Majlis 2024
ފެޝަން

ބެލެންސިއާގާގެ އެންމެ ފަހުގެ އަތްދަބަހަކީ ކުނި ކޮތަޅެއް

ލަގްޒަރީ ބްރޭންޑު ބެލެންސިއާގާގެ އެންމެ ފަހުގެ އަތްދަބަހަކީ ފެޝަން ސްޓަންޓެއް؛ އޭގެ އަގަކީ 1،790 އެމެރިކާ ޑޮލަރު
24 އޯގަސްޓު 2022

ޔޫރަޕްގެ މަޝްހޫރު ލަގްޒަރީ ބްރޭންޑު ބެލެންސިއާގާގެ އެންމެ ފަހުގެ ކަލެކްޝަންގައި ހިމެނޭ އަތްދަބަހަކަށް ގިނަ ބައެއްގެ ފާޑުކިއުން އަމާޒު ވެއްޖެ އެވެ. މި އަހަރުގެ މާޗު މަހުގައި އެ ބްރޭންޑުން ނެރުނު ފިނި މޫސުމުގެ ކަލެކްޝަނުގައި ދައްކާލީ ވަރަށް ތަފާތު ޑިޒައިންތަކެކެވެ. އެ ކަލެކްޝަންގައި، ކުނި ކޮތަޅެއްގެ ސިފަޔަށް ފަރުމާކޮށްފައިވާ އަތްދަބަހެއް ހިމެނެ އެވެ.

ބެލެންސިއާގާގެ 'ޓްރޭޝް ޕައުޗް' ފަރުމާކުރަން އެ ބްރޭންޑުގެ ކްރިއޭޓިވް ޑިރެކްޓަރު ޑީމްނަ ވަސަލްއީޔުހް ހިޔާލު ހޯދައިފައި ވަނީ އާއްމުކޮށް ކުނި އަޅަން ގެންގުޅޭ ކޮތަޅުންނެވެ. މި އަތްދަބަހުގައި އެކުލެވެނީ އޭތި ބަންދު ކުރަން ބޭނުން ކުރާ ވާގަނޑާއި ކުނި ކޮތަޅެއްގެ ސިފަ ގެނެސްދޭން ބޭނުންކޮށްފައިވާ އޮފްކުރި ބަކަރި ހަމެވެ. އަދި ފަނޑުކޮށް ބެލެންސިއާގާގެ ލޯގޯ ދަބަހުގައި ފަވާލައިފަވެ އެވެ. ކަޅު ކުލައިގެ އިތުރުން މި އަތްދަބަސް ނޫ، ރީނދޫ އަދި ހުދު ކުލައިން ލިބެން ހުރެ އެވެ. އާންމުން ހައިރާން ކޮށްލި އެއް ކަމަކީ އަތްދަބަހުގެ އަގެވެ: އޭގެ އަތްދަބަހެއް ބެލެންސިއާގާ އިން ވިއްކަނީ 1،790 އެމެރިކާ ޑޮލަރަށެވެ.

ކިމް ކާޑޭޝިއަން ފަދަ މަޝްހޫރު ސެލެބްރިޓީންގެ އާދަޔާހިލާފު ހެދުންތައް ފަރުމާކުރި ޑީމްނަ ބުނިގޮތުގައި ދުނިޔޭގެ އެންމެ އަގު ބޮޑު ކުނި ކޮތަޅު ފަރުމާ ކުރުމަކީ ރަނުގެ ފުރުސަތެކެވެ.

މިއީ "އެންމެނަށް ވެސް ކަމުދާނެ ރަނގަޅު ފެޝަން ސްކެންޑަލްއެއް!" އޭނާ ބުންޏެވެ.

ޑީމްނަ އާއި އޭނާގެ ޓީމް އުއްމީދު ކުރި ގޮތަށް އާއްމުން މި އަތްދަބަހަށް އެތައް ގޮތަކަށް ފާޑުކިޔާފައިވެ އެވެ. ސޯޝަލް މީޑިއާގައި މީމްސް ހެދުމުގެ އިތުރުން، ޓިކްޓޮކް ފަދަ ޕްލެޓްފޯމްތަކުގައި އަތްދަބަހާ ބެހޭގޮތުން ވިޑިއޯ ހަދައިފައިވެ އެވެ. އެކަމަކު ގިނަ ބަޔަކު މިއީ ވަރަށް މޮޅު ޑިޒައިނެއް ކަމަށް ވެސް ބަލަ އެވެ. އަދި 'ޓްރޭޝް ޕައުޗް' ގަންނަން ބޭނުންވާ އެތައް ބަޔަކު މިހާރު އެބަތިއްބެވެ.

މި ޒާތުގެ 'ފެޝަން ސްޓަންޓު' ޖެއްސުމަކީ ކުދިބޮޑު ފެޝަން ބްރޭންޑުތަކުން އާއްމުކޮށް ކުރާ ކަމެކެވެ. 

ބެލެންސިއާގާ ބްރޭންޑު ވުޖޫދަށް އައީ 1919ގަ އެވެ. އޭރު ޑިޒައިނަރު ކްރިސްޓޮބާލް ބެލެންސިއާގާ ފަރުމާ ކުރީ ވަރަށް ލަތީފީ އަދި އެ ޒަމާނާ ގުޅޭ ހެދުންތަކެވެ. ނަމަވެސް، މިފަހުގެ ޓްރެންޑުތަކާ އެއްގޮތަށް މުޅިން ތަފާތު ވައްޓަފާޅިއެއްގެ ޑިޒައިންތަކެއް ގެނެސްދިނީ ޑީމްނަ ކަމަށް ގިނަ ބަޔަކު ބުނެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް