އިޒްރޭލުގެ ޗެނަލް 13ގައި މަސައްކަތް ކުރާ ގިލް ތަމާރީ ސެލްފީއެއް ނަގަނީ.

އިޒްރޭލުގެ ނޫސްވެރިއަކު މައްކާއަށް ވެއްދި ސައުދީ މީހަކު ހައްޔަރުކޮށްފި

އިޒްރޭލުގެ ޔަހޫދީ ނޫސްވެރިއަކު މާތްވެގެންވާ މައްކާ ބިމަށް ވަނުމަށް މަގުފަހިކޮށްދިން ކަމަށް ތުހުމަތު ކުރެވޭ ސައުދީ އަރަބިއްޔާގެ ރައްޔިތަކު ހައްޔަރުކޮށްފި އެވެ. އިޒްރޭލުގެ ނޫސްވެރިއާ މައްކާއަށް ވަނުމަށް މަގުފަހިކޮށްދިން މީހާ ފުލުހުން ހައްޔަރު ކުރީ ސޯޝަލް މީޑިއާގައި އެ ވާހަކަ ތިލަވުމުންނެވެ.

އިޒްރޭލުގެ ޗެނަލް 13ގައި މަސައްކަތް ކުރާ ގިލް ތަމާރީ ވަގަށް މައްކާއަށް ވަދެ، ވަނީ އޭނާ އަރާ ގޮތަށް މިދިޔަ ހޯމަ ދުވަހު ޓުވިޓާގައި ވީޑިއޯ އާންމުކޮށްފަ އެވެ. މުސްލިމު ނޫން މީހުންނަށް މައްކާ ބިމަށް ވަނުމަކީ ހުއްދަ ކަމެއް ނޫނެވެ.

ސައުދީ ފުލުހުންނާ ހަވާލާދީ ސައުދީ ޕްރެސް އެޖެންސީ (އެސްޕީއޭ) އިން މިދިޔަ ހުކުރު ދުވަހު ބުނީ އިޒްރޭލުގެ ނޫސްވެރިއާ މައްކާއަށް ވެއްދުމުގައި އެހީތެރިވި މީހާގެ މައްޗަށް ދައުވާ ކުރާނެ ކަމަށެވެ.

އެސްޕީއޭއިން ގިލްގެ ނަން ނުބުނެ ބުނީ، އޭނާއަކީ އެމެރިކާގެ ރައްޔިތެއް ކަމަށާއި އޭނާ ސައުދީ އަރަބިއްޔާއަށް ވަދެފައިވަނީ އޭނާގެ އެމެރިކާގެ ޕާސްޕޯޓް ބޭނުންކޮށްގެން ކަމަށެވެ. ސައުދީ އާއި އިޒްރޭލާ ދެމެދު ރަސްމީ ގުޅުމެއް ނޯވެ އެވެ.

އޭނާގެ މައްސަލަ އަންނަނީ ބަލަމުން ކަމަށާއި އެކަމާ ގުޅޭ ގާނޫނާ އެއްގޮތްވާ ގޮތުގެ މަތީން ފިޔަވަޅު އެޅުމުގެ ކަންކަން ކުރިއަށްދާ ކަމަށް ވެސް ސައުދީން ބުނެ އެވެ. އަދި އިޒްރޭލުގެ އެއްވެސް މީހަކު ސައުދީގައި ނުހުންނާނެ ކަމަށް ވެސް ބުންޏެވެ.

މުސްލިމެއް ނަމަ އަދި އެއީ ކޮންމެ ގައުމެއްގެ މީހަކަށް ވިޔަސް އަދި ނަސްލެއްގެ މީހެއް ވިޔަސް މައްކާއަށް ވަނުމަކަށް ހުރަހެއް ނޯވެ އެވެ. ނަމަވެސް މުސްލިމު ނޫން މީހަކު މައްކާއަށް ވަނުމަކީ މުޅިން ވެސް މަނާ ކަމެކެވެ. އެއީ މުސްލިމުން އެ ބިމުގައި އުޅެނީ ވަކި ހާއްސަ ގޮތް ގޮތަށް ކަމަށްވުމާ އެކު، އެ މީހުންގެ އަޅުކަމަށް ހުރަސް އެޅޭނެ ކަމަކަށް ފުރުސަތު ނުދިނުމުގެ ގޮތުން ޒަމާނުއްސުރެ ކޮށްފައި އޮންނަ ކަމެއް ކަމަށް ސައުދީން ބުނެ އެވެ.

އެއީ ގާތްގަނޑަކަށް 10 ވަރަކަށް މިނިޓްގެ ވީޑިއޯ ކްލިޕެކެވެ. އެ ވީޑިއޯ އިން، މުސްލިމުން ކޮންމެ އަހަރެއްގެ ހައްޖު ދުވަހު ޖަމާވާ، އަރަފާތު ފަރުބަދަ ވެސް ފެނެ އެވެ.

އޭނާ ކުރީ ކުށެއްކަން އޭނާއަށް އެނގެ އެވެ. އެކަމަކު އޭނާ ބުނީ "އެ ބިމަކީ އެންމެހާ މުސްލިމު ބޭބެމެންނާއި ދައްތަމެންނަށް މުހިންމު ތަނެއްކަން" ދެއްކުމަކީ އޭނާގެ ނިޔަތް ކަމަށެވެ.

ގިލް ބުނީ އޭނާ އަރަފާތު ބިމުން ފޭބީ ދީނީ ފުލުހުން އޭނާއާ ސުވާލުކޮށް މުސްލިމެއްތޯ ކަށަވަރުކުރަން ފެއްޓި ހިސާބުން ކަމަށެވެ.

ގިލްގެ އެ އަމަލާ ގުޅިގެން އާންމުން ވަނީ ރުޅިގަދަވެފަ އެވެ. އަދި މީސްމީޑިއާގައި ދިޔައީ ޝުއޫރުތައް ފާޅުކުރަމުނެވެ.

އެ ހާދިސާ ހިނގާފައި މި ވަނީ ސައުދީ އަރަބިއްޔާ އާއި އިޒްރޭލާ ގުޅުން ރަނގަޅު ކުރުމުގެ ކަންތައްތަކެއް ހިނގަމުންދިޔަ ދަނޑިވަޅެއްގަ އެވެ. ނަމަވެސް ސައުދީން ބުނަނީ އިޒްރޭލާ އެކު ރަސްމީކޮށް ގުޅުން ރަނގަޅު ކުރަނީ ފަލަސްތީނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ބަލައިގަނެ، އެ މީހުންގެ ހައްގުތައް ދިން ދުވަހަކުން ކަމަށެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް