އުމުރުން 9 އަހަރުގެ މިއްސަތު: އުނަގަނޑުން ތިރީގައި ވާގިނެތުމުން، އެ ކުއްޖާއަކަށް ނުހިނގޭ.

ގަތަރުގައި ގާނިމް، ރާއްޖެއިން އެ ހިތްވަރު ދައްކަނީ މިއްސަތު

އުފަންވި އިރު ވެސް އުނަގަނޑުން ތިރި ރަނގަޅަށް އުފެދިފައި ނެތުމުން، ނުވަ އަހަރުގެ މިއްސަތު ހިނގަނީ ދެ އަތުގެ އެހީގައި
23 ނޮވެމްބަރު 2022
9

މުހިންމު ނުކުތާތައް

ނުކުޅެދުންތެރިކަމާ އެކު ވެސް މިއްސަތު އަންނަނީ މިނިވަން ދިރިއުޅުމެއް އުޅެމުން

ބައްޕަ ވަމުން އަންނަ ގުރުބާނީއަކީ މައިންބަފައިންނަށް ނަމޫނާއެއް

ސްކޫލްގެ ހުރިހާ ކަމެއްގައި ކަހަލަ ގޮތަކަށް މިއްސަތު ބައިވެރިވޭ

މިހާރު ކުރިއަށް ދާ ދުނިޔޭގެ ފުޓުބޯޅަ މުބާރާތް ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން ގަތަރުގެ ޒުވާނާ ގާނިމް އަލްމުފްތާހު ފެނުމުން، ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދިވެހި ޖަމިއްޔާގެ ޗެއާޕާސަން، އަހުމަދު މުހައްމަދަށް ހަނދާނެއް އާވި އެވެ.

އެއީ، ސ. ފޭދުއަށް ކުރި ދަތުރެއްގެ ތެރެއިން އޭނާއާ ބައްދަލުވި، ގާނިމް ފަދައިން، އުނަގަނޑުން ތިރި ރަނގަޅަށް އުފެދިފައި ނުވާ، އެކަމަކު ހަމަ އެހާ ހިތްވަރު ގަދަ މުހައްމަދު މިއްސަތު މައުސޫމެވެ. އުމުރުން ނުވަ އަހަރުގެ އެ ކުއްޖާއާ އެކު ނަގާފައިވާ ފޮޓޯއެއް، އަހުމަދު ކުރީ ދުވަހު ސޯޝަލް މީޑިއާއަށް ދޫކޮށްލެއްވީ، މިއީ ވެސް ހަމަ ގާނިމް ފަދަ ކުއްޖަކަށް ވެވިދާނެ ކަމުގެ އުއްމީދު ހިތުގައި އޮތްލެއް ބޮޑުކަމުންނެވެ.

ނުކުޅެދުންތެރިކަމާ އެކު މިއްސަތު ދައްކަމުން އަންނަ ހިތްވަރު، އަހުމަދަށް ފެނިވަޑައިގަތެވެ. އުނަގަނޑުން ތިރީގައި ވާގިނެތި، ދެ ފައިގެ ބޭނުން ނުކުރެވުނަސް، އެ ކުއްޖާއަށް ނުކުރެވޭ ކަމެއް، ނުކުޅެވޭ ކުޅިވަރެއް ނެތެވެ. ފުޓުބޯޅަ ކުޅެ އެވެ. ހޭންޑްބޯލް ކުޅެ އެވެ. ވޮލީ ކުޅެ އެވެ. ކަބްސްކައުޓްގައި އުޅެ އެވެ. ސްކޫލުގައި މުބާރާތެއް އޮންނަންޏާ އޭގައި ބައިވެރިވެ، ކޮންމެވެސް ކަހަލަ ވަނައެއް ހޯދަ އެވެ. ވާހަކަ ދެއްކުމުގެ މުބާރާތާއި ސައިންސް ފެއާ ފަދަ ތަންތަނުން އޭނާގެ ހުނަރުވެރިކަން ފެނެ އެވެ.

މިއްސަތު ސްކޫލަށް ދާން ތައްޔާރުވެގެން
މިއްސަތު ކަބްސްކައުޓް ޔުނީފޯމުގައި

"އަޅުގަނޑަށް ފެނުނީ ނުކުޅެދުންތެރިކަން ހުންނަ ކުއްޖެއް. އެކަމަކު ހަމައެއާ އެކު، އެއީ ގާނިމް ފަދައިން ވަރަށް އުހަށް ދެވިދާނެ ކުއްޖެއް ކަމަށް ގަބޫލުކުރެވުނު،" އަހުމަދު ވިދާޅުވި އެވެ.

ޑޮކްޓަރުން އުއްމީދު ކަނޑާލި

ސ. ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގައި، ބަނޑަށް އަށް މަހުގައި، ސިޒޭރިއަން ހަދައިގެން ނެގި އިރު، މިއްސަތުގެ ބައްޕަ މައުސޫމް އިބްރާހިމަށް ފެނުނީ ދަރިފުޅުގެ ސިއްހީ ބޮޑެތި މައްސަލަތަކެއް ހުއްޓަ އެވެ. މައިބަދަ ނުގުޅި ތިން އިންޗި ހުރުމުން، އުނަގަނޑުން ތިރީގައި އެއްވެސް ހަރަކާތެއް ނެތެވެ. ދެ ފައި އޮންނަނީ ގުދުވެފަ އެވެ. ހިތް ކަނާތް ފަރާތުގަ އެވެ. ފުއްޕާމޭގެ އެއް ފަޅި އެވެ.

އައިޖީއެމްއެޗުން ބަލާފައި މައުސޫމް ކައިރީ ބުނީ އޭނާގެ ހަގު ފިރިހެން ދަރިފުޅު މާ ގިނަ ދުވަހު ދުނިޔޭގައި ނޯންނާނެ ކަމަށެވެ. އެ ދުވަހު އޭނާ އެ ހޮސްޕިޓަލުގެ ޑޮކްޓަރުންނާ ޒުވާބުކުރީ، އެކަން ޑޮކްޓަރުންނަށް ކަނޑަނޭޅޭނެ ކަމަށް ބުނަމުންނެވެ. އެކަމަކު އިންޑިއާގައި މިއްސަތަށް ފަރުވާ ދިން ޑޮކްޓަރުން ވެސް ދިނީ ހަމަ އެފަދަ ނާއުއްމީދީ ޖަވާބުތަކެވެ.

"އިންޑިއާ ހޮސްޕިޓަލުގެ ހަތް ޑޮކްޓަރުންގެ ޕެނަލަކުން މިއްސަތު ބެލީ. އެ މީހުން ވެސް ބުނީ ދަރިފުޅު ދުނިޔޭގައި އޮތަސް، މުޅި އުމުރު އޮންނާނީ އެނދުމަތީގައި ކަމަށް،" މައުސޫމް ބުންޏެވެ.

އެކަމަކު އޭނާ ދުށީ މާތްﷲ ދެއްވެވި އެ ފުރާނަ، ގެންދަވަންދެން އުއްމީދު ކަނޑާނުލާ އޭނާ މަސައްކަތް ކުރާނެ ކަމަށެވެ.

މިއްސަތު، ކަބްސްކައުޓްގައި: ބޭނުން ހަރަކާތްތަކުގައި މިއްސަތު ބައިވެރިކުރަން ސްކޫލުން ސަމާލުކަން ދޭ

ނުކުޅެދުންތެރިކަން ހުރި ދަރިފުޅަށްޓަކައި މައުސޫމް ކުރަން ޖެހުނީ ވަރުގަދަ ހަނގުރާމައެކެވެ. އެ ހަނގުރާމައިގެ ތެރޭގައި އޭނާގެ ދިރިއުޅުން ވެސް ރޫޅުނެވެ. މިއްސަތަށް ރަނގަޅު ގޮތް ހޯދައިދިނުމުގެ އުއްމީދުގައި މާލެއަށް ދިރިއުޅުން ބަދަލުކުރިޔަސް، ކައިވެނި ރޫޅުމުން އޭނާ އަނެއްކާވެސް މިސްރާބު ޖެހީ އުފަން ރަށް، ފޭދުއަށެވެ. އެކަނިވެރި ބައްޕައެއްގެ ގޮތުގައި ނުކުތީ ދަރިފުޅަށްޓަކައި ކޮންމެ ގުރުބާނީއެއް ވެސް ވާން އަޒުމު ކަނޑައަޅައިގެންނެވެ.

ކިތަންމެ ދަތި ހާލެއްގައި، ބުރަ މަސައްކަތް ކުރަން ޖެހުނު ނަމަވެސް، މައުސޫމަށް ފެނުނީ އޭނާގެ ދަރިފުޅު ހެޔޮ ހާލުގައި ބޮޑުވަމުން އަންނަ ތަނެވެ. ފައި ހަރަކާތް ނުކުރިޔަސް، އަތުގެ އެހީގައި ހިނގަން ފެށި އެވެ. ދުވެ، ތަންތަނަށް އަރަ އެވެ. ކުޅިވަރުތައް ކުޅެ އެވެ. ވާހަކަ ދެއްކުމުގައި ކޮށިކަމެއް ހުރި ނަމަވެސް، ވާހަކަ ދެއްކުމުގެ މުބާރާތްތަކުގައި ބައިވެރިވެ އެވެ. ވަނަ ހޯދަ އެވެ.

"ވަރަށް ހިތްވަރު ގަދަ ކުއްޖެއް އެއީ. އެއްވެސް ކަމެއް ނުވާނެ ކަމަށް ހީކޮށް އޭނާ ދޫކޮށެއް ނުލާނެ،" ނުވަ އަހަރުގެ ދަރިފުޅާ ބެހޭ ގޮތުން މައުސޫމް ބުންޏެވެ.

މައުސޫމް (ކ) އޭނާގެ ދަރިފުޅާ އެކުގައި

މިހާރު މިއްސަތުގެ ހުރިހާ ކަމެއްހެން ކުރަނީ އޭނާ އަމިއްލައަށެވެ. ހެނދުނު ތެދުވެ، ދަތް އުނގުޅައި، ފެންވަރަ އެވެ. ސްކޫލަށް ދާން އެކަނި ތައްޔާރުވެ އެވެ. އެކި އިދާރާތަކުގައި އެދިގެން ވެސް ފުރޮޅުލީ ގޮނޑިއެއް ނުލިބުމުން، މިއްސަތު ހުރިހާ ތަނަކަށް އުފުލަނީ މައުސޫމްގެ ސައިކަލުގަ އެވެ. އެކަމަކު އޭނާ ބުނިގޮތުގައި، ބުރަކޮށް މަސައްކަތް ކުރި ނަމަވެސް އޭނާގެ ހުރިހާ ވަގުތެއް ހާއްސަކޮށްފައިވަނީ ދަރިފުޅަށެވެ.

"އެކަނިމާއެކަނި މިހެން ދަރިފުޅު ބަލަން ވަރަށް ހިތްވަރު ކުރަން ޖެހުނު. ހާއްސަކޮށް ކުރީކޮޅު. ވަރަށް ހިތްދަތިވާ ފަހަރު ވެސް އާދޭ،" މައުސޫމް ކިޔައިދިނެވެ.

"އެކަމަކު ދަރިފުޅުގެ ހިތްވަރު ފެނުނީމައި ވެސް އަޅުގަނޑަށް މިކަން ކުރެވިދާނެކަން ޔަގީންކުރެވޭ."

ފޭދޫ މީހުން، މި ގުޅުން ސިފަކުރީ، ނަމޫނާ އަދި އެކަކު އަނެކަކަށްޓަކައި ދިރިއުޅޭ ބައެއްގެ ގޮތުގަ އެވެ. މިއްސަތުގެ ޓީޗަރު، އައިމިނަތު ލީލާގެ ވެސްް ފާހަގަކުރީ 'މިއްސަތު މީހަކަށް ހެދުމަށް' މައުސޫމް ކުރާ ހިތްވަރެވެ.

ލީލާއަށާއި ފޭދޫ ސްކޫލަށް ވެސް މިއްސަތު ހާއްސަ އެވެ.

ކްލާހުގެ އެހެން ކުދިންނާ އެކު މިއްސަތު: ސްކޫލުން އޭނާއަށް ލިބެނީ ވަރަށް ބޮޑު އެހީތެރިކަމެއް

ސްކޫލުގެ ހުރިހާ ކަމަކާއި އިތުރު ހުރިހާ ހަރަކާތްތަކެއް ވެސް އެކުލަވާލާފައި ހުންނަނީ، މިއްސަތަށް ބައިވެރިވެވޭނެ ފަދަ ގޮތަކަށެވެ. ކްލާހުގައި އެ ދަރިވަރު އިންނަނީ، އޭނާއަށް ހާއްސަކޮށްފައިވާ ސޯފާއެއްގަ އެވެ. ބޭރަށް ތަނަކަށް ނުކުންނަން ވެއްޖެ ނަމަ، ޓީޗަރުން އޭނާ ނަގައި އުރާލަ އެވެ. ލީލާ ބުނި ގޮތުގައި ހުރިހާ ޓީޗަރުން ވެސް އެ ކުއްޖާ ގެންގުޅެނީ އަމިއްލަ ދަރިއެއް ފަދައިންނެވެ.

"ދެން ސްކޫލުތެރޭގައި ވެސް ކާޕެޓް މަތީގައި އެހެން އަތް އަޅައިގެން ދުވެލަ ދުވެލާ، ވަރަށް މިނިވަންކޮށް އުޅޭނީ. ދަރިވަރުން ވެސް، ޓީޗަރުން ވެސް ވަރަށް ލޯބިވާނެ މިއްސަތު ދެކެ،" ލީލާ ބުންޏެވެ.

"އޭނާގެ ތަފާތަކީ ހަމައެކަނި ނުހިނގޭކަން."

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދިވެހި ޖަމިއްޔާ ފަރާތުން އަހުމަދު ފޭދުއަށް ކުރެއްވި ޒިޔާރަތުގައި، މިއްސަތަށް ކުރިއަށް ދެވިދާނެ ދާއިރާތައް ސްކޫލާ ގުޅިގެން ހޯއްދެވި އެވެ. އެ މީހުންގެ ނަޒަރުގައި، ޕެރަލިމްޕިކްގައި މިއްސަތަށް ބައިވެރިވެވިދާނެ އެވެ. އޭނާ ކުރިއަށް ދާން ބޭނުންވާ ކުޅިވަރެއް ދެނެގަނެ، އެކަމަށް ތައްޔާރުކުރެވިދާނެ އެވެ.

ޖިސްމާނީ ނުކުޅެދުންތެރިކަން ހުންނަ އެފަދަ ކުދިން ކުރިއަށް ދިޔުމަށް ބޭނުންވަނީ، އެހީގެ އަތެކެވެ. އެހީއާ އެކު، އެކި ދާއިރާތަކުން އެ ކުދިން އުދުހިގެންދާ ތަން ވެސް ފެނެ އެވެ.

ސްކޫލުގައި އޮތް އިތުރު ހަރަކާތެއްގައި މިއްސަތު ބައިވެރިވަނީ
ފަސްޓްލޭޑީ ފަޒްނާ އަހުމަދު މިއްސަތާ ބައްދަލުކުރައްވަނީ

ރަނގަޅު ސިއްހަތެއްގައި ދަރިފުޅު ބޮޑުވުމަށް، މައުސޫމަށް ކުރެވެން އޮތްހާ ކަމެއް އަންނަނީ ކުރަމުންނެވެ. އެކަމަކު އެ ހަށިގަނޑަށް ކިރިޔާ ވެސް ކުރިއެރުމެއް އަންނަން އޮތީ، މައިބަދައިގެން ނުގުޅި ހުރި ތަން ގުޅުވިގެންނެވެ. އެ އޮޕަރޭޝަން ކުރުމަށް، 2018ގައި މިއްސަތު ގޮވައިގެން އިންޑިއާއަށް ވެސް ދިޔަ އެެވެ.

އެކަމަކު އެނބުރި އަންނަން ޖެހުނީ، އޮޕަރޭޝަން ކުރަން ފުރުސަތު އޮތް ހޮސްޕިޓަލަށް އާސަންދަ ނުލިބޭތީ އެވެ. ދަރިފުޅު އެޑްމިޓްކޮށްފައި ވެސް ދޫކޮށްލަން ޖެހުނީ، އެކަމަށް ބޭނުންވާ 10،000 ޑޮލަރު، އަމިއްލައަށް ހޯދޭހާ ފެންވަރު ނެތިގެންނެވެ.

އެއީ މައުސޫމް ބުނިގޮތުގައި އޭނާގެ ހަޔާތުގައި އައި، އެންމެ ހިތްދަތި ދުވަހެވެ. އެކަމަކު އޭނާގެ އުއްމީދަކީ، ކޮންމެވެސް ދުވަހަކުން އޭނާގެ އެ ދުއާ ވެސް އިޖާބަކުރެއްވުމެވެ. ދަރިފުޅުގެ ސިއްހަތަށް މިހާރަށް ވުރެ ބޮޑު ކުރިއެރުމެއް ލިބުމެވެ.

ގޭގައި ކޭބަލް ޓީވީ ނުހުންނާތީ، ވޯލްޕް ކަޕް ފެށުމުގެ ރަސްމިއްޔާތުން ގާނިމް ފެންނަވަރެއް، ދެބަފައިންނަކަށް، ނުވި އެވެ. އެކަމަކު މައުސޫމް ގަބޫލުކުރަނީ އޭނާގެ ދަރިފުޅަކީ ވެސް ހަމަ އެހާމެ ހިތްވަރު ގަދަ ކުއްޖެއް ކަމަށެވެ.

ކޮމެންޓް (9)

މުހައްމަދު

25 ނޮވެމްބަރު 2022
ޣާނިމްގެ އަލް މުފްތާހުގެ ނަން ޔޫަޓިއުބުން ސާޗްކޮށްގެން ދެއްކުމުން މިއްސަތު އިންސްޕަޔާ ވާނެ. ޝޯހިމް
8 0

ދެރަވޭ

24 ނޮވެމްބަރު 2022
އަޅެ ކީއްވެތަ ތިޔަ ނިޔަނެތި ބައްޕަ އަށާއި ތިޔަ ހިތްވަރުގަދަ ޅަ ފުރާނަޔަށް އެހީއެއް ވާން ބޭނުންވާ މީހާއަށް އެ ފުރުޞަތު ނުދިނީ؟ މި ބުނީ އެކައުންޓް ނަންބަރު އާޓިިކަލްގައި ހިިމަނާ ނުލީ. ތި ކުއަޖާއަށް އެހީގެ އަތެއް ދިއްކޮލަން ނިކަން ބޭނުން. އެ ފުުރުޞަތު ހޯދައިދީ. ޕްލީސް
8 1

އަހްމަދު

24 ނޮވެމްބަރު 2022
އެންސްޕާ އިން މިއަދު ގޮނޑިއެއް ހަމަޖައްސާދޭނެކަމަށް އުއްމީދު ކުރަން.
4 1

ހަސަން

23 ނޮވެމްބަރު 2022
ހިތްވަރު ގަދަ ކުއްޖެއް - މޭ ﷲ ބްލެސް ހިމް އެންޑް ހިޒް ފެމިލީ
4 0

ހަސަން

23 ނޮވެމްބަރު 2022
ދަރިފުޅުގެ ނުކުޅެދުންތެރިކަން ހާމަކޮށްދޭ ލިޔުންތަކާއެކު އެންސްޕާ އަށް ސިޓީ ލީމަ ފުރޮޅުލީ ގޮނޑި ދޭނެ.މިފަދަ ކަންކަން ވާންޖެހޭނީ ދާއިރާގެ މެމްބަރާ ގުޅިގެން އެކަންޏެއްނޫން.
18 0

ޢާއިޝާ

24 ނޮވެމްބަރު 2022
@ހަސަން ޜަގަޅު ވާހަކައެއް ޑރ. ގެ ސިޓީއެއް އެންސްޕާއަށް ހުށަހެޅުމުން ގޮނޑި ލިބޭނެ
6 0

އިބްރޭ

23 ނޮވެމްބަރު 2022
ގޮޑިއެއް ނުލިބުނިއްޔޭ، ސާބަސް، ސަރުކާރުގެ އިދާރާތައް. ކޮބާ، އައްޑު ކައުންސިލް؟
16 1

މަނާލް

23 ނޮވެމްބަރު 2022
ބަރަކާތް ލައްވާށި
21 1

ޝަންމާން

23 ނޮވެމްބަރު 2022
ހިތްވަރު ގަދަ ކުއްޖެއް. އިތުރު ކުރި އެރުމާއި ކާމިޔާބާއި ހިތްވަރު ދެއްވާށި
22 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް