އަބޭ ވަނީ ޖަޕާނުގެ ހާރިޖީ ސިޔާސަތު ބަދަލުކޮށްލައްވާފައި (ފޮޓޯ/ ރޮއިޓާސް)

ޖަޕާން

ޝިންޒޯ އަބޭގެ ޖަނާޒާ ބޮޑު ބަހުސަކަށް ވަނީ ކީއްވެ؟

ޖަޕާނުގެ އަސްކަރިއްޔާއަށް ގެންނެވި ބަދަލުތަކާ ހެދި ޖަޕާނުގެ ގިނަ ބަޔަކު އަބޭއާ ދެކޮޅުވެރި
26 ސެޕްޓެމްބަރު 2022

މީގެ ހަފްތާއެއް ކުރިން ދުނިޔޭގެ ގިނަ ލީޑަރުންތަކެއް އިނގިރޭސިވިލާތުގެ ލަންޑަނަށް އެއްވީ ރާނީ އެލިޒަބެތު ދެވަނައިގެ ރަސްމީ ޖަނާޒާ އަށެވެ. މިހާރު އޭގެ ތެރެއިން ގިނަ ލީޑަރުންތަކެއް މިސްރާބު ޖައްސަވާފައި ވަނީ ދުނިޔޭގެ އިރުމަތީ ފަޅީގައި އޮތް ޖަޕާނުގައި ބޭއްވުމަށް ހަމަޖެހިފައިވާ ކުރީގެ ބޮޑުވަޒީރު ޝިންޒޯ އަބޭގެ ރަސްމީ ޖަނާޒާއާ ދިމާލަށެވެ.

އެކަމަކު އަބޭއަށް ރަސްމީ ޖަނާޒާއެއް ބޭއްވުމާ މެދު ޖަޕާނުގެ ގިނަ ބަޔަކު ހިތްހަމައެއް ނުޖެހެ އެވެ. އެއީ އެކަމަށް ހަރަދުވާނެ ކަމަށް ބެލެވޭ 11.4 މިލިއަން ޑޮލަރާ ހެދިއެއް ވެސް ނޫނެވެ.

އަބޭ ރަސްމީ އިއްޒަތުގައި ފަސްދާނުލުމާ ދެކޮޅަށް ޖަޕާނުގެ ގިނަ ބަޔަކު އަންނަނީ ފާއިތުވެދިޔަ ހަފްތާތަކުގައި އަޑުއުފުލަމުންނެވެ. އަދި ހިޔާލު ހޯދުމުގެ ވޯޓަކުން ދައްކާ ގޮތުގައި ޖަޕާނުގެ އާބާދީގެ ދެބައިކުޅަ އެއްބަޔަށް ވުރެ ގިނަ މީހުން މިކަމާ ދެކޮޅެވެ.

މިކަމާ ދެކޮޅު ހެދުމުގެ ގޮތުން މި ހަފްތާގެ ކުރީކޮޅު މީހަކު ވަނީ ޖަޕާނުގެ ބޮޑުވަޒީރުގެ އޮފީސް ކުރިމަތީގައި އަމިއްލަ ގައިގައި ހުޅުޖަހާފަ އެވެ. އަދި ޓޯކިޔޯގެ މަގުތައް މައްޗަށް ނުކުމެ 10،000 މީހުން ވަނީ އަބޭ ރަސްމީ އިއްޒަތުގައި ފަސްދާނުލުމާ ދެކޮޅަށް މިދިޔަ ހަފްތާގައި އަޑުއުފުލާފަ އެވެ.

އެކަމަކު އޭގެ އަނެއްކޮޅުން ބަލާއިރު އަބޭގެ ޖަނާޒާއަށް ޖަޕާނާ އެކުވެރި ގިނަ ގައުމުތަކެއްގެ ލީޑަރުންތަކެއް އެއްވުމަށް ވަނީ ހަމަޖެހިފަ އެވެ. މީގެ ތެރޭގައި އެމެރިކާގެ ނާއިބު ރައީސް ކަމާލާ ހެރިސް، ސިންގަޕޫރުގެ ބޮޑުވަޒީރު ލީ ހްސިއެން ލޫންގް، އޮސްޓްރޭލިއާގެ ބޮޑުވަޒީރު އެންތޮނީ އަލްބަނީސް އަދި ރާނީ އެލިޒަބެތުގެ ޖަނާޒާއަށް ވަޑައިނުގަންނަވާ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ހިމެނިވަޑައިގަންނަވަ އެވެ.

ދުނިޔޭގެ ލީޑަރުންތަކެއް އަބޭގެ ރަސްމީ ޖަނާޒާގައި މާދަމާ ބައިވެރިވެވަޑައިގަންނަވާ އިރު، އޭނާގެ އަމިއްލަ ގައުމުގެ ރައްޔިތުން މިކަމާ އެހާ ދެކޮޅުވުމުން ދައްކުވައިދެނީ ކޮންކަމެއް ހެއްޔެވެ؟

ފުރަތަމަ ކަމަކަށް މިއީ އާދައިގެ ކަމެއް ނޫނެވެ. ޖަޕާނުގައި ރަސްމީ އިއްޒަތުގައި ފަސްދާނުލަނީ ހަމައެކަނި ޝާހީ އާއިލާގެ ބޭފުޅުންނެވެ. ދެވަނަ ބޮޑު ހަނގުރާމައަށް ފަހު ސިޔާސީ ބޭފުޅަކު މިފަދަ އިއްޒަތެއްގައި ޖަޕާނުގައި ވަޅުލާފައި ވަނީ އެންމެ ފަހަރަކު 1967ގަ އެވެ. އެހެންކަމުން އަބޭއަށް މިފަދަ ޝަރަފެއް ޖަޕާނުގެ ސަރުކާރުން ދިނުމަކީ ބޮޑު ކަމެކެވެ.

އެއް ސަބަބަކީ އަބޭ އަވަހާރަވި ގޮތެވެ. އަބޭ އަވަހާރަކޮށްލާފައި ވަނީ މިދިޔަ ޖުލައި މަހު ކެމްޕެއިން ކުރައްވަމުން ގެންދަވަނިކޮށް އާންމުންގެ ތެރެއިން މީހަކު ބަޑިޖަހަ އެވެ. ޖަޕާނުގެ ގިނަ ބަޔަކު ވަނީ މިކަމާ ހިތާމަފާޅުކޮށްފަ އެވެ. އަބޭއަކީ އާންމުންގެ ތެރޭގައި އެއްވެސް އިރަކު މާ ބޮޑަކަށް މަގުބޫލު ބޭފުޅެއް ނޫނެވެ. އެކަމަކު އޭނާ ޖަޕާނަށް ހަމަޖެހުމާއި ސަލާމަތީ ރައްކާތެރިކަން ހޯއްދަވާ ނުދެއްވާ ކަމަށް ބުނާނެ މީހަކު މަދުވާނެ އެވެ.

ރަސްމީ އިއްޒަތުގައި އަބޭއަށް ޖަނާޒާއެއް ބޭއްވުމުން އޭނާގެ ހައިބަތު ދައްކުވައިދެ އެވެ. ޖަޕާނުގެ ބޮޑުވަޒީރުކަމުގެ މަގާމު އޭނާހާ ގިނަ ދުވަހު ފުރުއްވި ބޭފުޅަކު ނެތެވެ. އަދި ދެވަނަ ބޮޑުހަނގުރާމައަށް ފަހު ބައިނަލްއަގްވާމީ މައިދާނުގައި ޖަޕާނުގެ މުހިންމުކަން އަބޭއާ އެއްވަރަކަށް ސާބިތުކޮށްދިން ސިޔާސީ ވެރިއަކު ވެސް ނެތެވެ.

އަބޭ އަވަހާރަކޮށްލުމާ ގުޅިގެން އެތައް ހާސް ބަޔަކު މަގުތަކަށް އެއްވި (ފޮޓޯ/ރޮއިޓާސް)

"އޭނާ އަކީ މާ ކުރިއަށް ވިސްނެވި ބޭފުޅެއް،" އަބޭއަށް ލަފާއެރުވި ޕޮލިޓިކަލް ސައިންޓިސްޓް ޕްރޮފެސަރު ކަޒޫޓޯ ސުޒޫކީ ވިދާޅުވި އެވެ.

"ބާރުތައް ބަދަލުވަމުންދާ ގޮތް އޭނާއަށް އެނގުނު. ޗައިނާ ކުރިއަރަމުން ދިޔަ ވަރަކަށް މި ސަރަހައްދުގައި ބާރުތައް އެތުރިފައި އޮތް ގޮތް ބަދަލުވާނެކަން. އެހެންވެ އޭނާ ބޭނުންވީ އިސްނަގަން."

މިކަމަށް އިޝާރާތް ކުރައްވަމުން ޕްރޮފެސަރު ސުޒޫކީ ނެންގެވީ އޭޝިއާ ޕެސިފިކުގައި އޮތް އެމެރިކާގެ އެކުވެރި ގައުމުތައް އެއް މޭޒެއް ދޮށަށް ގެންނެވުމަށް ރައީސް ބަރަކް އޮބާމާ ފެއްޓެވި ޓްރާންސް ޕެސިފިކް ޕާޓްނަޝިޕް (ޓީޕީޕީ)ގެ ނަންދެވުނު ފްރީ ޓްރޭޑް ޒޯނެވެ.

އޮބާމާއަށް ފަހު އެމެރިކާގެ ރައީސްކަމާ ހަވާލުވެވަޑައިގެންނެވި ޑޮނަލްޑް ޓްރަމްޕު ވަނީ މި އެއްބަަސްވުން އުވާލާފަ އެވެ. އަދި ގިނަ ބަޔަކު ހީކޮށްގެން ތިބީ އެމެރިކާ ޓީޕީޕީ އިން ނުކުތުމުން މުޅި އެއްބަސްވުން އުވޭނެ ކަމަށެވެ.

ނަމަވެސް އަބޭ ވަނީ ލީޑާޝިޕް ނަންގަވައި މި އެއްބަސްވުމުގެ ނަން ބަދަލުކުރައްވައި އެއްބަސްވުން ދެން ތިބި ގައުމުތަކާ އެކު ދަމަހައްޓަވާފަ އެވެ. މިކަމުން ދައްކުވައިދިނީ އޭޝިއާ ބައްރުގެ ކަންކަމުގައި ޖަޕާނުން އިސްވެ ތެދުވަން ބޭނުންވާކަމެވެ. މީގެ އިތުރުން އަބޭ ވަނީ އެމެރިކާ، ޖަޕާނު، އިންޑިއާ އަދި އޮސްޓްރޭލިއާ ހިމެނޭ 'ކުއަޑް' ގްރޫޕު އުފެއްދުމުގައި ވެސް އިސް ދައުރެއް އަދާކުރައްވާފަ އެވެ.

މިއަށް ވުރެ ވެސް ފާހަގަކޮށްލެވޭ ކަމަކަށް އަބޭ ކުރެއްވީ ޖަޕާނުގެ އަސްކަރިއްޔާއަށް ގެންނެވި ބަދަލުތަކެވެ. އަބޭ ވަނީ 2014 ވަނަ އަހަރު ޖަޕާނުގެ ގާނޫނު އަސާސީއަށް ބަދަލުތަކެއް ގެންނަވައި ޖަޕާނުން އެހެން ގައުމުތަކާ އެއްބައިވެ "އަމިއްލަ ގައުމުގެ ހިމާޔަތުގައި" ތަމްރީނުތައް ހިންގޭނެ ގޮތް ހައްދަވާފަ އެވެ. މިއާ އެކު ދެވަނަ ބޮޑު ހަނގުރާމަައަށް ފަހު ޖަޕާނު ސިފައިންނަށް އެމެރިކާއާ އެކު ފުރަތަމަ ފަހަރަށް ޖަޕާނުން ބޭރުގައި ތަމްރީނުތައް ބޭއްވުމަށް ފުރުސަތު ހުޅުވިގެން ދިޔަ އެވެ.

ނަމަވެސް އެ ގާނޫނާ މެދު ޖަޕާނުގެ ގިނަ ބަޔަކު ނުރުހުނެވެ. އަބޭގެ ރަސްމީ ޖަނާޒާއާ ދެކޮޅަށް މިދިޔަ ހަފްތާގައި އަޑުއުފުލައި ޓޯކިޔޯގެ މަގުތަކުގައި ހިނގާލުމެއް ބޭއްވި މީހުން ބުނެފައި ވަނީ އަބޭ ޖަޕާނު ހަނގުރާމައާ ދިމާލަށް ގެންގޮސްފައިވާ ކަމަށެވެ.

ޖަޕާނަކީ ހަނގުރާމައިގެ ހިތި ހަނދާތައް ވަރުގަދަ ގައުމެކެވެ. ނަމަވެސް އަބޭއާ މީހުން ދެކޮޅުވީކީ ހަމައެކަނި އެޓޮމް ބޮމުގެ ހަނދާންތައް ހުންނާތީކީ ނޫނެވެ.

(ފޮޓޯ/ އީޕީއޭ)

ދެވަނަ ބޮޑު ހަނގުރާމައަށް ފަހު ޖަޕާނުން އެކުލަވާލާފައިވާ ގާނޫނު އަސާސީގައި، ޖަޕާނު ހަނގުރާމައާ ދެކޮޅު ކަމަށް ކަނޑައެޅިގެން ލިޔެފައި އެބަ އޮތެވެ. އަދި މިކަން ބަދަލުކުރައްވަން ބޭނުންފުޅުވި ނަމަ އަބޭ ޖެހޭނީ އާންމުންގެ ތެރޭ ވޯޓެއް ހޯދާށެވެ. ނަމަވެސް މިފަދަ ވޯޓަކުން އާންމުންގެ އެއްބާރުލުން ނުލިބޭނެކަން އަބޭއަށް އެނގިވަޑައިގަތެވެ. އޭގެ ބަދަލުގައި އަބޭ ހެއްދެވީ އެހެން ގޮތެކެވެ. އެއީ ގާނޫނު އަސާސީ "މާނަކުރެވޭ ގޮތް" ބަދަލުކުރެއްވީ އެވެ.

"އަބޭ ފެނިފައި ވަނީ ޒިންމާދާރު ނުކުރެވޭ ބޭފުޅެއް ގޮތުގައި،" ޓޯކިޔޯގެ ސޯފިއާ ޔުނިވާސިޓީގެ ޕްރޮފެސަރު ކޮއިޗީ ނަކާނޯ ވިދާޅުވި އެވެ. "އޭނާ ކޮންމެ ކަމެއް ކުރެއްވިޔަސް ކުރެއްވީ ގާނޫނު އަސާސީގެ އަސާސްތަކާ ހިލާފަށް، ޑިމޮކްރެސީގެ އުސޫލުތަކާ ހިލާފަށް."

ނަމަވެސް އަބޭއަށް ތާއީދުކުރާ މީހުން ބުނާގޮތުގައި އަބޭގެ ހަގީގީ މަގްސަދު އެހެން މީހުންނަށް ނޭނގެނީ އެވެ. ދުނިޔޭގެ އެއްވެސް ލީޑަރަކަށް ނުފެންނަނީސް ޗައިނާގެ ބިރު އަބޭއަށް ފެނިވަޑައިގެން އެމެރިކާއާ އެކު އޮތް ގުޅުން އަބޭ ވަނީ ވަރުގަދަ ކުރައްވާފަ އެވެ. 

"އަބޭ އަށް ވަރަށް ދުރު ވިސްނޭ. އޭނާއަށް އެނގުނު ޗައިނާ އަރާނެކަން. އަދި އެމެރިކާއިން މި ސަރަހައްދުން ފައިބާނެކަން. މި ސަރަހައްދުގައި އެމެރިކާ ބޭއްވުމަށް، އަހަރެމެން އަމިއްލައަށް ދިފާއު ކުރާނެ ބާރު އަހަރުމެންނަށް އޮންނަން ޖެހޭކަން އޭނާއަށް އެނގުނު،" ޕްރޮފެސަރު ސުޒޫކީ ވިދާޅުވި އެވެ.

އަސްކަރީ ގޮތުން ވަރުގަދަ ޖަޕާނެއް އޮތުމަކީ ވޮޝިންޓަނުން ވެސް އަދި ޗައިނާއިން ބިރުދައްކަމުން އަންނަ މި ސަރަހައްދުގެ ގިނަ ގައުމުތަކަކުން ވެސް ބޭނުންވާ ގޮތެވެ.

އަބޭ ވަނީ މިކަމުގައި އިންޑިއާ އާއި އޮސްޓްރޭލިއާއާ އެކު ގުޅުން ބަދަހިކުރައްވާފަ އެވެ. އަބޭ އަވަހާރަކޮށްލުމާ ގުޅިގެން ބޮޑުވަޒީރު މޯދީ ވަނީ ގައުމީ ހިތާމަފާޅުކުރުމުގެ ދުވަހެއް އިންޑިއާގައި އިއުލާނުކުރައްވާފަ އެވެ.

ނަމަވެސް އަބޭ އަވަހާރަވުމާ ގުޅިގެން ހިތާމަފާޅު ނުކުރާ އެއް ތަނެއް އެބަ އޮތެވެ. އެއީ އަބޭ އަކީ ހަނގުރާމަ ކުރާ ހަރުކަށި މީހެއްގެ ގޮތުގައި ތަކުރާރުކޮށް ލޭބަލްކޮށް ފާޑުކިޔަމުންދާ ޗައިނާ އެވެ. ޗައިނާއިން ރާނީ އެލިޒަބަތު ދެވަނައިގެ ޖަނާޒާއަށް ފޮނުވީ ނާއިބު ރައީސް ވަންގް ގީޝަން އެވެ. ނަމަވެސް ޖަޕާނުގައި އޮންނަ އަބޭގެ ޖަނާޒާއަށް ބެއިޖިންގް އިން ފޮނުވަނީ ކުރީގެ ސައިންސް އަދި ޓެކްނޮލޮޖީ ވަޒީރެކެވެ. މިއީ ޗައިނާއިން ބޭރު މީހަކު ނަން ވެސް އަޑުއަހާފައިވާ ބޭފުޅެއް ނޫނެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް