ވަގަށް ނެގި ކަމަށް ބެލެވޭ ގޮނޑި މީހަކު ގެންދަނިކޮށް ހުއްޓުވައިގެން ފުލުހުން ސުވާލު ކުރަނީ. (ދައުރު ފޮޓޯ)

ވަގަށް ނެގި 5،000ރ.ގެ ފުރޮޅުލީ ގޮނޑި ފެނުނުއިރު ނީލަމުގައި 150ރ.އަށް ވިއްކާލައިފި

އެ ގޮނޑި ގެއްލުނީ މިއަދުގެ މެންދުރުފަހުގެ ވަގުތެއްގައި

ނުކުޅެދުންތެރިކަން ހުންނަ މީހެއްގެ ފުރޮޅުލީ ގޮނޑި ގެއްލިގެން ހޯދަމުން ދަނިކޮށް، މީހަކު ނީލަން ފިހާރަ އިން 150ރ.އަށް މިއަދު އެ މޮޑެލްގެ ގޮނޑިއެއް ގަނެގެން ގެއަށް ގެންދަނިކޮށް އަތުލައިގެންފި އެވެ. އެ ގޮނޑީގެ އަސްލު އަގަކީ 5،000ރ. އެވެ.

ވީ ކިހިނެއް؟ - ގެއްލިފައިވަނީ ނުކުޅެދުންތެރިކަން ހުންނަ މީހެއް ކަމަށްވާ އަހްމަދު އަލީފްގެ ގޮނޑި އެވެ. އެ ގޮނޑި ގެއްލުމާ އެކު، އާއިލާގެ ފަރާތުން ވަނީ މޯލްޑިވްސް އެސޯސިއޭޝަން އޮފް ޕާސަންސް ވިތު ޑިސްއެބިލިޓީ (އެމްއޭޕީޑީ)އަށް ވެސް އެކަން ރިޕޯޓުކޮށްފަ އެވެ. އެ ގޮނޑި މަގުމަތިން ގެންދަނިކޮށް ފެނިފައިވަނީ އެ ޖަމިއްޔާގެ  ލީގަލް ޑިރެކްޓަރު ހުސައިން ރަމީޒަށެވެ.

ތަފްސީލު - ރަމީޒު މިރޭ 'ދައުރު'އަށް ވިދާޅުވީ، އޭނާ މަގުމަތިން ދަނިކޮށް މީހަކު އެ ގޮނޑި ގެންދާ ތަން ފެނުނު ކަމަށެވެ. އެގޮތުން:

  • އެ ވަގުތު އެ ސަރަހައްދުން ދިޔަ ޓްރެފިކް ފުލުހުންގެ އެހީތެރިކަމާ އެމީހާ ހުއްޓުވި 

  • އެމީހާ އާ ސުވާލު ކުުރުމުން ބުނީ، ނީލަން ފިހާރައިން މީހަކު ގަތް ގޮނޑިއެއް ޑެލިވަރީކޮށްލަނީ ކަމަށް

"ސީދާ އެ ގޮނޑިކަމެއް އަދި ޔަގީނެއް ނޫން. އެކަމަކު ހަމަ ވަރަށް ގާތް އެއީ އެ ގޮނޑިކަން. ހަމަ އެއް މޮޑެލްއެއް،" ރަމީޒް ވިދާޅުވި އެވެ.

ގޮނޑި ހިފައިގެން ދިޔަ މީހާއާ ފުލުހުން ސުވާލު ކުރާއިރު، ރަމީޒު(ކ) ކައިރީގައި މަޑުކޮށްލައިގެން. (ފޮޓޯ/ ދައުރު)

'ދައުރު'ގެ ނޫސްވެރިން މިރޭ 7:30ހާއިރު އެ ސަރަހައްދަށް ގޮސް މަޑުކުރި ފަހުން، ގޮނޑި ގަތް މީހާ ވެސް އެ ތަނަށް އަ އެވެ. އުމުރުން ދުވަސްވީ އެ މީހާ ފުލުހުން ކައިރީ ބުނީ، އެ ގޮނޑި ނީލަން ފިހާރަ އިން ގަތީ 150ރ.އަށް ކަމަށެވެ.

"ޑެލިވަރީ ކުރި މީހާ ބުނީ، އޭނާއަށް 20ރ. ދިނުމުން އޭތި ގަތް މީހާގެ ގެއަށް ގެންގޮސްދިނީ ކަމަށް. ނޭނގެ ސީދާ އޭނަ ކަމެއް ވަގަށް ނެގީ ނުވަތަ އެހެން މީހަކު ނީލަން ފިހާރަ އިން ވިއްކާލީމަ އެ ގޮނޑި ގަތީ ކަމެއް،" ރަމީޒް ވިދާޅުވި އެވެ.

ޑެލިވަރީ ކުރި މީހާ އެކު ފުލުހުން އެ ގޮނޑި އެ މުއައްސަސާގެ ބެލުމުގެ ދަށަށް ގެންދަނީ. (ފޮޓޯ/ ދައުރު)

އަލީފްގެ މަަންމަ، ސަލްމާ އަލީ މިރޭ 'ދައުރު'އަށް ބުނީ، އެ ގޮނޑި ގެއްލުނީ މިއަދުގެ މެންދުރުފަހުގެ ވަގުތެއްގަ ކަމަށެވެ. 

"މިއަދު މެންދުރު މޫދަށް ގޮސް އައިސް، މަގުމަތީގައި ހިއްކަން ބަހައްޓާފައި ހުއްޓާ ގެއްލުނީ،" ސަލްމާ ބުންޏެވެ.

"ވަރަށް ދެރަވެފައި އަލީފް ހުރީ. އެއީ ދަރިފުޅުގެ ދެ ފައި."

ސަލްމާ ބުނީ، ފުރޮޅުލީ ގޮނޑިއެއް ހިފައިން ދިޔަ މީހަކު ހުއްޓުވިކަން އެމްއޭޕީޑީން އާއިލާގެ ސަމާލުކަމަށް މިހާރު ގެނެސްފައިވާ ކަމަށެވެ.

"މިހާރު [އަލީފް] ވަރަށް އުފަލުން އިނީ ފެނުނު ވާހަކަ ބުނީމަ،" ސަލްމާ ބުންޏެވެ.

އަލީފް ފުރޮޅުލީ ގޮނޑީގައި އިންދާ މީގެ ކުރިން ނަގާފައިވާ ފޮޓޯއެއް. (ފޮޓޯ/އާއިލާ)

ގޮނޑި ފެނުމުގެ ފަސް ގަޑިއިރު ކުރިން އެމްއޭޕީޑީގެ ބާނީ އަމިނަތު އިބްރާހިމް ވަނީ އެ ގޮނޑި ގެއްލުނުކަން އާންމުންގެ ސަމާލުކަމަށް ގެނައުމަށް ފޭސްބުކްގައި ޕޯސްޓެއް ކޮށްފަ އެވެ. އެ ޕޯސްޓުގައި އޭނާ ވިދާޅުވީ، މިކަމުގެ ސަބަބުން އަލީފަށް އެއްވެސް ތަނަކަށް ދެވޭނެ ގޮތެއް ނެތި، ގޭގައި އިންނަން މަޖުބޫރުވެފައިވާ ކަމަށެވެ.

"ވަގަށް ނުނަގަނީ ކޯއްޗެއްތޯ.. މުޖުތަމައުގެ ހާލަތު މި ވަނީ ވަރަށް ދަށު ދަރަޖައަކަށް ވެއްޓިފައި،" އޭނާ ލިޔުއްވާފައިވެ އެވެ.

އެމްއޭޕީޑީ ފައުންޑަރު އަމިނަތު އިބްރާހިމް ކުރެއްވި ޕޯސްޓް.

ފުލުހުންގެ ބަސް - ފުލުހުންގެ ތަރުޖަމާނަކު މިރޭ 'ދައުރު'އަށް ވިދާޅުވީ، ބަނަފްސާ މަގުން ފުރޮޅުލީ ގޮނޑިއެއް ހިފައިގެން ދިޔަ މީހަކު އެ މުއައްސަސާގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.

"ގޮނޑީގެ ވެރިފަރާތް ހޯދުމުގެ މަސައްކަތް ދަނީ ކުރަމުން،" ތަރުޖަމާނު ވިދާޅުވި އެވެ.

އެނގުން މުހިންމު - ނީލަން ފިހާރައިން މި ގޮނޑި 150ރ.އަށް އާންމު މީހަކު ގަތް އިރު، ވަރަށް އާކޮށް ހުރި އެ ގޮނޑިއަށް އެއްވެސް ގެއްލުމެއް ލިބިފައެއެ ނުވެ އެވެ. ސަލްމާ ބުނި ގޮތުގައި، ވަގަށް ނެގި ގޮނޑީގެ އަގަކީ 5،000ރ. އެވެ.

ކޮމެންޓް (6)

އައްޓަމަސް

21 އޮކްޓޯބަރު 2022
ނީލަންފިހާރައަކީ ވަގަށް ނަގާ މުދާ ގަންނަތަނެއް
3 0

އުދާސް

20 އޮކްޓޯބަރު 2022
ތި ފަދަ ކަންކަން ރަނގަޅަށް ސާބިތުވާ ވަރުގެ ހެއްކާ އެކު ހޯދުނަސް، އެއް ދުވަހު ޕޮލިހުގައި ”މަޑުކޮށްލުވާފަ“، ދެވަނަ ދުވަހު ދޫކޮށްލާނެ. މީ ޤައުމުގެ ހާލަތު.
7 0

ކުޑަ ސޮރު

19 އޮކްޓޯބަރު 2022
މި ގައުމުގަ ކުރާ ކުށް،ކުށަށް އަދަބް ނުދެވޭތީ ހިނގާ ކަން،ކން ތިއީ!މިތަނުގަ އިސްލާމީ ޝަރީއަތް ޤާއިމް ނުވާހާ ހިނދަކު ތި އަށް ވުރެ ބޮޑެތި ކުށް ވެސް ކުރާނެ.
9 3

ޖުލައި

19 އޮކްޓޯބަރު 2022
މިއަދު މެންދުރު ފަހު އަމީރު އަހުމަދު މަގުން ވެސް ފެނުނު ޕާޓޭ ވައްތަރު ކުއްޖެއް ފުރޮޅުލީ ގޮޑިއަކަށް އެއްޗިހި އަރުވައިގެން ދަނިކޮން
4 0

މަމެން

19 އޮކްޓޯބަރު 2022
ގެއިން ވަގަށް ނަގައިގެން ގެންދާ ގޭސްފުޅި ވެސް ގަންނާނެ މީހުން އުޅޭ ގައުމެއްމީ.
8 0

ހަކީމް

19 އޮކްޓޯބަރު 2022
ފުރަތަމަ ޕޮލިސްއަށް ގެންދަންވީ ތި ގަތް މީހާ. އެނގެން ވާނެ ދޯ 150 ރުފިޔާއަށް ނުލިބޭނެކަން
16 1

އިތުރު އާޓިކަލް

އިތުރު އާޓިކަލް