ފަންނުވެރި އެކުވެރިން: ބާޗީ

މިއުޒްގެ ބޮޑު މައުރަޒުގެ ވާހަކަތަކާ އެކު ބާޗީ

ދާއިރާގައި ބާޗީގެ ތަޖުރިބާ އަދި އަންނަ މަހަށް ރާވާފައި އޮތް ކުރެހުމުގެ މައުރަޒުގެ ތަފްސީލްތައް މި އެޕިސޯޑުގައި ކިޔައިދޭ

މިފަހަރު ފަންނުވެރި އެކުވެރިން ޕޮޑްކާސްޓުގެ މެހުމާނަކީ އާޓިސްޓު އަދި އާޓް ފިހާރަ މިއުޒްގެ ވެރިޔާ އަހްމަދު އަޒްމީ (ބާޗީ) އެވެ. މިފަހުން މަގުބޫލުކަން ހޯދާފައިވާ މިއުޒްއިން، ކުރެހުމަށް ބޭނުންވާ ސާމާނު ވިއްކުމުގެ އިތުރުން އާޓް ވޯކްޝޮޕްތައް ގަވައިދުން ކުރިއަށް ގެންދެ އެވެ. އަދި ކުރަހަން ޝައުގު ހުންނަ ޒުވާނުންނަށް ހާއްސަ އާޓް ސްޕޭސްއެއް އެ ތަނުގައި ވަނީ ތައްޔާރުކޮށް އެވެ.

މިއުޒްގެ ފުރަތަމަ މައުރަޒު 'ތުރޫ ދި އައިޒް އޮފް ވޭން ގޯ' އަންނަ ބުދަދުވަހު އާއްމުންނަށް ހުޅުވާލާނެ އެވެ. ނެޝަނަލް އާޓް ގެލެރީގައި ބާއްވާ މި މައުރަޒުން 80 އަށް ވުރެ ގިނަ އުފެއްދުން ފެންނާނެ އެވެ. މައުރަޒުގައި ދިވެހިންގެ ކުރެހުންތަކާއި ބޭރު ގައުމުތަކުގެ ކުރެހުންތެރިންގެ އުފެއްދުންތައް ވެސް ބައިވެރި ކޮށްފައިވެ އެވެ. އޭގެ ތެރޭގައި އެމެރިކާ، ނޭޕާލް އަދި އިންޑިއާގެ ކުރެހުންތެރިން ހިމެނެ އެވެ. މައުރަޒުގައި ދައްކާލާނީ މިއުޒްއިން އިއުލާނު ކުރި ކުރެހުމުގެ މުބާރާތުގައި ބައިވެރިވެ، މިއުޒްގެ ފަނޑިޔާރުން ހޮވި ކުރެހުންތަކެވެ. 

މޯލްޑިވިއަން އާޓިސްޓު ކޮމިއުނިޓީ (މެކް)ގެ ބޯޑް މެމްބަރު ބާޗީ ބުނިގޮތުގައި މި މައުރަޒުން ވަނަތައް ވެސް ހޮވާނެ އެވެ. އެއްވަނަ ހޯދާ ފަރާތަކަށް 20،000 ރުފިޔާގެ އިނާމެއް ލިބެ އެވެ. ދެވަނަ އަދި ތިންވަނަ ލިބޭ ފަރާތްތައް އިއުލާނު ކުރާނީ މައުރަޒު ހުޅުވޭ ދުވަހު އެވެ. މި މައުރަޒާ ބެހޭގޮތުން ޕޮޑްކާސްޓްގައި ބާޗީ ވާހަކަދެއްކި އެވެ. 

އާޓިސްޓުންނަށް ހިތްވަރުދޭ ވޯކްޝޮޕާއި އެކި ޕްރޮޖެކްޓުތައް މުސްތަގުބަލުގައި ވެސް ހިންގަން ބާޗީ އުއްމީދުކުރެ އެވެ. ޒުވާން އާޓިސްޓުން އެ މީހުންގެ މަސައްކަތް ދައްކާލަން ޖެހިލުންވާކަން ވެސް އޭނާ ފާހަގަ ކުރި އެވެ. ބާޗީ އާއި މިއުޒްގެ އަމާޒަކީ ޒުވާނުންނަށް ހިތްވަރު ދީގެން އެ މީހުންގެ އުފެއްދުންތައް ދައްކާލައި އެ އެއްޗެހި ވިއްކަން އެހީތެރިވެދިނުމެވެ. 

މުސްތަގުބަލުގައި އެހެން ތީމަކަށް ބިނާކޮށްގެން އާޓް މައުރަޒެއް މިއުޒްގެ ފަރާތުން ރާވާނެ ކަމަށް ވެސް ބާޗީ ބުންޏެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް