އިންގްލެންޑާ ދެކޮޅަށް އީރާނުން ކުޅުނު މެޗުގައި ކުޅުންތެރިން ތިބީ ގައުމީ ސަލާން ނުކިޔާ

އެމެރިކާއިން ފުޓްބޯޅައަށް ވެސް ވެއްދީ އީރާނާ މެދު އޮތް ނަފުރަތު

އީރާންގެ ދިދާގައި ހިމެނޭ ﷲގެ އިސްމުފުޅު ކަނޑާލި މައްސަލާގައި އެމެރިކާއާ ދެކޮޅަށް ފިޔަވަޅު އަޅަން އީރާނުން ފީފާއަށް އެދުނު
28 ނޮވެމްބަރު 2022

އެމެރިކާގެ ފުޓްބޯލް ފެޑެރޭޝަންގެ ސޯޝަލް މީޑިއާއިން އީރާންގެ ދިދާގައި ހިމެނޭ ﷲގެ އިސްމުފުޅު ކަނޑާލި މައްސަލަ ބަލައި، އެމެރިކާއަށް ފިޔަވަޅު އަޅަން ޖެހޭނެ ކަމަށް، އީރާންގެ ފުޓްބޯލް އެޑެރޭޝަނުން ފީފާގައި އެދެފި އެވެ.

މާދަމާ އީރާނާ އެކު ގްރޫޕްގެ ފަހު މެޗުގައި ކުޅޭ އެމެރިކާއިން އެގޮތަށް ކަންތައްކުރީ، އީރާނުގައި އަންހެނުންނާ ދެކޮޅަށް މިހާޜު ހިންގަމުން އަންނަ ހަރުކަށި އަމަލްތަކާ ގުޅިގެން ކަމަށް، އެމެރިކާއިން ބުނެ އެވެ. ނަމަވެސް ގައުމެއްގެ ދިދާގައި ހިމެނޭ ބައެއް ކަނޑާލައި، ދިދައަށް ބަދަލުގެނެސް، ރަސްމީ ޕޯސްޓްތަކުގައި ބޭނުންކުރުމަކީ، ގައުމުތަކުން ކުރާ ކަމެއް ނޫނެވެ.

އެމެރިކާގެ ފުޓްބޯޅަ ފެޑެރޭޝަންގެ ސޯޝަލް މީޑިއާ ޕޯސްޓްތަކުގައި އީރާންގެ ދިދަ ހިމެނޭ ހުރިހާ ގްރެފިކްސްއަކުން ވަނީ ދިދައިގެ އެއް ބައި ކަމަށްވާ ﷲގެ އިސްމުފުޅު ރަމްޒުކޮށްދޭ ގައުމީ ނިޝާން ކަނޑާލައިފަ އެވެ.

އެމެރިކާއިން ބުނަނީ އެގޮތަށް ކަންތައްކުރީ އީރާނުގެ ރަސްމީ ދިދަ ބޭނުންކުރަން ބޭނުންނުވާތީ ކަމަށެވެ. އެއީ "އިންސާނީ އަސާސީ ހައްގުތަކަށް އީރާނުގެ އަންހެނުން އުފުލަމުން އަންނަ އަޑުތަކަށް ސަޕޯޓްކުރުމުގެ ގޮތުން ކުރި ކަމެއް" ކަމަށް ވެސް އެމެރިކާ އިން ބުނެ އެވެ.

މިދިއަ ސެޕްޓެމްބަރު މަހު އީރާންގެ އަންހެނަކު އިސްތަށިގަނޑު ނިވާނުކޮށް އުޅެނިކޮށް، ދީނީ ކަންކަމާ ގުޅޭ ފުލުހުން އޭނާ ހައްޔަރުކުރި އެވެ. އަދި ބަންދުގައި ހުއްޓާ އޭނާ މަރުވުމާ ގުޅިގެން އަންހެންވެރިންގެ ވަރަށް ބޮޑެތި މުޒާހަރާތައް އީރާންގައި ފެށުނެވެ. ބައެއް ރިޕޯޓްތައް ބުނާ ގޮތުގައި އެ މުޒާހަރާތައް ހުއްޓުވަން ބާރުގެ ބޭނުންކުރުމުން 400 އަށް ވުރެ ގިނަ މީހުން މަރުވި އެވެ.

ވޯލްޑް ކަޕްގައި އީރާން ކުޅުނު ފުރަތަމަ މެޗުގައި އިންގްލެންޑާ ދެކޮޅަށް ނުކުތް އިރު އީރާންގެ ކުޅުންތެރިން ގައުމީ ސަލާމެއް ނުކިޔަ އެވެ. ބޭނުމަކީ އީރާންގެ އަންހެންނާ އެކު ތިބިކަން ދެއްކުމާއި ސަރުކާރުގެ ހަރުކަށި އަމަލްތައް ކުށްވެރިކުރުމެވެ.

އެ މެޗުން 6-2 އިން އީރާން ބަލިވީ އެވެ. އެކަމަކު ދެ ވަނަ މެޗުގައި އީރާން ކުޅުންތެރިން ގައުމީ ސަލާމުގައި ބައިވެރިވި އެވެ. އަދި ވޭލްސް އަތުން 2-0 އިން މޮޅުވެ، މިހާރު އޮތީ އެމެރިކާ ބަލިކޮށް ދެ ވަނަ ބުރަށް ދިއުމުގެ ފުރުސަތު ތަނަވަސްކޮށްފަ އެވެ.

އީރާންގެ ފުޓްބޯލް ފެޑެރޭޝަނުން ފީފާއަށް އެދުނީ އެމެރިކާއަށް އިންޒާރު ދިނުމަށެވެ.

ފަހުން އެމެރިކާގެ ފެޑެރޭޝަނުން ބުނި ގޮތުގައި އެ ޕޯސްޓް ވަނީ ނަގައި، އީރާންގެ އަސްލު ދިދަ ލައިފަ އެވެ. 

އީރާންގެ އެތެރޭގެ ހަމަނުޖެހުންތައް ހިންގުމުގެ ފަހަތުގައި އޮތީ އެމެރިކާ ކަމަށް އީރާނުން ތުހުމަތުކުރެ އެވެ.

ދެ ގައުމުގެ ފުޓްބޯޅަ ޓީމު ބައްދަލުކުރާ މެޗަށް މުޅި ދުނިޔޭގެ ސަމާލުކަން ލިބޭނެ ކަމަށް ބެލެވެ އެވެ. އެކަމަކު ދެ ގައުމުގެ ދެމެދު އޮންނަ ސިޔާސީ ނަފުރަތުގެ އަސަރުތައް، މީގެ ކުރިން ވޯލްޑް ކަޕްގައި ދެ ޓީމު ކުޅުނު އިރު، ކުޅުންތެރިންގެ ފަރާތަކުން ނުފެނެ އެވެ. އޭގެ ބަދަލުގައި ފެނުނީ ކުޅިވަރުގެ އެކުވެރިކަމެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް