ރާއްޖޭގައި މައި އެއާޕޯޓް، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގައި ތަރައްގީކޮށްފައިވާ އާ ރަންވޭ ބޭނުންކުރަން ފެށުމުގެ ގޮތުން މިދިޔަ އޮކްޓޯބަރު 6 ވަނަ ދުވަހު ބޭއްވި ރަސްމިއްޔާތު. (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)

ޓޫރިޒަމް

ޓޫރިޒަމް ސީޒަނަށް އެއާޕޯޓް ތައްޔާރުވެ، ކެޕޭސިޓީ އިތުރުކޮށްފި

އިމިގްރޭޝަން ކައުންޓަރުތަކުގެ އަދަދު އިތުރުކޮށް އަދި އާ ހަ އެކްސްރޭ މެޝިން ބެހެއްޓުމުގެ އިތުރުން، ބެގޭޖު ބެލްޓް ބޮޑުކުރަން ވަނީ ނިންމާފައި
28 ނޮވެމްބަރު 2022
3

ފަތުރުވެރިކަމުގެ ޕީކް ސީޒަނާ ދިމާކޮށް، ރާއްޖޭގެ މައި އެއާޕޯޓް، ވެލާނާ އިންޓަނޭޝަލް އެއާޕޯޓް (ވީއައިއޭ)ގެ ކެޕޭސިޓީ އިތުރުކޮށް، ތައްޔާރީތައް ވެއްޖެ އެވެ.

އެނގުން މުހިންމު - ކޮންމެ އަހަރަކު ވެސް ކްރިސްމަސް އާއި އާ އަހަރުގެ ޗުއްޓީއާ ދިމާކޮށް ޔޫރަޕުން ގިނަ އަދަދެއްގެ ޓޫރިސްޓުން ރާއްޖެ އާދެ އެވެ. ޓޫރިޒަމް ސީޒަނާ އެކު ދުވާލެއްގެ މައްޗަށް ރާއްޖެ އަންނަ ޓޫރިސްޓުންގެ އަދަދު ވަނީ 4،800އަށް ވުރެ އިތުރުވެފަ އެވެ.

ސީޒަނާ އެކު ޓޫރިސްޓުން އިތުރުވެ، ވީއައިއޭގެ ތޮއްޖެހުން އެ ދުވަސްވަރު އަބަދުވެސް ބޮޑުވެ އެވެ.

ބުނީ ކީކޭ؟ - ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު މިދިޔަ ބުރާސްފަތި ދުވަހު ވިދާޅުވީ ޓޫރިޒަމް ސީޒަނާ ދިމާކޮށް އެއާޕޯޓް ބޭނުންކުރާ މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވާނެތީ ރާއްޖެ އަންނަ ޓޫރިސްޓުންނަށް ދިމާވާ ދަތިތައް ހައްލުކުރަން ހުރިހާ އިދާރާތައް ގުޅިގެން މަސައްކަތްތަކެއް ފަށާފައިވާ ކަމަށެވެ. އަދި އެކަމުގެ ސަބަބުން ބަދަލުތަކެއް ފެންނާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ތަފްސީލް - އެކަންކަމުގެ ތަފްސީލަށް ވަޑައިގަންނަވަމުން މިއުވާން ވިދާޅުވީ:

  • އެއާޕޯޓްގެ ޑިޕާޗާގައި ހުންނަ އިމިގްރޭޝަންގައި އިތުރު ހަތް ކައުންޓަރު ބަހައްޓަނީ؛ އޭރުން ޖުމްލަ 18 ކައުންޓަރު ހުންނާނެ

  • އެރައިވަލްގައި ހުންނަ އިމިގްރޭޝަންގެ ކައުންޓަރުތަކުގެ އަދަދު 14އަށް އިތުރުކުރަނީ

  • ޓޫރިސްޓުންނަށް ހާއްސަ 80 ކައުންޓަރެއް އެއާޕޯޓްގައި ގާއިމްކޮށް، ފަސިންޖަރުންގެ ފްލޯއަށް ފަސޭހަ ވާނެ ގޮތަށް ބަދަލުތައް ގެންނާނެ

  • އާ ހަ އެކްސްރޭ މެޝިން ބަހައްޓައި އަންނަ މަހު ބޭނުން ކުރަން ފަށާނެ

  • ބެގޭޖު ބެލްޓް ބޮޑުކޮށް، ލަގަޖް ލިބުން އަވަސް ކުރަނީ

"ކުރިއަށް އޮތް ޕީކް ސީޒަން ފެށިގެންދާއިރު އެއާޕޯޓުން ރާއްޖެ އަންނަ ފަތުރުވެރިންނަށް ފަސޭހަތަކެއް ވެގެން ދާނެ،" މިއުވާން ވިދާޅުވި އެވެ.

ފާހަގަކޮށްލެވޭ ކަމެއް - މިދިޔަ އޮކްޓޯބަރު މަހުގެ ތެރޭގައި، އެއާޕޯޓްގެ އާ ރަންވޭ ވަނީ ބޭނުންކުރަން ފަށައިފަ އެވެ. އެކަމުގެ ސަބަބުން ފްލައިޓް ޖެއްސުމާއި ފުރުމުގައި ވަނީ ބޮޑެތި ފަސޭހަތަކެއްވެ، އެއާޕޯޓްގެ އޮޕަރޭޝަންތައް އަވަސްވެފަ އެވެ. އެގޮތުން ލިބިފައިވާ ކުރިއެރުންތަކަކީ:

  • ފްލައިޓެއް ކްލިއާކުރަން ނަގާ ވަގުތު 15 މިނެޓުން 3 މިނެޓަށް އަވަސްވެފައި

  • ގަޑިއިރެއްގެ ތެރޭގައި ބޯޓް ޖެއްސޭ އަދަދު އަށަކުން 21އަށް އިތުރުވެފައި

  • އެއާޕޯޓްގެ އޮޕަރޭޝަނަލް ކެޕޭސިޓީއަށް %80ގެ ކުރިއެރުމެއް

  • ޒަމާނީ ނެވިގޭޝަން ސިސްޓަމާ އެކު މޫސުން ގޯސް ދުވަސްތަކުގައި ވެސް ބޯޓް ޖައްސަން ފަސޭހަވާނެ

މިދިޔަ ބުދަ ދުވަހާ ހަމައަށް ރާއްޖެއަށް ވަނީ:

  • 1.4 މިލިއަން ޓޫރިސްޓުން ޒިޔާރަތްކޮށްފައި 

  • މިއީ މިދިޔަ އަހަރާ އަޅާބަލާއިރު %29.8ގެ ކުރިއެރުމެއް 

  • ރާއްޖޭގެ މި އަހަރުގެ ޓޫރިޒަމް ޓާގެޓަކީ 1.6 މިލިއަން ޓޫރިސްޓުން؛ އަންނަ މަހުގެ ދެވަނަ ހަފްތާގެ ތެރޭގައި އެ އަމާޒަށް ވާސިލްވާނޭ ކަމަށް ލަަފާކުރެވޭ

ކޮމެންޓް (3)

މުހައްމަދު

28 ނޮވެމްބަރު 2022
ތިޔަވީކީ ތައްޔާރެއް ނޫން! އެއާޕޯޓު ހުޅުވީމަ ތައްޔާރު ވީކަމައް ބެލެވޭނީ. އަވަހަށް އެއާޕޯޓު ހުޅުވާލަ ދީ. ޕްލީޒް.... ހާދަ ފްލައިޓެކޭ ރާއްޖެ އަންނަން ބޭނުންވެފަ ނާދެވިފަ މިތިބީ.....މިހާރު އަންނަ ފުލައިޓްތައް ވެސް ކެޕޭސިޓީ އިތުރުކުރަން ހާދަ ބޭނުންވެޔޭ.....ހާދަ ޑޮލަރެކޭ މި ގެއްލެނީ
0 0

ހަސަން

28 ނޮވެމްބަރު 2022
ތިއިން ކޮންމެ ކަމެއް ކުރިޔަސް ލުއި ފަސޭހަ ވާނީ ހަމަ ބޮޑެތި ބޭބޭފުޅުންނަށް. ނިކަމެތި ރައްޔިތު މީހާ ހުންނަން ޖެހޭނީ ދިގު ކިޔުގައި ކޮންމެ ތާކަސް ދިޔަޔަސް
0 0

ދަންމާނު

28 ނޮވެމްބަރު 2022
މަވެސް މި ހުރީ ސީޒަން ތެރެއަށް ރެޑީ ވެގެން.
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް