Majlis 2024

ކާނާ އާއި މީހާގެ ނަފްސާނީ ހާލަތާ ގުޅުން އޮވޭ

ފުޑް

ކާނާ އިން މޫޑަށް ކުރާ އަސަރު އެނގޭތަ؟

ފައިދާ ހުރި ކާނާ ކާ ނަމަ މީހާގެ ސިއްހަތަށާއި މޫޑަށް ހެޔޮ ބަދަލު އާދޭ
3 ނޮވެމްބަރު 2022
1

މުހިންމު ނުކުތާތައް

ދެރަވާ ކޮންމެ ފަހަރަކު ފޮނި އެއްޗެއް ކާހިތްވަނީ ހޯމޯންގެ ސަބަބުން

ކާނާ އިން މޫޑަށް އަސަރު ކުރާ ތިން ގޮތެއް އޮވޭ

ވަކި ބާވަތްތަކެއްގެ ކާނާ އިން މޫޑު ރަނގަޅުކޮށްދޭ

ކެއުމަކީ އަހަރެމެންގެ ޖަޒުބާތުތަކާ ގުޅިފައިވާ ކަމެކެވެ. ދެ ވައްތަރެއްގެ މީހުން އުޅެ އެވެ. އެއް ބަޔަކީ ސްޓްރެސްވުމުން ކުރިމަތީގައި ހުންނަ ހުރިހާ އެއްޗެއް ކާލެވޭ މީހުންނެވެ. އަނެއް ބަޔަކީ އެއްވެސް ގޮތަކަށް ކާއެއްޗެއް ނުކެވޭ މީހުންނެވެ. ގިނައިން ކެއުމާއި ހިތްހަމަޖައްސާލަން ކެއުމަކީ ވެސް ކުރިމަތިވާ ކަންކަމެވެ. 

އެކަމަކު، ކާ އެއްޗެއްގެ ބާވަތުން ނުވަތަ ކާ ގޮތަކުން މީހާގެ މޫޑަށް އަސަަރު ކުރާކަން އެނގޭ ހެއްޔެވެ؟ އެހެންވީމާ ދެރަވާ ކޮންމެ ފަހަރަކު ފޮނި އެއްޗެއް ކެއުމަކީ އެންމެ ރަނގަޅު ގޮތް ކަމުގައި ނުވެދާނެ އެވެ.

ސަބަބު މި އޮތީ އެވެ.

ކާނާ އަކީ ހަކަތަ

ހަށިގަނޑަށް ހަކަތަ ފޯރުކޮށްދެނީ ކާނާ؛ ދުޅަހެޔޮ ކާނާގެ ސަބަބުން މީހާއަށް ބޮޑެތި ފައިދާތަކެއް ކުރޭ

އިންސާނެއްގެ ސިކުނޑިއަކީ 24 ގަޑި އިރު އޮޕަރޭޓް ކުރާ މެޝިނެކެވެ. ނިދާފައި އޮތަސް،  ނޭވާލުމަށް، ހަރަކާތްތެރިވުމަށް އަދި ހަށިގަނޑުގެ އެހެން ނިޒާމްތަކުގެ މަސައްކަތަށް ހުރަސްއެޅިޔަ ނުދިނުމަށް މަސައްކަތް ކުރެ އެވެ. މި ހުރިހާ މަސައްކަތެއް ކުރުމަށް ސިކުނޑިއަށް ހަކަތަ ހޯދައިދެނީ މީހާ ކާ ކާނާ އެވެ. ރަނގަޅަށް މި މަސައްކަތް ކުރުމަށް ކެލޮރީސް ބޭނުންވެ އެވެ.

ހަކަތަ ހޯދުމަށް ކެލޮރީ ހޯދާ ގޮތް މުހިއްމެވެ. ކާނާގެ ފެންވަރު ދަށް ނަމަ ސިކުނޑި އެންމެ ރަނގަޅަކަށް ހިނގައެއްނުގަނެ އެވެ. ހަކުރާއި ސަރުބީ ގިނަ ކާނާއިން ހަށިގަނޑަަށް އިތުރުވަނީ ބޭކާރު ކެލޮރީ އެވެ. މިކަމުގެ ސަބަބުން މީހާ އަށް ރަނގަޅު އިހްސާސެއް ވެސް ނުކުރެވެ އެވެ.

ހަކަތަ ދަށްވެ، މީހާގެ މޫޑަށް އަސަރުކޮށް، ދިގު މުއްދަތަށް ސިއްހީ މައްސަލަތައް ކުރިމަތިވެ، މީހާގެ ދިފާއީ ނިޒާމް ބަލިކަށިކޮށްލަ އެވެ.

މިއާހިލާފަށް ތަރުކާރީ އާއި މޭވާ ކާ ނަމަ އެ ބާވަތްތަކުން ލިބޭ މިނެރަލް އާއި ވިޓަމިންތަކުން ހަށިގަނޑަށް އަންނަ ބަދަލު ފާހަގަ ކުރެވޭނެ އެވެ.

މީހާގެ މޫޑޫ ރަނގަޅުކޮށްދޭ ކާނާގެ ތެރޭގައި އަންނަނިވި ބާވަތްތައް ހިމެނެ އެވެ.

  • ތާޒާ މޭވާ އަދި ތަރުކާރީ

  • ނަޓްސް

  • ފައިބަރު މަތި ކާނާ

  • ގޮވާމުގެ ބާވަތްތައް

  • ޕްރޮޓީން

  • މެގްނީޒިއަމް ކަހަލަ މައިކްރޯ ނިއުޓްރިއެންޓްސް

މީހާގެ މޫޑަށް ނުރަނގަޅު އަަސަރު ފޯރުކޮށްދޭ ބައެއް ކާނާ ހިމެނެ އެވެ. މީގެ ތެރޭގައި ހިމެނެނީ އަންނަނިވި ބާވަތްތަކެވެ.

ގިނައިން ހަކުރު ހުންނަ ބާވަތްތައް ކާ ނަމަ މީހާގެ މޫޑަށް ނުރަނގަޅު އަސަރު ކުރޭ
  • ބޮޑަށް ޕްރޮޮސެސްކޮށްފައިވާ ކާނާ

  • ތައްޔާރީ ކާނާ

  • ޗިޕްސް އާއި ލުއި ކާނާ

  • ހަކުރު ގިނަ ކާނާ

  • މާ ގިނައިން ކެފެއިން

ކާނާ އިން މޫޑަށް އަސަރު ކުރާ ތިން ގޮތެއް

ކާނާގެ ސަބަބުން މޫޑަށް ތިން ގޮތަކަށް އަސަރު ކުރޭ

1. ސްޓްރެސް އާއި ގިނައިން ކާ ހިތްވުން

މީހާ  ސްޓްރެސްވުމުން ކޯޓިސޯލް ކިޔާ ހޯމޯނެއް ދޫކުރެ އެވެ. މީހާ ސްޓްރެސްވެ ހަށިގަނޑަށް "ހަމަލާއެއް" އަންނަ ކޮންމެ ފަހަރަކު ހަށިގަނޑުން ހަކަތަ ދަމައިގަނެ ލޭގެ ހަކުރު ހުންނަ މިންވަރު ދަށްކޮށްލަ އެވެ. ފުރަތަމަ ސްޓްރެސް މަތިވުމާ އެކު މީހާއަށް ވަރުބަލިކަން އިހްސާސްވަނީ އެހެންވެ އެވެ. މިސާލަކަށް ގަދައަށް ކިޔަވަން އުޅޭ އިރު ޗިޕްސް ނުވަތަ އެހެން ވެސް ލުއި ކާނާއަށް ހިތްޖައްސަ އެވެ.

މި އަސަރަށް ފަހު، އޭގެ ގެއްލުންތައް އަނބުރާ ހޯދުމަށްޓަކައި، ހަށިގަނޑުން ދެން ދޫކުރަނީ ގްލޫކޯކޯޓިކޯއިޑްސް ކިޔާ ހޯމޯނެކެވެ. މި ހޯމޯނުގެ މަގްސަދަކަށް ވާނީ ގެއްލިފައިވާ ހަކަތަ އަނބުރާ ހޯދުމެވެ. މިކަން ކުރާ ގޮތް އެނގޭ ހެއްޔެވެ؟ އަނެއްކާވެސް ހަކުރާއި ކާބޯހައިޑްރޭޓްސްގެ ބާވަތްތައް ކާ ހިތް ޖައްސަނީ އެވެ.

2. ސެރެޓޯނިއަން

ސެރެޓޯނިއަން އަކީ "ފީލް ގުޑް" ނުވަތަ އުފާވެރިކަމާ ގުޅިފައިވާ ހޯމޯން އެކެވެ. މީހާގެ ނިދި، ކާހިތްވުން، މޫޑު ބަދަލުވާ ގޮތް އަދި ތަދު އިހްސާސް ކުރެވޭ ގޮތަށް ސެރެޓޯނިއަން އަސަރު ފޯރުވަ އެވެ. މި ހޯމޯން މަދު ނަމަ މީހާ ރުޅިގަދަވެ، ވަރުބަލިކަން އިހްސާސް ކުރެވި، ރޮއެ އަދި ގިނައިން ހަކުރު ހިމެނޭ ބާވަތްތައް ނުވަތަ ކާބޯހައިޑްރޭޓް ގިނައިން އެކުލެވޭ މާއްދާތައް ކާ ހިތް ޖައްސާނެ އެވެ.

3. ބަނޑުހައިވުމުން ރުޅިގަދަވޭތަ؟

ބަނޑުހައިވުމުން ރުޅިގަދަވުމަކީ ވަރަށް ގިނަ މީހުންނަށް ދިމާވާ ކަމަކެވެ. ބަނޑުހައި ނަމަ، ލޭގައި ހަކުރު ހުންނަ މިންވަރު ފުރަތަމަ ދަށްކޮށްލަ އެެވެ. މިކަމުގެ ސަބަބުން މީހާއަށް ވަރުބަލިކަން އިހްސާސް ކުރެވޭނެ އެވެ. މިކަމުން އަރައިގަތުމަށް ހަށިގަނޑުން ކޯޓިސޯލް އާއި އެޕިނެފްރިން ދޫކޮށް އެ ދެ ހޯމޯންގެ މިންވަރު އަނބުރާ މައްޗަށް އުފުލާލަ އެވެ. މީގެ ސައިޑް އިފެކްޓަކީ، ރުޅި އަދި ކެތްތެރިކަން ކުޑަވުމުގެ އިހްސާސެވެ.

ދެން ހަށިގަނޑު ސިގްނަލް ދޭނީ ކާ ވަގުތު ޖެހިއްޖެ ކަމުގަ އެވެ. އެކަން ކުރުމަށްޓަކައި ނިއުރޯޕެޕްޓައިޑް ވައި ދޫކޮށްލަ އެވެ. މި ހޯމޯން ހަށިގަނޑަށް ކިޔައިދެނީ، ކާންވެއްޖެ ކަމެވެ. މިއީ ވެސް މީހާގެ މޫޑަށް އަސަރުކޮށް ރުޅި އިހްސާސްކޮށްދޭ ހޯމޯންއެކެވެ.

އެހެންކަމުން ކެއުމާއި މޫޑާ ހުރި ގުޅުން ތިލަކޮށްލާނަމެވެ.

ފުރަތަމަ ކަމަކަށް ބަނޑުހައިވުމެވެ. ބަނޑުހައިކަން އިހްސާސް ކުރެވުމުން ކެއުމަށް ރަނގަބީލު އަޅައި، ހަށިގަނޑުން ދޫކުރާ ހޯމޯންތަކުގެ ސަބަބުން ރުޅިގަދަވެ އެވެ. އަދި މިކަމުގެ ސަބަބުން، ގިނައިން ކާބޯހައިޑްރޭޓް އަދި ހަކުރު ހުންނަ ތަކެތި ކާ ހިތްވެ އެވެ.

ސިއްހަތަށް ފައިދާހުރި ކާނާ ކެއުމަށް އާދަވެފައި ވާނަމަ މިކަމުގެ ނޭދެވޭ އަސަރު މީހާގެ ހަށިގަނޑާއި ސިކުނޑިއަށް ކުރެ އެވެ. ބޮޑަށް ޕްރޮސެސް ކޮށްފައިވާ ކާނާ އާއި ސަރުބީ އާއި ހަކުރު ގިނައިން ހުންނަ ކާނާގެ ސަބަބުން ހަށިގަނޑާއި ސިކުނޑީގައި ކެމިކަލް އަސަރެއް އުފެދި އިތުރަށް ކާ ހިތް ކުރުވި ނަމަވެސް ދިގު މުއްދަތުގައި މޫޑު ހަރާބުކޮށްލަ އެވެ.

މޫޑު އެންމެ ރަނގަޅުކޮށްދޭނީ ތިރީގައި މިވާ ބާވަތްތަކުން

މޫޑު ރަނގަޅު ކޮށްދޭ ކާނާގެ ތެރޭގައި ބިސް ހިމެނޭ

1. ނަޓްސް

މުރަނަ އެއްޗެއް ކާ ހިތްވާ ނަމަ މިވަރެއް ނެތެވެ. މީގައި އެކުލެވިގެން ވަނީ މީހާގެ ޖަޒުބާތުތައް ކޮންްޓްރޯލް ކޮށްދޭ މާއްދާތަކެކެވެ. މެގްނީޒިއަމްގެ ސަބަބުން ސްޓްރެސްއާ ދުރުކޮށްދެ އެވެ. އޮމެގާ-3ގެ ސަބަބުން ޑިޕްރެޝަނާ ދުރުކޮށްދެ އެވެ. ޓްރިޕްޓޯފަންގެ ސަބަބުން މީހާގެ ބެލެންސަށް އަދި ސެލޭނިއަމްގެ ސަބަބުން ސިކުނޑި މަސައްކަތް ކުރާ ގޮތަށް އަސަރު ކުރެ އެވެ.

2. ޑާކް ޗޮކްލެޓް

ފޮނި އެއްޗެއް ކާ ހިތްވާ ނަމަ، ޑާކް ޗޮކްލެޓް އަކީ މީހާގެ މޫޑަށް ހެޔޮ ބަދަލު ގެންނަ އެއްޗެކެވެ. އެންޓިއޮކްސިޑަންޓުން ފުރިގެންވުމާ އެކު ސެރެޓޯނިއަން މާއްދާ ގިނައިން ހިމެނެ އެވެ.

3. ސްޓްރޯބެރީ

ސްޓްރެސް މަތި ދުވަހެއް ނަމަ އެންމެ ރަނގަޅު އެއް ސްނެކަކީ ސްޓްރޯބެރީ އެވެ. އެއީ ފައިބަރާއި ވިޓަމިންސީ ގިނަ މޭވާ އެކެވެ. ސްޓްރޯބެރީ ކާ ނަމަ ލޭގައި ހުންނަ ކޯޓިސޯލް ދަށްކޮށްލައިގެން ސްޓްރެސް ކުޑަކޮށްދެ އެވެ.

4. ބިސް

ކޮންމެ ގޮތަކަށް ހަދައިގެން ވެސް ބިސް ކެވިދާނެ އެވެ. ފެނު ކައްކައިގެން، ސްކްރެމްބްލްޑް އެގްސް، ނުވަތަ ބިސްގަނޑު އަޅައިގެން ވިޔަސް ރަނގަޅެވެ. ބިހުގައި ޕްރޮޓީން އާއި ވިޓަމިން-ޑީ ގިނައިން ހިމެނެ އެވެ. މިކަމުގެ ސަަބަބުން، ލޭގެ ހަކުރު ހުންނަ މިންވަރު ހަމަޖައްސައިދީ، ގިނައިރު ވަންދެން ބަނޑުހައި ނުވެ ހިފަހައްޓާލަ އެވެ. އަދި ބިހުގެ ސަބަބުން، އުފާވެރިކަން ގެނެސްދޭ ހޯމޯން އުފައްދަން ފަށަ އެވެ.

އެވޮކާޑޯ އާއި ހޯލް ވީޓް ޕާން ފޮއްޗެއްގެ ޓޯސްޓަކާ އެކު ބިސް ކެވިދާނެ އެވެ. އޭރުން އެ ހަަމަޖައްސާލެވުނީ ހަށިގަނޑަށް ފައިދާ ބޮޑު އަދި މީހާ ސްޓްރެސްއާ ދުރުކޮށްދޭނެ ކެއުމެކެވެ.

ކޮމެންޓް (1)

ޣަމިޏަމި

3 ނޮވެމްބަރު 2022
ސާބަސް. ވަރަށް ރިސާޗުކޮށްފައި ހުރި ފުރިހަމަ ލިއުމެއް.
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް