އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ، އޭނާގެ ހަރުކަށި ބައެއް ސިޔާސަތުތަކުގެ ސަބަބުން މަގުބޫލުކަން އަންނަނީ ދަށްވަމުން

ނަރެންދުރަ މޯދީ

މޯދީގެ ވެރިކަމުގެ ހަނީމޫން ނިމެނީ ބާ؟

6 ސެޕްޓެމްބަރު 2021

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވަނީ އޭނާގެ ވެރިކަމުގެ ދިގު ހަނީމޫނެއް ހޭދަކުރައްވައިފަ އެވެ. ޖެހިޖެހިގެން ދެ އިންތިހާބު، މާ ބޮޑު ވާދަވެރިކަމެއް ނެތި ކާމިޔާބުކުރެއްވި އެވެ. ހިންދޫންގެ ވަތަނީ ރޫހުގެ މައްޗަށް ބިނާވެފައި އޮތް ސިޔާސީ ސަޕޯޓް ގަދަކުރެއްވި އެވެ.

އެކަމަކު އިގުތިސާދޫ ހުއްޓުމާއި ކޮވިޑްގައި ސަރުކާރުގެ ނުކުޅެދުންތެރިކަން މާ ބޮޑަށް ފެންނަން ފެށުމުގެ ނަތީޖާ، ހިޔާލު ހޯދުމުގެ ވޯޓުތަކުން މިހާރު ފެންނަނީ މޯދީއަށް، ވެރިކަމުގެ ހަނީމޫން ނިމޭކަމުގެ ނިޝާންތަކެވެ.

ބީބީސީގެ ނޫސްވެރިޔާ ސޯތިކް ބިސްވާސް ބުނާ ގޮތުގައި މޯދީއަކީ ނަސީބު ވެސް ރަނގަޅު ބޭފުޅެކެވެ. އާންމުންނަށް އުނދަގޫވި ބޯޑެތި އެތައް ކަމެއްގެ ޒިންމާ ސަރުކަރުން ނަގަން ޖެހުނަސް، އެކަންކަމަށް މޯދީއަށް ގިނަ ބަޔަކު މައާފުކުރި ކަމަށް، ބިސްވާސް ލިއުނެވެ.

"އިންޑިއާގެ ރުޕީސްގެ ބޮޑެތި ނޫޓްތައް ބޭނުންކުރުން ކުއްލިއަކަށް ހުއްޓާލުން ފަދަ" މާލީ އާންމު މުއާމަލާތްތަކަށް 2016 ގައި ކުރިމަތިކުރުވި ބޮޑު އުނދަގުލާ އެކު ވެސް، 2019 ގެ އާންމު އިންތިހާބު ބީޖޭޕީން ކާމިޔާބުކުރި އެވެ.

އެކަމަކު ހިޔާލު ހޯދުމުގެ ބައެއް ސާވޭތަކުން ދައްކަނީ މޯދީގެ ސަޕޯޓް ވަރަށް ބޮޑަށް ގެއްލިފައިވާ  ތަނެވެ. އެގޮތުން 14،600 މީހުން ބައިވެރިކޮށްގެން އިންޑިއާ ޓުޑޭ މަޖައްލާއިން މިދިއަ މަހު ހޯދި ހިޔާލު ހޯދުމުން ދައްކަނީ، ދެން އަންނަ ބޮޑުވަޒީރަކަށ މޯދީ ހަދަން ބޭނުންވަނީ އެންމެ 24 ޕަސެންޓް މީހުން ކަމެވެ. އިންޑިއާގައި އާންމު އިންތިހާބެއް ދެން އޮންނާނީ 2024 ގަ އެވެ.

މޯދީގެ މަގުބޫލުކަން ވެއްޓުމަކީ ހައިރާންވާން ޖެހޭ ކަމެއް ނޫން

ރާހުލް ވަރުމާ، ސެންޓާ ފޯ ރިސާޗް

މިއީ މިދިއަ އަހަރު ކުރިއަށް ގެންދިޔަ އެފަދަ ހިޔާލު ހޯދުމުގެ ސާވޭއަކުން ނުކުތް ނަތީޖާއާ ބަލާ އިރު 42 ޕޮއިންޓްގެ ވެއްޓުމެކެވެ.

"ހިޔާލު ހޯދުމުގެ ވޯޓުތަކުގައި އަހަރެން ހޭދަކުރި ވިއްސަށް ވުރެ ގިނަ އަހަރުތަކުގައި އެއްވެސް ބޮޑުވަޒީރެއްގެ މަގުބޫލުކަން އެހާ ބޮޑަށް ވެއްޓިފައެއް ނުވޭ،" ކުރިން ހިޔާލު ހޯދުމުގެ ސާވޭތަކުގައި މަސައްކަތްކުރެއްވި މިހާރު ސިޔާސީ ދާއިރާގައި އުޅުއްވާ އަދި މޯދީއަށް ފާޑު ވެސް ކިއުއްވާ ޔޯގެންދުރަ ޔާދޭވް ވިދާޅުވި އެވެ.

މިއީ މޯދީއަށް ވަރަށް ބުރަ އަހަރެކެވެ. ކޮވިޑްގެ ދެ ވަނަ ރާޅަށް ސަރުކާރު ތައްޔާރުވެފައި ނެތުމުން އެތައް ހާސް ބަޔަކު މަރުވެ، ބަލީގެ ހާލަތު ކޮންޓްރޯލުން ނެއްޓުމަކީ، ގައުމާއި ބޭރު ދުނިޔޭގައި މޯދީގެ ތަސްވީރު ކިލަނބުކުރުވި ކަމެކެވެ. އިގުތިސާދު ދަނީ ދަށެވެ. އިންފްލޭޝަން އެހާ މައްޗެވެ. ތެލުގެ އަގު ބޮޑެވެ. ވަޒީފާ މަދެވެ. އާންމުންގެ ހޭދަކުރުން ކުޑަ އެވެ.

އޭގެ ބައެއް ހިތްހަމަނުޖެހުންތައް ހިޔާލު ހޯދުމުގެ ސާވޭތަކުގައި އާންމުން ފާހަގަކުރި އެވެ. އެގޮތުން 70 ޕަސެންޓް މީހުން ބުނީ ބަލިމަޑުކަމުގައި އެ މީހުންގެ އާމްދަނީ ދަށަށް ދިޔަ ކަމަށެވެ. އަދި ކޮވިޑްގައި މަރުވި ކަމަށް ރަސްމީ ހިސާބުތަކުން ދައްކާ 430،000 އަށް ވުރެ މަރުވި މީހުންގެ އަދަދު މާ މަތިވާނެ ކަމަށް ވެސް، ގާތްގަނޑަކަށް 70 ޕަސެންޓް މީހުން ގަބޫލުކުރެ އެވެ.

އެޕްރީލް މަހު އިންޑިއާގެ ކޮވިޑްގެ ދެ ވަނަ ރާޅުގައި މަރުވި މީހުން ގިނަވެ، އަންދާނެ ތަންތަން ފުރި، އެހީތެރިން ވަރުބަލިވެފައި

ބަލިމަޑުކަމާ ގުޅިފައި ހުރި ކަންކަން ފިޔަވައި އެހެން ބައެއް މައްސަލަތަކުން ވެސް މޯދީގެ ނަން ހަރާބުވެ އެވެ. އެގޮތުން އިންފްލޭޝަން މައްޗަށް ދިއުމާއި ވަޒީފާ ނުލިބުމުގެ ހިތްހަމަނުޖެހުން، ސާވޭގައި ބައިވެރިވި މީހުންގެ ތެރެއިން ތިން ބައިކުޅަ އެއްބައި މީހުން، ފާޅުކުރީ މޯދީއާ ދެކޮޅަށެވެ. އެމީހުން ބުނާ ގޮތުގައި ސަރުކާރުގެ އެންމެ ބޮޑު ފޭލްވުމަކީ އެއްޗެހީގެ އަގު ކޮންޓްރޯލްނުކުރެވުމެވެ.

"މޯދީގެ މަގުބޫލުކަން ވެއްޓުމަކީ ހައިރާންވާން ޖެހޭ ކަމެއް ނޫން،" ދިއްލީގައި ހުންނަ ސެންޓާ ފޯ ރިސާޗްގެ ރާހުލް ވަރުމާ ވިދާޅުވި އެވެ.

ބިސްވާސް ލިއުނު ގޮތުގައި މޯދީއަކީ މައްސަލަތައް އުފައްދަވާ ކަހަލަ ވެރިއެކެވެ. އެގޮތުން އޭނާ މިސާލަކަށް ދެއްކީ، މޯދީއަށް ފާޑުކިޔާ މީހުން ނަގާ މައްސަލަތަކެވެ. އެގޮތުން 2014 ގައި ވެރިކަމާ ހަވާލުވެވަޑައިގަތް ފަހުން މިހާތަނަށް ނޫސްވެރިންގެ އެއްވެސް ބައްދަލުވުމެއް ބާއްވަވާފައި ނުވުމާއި އިދިކޮޅު މީހުންގެ އަޑު ކަނޑުވާލުމުގެ އަމަލްތައް ހިމެނެ އެވެ. އަދި މުސްލިމުންނާއި އާބާދީ މަދު އެހެން ރައްޔިތުންގެ މެދުގައި ބައިބައިވުން އުފެދޭ ފަދަ ގޮތަކަށް މޯދީ އާއި ބީޖޭޕީން ކުރާ ކަންކަމަކީ ވެސް އިންޑިއާގައި މިހާރު ހުރި މައްސަލަތަކެވެ.

ރޭހުގައި އަދިވެސް ކުރީގައި އުޅުއްވަނީ މޯދީ

ރާހުލް ވަރުމާ، ސެންޓާ ފޯ ރިސާޗް

ބީޖޭޕީގެ ފުރިހަމަ ބާރު އޮންނަ ރައްޔިތުންގެ މަޖިލިހުން ފާސްކޮށް، އަމަލްކުރަން ފެށި އިންޑިއާ ރައްޔިތަކަށް ވުމުގެ އާ އުސޫލަކީ ސީދާ މުސްލިމުންނަށް އަމާޒުކުރި ބަދަލެއް ކަމަށް، އެތައް ބަޔަކު ދެކެ އެވެ. އަދި ދަނޑުވެރިކަމަށް އިސްލާހު ގެންނަން ފާސްކުރި ބިލާ މެދު ވެސް ސަރުކާރާ ދެކޮޅަށް ގިނަ ބަޔަކު ތެދުވި އެވެ. މިއިން ކޮންމެ ކަމެއް އިއުލާންކުރި އިރު ވެސް މޯދީ ފެނުނީ "ރައްޔިތުންނަށް ގެއްލިފައި" ހުންނެވި ވެރިއެއްގެ ގޮތުގަ އެވެ.

އެކަމަކު މޯދީގެ މަޝްހޫރުކަން އާންމުންގެ ލޯމަތިން ގެއްލުނަނުދޭން ބިލްބޯޑްތަކުގަ އާއި ނޫސްތަކާއި ޓީވީ އިސްތިހާރުތަކުގައި އޭނާ ފޮޓޯ ޖަހާފައި ހުރެ އެވެ. އެހެންކަމުން އެހާ ވަރުގެ ލީޑަރެއްގެ މަގުބޫލްކަން އާންމުންގެ ތެރޭގައި އެވަރަށް ވެއްޓުމަކީ، "އެންމެން ދަށުކޮށްގެން އުޅޭ ޝަހުސިއްޔަތުން"ގެ މަތިން އާންމުން ފޫހިވާން ފެށުން ކަމަށް، އެއް ބަޔަކު ދެކެ އެވެ.

ހިޔާލު ހޯދުމުގެ ސާވޭތަކުގައި ބޭނުންކުރާ އުކުޅުތައް ތަފާތެވެ. އެހެންކަމުން ވޯޓުލުމުގެ ހައްގު އޮންނަ މީހުންގެ މެދުގައި ބައެއް ފަހަރަށް ބައެއް ލީޑަރުންގެ މަގުބޫލްކަން ވެއްޓޭ ނިސްބަތް އެއީ ސީދާ ހަގީގީ މަންޒަރުތޯ ނުވަތަ ނޫންތޯ ސުވާލު އުފެދެ އެވެ.

ދުނިޔޭގެ 13 ގައުމެއްގެ އިންތިހާބީ ލީޑަރުންގެ މަގުބޫލުކަން އޮތް މިންވަރު ބަލަމުން އަންނަ މޯނިން ކޮންސަލްޓްގެ މައުލޫމާތުން ފެންނަނީ މިދިއަ މޭ މަހު މޯދީގެ މަގުބޫލުކަން 25 ޕޮއިންޓަށް ވެއްޓިފައި އޮތުމަށް ފަހު މި މަހު މެދުތެރޭގައި 47 ޕަސެންޓަށް މައްޗަށް އެރިކަމެވެ. މިއީ އަނެއް 12 ގައުމުގެ ވެރިންނާ މެދު ރައްޔިތުންގެ މެދުގައި އޮތް ރުހުމަށް ވުރެ މަތީ މިންވަރެކެވެ.

މިހާރު ވެސް އެނގޭ އެއްޗަކީ އާންމުންގެ ރުހުމުގެ ހިޔާލު ހުރި ގޮތަށް އެކަނި ބަލައިގެން މޯދީއަށް ބޮޑުވަޒީރުގެ ގޮނޑި ގެއްލިދާނެ ކަމަށް ނިންމެން ނެތް ކަމެވެ. އިދިކޮޅު ކޮންގްރެސް ޕާޓީގެ ލީޑަރު ރާހުލް ގާންދީއަށް ވުރެ މޯދީގެ މަގުބޫލްކަން މި ވަގުތު ވެސް ދެބައި ކުޅަ އެއްބައި މައްޗެވެ. އެހެންކަމުން މޯދީގެ މަގުބޫލްކަން އަނެއްކާވެސް މައްޗަށް އަރާ ނަމަ އެއީ ރަނގަޅު އިދިކޮޅު ޕާޓީއެއް ނެތުމުގެ އުނިކަމެވެ.

"ރޭހުގައި އަދިވެސް ކުރީގައި އުޅުއްވަނީ މޯދީ،" ވަރުމާ ވިދާޅުވި އެވެ.

"އެކަމަކު މަގުބޫލްކަން ވެއްޓޭ ނަމަ އެއީ މޯދީ ކަންބޮޑުވެވަޑައިގަންނަވާނެ ކަމެއް."

އިތުރު އާޓިކަލް

އިތުރު އާޓިކަލް