Total Votes | Leading Seats

1038 Result sheets | 202,388 Votes

Party icon

66 Seats

77393 Votes - 70.97%

Party icon

12 Seats

11228 Votes - 12.9%

Party icon

11 Seats

9284 Votes - 11.83%

Party icon

2 Seats

2371 Votes - 2.15%

Party icon

1 Seats

1264 Votes - 1.08%

Party icon

1 Seats

1029 Votes - 1.08%

Party icon

0 Seats

0 Votes - 0%

Party icon

0 Seats

0 Votes - 0%

94.07% Counted

5.93% Remaining

ޔާސްމީން: އައިޓީ ދާއިރާ އިހްތިޔާރުކުރީ އެ މަސައްކަތަކާ މެދު އަމިއްލައަށް ފަހުރުވެރިވެވޭނެ އަދި މުޖުތަމައުއަށް ވެސް ފައިދާއެއް ހުރި ކަމެއް ކުރަން ބޭނުންވެގެން. (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)

އެއްވެސް ކަމަކަށް ނުޖެހުނު ހިތް އެންމެ ފަހުން ގޮސް ދޫވީ އައިޓީއަށް

ވެބް ޑިވެލޮޕަރު އަދި ޔޫއައި/ޔޫއެކްސް ޑިޒައިނަރު ޔާސްމީން އެ ހުނަރުތައް ލިބިގަތީ މާފަހުން، އެކަމަކު މިހާރު އޭނާ ހުރީ އެ ދާއިރާ އިން ވަޒީފާއެއްގައި އަދި ފްރީލާންސް މަސައްކަތުގައި ހަމަޖެހިލައިގެން

މަރިޔަމް ޔާސްމީން ދެކޭގޮތުގައި އަންހެނުންނަށް ކޯޑިން އެކަށީގެންވަނީ އެކަންޏެއް ނޫނެވެ؛ އެ މަސައްކަތް "އެންމެ ރަނގަޅުވާނީ ވެސް" އަންހެނުންނަށެވެ. އޭނާއަށް ފެންނަނީ ކެރިއަރު އިސްކުރާ މީހާއެކޭ އެއްގޮތަށް، އާއިލާ ބަލަހައްޓަން ގޭގައި ހުންނަ މީހާއަށް ވެސް އެ ދާއިރާ ހަމަ ހެޔޮވަރުކަމެވެ.

އައިސީޓީ ދާއިރާގެ އަންހެންކުދިންގެ ބައިނަލްއަގުވާމީ ދުވަސް މާދަމާ ފާހަގަކުރާ އިރު، އިކޮނޮމިކް މިނިސްޓްރީގެ ޔޫއައި/ޔޫއެކްސް ޑިޒައިނަރު އަދި ފްރީލާންސް ވެބް ޑިވެލޮޕަރު ޔާސްމީން ކުދިންނަށާއި ބެލެނިވެރިންނަށް ކިޔައިދެނީ، އޭނާ ކުރަނީ ކޮންމެ އުމުރެއްގައި ވެސް ފެށިދާނެ، ކޮލެޖަކަށް ގޮސް ނުކިޔެވިޔަސް ކުރެވިދާނެ، ނަފާ ބޮޑު މަސައްކަތެއް ކަމެވެ. 

ޔާސްމީން، 29، އޭނާގެ އައިޓީ ކެރިއަރު ފެށިތާ އަދި މިވީ ތިން އަހަރެއްހާ ދުވަހެވެ. ސްކޫލް ދައުރުންސުރެ ކޮމްޕިއުޓަރުގެ ކަންކަމަށް ޝައުގުވެރިވިޔަސް، އޭނާ 2008ގައި އޯލެވެލް ނިންމި އިރު ރާއްޖޭގައި ހުރެގެން އެފަދަ ކޯހެއް ހެދޭނެ ފުރުސަތެއް ނެތުމުންނާއި ރާއްޖެ އިން ބޭރަށް ގޮސް ކިޔަވަން ހަރަދުކުރެވޭ ވަރު ނުވާތީ އެކަން އޮތީ ނުކުރެވި އެވެ. ޔާސްމީންގެ މަސައްކަތު ހަޔާތުގެ ފުރަތަމަ 10 އަހަރު އަދާކުރީ މުޅިން ތަފާތު ވަޒީފާތަކެކެވެ. އެ މުއްދަތުގައި އޭނާގެ ސީވީން ފެންނަނީ އިދާރީ މަސައްކަތްތަކާއި އެހެނިހެން ހުނަރުތަކެވެ. އެ ވަޒީފާތަކުން މުހިއްމު ތަޖުރިބާތަކެއް ލިބުނަސް، ޔާސްމީން ބުނިގޮތުގައި، އެއިން އެއްވެސް ކަމަކަށް އޭނާގެ ހިތް ދޫވާ ގޮތެއް ނުވި އެވެ.

"ކެރިއަރެއް ބިނާކުރާ އިރު ޕެޝަން ނުހުންނަ ކަމަކަށް ފޯކަސްއެއް ނުކުރެވޭނެ. މަސައްކަތްކުރަން ޖެހޭ ވަރަކަށް މަސައްކަތެއް ވެސް ނުކުރެވޭނެ،" އައިޓީ ދާއިރާއަށް ވަންނަން ނިންމި ގޮތް ކިޔައިދޭން ފަށަމުން ޔާސްމީން ބުންޏެވެ.

ކެރިއަރެއް އިހުތިޔާރުކުރުމުގެ ވިސްނުމުގައި ޔާސްމީން ދެތިން ގޮތަކުން ފިކުރު ހިންގާލި އެވެ؛ އެންމެ ކުރާ ހިތުން ކުރެވޭނެ، އެ މަސައްކަތަކާ މެދު އަމިއްލައަށް ފަހުރުވެރިވެވޭނެ އަދި މުޖުތަމައުއަށް ވެސް ފައިދާއެއް ހުރި ކަމަކީ ކޮބާތޯ އެވެ. ދެން ބެލީ ރާއްޖެ އިން ލިބެންހުރި ކޯސްތަކަށެވެ. އޭނާ އަޅައިގަތީ ވިލާ ކޮލެޖުގައި ކިޔަވައިދޭ ޔުނިވާސިޓީ އޮފް ވެސްޓް އޮފް އިންގްލެންޑްގެ ކޮމްޕިއުޓަ ސައިންސް ކޯހުގަ އެވެ.

މުޖުތަމައުގެ އާއްމު ވިސްނުމުން ވިސްނި ކަމުގައި ވިޔަސް، މިއީ ގޭގައި ހުރެގެން ވެސް ކުރެވޭނެ މަސައްކަތަކަށް ވީމަ، އާއިލާ ބަލަހައްޓަން ގޭގައި ހުންނަ މީހާއަށް ވެސް ވަރަށް އައިޑިއަލް ކަމެއް

ޔާސްމީން

ޔާސްމީން އައިޓީ އިހްތިޔާރުކުރުމުގެ ފަހަތުގައި އެހެން ސަބަބެއް ވެސް އޮތެވެ. އޭރު އޭނާ ވަޒީފާ އަދާކުރަމުން ގެންދިޔަ ޑައިވް ސެންޓަރުން ވެބްސައިޓެއް ބޭނުންވި ވަގުތު، އިއްތިފާގުން ވެބް ޑިވެލޮޕަރެއްގެ އެހީތެރިކަން ލިބި، އެކަމާ އުޅެލަން ލިބުނު ފުރުސަތެވެ. ޕްރޮގްރާމިން ނޭނގުނަސް ވެބްސައިޓެއް ހެދިދާނެ ގޮތްތަކެއް ހުރިކަން އެ ޑިވެލޮޕަރު ކިޔައިދިނުމުން އެކަން ޗެލެންޖެއްގެ ގޮތުގައި ނަގައިގެން ވެބްސައިޓް ހަދަން ކުރި މަސައްކަތް ޔާސްމީނަށް ވީ ވަރަށް ޝައުގުވެރި ކަމަކަށެވެ. ކޮމްޕިއުޓަ ސައިންސުން ޑިގްރީ ކޯސް ފަށަން އޭނާ ނިންމީ އެ ހިސާބުންނެވެ. ލިބެން އޮތީ ފުރުސަތުތައް ފުޅާ، މި ޒަމާނުގައި ނުހަނު ބޭނުންތެރި އަދި އެހެން ދާއިރާތަކަށް ވެސް ބޭނުންހިފޭނެ ހުނަރެއް ކަމަށް ވާތީ، އެ ނިންމުމާ މެދު ޔާސްމީނަށް އިތުބާރު އޮތެވެ.

މި ދާއިރާގައި މިހާރު އަންހެނުން އެހާ މަދީ އަންހެނުންނަށް ފިރިހެނުންނެކޭ އެއްވަރަށް ނުކުރެވޭތީއެއް ނޫން

ޔާސްމީން

ކިޔެވުމާ އެކުއެކީގައި ޔާސްމީން ގެންދިޔައީ ޑިޒައިން ސްޓޫޑިއޯއެއްގައި މަސައްކަތްކުރަމުންނެވެ. އޭނާ އެ ތަނަށް ވަނީ ލިޔުންތެރިއެއްގެ ވަޒީފާއަށެވެ. އެކަމަކު ބޮޑަށް ޝައުގުވެރިވީ ވެބް ޑިވެލޮޕްމެންޓަށެވެ. ޔާސްމީން ބޭނުން ވަރަކަށް ވަގުތު ނަގައިގެން ދަސްކޮށް، އެ މަސައްކަތް ކުރެވޭތޯ ބަލަން ކުންފުނިން އޭނާއަށް ފުރުސަތު ދިނެވެ.

"އަޅުގަނޑުގެ އެއްވެސް ތަޖުރިބާއެއް ނެތް އިރު ވެސް އެކަން ކުރަން 'ޔޭ' އިން ދިން ފުރުސަތުން، އިތުބާރު ލިބުނީ ޕްރޮފެޝަނަލް ފެންވަރެއްގައި މިކަން ކުރެވިދާނެކަން،" ޔާސްމީން ބުންޏެވެ.

ޔާސްމީން: އޭނާއަކީ އިކޮނޮމިކް މިނިސްޓްރީގެ އައިޓީ ޑިޕާޓްމެންޓްގައި މަސައްކަތްކުރާ ތިން އަންހެން މުވައްޒަފުންގެ ތެރެއިން އެކަކު. (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)

ފަށައިގަތީ އެކައްޗެއް ވެސް ނޭނގި

އެކަމަކު، އެއްވެސް ވަރަކަށް ޕްރޮގްރާމިން ނޭނގި ކޯހުގައި ކިޔަވަން ފެށި ޔާސްމީން ކޮލެޖު ސިފަކުރީ ބައެއް ފަހަރު "ވަރަށް ބިރުވެރި" ތަޖުރިބާއެއްގެ ގޮތުގަ އެވެ. އޭނާއާ އެކުގައި ކިޔަވަން އުޅުނު ގިނަ ދަރިވަރުންނަށް ކުރިންސުރެ ކޮންމެވެސް ވަރަކަށް ނުވަތަ ވަރަށް މޮޅަށް ކޯޑިން އެނގެ އެވެ. އެހެންވެ، ޔާސްމީން ބުނިގޮތުގައި، ކިޔަވައިދިނުން ކުރިއަށް ގެންދިޔައީ ފަށައިގަންނަ ފެންވަރުގެ ދަރިވަރުންތަކަކަށް އަމާޒުކޮށެއް ނޫނެވެ.

"އޭރު ކްލާހުގައި އުޅުނު ރައްޓެހިންނާއި އެހެން ވެސް ބައެއް މީހުންގެ ފަރާތުން ވަރަށް ބޮޑަށް އެހީތެރިކަން ލިބިގެން ޑިގްރީ ފުރިހަމަކޮށް އެހާ ރަނގަޅު ގްރޭޑަކާ އެއްކޮށް ފާސްވީ،" ޔާސްމީން ބުންޏެވެ.

'ފަސްޓް ކްލާސް' ދަރަޖައިގައި ކޯހުން ފާސްވި ތިން ދަރިވަރުންގެ ތެރޭގައި ޔާސްމީން އާއި އިތުރު އަންހެން ދަރިވަރަކު ވެސް ހިމެނުނެވެ. އެ ބެޗުގައި ކިޔެވި 31 ދަރިވަރުންގެ ތެރޭގައި ތިބީ އެންމެ ތިން އަންހެން ދަރިވަރުންނެވެ. ޔާސްމީން ބުނިގޮތުގައި ކިޔަވަން ފެށި އިރު ތިން މީހުން ވެސް މި ދާއިރާއަށް މުޅިން އަލެވެ.

"އެއްވެސް އެއްޗެއް ނޭނގި ތިބެ ފަށައިގެން ވެސް، މަސައްކަތްކޮށްފިއްޔާ އަދި އެހެން މީހުންގެ އެހީތެރިކަން ލިބިއްޖެއްޔާ އަންހެންކުދިންނަށް ވެސް ހަމަ ވަރަށް ރަނގަޅަށް ކުރެވޭނެ ކަމެއް މި އިންޑަސްޓްރީގައި އުޅުމަކީ،" ޔާސްމީން ބުންޏެވެ.

އެކަމަކު ކޯހުގައި އުޅުނު އިރު ޔާސްމީންއަށް ތަޖުރިބާކުރެވުނު ގޮތުގައި މި ދާއިރާގައި އަންހެން ދަރިވަރުންނާ މެދު އެހެން މީހުން ބަލަނީ ތަފާތު ނަޒަރަކުންނެވެ. އަންހެން ދަރިވަރުން އިމްތިހާނުތަކުން ހޯދާ މަތީ ނަތީޖާތަކަކީ ކޮންމެހެން އެމީހުންގެ މޮޅުކަން ނޫން ކަމުގެ ވިސްނުން ގެންގުޅެ އެވެ.

"ކޮލެޖުގައި އަޅުގަނޑާ އެއްކޮށް އުޅުނު ބައެއް ކުދިންނަށް ވެސް އިހުސާސްވޭ ކަންނޭނގެ، އަންހެންކުދިންނަށް މަތީ މާކްސް ލިބޭ ހަމައެކަނި ސަބަބަކީ އެހެން މީހުން އަޅުގަނޑުމެންނަށް އެހީވެދޭތީއޭ. އެކަހަލަ އެއްޗެހި ބުނެފައި ވެސް އެބަހުރި،" ޔާސްމީން ބުންޏެވެ. "އެކަމަކު އަޅުގަނޑަކަށް ހިއެއް ނުވޭ ކޮންމެވެސް ކަހަލަ އެހީތެރިކަމެއް ނުލިބިއެއް އެއްވެސް މީހަކަށް، އެއްވެސް ކަމެއްގައި ކުރިއަރައިގެން ދެވޭނެހެނެއް."

'އެންމެންނަށް އިމްޕެކްޓްކުރާނެ ކަމެއް'

ޔާސްމީން މިހާރު ފްރީލާންސްކޮށް ވެބްސައިޓް ހަދައިދެ އެވެ. އަދި އިކޮނޮމިކް މިނިސްޓްރީގެ އައިޓީ ޓީމަށް ނެގި ފުރަތަމަ ދެ އަންހެން މުވައްޒަފުންގެ ތެރޭގައި ހިމެނިގެން އޭނާ މިދިޔަ އަހަރުން ފެށިގެން ވަޒީފާ އަދާކުރަނީ އެ މިނިސްޓްރީގަ އެވެ. ޔާސްމީންއާ އެކުގައި ކިޔެވި އަންހެންކުއްޖަކާ ވެސް އެކު، އެ ޓީމުގެ 16 މެމްބަރުންގެ ތެރޭގައި މިހާރު ތިން އަންހެނުން ހިމެނެ އެވެ.

ފޫހިވާ އެއްވެސް ވަގުތެއް ނާދޭ. އަބަދުވެސް އާ އެއްޗެއް ނުކުންނާނެ. އާ ކަމެއް ދަސްކުރަން ޖެހޭނެ

ޔާސްމީން

އިކޮނޮމިކް މިނިސްޓްރީގެ ހިދުމަތްތަކަށް ބޭނުންކުރާ ބޮޑެތި ސިސްޓަމްތަކުގެ މަސައްކަތްތައް ޔާސްމީނަށް ޝައުގުވެރި އެވެ. އޭނާ ބުނިގޮތުގައި އައިޓީ ޓީމުން އަންނަނީ މިހާރު ގެންގުޅޭ ސިސްޓަމްތަކުގައި ހުރި އުނދަގޫ ކަންކަން ދެނެގަނެ، ހައްލުތައް ގެނެސްދެމުންނެވެ. ޔޫއައި/ޔޫއެކްސް ޑިޒައިނަރުގެ ގޮތުގައި ޔާސްމީންގެ މައިގަނޑު މަސައްކަތަކީ، ސިސްޓަމެއް ނުވަތަ ވެބްސައިޓެއް ބޭނުންކުރަން މީހަކަށް އެންމެ ފަސޭހަވާނެ ގޮތްތައް ދެނެގަނެ، އެ ބަދަލުތައް ގެންނަން ޑިވެލޮޕަރުންނަށް ކިޔައިދިނުމެވެ.

"ސައިކޮލޮޖިކަލީ މީހުން ވިސްނާ ގޮތާއި މީހުން އިޖާބަދޭ ގޮތާއި މީހުންގެ އާދަތައް ވެސް ވަރަށް ބޮޑަށް ސްޓަޑީކުރަން ޖެހޭތީ މިކަން ވަރަށް ޝައުގުވެރި،" ޔާސްމީން ބުންޏެވެ.

މިނިސްޓްރީގެ ކުދި ވެބްސައިޓްތައް ހެދުމުގެ މަސައްކަތް ވެސް އޭނާ ކުރެ އެވެ. ގިނަ ބަޔަކު ބޭނުންކުރާ އަދި އެންމެންނަށް ވެސް ބޭނުންތެރި އުފެއްދުންތަކެއް ގެނެސްދެވުމުގެ ހިތްހަމަޖެހުން ޔާސްމީނަށް އެބަ އޮތެވެ.

"އަޅުގަނޑު މި ދާއިރާއަށް ވަން އެއް ސަބަބަކީ ވެސް އެންމެންނަށް އިމްޕެކްޓްކުރާނެ ކަމެއް ކުރުން. އެންމެންނަށް ވެސް ފަސޭހައެއް ވާނެ ކަހަލަ ކަމެއް ކުރުމުގެ ފުރުސަތު މިހާރު މިއޮތީ ލިބިފައި،" ޔާސްމީން ބުންޏެވެ.

ޔާސްމީން: އޭނާގެ ތަޖުރިބާގައި ވެބް ޑިވެލޮޕްމެންޓް ދަސްކޮށްގެން ރަނގަޅު ވިޔަފާރިއެއް ކުރެވިދާނެ (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)

'އެންމެ ރަނގަޅީ އަންހެނުންނަށް'

ޔާސްމީން ދެކޭގޮތުގައި އައިޓީ ދާއިރާގައި އަންހެނުން މަދުވުމަކީ ކަން އޮންނަން ޖެހޭ ގޮތުގެ އިދިކޮޅެވެ.

"މި ދާއިރާ އެންމެ ރަނގަޅުވާނީ ވެސް އަންހެނުންނަށް ކަންނޭނގެ،" އޭނާ ބުންޏެވެ.

"މުޖުތަމައުގެ އާއްމު ވިސްނުމުން ވިސްނި ކަމުގައި ވިޔަސް، މިއީ ގޭގައި ހުރެގެން ވެސް ކުރެވޭނެ މަސައްކަތަކަށް ވީމަ، އާއިލާ ބަލަހައްޓަން ގޭގައި ހުންނަ މީހާއަށް ވެސް ވަރަށް އައިޑިއަލް ކަމެއް."

ޔާސްމީން ބުނިގޮތުގައި ވެބް ޑިވެލޮޕްމެންޓް ފަދަ ހުނަރުތައް ހޯދަން ކޮލެޖަކަށް ގޮސް ކިޔަވާކަށް ނުޖެހެ އެވެ. އޭނާ ބުނީ ވެބްސައިޓް ހެދުން ފަދަ ކަންކަމަކީ ކޮންމެ ކޮންމެ މީހަކަށް ނުކުރެވޭނެ، "ޖާދޫ ހެދުން" ކަހަލަ ކަމެކޭ، ނުވަތަ ކުރިން ވަރަށް މޮޅަށް ކަންތައްތަކެއް އެނގިފައި ހުންނަން ޖެހޭނެއޭ ގިނަ މީހުންނަށް ހީވިޔަސް، "ހަގީގަތުގައި ބޭނުންވަނީ ދަސްކޮށް، ފަރިތަކުރަން ކުރަން ޖެހޭ މަސައްކަތް" އެކަނި ކަމަށެވެ.

"މީގައި ގޮންޖެހުމަކީ އަބަދުވެސް އާ ކަންކަން ދަސްކުރަން ޖެހޭނެ. އެ ގޮތަށް އުޅޭ ހިތްވާ މީހަކަށް އެންމެ ރަނގަޅު ކެރިއާ މިއީ. ފޫހިވާ އެއްވެސް ވަގުތެއް ނާދޭ. އަބަދުވެސް އާ އެއްޗެއް ނުކުންނާނެ. އާ ކަމެއް ދަސްކުރަން ޖެހޭނެ،" ޔާސްމީން ބުންޏެވެ.

ގޭގައި އޮންލައިން ޓިއުޓޯރިއަލްތައް ބަލައިގެން ވެސް ވެބް ޑިވެލޮޕްމެންޓް ދަސްކުރެވިދާނެ އެވެ. އަމިއްލަ ތަޖުރިބާ އިން ޔާސްމީން ބުނިގޮތުގައި ކޮލެޖުގައި ބޮޑަށް ކިޔަވައިދިނީ ކޮމްޕިއުޓަ ސައިންސްގެ ތިއަރީތަކެވެ. އޭނާ ވެސް ކޯޑިންގެ ހުނަރު ފައްކާކުރީ އެހެނިހެން ގޮތްގޮތުން ކުރި މަސައްކަތުންނެވެ.

"ކޮލެޖަކީ މީގައި ހިމެނޭ ޕްރިންސިޕަލްތަކާއި އެ އެއްޗެހި މަސައްކަތްކުރާ ގޮތް ދަސްކޮށްދޭ ބިންގަލެއް. ކޮލެޖަށް ފަހު އެ ދާ ވަޒީފާއަކަށް ބޭނުންވާ ހުނަރުތައް އިތުރަށް ދަސްކުރަން ޖެހޭ،" ޔާސްމީން ބުންޏެވެ.

ހޯދުން ރަނގަޅު ހުނަރަކަށް ކޯޑިން ވާ އެއް ސަބަބަކީ ރާއްޖޭގައި އޮތް ފުޅާ ފުރުސަތެވެ. ޔާސްމީން ބުނިގޮތުގައި ގޭގައި އަމިއްލަ މަސައްކަތެއްގެ ގޮތުގައި އެކަން ފަށައިގެން، ފައިދާހުރި ވިޔަފާރިއަކަށް ހެދިދާނެ އެވެ.

"އަޅުގަނޑު މިހާރު ފްރީލާންސްކޮށް މިކަން ކުރާ އިރު ވެސް ހަމަ މެދުކެނޑުމެއް ނެތި އިންކުއަރީސް އެބަ އާދޭ. ކޮންމެ ވިޔަފާރިއަކުން ވެސް އެބަ ބޭނުންވޭ އާ ވެބްސައިޓެއް، ނުވަތަ ހަދާފައި ހުރި ވެބްސައިޓެއް އާކުރަން،" ޔާސްމީން ބުންޏެވެ.

އެކަމަކު ސީދާ އެ މަސައްކަތަށް ހާއްސަވާން ބޭނުން ނުވާ މީހުންނަށް ވެސް ކޯޑިންއަކީ ފައިދާހުރި ހުނަރަކަށް ވާނެ އެވެ. ކޮންމެ ދާއިރާއަކުން ކިޔެވިޔަސް، ކޮންމެ ކަހަލަ ވަޒީފާއެއް އަދާކުރިޔަސް ނުވަތަ ކޮންމެ ކަހަލަ ވިޔަފާރިއެއް ހިންގިޔަސް، ކުރިއަށް ދާން، އެ ހުނަރުގެ ބޭނުންތެރިކަން ބޮޑު ކަމަށް ޔާސްމީން ދެކެ އެވެ.

އަޅުގަނޑު މި ދާއިރާއަށް ވަތް އެއް ސަބަބަކީ ވެސް އެންމެންނަށް އިމްޕެކްޓްކުރާނެ ކަމެއް ކުރުން. އެންމެންނަށް ވެސް ފަސޭހައެއް ވާނެ ކަހަލަ ކަމެއް ކުރުމުގެ ފުރުސަތު މިހާރު މިއޮތީ ލިބިފައި

ޔާސްމީން

ކުޑައިރުން ފެށިގެން ދަސްކޮށްދެވިދާނެ

ބެލެނިވެރިންނަށް ޔާސްމީންގެ ލަފަޔަކީ ކުޑައިރުން ފެށިގެން ކުދިންނަށް ކޯޑިން ދަސްކޮށްދިނުމެވެ. އޭނާ ބުނިގޮތުގައި ވިމެން އިން ޓެކް މޯލްޑިވްސް އިން އިން ބާއްވާ 'އަވާ އޮފް ކޯޑް'ގެ އިވެންޓްތަކުގައި، އުމުރުން ހަތަރު އަހަރުހާ ހަގު ކުދިން ވެސް ބައިވެރިވެ، އެ ކުދިންގެ އުމުރާ ގުޅޭ މަސައްކަތްތައް ފުރިހަމަކުރެ އެވެ. އަދި އެކަމާ މެދު ފަހުރުވެރިވެ އެވެ. އަންހެންކުދިންގެ ބެލެނިވެރިން އެހީތެރިކަން ބޭނުންވާ ނަމަ އެ ޖަމްއިއްޔާއާ ވާހަކަދެއްކިދާނެ އެވެ. ވިމެން އިން ޓެކް އިން އަންހެންކުދިންނަށް ކޯޑިން ދަސްކޮށްދިނުމަށް 'ގާލްސް ޓު ކޯޑް'ގެ ނަމުގައި އަހަރަކު އެއްފަހަރު ކޮންމެވެސް ރަށެއްގައި ޕްރޮގްރާމެއް ހިންގަ އެވެ.

އައިޓީއަކީ އަންހެނުންނަށް އެކަށީގެން ނުވާ ދާއިރާއެއް ކަމުގެ ވިސްނުން ބަދަލުވުމަކީ އެ ދާއިރާގައި ތިބި ޔާސްމީން ފަދަ އަންހެން ހުނަރުވެރިންގެ އެންމެ ބޮޑު އުއްމީދެވެ.

"މި ދާއިރާގައި މިހާރު އަންހެނުން އެހާ މަދީ އަންހެނުންނަށް ފިރިހެނުންނެކޭ އެއްވަރަށް ނުކުރެވޭތީއެއް ނޫން،" ޔާސްމީން ބުންޏެވެ.

ޔާސްމީނަށް އައިޓީގެ އެންމެ ޝައުގުވެރި އެއް ކަމަކީ ތާއަބަދު އެއް ތައްގަނޑަކަށް ފެތިގެން ހުންނަން ނުޖެހޭ ކަމެވެ. ކުރިއަށް ދެވިދާނެ ރޮނގުތައް ގިނަ އެވެ. ގޭމް އުފެއްދުމަށް ޔާސްމީން އެންމެ ކުރިންސުރެ ގެންގުޅޭ ހުވަފެން ހަގީގަތަކަށް ހަދަން އުޅެވިދާނެ އެވެ. ސައިބަ ސެކިއުރިޓީއަށް ޝައުގުވެރިވާތީ އެ ރޮނގުން ކުރިއަށް ދެވިދާނެ އެވެ. ނުވަތަ މިހާރު ލިބިފައި ހުރި ތަޖުރިބާތަކުގެ އަލީގައި ޕްރޮޑަކްޓް މެނޭޖަރަކަށް ވެސް ވެވިދާނެ އެވެ.

ވަޒީފާގައި މި ވަގުތު ޔާސްމީން ޔޫއައި/ޔޫއެކްސްގެ މަސައްކަތްތައް ކުރަމުން އަންނަނީ ނުހަނު ގަޔާވެގެންނެވެ. އެކަމަކު ކުރިމަގުގައި، ކުރާހިތްވާ އިތުރު ކަންކަން ހޯދުމުގެ ހުވަފެން އޭނާ ދެކެ އެވެ.

ކޮމެންޓް (3)

ބަރާބަރު

28 އޭޕްރީލު 2022
ތިކުރާ ހިތްވަރަށް މަރުހަބާ!
1 0

ވެރީ ނައިސް

27 އޭޕްރީލު 2022
އައްސަރިބަހާ ސާބަސް!
2 0

މޫނީ

27 އޭޕްރީލު 2022
އައި ކުއިޓް.
1 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް