Majlis 2024

ރައީސް އޮފީހުގެ ކުރީގެ ތަރުޖަމާނު މަބްރޫކް ރޭ އާޓިފިޝަލް ބީޗުގައި ބޭއްވި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކެމްޕޭން ޖަލްސާގައި ވާހަކަދައްކަވަނީ. (ފޮޓޯ/ ރައީސް ސޯލިހުގެ ކެމްޕޭން ޓީމް)

ރައީސަށް ތާއީދުކުރަނީ ލިބޭ އެއްޗެއް އޮވެގެނެއް ނޫން: މަބްރޫކް

ރައީސް އޮފީހުގެ ތަރުޖަމާނުގެ މަގާމުން އިސްތިއުފާ ދެއްވި ފަހުން މިއީ މަބްރޫކް އާންމުކޮށް ސިޔާސީ ހަރަކާތެއްގައި ބައިވެރިވެވަޑައިގެންނެވި ފުރަތަމަ ފަހަރު
21 ޖެނުއަރީ 2023

އެމްޑީޕީގެ ޕްރައިމަރީގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފަޅިއަށް އަރާވަޑައިގެންނެވީ ފުރިހަމައަށް ހިތުގެ އަޑިން އެ މަނިކުފާނަށް ތާއީދުކުރައްވާތީ ކަމަށާއި ލިބޭ އެއްޗެއް އޮވެގެނެއް ނޫން ކަމަށް ރައީސް އޮފީހުގެ ކުރީގެ ތަރުޖަމާނު މުހައްމަދު މަބްރޫކު އަޒީޒް ރޭ ވިދާޅުވެއްޖެ އެވެ.

އެނގުން މުހިއްމު - މަބްރޫކް ވަނީ ކޮވިޑުގެ ދުވަސްވަރު އެންއީއޯސީގެ ނަމުގައި ހިންގި ހާއްސަ ގައުމީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާނުކަން ކުރައްވާފަ އެވެ. ރައީސް އޮފީހުގެ އަންޑަސެކެޓްރީއަކަށް ހުންނަވައިގެން އެ ޒިންމާ އަދާކުރެއްވިއިރު އޭނާ އާންމުންގެ މެދުގައި މަގުބޫލުވި އެވެ.

އެންއީއޯސީ އޮޕަރޭޝަން ނިންމާލުމަށް ފަހު މަބްރޫކް ވަނީ ޖެނުއަރީ 2021 އިން ފެށިގެން މިދިޔަ އޮގަސްޓަށް ރައީސް އޮފީހުގެ ތަރުޖަމާނުގެ މަގާމު ފުރުއްވާފަ އެވެ. އެ މަގާމުން އިސްތިއުފާ ދެއްވުމަށް ފަހު އޭނާ ވަނީ ސިޔާސީ ދާއިރާއާ ވަރަށް ބޮޑަށް ދުރަށް ޖެހިވަޑައިގެންފަ އެވެ.

ވީ ކިހިނެއް؟ - ސިޔާސީ ހަރަކާތްތަކުން އެތައް ދުވަހެއް ވަންދެން ނުފެނި ހުރުމަށް ފަހު ރޭ މާލޭ އާޓިފިޝަލް ބީޗުގައި ރައީސް ސޯލިހު ބޭއްވެވި ބޮޑު ޖަލްސާގައި މަބްރޫކު ވާހަކަދެއްކެވި އެވެ.

ބުނީ ކީކޭ؟ - "އަޅުގަނޑު މިތާ ހުއްޓި މިހުރީކީ އެހެން ބޭފުޅަކާ ދޭތެރޭގައި ނުރުހުން ވެގެނެއް ނޫން. ރައީސް ސޯލިހަށް އޮތް ތާއީދުގެ ސަބަބުން އެހެން [ބޭފުޅުންނާ ދޭތެރޭ] ދެކޭ ގޮތެއް ވެސް ބަދަލެއް ނުވޭ. އެހެން ބޭފުޅުންނަށް ކުރާ އިހުތިރާމެއް ވެސް، އެހެން ބޭފުޅުންނަށް ކުރާ ގަދަރެއް ވެސް ކެނޑިގެނެއް ނޫން،" ރައީސް ސޯލިހުގެ ވާދަވެރިޔާ، އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަށް ނިސްބަތްކުރައްވައި މަބްރޫކް ވިދާޅުވި އެވެ.

މަބްރޫކް ވިދާޅުވީ، މި އަހަރުގެ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ނެރޭނެ ކެންޑިޑޭޓަކީ ރައީސް ސޯލިހު ކަމާ މެދު އެއްވެސް ޝައްކެއް ނެތް ކަމަށެވެ. އެކަމުގެ އެންމެ ބޮޑު ސަބަބެއް ކަމުގައި އޭނާ ފާހަގަކުރެއްވީ ކޮވިޑްގެ ހާލަތު މެނޭޖުކުރަން ރައީސް ސޯލިހު ކުރެއްވި މަސައްކަތްޕުޅެވެ.

"ކޮވިޑް-19ގެ ކަންތަކުން އިރާދަކުރެއްވިއްޔާ އަރައިގަނެވި  މިއަދާ ހަމައަށް އާދެވުނުއިރުގައި، އެ އެކަނި، އެއީ ވެސް އަޅުގަނޑު ރައީސަށް ތާއީދުކުރާ އެއް ސަބަބު،" މަބްރޫކް ވިދާޅުވި އެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ކެމްޕެއިން ޖަލްސާގެތެރެއިން. (ފޮޓޯ/ރައީސްގެ ކެމްޕެއިން)

އަވަށްޓެރި ގައުމުތައް އޮތް ހާލަށް ބަލާއިރު، ރާއްޖެ ކަހަލަ ގައުމަކަށް ކޮވިޑުން އަރައިގަނެވިފައިވަނީ އިއްތިފާގަކުން ނޫންކަން މަބްރޫކް ފާހަގަކުރެއްވި އެވެ. އެގޮތުން، އޭނާ ވިދާޅުވި ގޮތުގައި، އެ ދުވަސްވަރު ރައީސްއާ އެކު ކުރެއްވި މަސައްކަތްތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ ކަންކަމަކީ:

  • ރައީސަކީ ޓީމް ކެޕްޓަނެއް؛ ކުރައްވާ ކޮންމެ މަސައްކަތެއް ކުރައްވަނީ ޓީމުގެ ބައިވެރިވުމާ އެކު

  • ރާއްޖޭގެ ހުރިހާ ކަންކޮޅެއްގެ ހާލަތު ބެއްލެވުމަށް އެ ދުވަސްވަރު ކޮންމެ ރެއަކު ރައީސް ދެތިން ގަޑިއިރު ޓީމާ އެކު ހޭދަކުރެއްވި

  • ރައީސް އަބަދުވެސް މަސައްކަތް ކުރެއްވީ ވަރަށް ރޭވުންތެރިކަމާ އެކު؛ ރާއްޖެއަކީ ކޮވިޑުގެ ސަބަބުން ދުނިޔޭގައި އެންމެ ފުރަތަމަ ބަންދުކުރި އަދި އެންމެ ފުރަތަމަ ހުޅުވި އެއް ގައުމު

  • ރައީސްގެ ކެބިނެޓާ އެކު މަސައްކަތް ކުރައްވާ އިރު ކޮންމެ މީހެއްގެ ހިޔާލު ހޯއްދަވާ

  • ރައީސް ވިދާޅުވާ ބަހުގައި އިތުބާރު ހިފޭ؛ ވައުދެއް ވެވަޑައިގެންފި ނަމަ ފުއްދަވާނެ

  • މިހާތަނަށް އައި ރައީސުންގެ ތެރެއިން އަތޮޅު ކައުންސިލްތަކާއި އެންމެ ގިނައިން ބައްދަލުކުރެއްވީ ރައީސް ސޯލިހު

  • ހިޔާލު ތަފާތު ވިޔަސް، ހިޔާލު އެއްގޮތް ވިޔަސް އެ ހިޔާލެއް އަޑުއައްސަވައި ހުރިހާ ހިޔާލުތަކެއްގެ ތެރެއިން ގައުމަށް އެންމެ ރަނގަޅު ގޮތް ހޯއްދަވައިދެއްވާނެ ކަމުގެ އިތުބާރު ރައީސް ސޯލިހަށް އޮވޭ

"އެހެންވީމަ މިއަދު އަޅުގަނޑު ރައީސަށް ކުރާ އިތުބާރަކީ ހަމައެކަނި ރަައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ކުރާ އިތުބާރެއް ނޫން. އެއީ އަޑުއައްސަވާނެ ލީޑަރަކަށް އަޅުގަނޑު ކުރާ އިތުބާރު. އެއީ ރައީސްގެ ކެބިނެޓަށް އަޅުގަނޑު ކުރާ އިތުބާރު. އެއީ އަޅުގަނޑު އެމްޑީޕީގެ މެމްބަރުންނަށް ކުރާ އިތުބާރު،" ޖަލްސާގެ ބައިވެރިން ކޮޅަށް ތެދުވެ އަތް ޖަހަމުން ދިޔައިރު، އަޑަށް ބާރުލައްވާފައި މަބްރޫކް ވިދާޅުވި އެވެ.

އެއީ އަޅުގަނޑު މި މުޅި ދިވެހިރާއްޖެއަށް ކުރާ އިތުބާރު. ދިވެހި ރައްޔިތުންނާ އެކީގައި ދިވެހި ރައްޔިތުންގެ ވެރިކަމެއް ގެނެސްދޭނެތީވެ އަޅުގަނޑު ކުރާ އިތުބާރު."

މަބްރޫކްގެ ވާހަކަ ނިންމަވާލެއްވީ އެއް ޕާޓީއަށް އެކަނި ރިޔާސީ އިންތިހާބެއް ކާމިޔާބުނުކުރެވޭނެކަން ތަޖުރިބާ އިން އެނގޭކަން ފާހަގަކުރައްވައު އެމްޑީޕީގެ ވައުދުތައް ފުއްދޭނީ އެމްޑީޕީ ވެރިކަމުގައި އޮވެގެން ކަމަށް ވިދާޅުވަމުންނެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް