ކްރޮއޭޝިއާއާ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް