ގާ ހުދުވުމުގެ ސަބަބުން މަރުވެފައިވާ މުރަކައިގެ ފަރެއް (ފޮޓޯ/އަލީ ރަފީގް)

ތިމާވެށި

ކުރިއަށް އޮތީ މުރަކަތަކަށް ނުރައްކާ ދުވަސްވަރު

ރާއްޖޭގެ ފަރުތަކުން ގާ ހުދުވުން ފަހަކަށް އައިސް އިތުރުވެފައިވާ އިރު، ފަރުތަކަށް ބޮޑެތި އަސަރު ފޯރާ ކަންކަން ކޮންޓްރޯލްކުރަން ވަނީ ޖެހިފައި

މީގެ ހަ އަހަރު ކުރިން 2016 ވަނަ އަހަރު މުޅި ދުނިޔޭގެ ވެސް ކަނޑުތަކުގެ ފިނިހޫނުމިން މައްޗަށް ގޮސް، ފަރުތަކުގައި ހުރި މުރަކަތަކުގެ ބޮޑު ބައެއް މަރުވެގެން ދިޔަ އެވެ. އޭރު ރާއްޖޭގެ ފަރުތަކުގެ މުރަކައިގެ %73 މަރުވެ ހުދުވެގެން ދިޔަ ކަމަށް ޖެހިގެން އައި އަހަރު ޝާއިއު ކުރި ދިރާސާއަކުން ދެއްކި އެވެ. އެއީ 1998 އަށް ފަހު ރާއްޖޭގައި ހިނގި ގާ ހުދުވުމުގެ އެންމެ ބޮޑު ހާދިސާ އެވެ. އޭގެ ފަހުން، ގާ ހުދުވުމުގެ ހާދިސާތަކުގެ ދޭތެރެ ދަނީ ކައިރިވަމުންނެވެ.

ކޮންމެ އަހަރަކު ވެސް ފެބްރުއަރީ އާއި މެއިއާ ދޭތެރެއަކީ ރާއްޖޭގެ ކަނޑުތަކުގެ ފިނިހޫނުމިން މައްޗަށް ދާ ދުވަސްވަރެވެ. އަދި ކޮންމެ އަހަރެއްގެ މި ދުވަސްވަރު ރާއްޖޭގެ ފަރުތަކުން ގާ ހުދުވާ މައްސަލަ ފަހަކަށް އައިސް ބޮޑުވަމުންދާ ކަމުގެ އިންޒާރު ޑައިވަރުން ދެ އެވެ.

ކޮންމެ ސަރަހައްދެއްގައި ވެސް މުރަކަތަކަށް ހޫނަށް ކެތް ކުރެވޭ ވަކި މިންވަރެއް އޮވެ އެވެ. އެ މިންވަރަށް ވުރެ މައްޗަށް ފިނިހޫނުމިން މައްޗަށް ގޮސްފި ނަމަ، އެ ހިސާބުން މުރަކަތައް ނުރައްކަލަށް ވެއްޓިގެން ދަނީ އެވެ.

އެމެރިކާގެ ސައިންސް އެޖެންސީއެއް ކަމަށްވާ ނޭޝަނަލް އޯޝިއޭނިކް އެންޑް އެޓްމޮސްފެރިކް އެޑްމިނިސްޓްރޭޝަން (ނޯއާ)ގެ 'ކޮރަލް ރީފް ވޮޗް' ބޭނުންކޮށްގެން މޯލްޑިވްސް މެރިން ރިސާޗު އިންސްޓިޓިއުޓް (އެމްއެމްއާރުއައި) އިން ގެންދަނީ ފިނިހޫނިމިން މައްޗަށް ދާ މިންވަރު މޮނިޓާ ކުރަމުންނެވެ. ކޮންމެ އަރަކު ވެސް މި ދުވަސްވަރު އެ އިންސްޓިޓިއުޓުން އެކަމާ ބެހޭ މައުލޫމާތު އާންމު ކުރެ އެވެ.

އެ އިންސްޓިޓިއުޓުން މިދިޔަ ހަފްތާގެ ބުދަ ދުވަހު ބުނެފައި ވަނީ ކުރިއަށް އޮތް 12 ވަރަކަށް ހަފްތާގެ ތެރޭގައި ފިނިހޫނުމިން މައްޗަށް ގޮސް ގާ ހުދުވުމުގެ ފުރުސަތު ބޮޑުވާނެ ކަމަށެވެ.

ލަފާ ކުރެވޭ ގޮތް:

1-4 ހަފްތާ: އައްޑޫ އަދި ހުވަދޫ 'ބްލީޗިން ވޮޗް' އެލާޓް ލެވެލްއަށް ދާނެ

5-8 ހަފްތާ: މުޅި ރާއްޖެ 'ބްލީޗިން ވޮޗް' ލެވެލްއަށް ދާނެ

9-12 ހަފްތާ: ރާއްޖޭގެ ބޮޑު ސަރަހައްދެއް 'ވޯނިން' ލެވެލްއަށް ދާނެ

އެމްއެމްއާރުއައިގެ މެރިން ބަޔޮލޮޖިސްޓު ފާތިމަތު ހަނާ އާމިރު ވިދާޅުވި ގޮތުގައި 'ބްލީޗިން ވޮޗް' ލެވެލްގެ މާނައަކީ އެ ދުވަސްވަރެއްގައި ކޮންމެވެސް ވަރަކަށް މުރަކަ ހުދުވުމުގެ ފުރުސަތު އޮންނާނެ ކަމެވެ. އަދި 'ވޯނިން' ލެވެލްއަކީ މުރަކަތައް ހުވުމުގެ ފުރުސަތު ބޮޑުވެގެންދާ ދުވަސްވަރެވެ.

ކުރިއަށް އޮތް 12 ހަފްތާގައި ރާއްޖޭގެ ކަނޑުތަކުގެ ފިނިހޫނުމިން އޮންނާނެ މިންވަރު: މިކަން ބަލަނީ އެމެރިކާގެ ސައިންސް އެޖެންސީއެއް ކަމަށްވާ ނޭޝަނަލް އޯޝިއޭނިކް އެންޑް އެޓްމޮސްފެރިކް އެޑްމިނިސްޓްރޭޝަން (ނޮއާ) ގެ 'ކޮރަލް ރީފް ވޮޗް' ބޭނުންކޮށްގެން

އެދެނީ ވީހާ ވެސް ގިނައިން ރިޕޯޓު ކުރަން

ފާއިތުވި ދެ އަހަރާ އަޅާބަލާއިރު، މި އަހަރު ރާއްޖެ 'ވޮޗް' ލެވެލްއަށް އަރާފައި ވަނީ އަވަހަށެވެ. އިންސްޓިޓިއުޓުން ދަނީ އެކަން ބަލަމުންނެވެ.

"މި އަހަރު އަޅުގަނޑުމެންނަށް ފާހަގަ ކުރެވުނީ ވޮޗް ލެވެލްއަށް ރާއްޖޭގެ ހިސާބުތައް އަރައިފިކަން މިދިޔަ އަހަރާއި އޭގެ ކުރީ އަހަރާ އަޅާ ބަލާއިރު [މާ ކުރިން]. އެހެންވެ ފުދޭވަރަކަށް ގާތުން އަޅުގަނޑުމެން ބަލަމުން މިދަނީ،" ހަނާ ވިދާޅުވި އެވެ.

ގާ ހުދުވާން ދިމާވާ ދުވަސްވަރު އެކަން އިންސްޓިޓިއުޓުން މޮނިޓާ ކުރަނީ އާންމު ފަރާތްތަކުގެ އެހީގަ އެވެ. އެއީ އެ ތަނުން އަމިއްލައަށް މުޅި ރާއްޖޭގެ ފަރުތައް މޮނިޓާ ކުރާނެހާ ވަސީލަތްތައް ނެތުމުންނެވެ.

އެމްއެމްއާރުއައިގެ ޑިރެކްޓާ ޖެނެރަލް ޝާފިއާ ނައީމް ވިދާޅުވީ، މި އަހަރު ވެސް ގާ ހުދުވާކަން ފާހަގަކުރެވޭ މީހުން އެކަން ރިޕޯޓު ކުރުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. އެއީ ގާ ހުދުވާ ވަރު ބެލުމަށް މުހިންމު ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

އައްޑޫ ބްރިޓިޝް ލޯޔަލްޓީ ޝިޕްރެކް: ބިން ހިއްކަން ވެލި ނަގައިފި ނަމަ، މުރަކަ އާލާވެފައިވާ މި ތަނަށް ގެއްލުންވާނެ ކަމަށް އީއައިއޭގައި ވަނީ ލަފާކޮށްފައި (ފޮޓޯ/އެކުއާވެންޗާ މޯލްޑިވްސް)

ރިޕޯޓު ކުރަން ގޫގަލް ފޯމެއް އެމްއެމްއާރުއައި އިން ވަނީ އާންމުކޮށްފަ އެވެ. އަދި ސޯޝަލް މީޑިއާ މެދުވެރިކޮށް ވެސް އެކަން ރިޕޯޓު ކުރެވޭނެ ކަމަށް އެ އިންސްޓިޓިއުޓުން ބުންޏެވެ.

ކޮރަލް ބްލީޗިން ކޯޑިނޭޝަން ކޮމިޓީއެއް މިހާރު ވަނީ އުފައްދައިފަ އެވެ. އެ ކޮމިޓީގެ މަސައްކަތަކީ ގާ ހުދުވުމާއި އެކަމާ ގުޅޭގޮތުން އަޅަންވީ ފިޔަވަޅުތަކާ މެދު ލަފާ ދިނުމާއި މޮނިޓާ ކުރުމާއި ރިޕޯޓު ކުރުމާއި މައުލޫމާތު ފެތުރުމުގެ މަސައްކަތް ކުރުމެވެ. އެ ކޮމިޓީގައި އިންސްޓިޓިއުޓާއި މިނިސްޓްރީގެ އިތުރުން އެކި ޖަމިއްޔާތަކުގެ މީހުން ތިބެ އެވެ.

މި ދުވަސްވަރު އޮތީ މުރަކަތަކަށް ގެއްލުންވާ ކަންކަން މަދުކުރުން

ހަނާ ވިދާޅުވި ގޮތުގައި ގާ ހުދުވުމަކީ ދާއިމީ ހައްލެއް އޮތް ކަމެއް ނޫނެވެ. އިންސާނުންގެ އަމަލުތަކުގެ ސަބަބުން މޫސުމަށް އަންނަމުންދާ ބަދަލުތައް ދެމި އޮތްހާ ހިނދަކު އެކަން ދިމާވާނެ އެވެ.

އެކަމަކު، މުރަކަތަކަށް ލިބޭ ގެއްލުން ކުޑަކުރަން މި ދުވަސްވަރު ކުރެވިދާނެ ކަންތައްތަކެއް އެބަ ހުއްޓެވެ. އެއީ ގާ ހުދުވާ ދުވަސްވަރު ފަރުތަކަށް ގެއްލުންވާ އެހެން ކަންކަން ވީހާ ވެސް މަދު ކުރުމެވެ. ހަނާ ވިދާޅުވީ ފިނިހޫނުމިން މައްޗަށް ދާ ދުވަސްވަރު، މުރަކަތަކަށް ގެއްލުންވާ އެހެން ކަންކަން ވެސް ހިނގާ ނަމަ މުރަކަތައް މަރުވުމުގެ ފުރުސަތު ބޮޑުވާނެ ކަމަށެެވެ.

"ވަކި ވަރަކަށް ވުރެ ބޮޑަށް ސްޓްރެސް ކުޑަކުރެވިއްޖެއްޔާ ރިކަވާވެ، ފަންކްޝަން ކުރާނެ. އެކަމަކު، މާ ބޮޑަށް ސްޓްރެސް ވަންޏާ މަރުވުމުގެ ފުރުސަތު ބޮޑުވާނެ،" ހަނާ ވިދާޅުވި އެވެ.

ގުޅިފަޅުން ބިން ހިއްކުމުގެ މަސައްކަތް ކުރިއަށްދަނީ. (ފޮޓޯ/އޯޝަނޮހޯލިކްމޯލްޑިވްސް)

މުރަކަތައް 'ސްޓްރެސް' ވާ ކަންކަމުގެ ތެރޭގައި މޫދު ތަގައްޔަރުވާ މާއްދާތައް ކުނީގެ ގޮތުގައި އެޅުމާއި ބިން ހިއްކުން ފަދަ ކަންކަމުގެ ސަބަބުން ފަރުތަކަށް ކިސަޑު އެޅުން ހިމެނެ އެވެ.

މި ދުވަސްވަރު ރާއްޖޭގައި ބިން ހިއްކާ ނަމަ އެއީ އެ ސަރަހައްދެއްގެ މުރަކަތަކަށް އޮތް ނުރައްކާ އިތުރުވާނެ ކަމެކެވެ. މަޝްރޫއުތަކުގެ އީއައިއޭއަށް އެމްއެމްއާރުއައިއާ ވާހަކަ ދައްކާ އިރު، މިފަދަ ދުވަސްތަކުގައި ބިން ނުހިއްކަން އެ އިންސްޓިޓިއުޓުން އެދެ އެވެ.

ލޮނުގަނޑު ހޫނުވުމުގެ އަސަރު

ކަނޑުގެ ފިނިހޫނުމިން މައްޗަށް ދިޔުން ގުޅިފައި ވަނީ ކްލައިމެޓް ޗޭންޖް ނުވަތަ މޫސުމަށް އަންނަ ބަދަލާ އެވެ. ޖައްވަށް ބޭރު ކުރާ ވިހަ ގޭސްތަކުން އިރުގެ ޔޫވީ ލައިޓު އެޓްމޮސްފިއާ ތެރޭގައި ހިފެހެއްޓި، މުޅި ދުނިޔެ ހޫނުވެގެންދެ އެވެ.

އިންސާނުންގެ ދިރިއުޅުން ފާއިތުވި ދެތިން ގަރުނުގެ ތެރޭގައި ކުރިއަރައިގެން ދިޔަ ބާރުމިނާ އެކު، ވިހަ ގޭސްތައް ބޭރުކުރާ މިންވަރު އިތުރުވެ، ދުނިޔޭގެ ހޫނުމިން ކުރިއަށް އޮތް 20 އަހަރު ތެރޭގައި ޕްރީއިންޑަސްޓްރިއަލް ދުވަސްވަރާ އަޅާބަލާއިރު 1.5 ޑިގްރީއަށް އިތުރުވާނެ ކަމަށް އދގެ އިންޓަގަވަމެންޓަލް ޕެނަލް އޮން ކްލައިމެޓް ޗޭންޖް (އައިޕީސީސީ)އިން މިދިޔަ އަހަރު ފަހުކޮޅު ނެރުނު ރިޕޯޓުގައި ވެސް ވަނީ ބުނެފަ އެވެ. އެއީ ކުރިން ލަފާ ކުރި ވަރަށް ވުރެ 10 އަހަރު އަވަހެވެ.

ގްލޯބަލް ކޮރަލް ރީފް މޮނިޓަރިން ނެޓްވޯކް (ޖީސީއާރްއެމްއެން) އިން 300 އަށް ވުރެ ގިނަ ސައެންސްވެރިން ބައިވެރިކޮށްގެން ކުރި ދިރާސާއެއްގައި ބުނެފައިވާ ގޮތުން، 2009 ވަނަ އަހަރުން ފެށިގެން 2018 އާ ހަމައަށް ދުނިޔޭގެ މުރަކައިގެ 14 ޕަސެންޓު ވަނީ މަރުވެގެން ގޮސްފަ އެވެ.

(ފޮޓޯ/ރީފްސްކްރެޕާސް)

ރާއްޖޭގެ ފަރުތަކުގެ ބޮޑު ސަރަހައްދެއް ސާވޭކޮށް، މިދިޔަ އަހަރު ހެދި ނޫ ރާއްޖެ ދިރާސާ އިން ދައްކާ ގޮތުގައި 2016 ވަނަ އަހަރުގެ ގާ ހުދުވުމުގެ ހާދިސާއަށް ފަހު ރާއްޖޭގެ ފަރުތައް އަންނަނީ އިއާދަވަމުންނެވެ. އެ ދިރާސާގައި މައިގަނޑު ގޮތެއްގައި ބަލާފައި ވަނީ ފަރުތަކުގައި ހުރި ކުދި މުރަކައިގެ އާބާދީއަށާއި ފަރުތަކުގައި އުޅޭ ދިރުންތަކުގެ އާބާދީއަށެވެ.

ފަރުތައް އިއާދަވަމުންދިޔަ ނަމަވެސް، މުޅިން އާލާވާން އަދި އެތައް އަހަރެއް ނަގާނެ އެވެ. އެކަމަކު، އަނެއްކާވެސް ހޫނުމިން އާދައާ ހިލާފަށް މައްޗަށް ގޮސްފި ނަމަ މުރަކަތައް މަރުވެ، ފަހަތަށް ސޮއްސާލައިގެން ދާނެ އެވެ. ހަނާ ވެސް ފާހަގަ ކުރެއްވި ގޮތުގައި މިހާރު ވެސް އެއް އަހަރަށް ވުރެ އަނެއް އަހަރު ގާ ހުދުވުން ދަނީ ގޯސްވަމުންނެވެ.

ދުނިޔެ ހޫނުވަމުންދާ މިންވަރަކަށް މުރަކަތައް މަރުވަމުންދާނެ އެވެ. އެކަމުގައި ކުރެވެން އޮތް ކަމަކީ ފަރުތަކަށް ގެއްލުންހުރި ކަންކަން ވީހާ ވެސް ބޮޑަށް ކޮންޓްރޯލްކުރުމާއި ވީ ވަރަކުން މުރަކަ އާލާކުރުމަށް މަސައްކަތްކުރުމެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް