ޔޯގާ ދުވަސް ފާހަގަކުރަން ބޭއްވި ހަރަކާތް ހުއްޓުވަން ގަލޮޅު ދަނޑަށް ވަދެ ހަމަނުޖެހުން ހިންގި މައްސަލައާ ގުޅިގެން ހޯރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އިސްމާއިލް ހައްޔަރު ކުރަނީ. (ފޮޓޯ/ޕީޕީއެމް)

ޔޯގާ ހަމަނުޖެހުމާ ގުޅިގެން ބަންދުކުރި މުހައްމަދު އިސްމާއިލް ދޫކޮށްލައިފި

އޭނާ ބަންދު ކުރި މައްސަލަ ހައި ކޯޓުގައި އިސްތިއުނާފު ކުރުމުން އެ ކޯޓުން އެ މައްސަލަ ބަލައެއް ނުގަތް؛ ހައި ކޯޓުގެ ނިންމުން މިހާރު ވަނީ ސުޕްރީމް ކޯޓަށް ހުށަހަޅާފައި
6 އޯގަސްޓު 2022

ޔޯގާ ދުވަސް ފާހަގަ ކުރަން ގަލޮޅު ދަނޑުގައި ބޭއްވި ހަރަކާތަށް އަމާޒުކޮށް ހިންގި ހަމަނުޖެހުމާ ގުޅިގެން ހައްޔަރު ކުރި ހޯރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އިސްމާއިލް މިއަދު ބަންދުން ދޫކޮށްލައިފި އެވެ.

މައްސަލައިގެ ފެށުން - ގަލޮޅުދަނޑަށް ވަދެ، ހަމަނުޖެހުން ހިންގައި އެ ތަނުގައި ތިބި މީހުންނަށް އިންޒާރު ދީ، ތަކެއްޗަށް ގެއްލުން ދިން މައްސަލައިގައި 20އަށް ވުރެ ގިނަ މީހުން ހައްޔަރު ކުރި އިރު އޭގެ ތެރޭގައި ޕީޕީއެމްގެ ހަރަކާތް ކޮމިޓީ ހިންގާ މުހައްމަދު އިސްމާއިލް ވެސް ހިމެނެ އެވެ. އޭނާގެ ބަންދު އެކި ފަހަރު މަތިން އިތުރުކުރަމުން ގޮސް، މިދިޔަ މަހުގެ ފަހުކޮޅު އެންމެ ފަހުން ވަނީ 30 ދުވަސް ޖަހައިފަ އެވެ.

ވީ ކިހިނެއް؟ - އިދިކޮޅު ކޯލިޝަންގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ އިދިކޮޅު ކޯލިޝަންގެ ހަރަކާތް ކޮމިޓީގެ ޗެއާ މުހައްމަދު އިސްމާއިލް މިއަދު ބަންދުން ދޫކޮށްލާފައިވާ ކަމަށެވެ.

ނަމަވެސް، މިކަމާ ގުޅޭ ގޮތުން ފުލުހުންގެ ބަހެއް އަދި ނުލިބެ އެވެ. އެހެންވެ، އޭނާ ބަންދުން ދޫކޮށްލީ ފުލުހުން ކަމެއް ނުވަތަ ކޯޓުން ކަމެއް އަދި އޭނާ މިނިވަން ކުރި ސަބަބެއް ސާފެއް ނުވެ އެވެ.

ތަފްސީލް - ހަމަނުޖެހުމުގައި ބޭނުން ކުރި ބައެއް ތަކެއްޗަކީ ޕީޕީއެމްގެ އޮފީހުން ނެރުނު ތަކެތި ކަމަށް ފުލުހުން މީގެ ކުރިން ވަނީ ބުނެފަ އެވެ. އެގޮތުން:

  • ހަމަނުޖެހުން ހިންގި މީހުން ބޭނުން ކުރި ދިދަތަކަކީ އިދިކޮޅުން ހިންގި 'ނަބިއްޔާގެ ދިފާއުގައި' ހަރަކާތުގައި ބޭނުން ކޮށްފައިވާ ބާވަތުގެ، ޝަހާދަތުގެ ދެކަލިމަ ޖެހި ހުދުކުލައިގެ ދިދަތަކެއް

  • އެ ދިދަތައް ޕީޕީއެމްގެ އޮފީހުން ނެރުނު މަންޒަރު ފެންނަ ފޮޓޯތަކެއް މީގެ ކުރިން އާންމުވެފައިވޭ 

  • އެ ފޮޓޯޓަކުން މުހައްމަދު އިސްމާއިލް ކަމަށް ބެލެވޭ މީހަކު ވެސް ފެނޭ

އެނގުން މުހިންމު - މުހައްމަދު އިސްމާއިލް ބަންދު ކުރި މައްސަލަ ހައި ކޯޓުގައި އިސްތިއުނާފު ކުރުމުން އެ ކޯޓުން އެ މައްސަލަ ބަލައެއް ނުގަތެވެ. ހައި ކޯޓުގެ ނިންމުން މުހައްމަދު އިސްމާއިލްގެ ފަރާތުން މިހާރު ވަނީ ސުޕްރީމް ކޯޓަށް ހުށަހަޅާފަ އެވެ.

ގުޅުންހުރި ކަމެއް - މުހައްމަދު އިސްމާއިލްއާ އެކު ހައްޔަރު ކުރި ޕީޕީއެމްގެ ކައުންސިލް މެމްބަރު އިބްރާހިމް ރައްޒާން (ޓަކީ) ދޫކޮށްލަން ކްރިމިނަލް ކޯޓުން ކުރި އަމުރު ދައުލަތުން ހައި ކޯޓުގައި އިސްތިއުނާފު ކުރުމުން ހައި ކޯޓުން ހުކުމްކޮށްފައި ވަނީ އޭނާ ދޫކޮށްލީ ރަނގަޅަށް ކަމަށެވެ.

ޔޯގާ ހަމަނުޖެހުމާ ގުޅިގެން ހައްޔަރު ކުރި ބައެއް މީހުން މިހާރު ވަނީ ދޫކޮށްލައިފަ އެވެ. އެގޮތުން، އެކަމާ ގުޅިގެން ހައްޔަރު ކުރި ދީނީ އިލްމުވެރިޔާ ފަޒްލޫން މުހައްމަދު ވެސް ވަނީ ޝަރުތު ކުރުމަށް ފަހު ބަންދުން ދޫކޮށްލައިފަ އެވެ.

ނަމަވެސް، އެ މައްސަލައާ ގުޅިގެން ފުލުހުން ވަނީ މިދިޔަ ހަފްތާގައި ވެސް އިތުރު ދެ މީހަކު ހައްޔަރުކޮށްފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް