ވިމެން އިން ޓެކް އާއި ދިރާގު ގުޅިގެން އަހަރަކު އެއްފަހަރު ބާއްވާ 'ގާލްސް ޓު ކޯޑް' ޕްރޮގްރާމްގައި ބައިވެރިވި ކުދިންތަކެއް ވީޑިއޯއަކުން. (ވީޑިއޯ ސްކްރީންޝޮޓް)

ދިރާގު

ދިރާގާއި ވިމެން އިން ޓެކުން އަންހެންކުދިންނަށް ޑޭޓާއާ ބެހޭ ޕްރޮގްރާމެއް ހިންގަނީ

މި ޕްރޮގްރާމްގެ ފުރަތަމަ ބުރު އަމާޒުކޮށްފައި ވަނީ މާލެ ސަރަހައްދުގެ ގްރޭޑް ފަހަކާއި ހަތަކާ (10 އަހަރާއި 13 އަހަރާ) ދެމެދުގެ އަންހެން ކުދިންނަށް
30 އޭޕްރީލު 2022

ޑޭޓާގެ މުހިންމުކަން އަންހެންކުދިންނަށް ދަސްކޮށްދިނުމުގެ ގޮތުން، ދިރާގާއި ވިމެން އިން ޓެކް މޯލްޑިވްސް ގުޅިގެން ހާއްސަ ޕްރޮގްރާމެއް މިއަދު އިއުލާނުކޮށްފި އެވެ.

ވީ ކިހިނެއް؟ - 'ގާލްސް އިން ޑޭޓާ'ގެ ނަމުގައި ކުރިއަށް ގެންދާ ޕްރޮގްރާމަކީ ޑޭޓާ އިންޓެންސިވް ދުނިޔޭގައި ޑޭޓާގެ މުހިންމުކަން އަންހެންކުދިންނަށް ދަސްކޮށްދިނުމުގެ ގޮތުން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމުގައި ޑޭޓާ އެއްކުރުމާއި އޭގެން މާނަ ދޭހަކުރުމާ އަދި ޑޭޓާ ބޭނުންކޮށްގެން މުހިއްމު ނިންމުންތައް ނިންމާނެ ގޮތްތައް އެ ކުދިންނަށް ދަސްކޮށްދޭނެ އެވެ.

'ގާލްސް އިން ޑޭޓާ' ޕްރޮގްރާމް:

  • ފެށުމަށް ހަމަޖެހިފައި ވަނީ އަންނަ މަހުގެ 15ގައި 

  • މި ޕްރޮގްރާމްގެ ފުރަތަމަ ބުރު އަމާޒުކޮށްފައި ވަނީ މާލެ ސަރަހައްދުގެ ގްރޭޑް ފަހަކާއި ހަތަކާ (10 އަހަރާއި 13 އަހަރާ) ދެމެދުގެ އަންހެން ކުދިންނަށް 

  • މި ޕްރޮގްރާމް ދޮޅު މަސްދުވަހަށް ދެމިގެން ދާއިރު، ކުލާސްތައް ކުރިއަށް ގެންދާނީ އޮންލައިންކޮށް 

  • މި ޕްރޮގްރާމްގައި، ޑޭޓާ ބޭނުންކުރުމުގެ އަސްލު މިސާލުތަކާއި ރާއްޖޭގެ ބައެއް ޑޭޓާ އިންޓެންސިވް އިދާރާތަކަށް ފީލްޑް ޓްރިޕްތައް ވެސް ހިމެނޭ؛ އެއީ ބައިވެރިންނަށް ޑޭޓާ ބޭނުންކުރާ އަސްލު ހާލަތުތަކުގެ ތަޖުރިބާ ހޯދައިދިނުމަށް

އެނގުން މުހިންމު - ހިލޭ ކުރިއަށް ގެންދާ މި ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު އަންނަ މަހުގެ 12ގެ ނިޔަލަށް އޮންނާނެ އެވެ. މި ޕްރޮގްރާމުގައި ބައިވެރިވުމަށް، ވިމެން އިން ޓެކްގެ ވެބްސައިޓް މެދުވެރިކޮށް ހުށަހެޅޭނެ އެވެ.

ދިރާގާއި ވިމެން އިން ޓެކް ގުޅިގެން ކުރިއަށް ގެންދާ 'ގާލްސް އިން ޑޭޓާ' ޕްރޮގްރާމްގެ ޕޯސްޓަރެއް.

ބުނީ ކީކޭ؟ - ދިރާގުން ބުނީ ޓެކްނޮލޮޖީގެ ތަފާތު ދާއިރާތަކުން އަންހެންކުދިން ބާރުވެރިކުރުވުމަކީ އެ ކުންފުނިން މީގެ ކުރިން ވެސް ހާއްސަ އަހައްމިއްޔަތުކަމެއް ދީގެން ކުރާ ކަމެއް ކަމަށެވެ. މި ޕްރޮގްރާމް ކުރިއަށް ގެންދިއުމުގެ މަގްސަދަކީ، ދިރާގުން ބުނި ގޮތުގައި، އަންނަން އޮތް ޖީލުގެ އަންހެންކުދިންނަށް ޑޭޓާގެ މުހިއްމުކަން އަންގައިދިނުމެވެ.

"މި ޕްރޮގްރާމުން ދަސްވެގެންދާ ޑޭޓާގެ ހުނަރުތަކަކީ މުޖުތަމައަށް ހެޔޮ ބަދަލުތަކެއް ގެނައުމަށް ބޭނުންކުރެވޭނެ ހުނަރު،" ދިރާގާއި ވިމެން އިން ޓެކުން ނެރުނު ގުޅިފައިވާ ބަޔާނެއްގައިވެ އެވެ.

"ޑޭޓާ ސައިންސް ހުނަރަކީ ޓެކް ދާއިރާގެ ވަރަށް މުހިއްމު ހުނަރެއް ކަމަށްވުމާ އެކު، ޑޭޓާއަށް އަހުލުވެރި ބަޔަކަށް ވުމަކީ ކޮންމެ މީހަކަށް ވެސް، ހާއްސަކޮށް އަންހެންކުދިންނަށް ނުހަނު ބޭނުންތެރި ކަމެއް."

އެނގުން މުހިންމު - ދިރާގާއި ވިމެން އިން ޓެކް މޯލްޑިވްސް ގުޅިގެން، އަންހެންކުދިންނަށް ކޯޑިން ދަސްކޮށްދިނުމުގެ މަގްސަދުގައި 'ގާލްސް ޓު ކޯޑް'ގެ ނަމުގައި ކޮންމެ އަހަރަކު ވެސް ޕްރޮގްރާމެތަކެއް ހިންގަމުންދެ އެވެ. އެގޮތުން:

  • ގާލްސް ޓު ކޯޑް ޕްރޮގްރާމްގެ ދަށުން މިހާރު ވެސް ތިން ޕްރޮގްރާމެއް ވަނީ ހިންގާފައި 

  • 'ގާލްސް އިން ޑޭޓާ' ޕްރޮގްރާމްގެ އިތުރު ބުރުތައް ރާއްޖޭގެ އެކި ސަހަރައްދުތަކުގައި ކުރިއަށް ގެންދިއުމަށް ރާވާފައިވޭ

އިތުރު އާޓިކަލް

އިތުރު އާޓިކަލް