ކަރާ ވިއްކާ ހަތަރު މީހެއް: މީރު ފޮނި ކަރައެއް ހޯދާނެ ގޮތަކާ މެދު މި މީހުންގެ ވާހަކަ މުޅިން ތަފާތު

ރޯދަ 2022

ފޮނި ކަރައެއް ހޯދާނީ ކިހިނެއް؟ ވިއްކާ މީހުންގެ ވާހަކަ ވެސް ތަފާތު

ކަރާގެ ކުލަ އާއި ބަރުމިން އަދި ފުއްޓަކި ޖަހާލުމުން އަޑު އަންނަ ގޮތް ބަލައިލުން ރަނގަޅު
3 އޭޕްރީލު 2022
4

މުލަ ރޯދަ ދުވަހު ބާޒަރަށް ގޮސް ކަރައެއް ގަންނަން ނިންމީ މެވެ. ހީކުރީ މުޅި ބާޒާރު އޮންނާނީ ތޮއްޖެހިފައި އަދި އެ ހިސާބުގަނޑުން ދުއްވަން ވެސް އުދަނގޫވާނެ ކަމަށެވެ. ހީކުރި ވަރަށް ވުުރެ އަވަހަށް މާލޭ ލޯކަލް މާރުކޭޓަށް ދެވިއްޖެ އެވެ. 

މެންދުރު ފަހުގެ އެ ވަގުތުގައި އެ ސަރަހައްދަށް ދާ މަގުތައް ބިޒީ ނޫނަސް މާރުކޭޓުގެ އެތެރެ ހަލަބޮލި އެވެ. މީހުން ގިނަވެފައި ބައެއް ގޮޅިތަކަށް ކައިރި ވެސް ނުވެވެ އެވެ. ސިޔަރަތުގެ އަޑާއި މެންދުރުގެ އެ ހޫނުކަމުން އަޑުގަދަ އެ މާހައުލުން ފެންނަނީ އަވަހަށް ބާޒާރުން ގަންނަން އައި އެއްޗެއް ގަނެ، އަވަހަށް އަވަދިވެގެން ގެއަށް ދާން ބޭނުންވެފައި ތިބި މީހުންނެވެ. އެ މީހަކު ގަންނަން ބޭނުންވާ އެއްޗެއް ހުރި ގޮޅިއަކަށް ކައިރިވެވުނު ގޮތަކަށް ވެ، އަވަހަށް ގަނެގެން ދިއުމަށް މަސައްކަތް ކުރާ ތަން ފެނެ އެވެ. މި މަންޒަރުތަކުން ރޯދަ މަހުގެ އިހްސާސް އެ މާހައުލުން ކޮށްލެވެ އެވެ. 

މުލަ ރޯދަދުވަހު ބާޒާރުގައި އިއްޔެ ވިއްކަން ހުރި ކަރާތަކެއް (ދައުރު ފޮޓޯ/ އަބްދުﷲ ޔަޝާއު)

ނަން ހުސްކޮށް އެއްޗެހި އޮތަސް، އަހަންނެކޭ އެއްގޮތަށް ގިނަ ބަޔަކު ކަރާގެ އަގު އަހާ ތަން ފެނެ އެވެ. ބައެއް މީހުން ކަރާ ގަނެ ކޮތަޅަށް އަޅަ އެވެ. ބާޒާރުގައި ވަށަވަށާ ހިނގާލީ އެކި ގޮޅިތަކުން އަގު އަހަމުންނެވެ. ކިލޯއެއް 25ރ އަށް ވިއްކާ އެކި ސައިޒުގެ ކަރާ، ގޮޅިގޮޅީގައި ހުރި އިރު އެންމެ ފުރަތަމަ އަޅައިގަތީ އުމުރުން ދުވަސްވީ މީހަކު ހުރި ގޮޅިއެކެވެ. އެއީ މާރުކޭޓުގެ ބިތްދޮށް ފަރާތް ކަމުން، އެތާނގާއި މީހުންގަނޑު އޮލަވެފައެއް ނެތެވެ. ކައިރިވެލީމެވެ.

އަބްދުﷲ ދޮން ކަރައެއް ދެއްކީ ތަޖުރިބާ އިން

ތ. ބުރުނީ އަބްދުﷲ ހަސަން އިއްޔެ މާރުކޭޓުގައި (ދައުރު ފޮޓޯ/ އަބްދުﷲ ޔަޝާއު)

ތ. ބުރުނީ އަބްދުﷲ ހަސަން އިން އެ ގޮޅީގައި ތާޒާ މޭވާ އާއި ތަރުކާރީ މާ ގިނައެއް ނޫނެވެ. އެ ގޮޅީގައި އެއަށް ވުރެ ތިޔާގީ ޑަބިޔާގައި ބަންދުކޮށް ރަށްރަށުން ފޮނުވާފައިވާ އެކި ބާވަތްތަކެވެ.

ތ. ބުރުނީ އަބްދުﷲ ހަސަން އިއްޔެ މާރުކޭޓުގައި (ދައުރު ފޮޓޯ/ އަބްދުﷲ ޔަޝާއު)

އަބްދުﷲ އަކީ އުމުރުން ދުވަސްވީ މީހެެއް ކަމުން އޭނާ އަށް ފޮނި ކަރާ ވަކި ކުރަން އެނގޭނެއޭ އަހަރެންގެ ހިތް ބުންޏެވެ. ގޮޅި ހިންގާތާ ވީ ދުވަހެއް ބުނާކަށް އަބްދުﷲ އަކަށް ނޭނގެ އެވެ. އެކަމަކު ހަޔާތުގެ ބައެއް ވާހަކަތައް އަހަންނާ ހިއްސާ ކޮށްލި އެވެ.

"އެެއް ފިރިހެން ކުއްޖެއް ހުންނަނީ. އޭނާ ވީ ރިސޯޓެއްގައި. އެހެން ހުރިހާ ކުދިން މަރުވީ. ވިހާފައި ކުޑަކުޑަ އިރު މަރުވީ. އަންހެނުން ވެސް މަރުވެއްޖެ،" ރަށުން މާލެއަށް އައިސް މިހާރު ހުޅުމާލޭގައި ދިރިއުޅޭ އަބްދުﷲ ބުންޏެވެ.

އަބްދުﷲ ބުނެދިނީ ތަޖުރިބާ އަކީ މުހިއްމު ކަމެއް ކަން (ދައުރު ފޮޓޯ/ އަބްދުﷲ ޔަޝާއު)

މާ ބޮޑު ނޫނަސް ހެޔޮވަރު ސައިޒެއްގެ ކަރާތަކެއް އެތާ ހުއްޓެވެ. ވަށް ކަރާތަކެކެވެ. އަހަރެންގެ ހިތް ބުނި ގޮތަށް އަބްދުﷲ އަހަންނަށް ޔަގީންކަން ދިނީ އެ ކަރާ ބަރާބަރު ވާނެ ކަމަށެވެ. އޭނާ އަށް އެކަން އެނގުނު ގޮތެއް ނުބުނެ އެވެ.

"މިއީ ދިވެހި ކަރާ. މަ ބުނީމެއްނު ރަނގަޅު ވާނެ އޭ،" ފަޅާފައި އޮތް ކަރާ ފަހުރުވެރިކަމާ އެކު ދައްކާލަމުން އަބްދުﷲ ބުނެލި އެވެ.

ރަނގަޅު ކަރައެއް ހޯދަންޏާ ތަޖުރިބާ ވެސް ހުންނަން ޖެހެ އެވެ. އެކަން އަަހަންނަށް ސާފުވެއްޖެ އެވެ.

އިލްހާމް ބުނިގޮތުގައި ކަރާ ބަރުވުން މުހިއްމު

އަނެއްކާވެސް ހިނގައިގަތީމެވެ. ދެން ލޮލުގައި އަޅައިގަތް ގޮޅީގެ މޭޒުގައި ކަރާ ފަޅިތައް ހުރީ ޕްލާސްޓިކް އޮޅައި އަގު ޖަހައިފަ އެވެ. ސައިޒުން ބޮޑެވެ. ބޮަޑަށް ހުރީ ބިސްބުރު ބައްޓަމެކެވެ. ގޮޅީގެ ސްޓޮކް ރަނގަޅެވެ. ތާޒާ މޭވާ އާއި ތަރުކާރީން ތަން އޮތީ ފުރިފަ އެވެ. މި ގޮޅީގައި އެއްޗެހި ވިއްކަން އިނީ އަންހެނެކެވެ. 

ފަނި ގިރަން ކަމުދަނީ އޮށް ނުހުންނަ ކަރާ (ދައުރު ފޮޓޯ/ އަބްދުﷲ ޔަޝާއު)

ފަޅާފައި ހުރި ކަރާގެ އޮށް މަދުކަން ފާހަގަ ކުރެވުނެވެ. މާ އޮށް ގިނަ ނަމަ އެއީ ފަނި ގިރަން އިތުރު މަސައްކަތެކެވެ.

ގޮޅީގައި އިން އަންހެންމީހާ ތައާރަފުވެލި އެވެ. މިއީ އައްޑޫ މަރަދޫފޭދޫ ފާތިމަތު އިލްހާމް އެވެ. އޭނާ އާއިލާއާ އެކު މި ގޮޅި ހިންގާތާ މިހާރު ދެ އަަހަރު ވެއްޖެ އެވެ.

ފާތިމަތު އިލްހާމް އިއްޔެ މާރުކޭޓުގައި ތަކެތި ވިއްކަނީ (ދައުރު ފޮޓޯ/ އަބްދުﷲ ޔަޝާއު)

އިލްހާމާއި އޭނާގެ ފިރިމީހާ އަދި އާއިލާ އެންމެން އެކުގައި ހިންގާ މި ގޮޅީގައި ހުރީ ބޮޑެތި ކަރާތަކެކެވެ. އިލްހާމް ބުނި ގޮތުގައި އެއީ ތޮއްޑޫ ކަރަަ އެވެ. "ސައިޒުން ބޮޑުވެ ކަރާ ބަރުވުން" އެއީ ރަނގަޅު ފޮނި ކަރައެއްގެ ސިފަތައް ކަމަށް އިލްހާމް ބުންޏެވެ.

އޭނާ ބުނި ގޮތުގައި އިއްޔެ ވެސް އެ ގޮޅިން ގިނަ އަދަދަކަށް ކަރާ ވިކިއްޖެ އެވެ. އެ ތަނުން ބޮޑު ކަރައެއް 97ރ އަށެވެ. އިލްހާމްގެ ގޮޅިން ޑެލިވަރީ ވެސް ކޮށްދެ އެވެ.

މުލަ ރޯދަ ދުވަހު ބާޒާރުގައި ވިއްކަން ހުރި ކަރާތަކެއް: މިހާރަކަށް އައިސް ރޮނގު ލީ ކަރާ ފެންނަލެއް މަދު (ދައުރު ފޮޓޯ/ އަބްދުﷲ ޔަޝާއު)

"ރަނގަޅު އެއްޗެއް ލިބޭ،" އިލްހާމް ބުނެލި އެވެ.

ބިޒީ މި މާރުކޭޓުގައި ކަރާ ވިއްކަން ހުރި އިލްހާމްއަކީ ހިތްވަރު ގަދަ މީހެއްކަން އެނގުނެވެ. ގޮޅީގައި ތަކެތި ވިއްކަން ހުރެފައި އަދި ގެއަށް ގޮސް ބަދިގޭގައި އޭނާ މަސައްކަތް ކުރާނެކަން އަހަންނަށް އެނގެ އެވެ.

"ގެއަށް ދަނީ ހަތަރު ގަޑި ބައި، ފަހެއް ޖަހާއިރު. ގޮސް ފަސޭހަ އެއްޗެއްް ހަދައިގެން ކައްކާލައި ރޯދާ ވީއްލައި މަޣްރިބު ނަމާދުކޮށްލައިގެން އަނެއްކާވެސް އަންނަނީ މި ތަނަށް،" އިލްހާމް އޭނާގެ ދުވަސް ކުރިއަށް އޮތް ގޮތް ކިޔައިުދިިިނެވެ.

ގާދިރު ބުނަނީ ފެހިކަން ގަދަ ކަރައަށް ޑިމާންޑް ބޮޑު ކަމަށް

މުލަ ރޯދަ ދުވަހު ބާޒާރުގައި ކަރާ ވިއްކަން ހުރި ތޮއްޑޫ އަބްދުލް ގާދިރު (ދައުރު ފޮޓޯ/ އަބްދުﷲ ޔަޝާއު)

އަނެއްކާވެސް އެހެން ގޮޅިއަކާ ދިމާލަށް ހިނގައިގަތީމެވެ. މިފަހަރު އިއްތިފާގުން ދިމާވީ ރާއްޖޭގައި ކަރާ އެންމެ ގަދައަށް ހައްދައި މާލެއަށް ސަޕްލައި ކުރާ ތޮއްޑޫ މީހަކު އިން ގޮޅިއަކާ އެވެ. ރަނގަޅު ފޮނި ކަރައެއް ހޯދުމަށް އެ ރަށު މީހަކަށް ވުރެ ވަކިން ރަނގަޅުވާނީ ކާކު ހެއްޔެވެ؟

ގާދިރު ބުނިގޮތުގައި ކަރާގައި ނަރުލަނީ މާ ގިނަ ދުވަސްވުމުން. (ދައުރު ފޮޓޯ/ އަބްދުﷲ ޔަޝާއު)
ގާދިރު މާރުކޭޓުގެ ގޮޅި ހިންގާތާ 18 އަހަރު ވެއްޖެ (ދައުރު ފޮޓޯ/ އަބްދުﷲ ޔަޝާއު)

އަބްދުލް ގާދިރުގެ ގޮޅީގައި އޭރު ވެސް ކަރާ ގަންނަން ކިއުގައި މީހުން ތިއްބެވެ. އަހަންނާ ވާހަކަ ދަައްކާލެވުނީ ކިރިޔާ އެވެ. އެ ގޮޅި އޭނާ ނެގީ މި އަހަރު ނަމަވެސް މި މަސައްކަތް ކުރާތާ 18 ވެއްޖެ ކަމުގައި ގާދިރު ބުންޏެވެ. ތޮއްޑޫ މީހެއް ކަމުން ރަށުގެ ދަނޑުތަކުގެ ހަބަރު ވެސް އަހާލީމެވެ. އޭނާ ދިނީ ކުރު ޖަވާބެކެވެ. ބުނީ "ދަނޑުތައް ރަނަގަޅު" ކަމަށެވެ. 

ބޭރުގައި ރޮނގު ހުންނަ ކަރާ މިހާރު މާލޭގެ ބާޒާރުން ފެންނަލެއް މަދެވެ. ކުރިން އަހަރެމެން ދިވެހި ކަރަ އާއި ބޭރު ކަރާ ވަކި ކުރާ ގޮތަކީ އެއީ އެވެ. ގާދިރު ބުނާ ގޮތުން މިހާރު އެކަހަލަ ކަރައަށް ޑިމާންޑެއް ނެތެވެ.

ގާދިރު ބުނިގޮތުގައި މީހުން ބުނަނީ "ބޭރުގައި ފެހިކަން ގަދަވީމާ ރަނގަޅުވާނެ" ކަމުގަ އެވެ. އެކަމަކު އެހެން ކަރާގެ ވެސް ފޮނި ކަރާ ހުރެ އެވެ.

ބަންގްލަދޭޝް ބަޝީރު ބުނީ ރީނދޫ ލަކެއް އިނުން މުހިއްމު ކަމަށް

މާރުކޭޓަށް ވަތް ދޮރާ އެންމެ ކައިރިން ފެނުނު ގޮޅީގައި ފޯރިއާ އެކު ތަކެތި ވިއްކަން އުޅުނީ ބިދޭސީ މީހެކެވެ. ގޮޅީގައި ދެން ހުރި އިބްރާހިމް ނަސީމްއަކީ ހދ. ނޮޅިވަރަމުގެ މީހެކެވެ. މި ގޮޅީގައި ވެސް ހުރީ ދިވެހި ކަރަ އެވެ. ބަންގްލަދޭޝްގެ ބަޝީރު އަހަންނަށް އޭނާ މީރު ކަރާ ހިޔާރު ކުރާ ގޮތް ބުނެދިނެވެ. އޭނާ ބުނާ ގޮތުގައި ކަރާ ރަނގަޅުވަނީ ކޮންމެވެސް ވަރަކަށް ރީނދޫ ކުލައެއް ހުރުމުންނެވެ. ދެން ހަރުވީމަ އެވެ.

މުލަ ރޯދަ ދުވަހު މާރުކޭޓުގެ ގޮޅިއެއްގައި ބަންގްލަދޭޝްގެ ބަޝީރު ކަރައެއް ފަޅަނީ (ދައުރު ފޮޓޯ/ އަބްދުﷲ ޔަޝާއު)
މުލަ ރޯދަ ދުވަހު މާރުކޭޓުގެ ގޮޅިއެއްގައި ބަންގްލަދޭޝްގެ ބަޝީރު ކަރައެއް ފަޅަނީ (ދައުރު ފޮޓޯ/ އަބްދުﷲ ޔަޝާއު)

ރޯދަ މަހު އަހަންނަށް މި ކޮށްލެވުނީ ތަފާތު ތަޖުރިބާ އެކެވެ.

ކަރާ ގަންނަ އިރު ބަލަންވީ ތިން ކަމަކީ:

1. ރީނދޫ ކުލަ ހުންނަ ނަމަ އެއީ ރަނގަޅު ކަރައެކެވެ. ދަނޑުގައި އޮވެ ކަރާ ހަރުވީ އެވެ. މި ގޮތަށް ކަރާގައި ހުންނަ ރީނދޫ ލައް ކުޑަ ނަމަ ނުވަތަ ބޮޑަށް ހުދު ނަމަ އެއީ އަދި އެހާ ދޮން ކަރައެއް ނޫނެވެ.

ރޯދަ މަހުގެ ފުރަތަމަ ދުވަހު ބާޒާރު ތެރެއިން ކަރާ (ދައުރު ފޮޓޯ/ އަބްދުﷲ ޔަޝާއު)

2. ރަނގަޅު ކަރައެއް ހޯދުމަށް ބައެއް މީހުން ކަރާގައި ފުއްޓަކި ޖަހައި އެ އަޑުން ވެސް ދެނެގަނެ އެވެ. ފުން އަޑެއް އިވޭ ނަމަ އެއީ ދޮން ކަރައެކެވެ. ތިލަކޮށް އަޑު އަންނަ ނަމަ އެއީ މާ ބޮޑަށް ދޮންވެފައި އޮތް ކަރަ އެކެވެ.

3. ބޭރުގެ ކުލަ ފަނޑަސް ކަރާ ބަރު ނަމަ އެއީ ދޮންވެ ފައްކާވެފައި އޮތް ކަރަ އެެކެވެ. ބޭރުގައި މާ ވިދުން ގަދަ ނަމަ އޭގެ މާނައަކީ އަދި ހަރު ނުވަނީ އެވެ. އެންމެ ރަނގަޅީ ބަރު ކަރައެއް ހޯދުމެވެ.

 ބާޒާރުގައި ކަރާ ވިއްކާ އެކި މީހުން ފޮނި އަދި މީރު ކަރާ ހޯދާނެ ގޮތާއި އެ މީހުންގެ ދިރިއުޅުމުގެ ބައެއް ވާހަކަތައް އަހަންނާ ހިއްސާކޮށްލުމުން ކަރާ ގަނެގެން އުފަލުން އަހަރެން އައީ ގެއަށެވެ.

ކޮމެންޓް (4)

ކަރާ

3 އޭޕްރީލު 2022
ކަރަލުގަ ފުއްޓަކި ޖަހާލީމަ ހޮލޯ އަޑެއް ގޮވަންޔާ ރަނގަޅުވާނެ
1 0

ކާކީ ކަލާ

3 އޭޕްރީލު 2022
@ކަރާ ހޫން ޓަކި ޖަހާލީމަ އެތެރެއިން ނުކުމެފަ ބުނާނެ މަ ވަރަށް ފޮނިވާނޭ
3 0

މުޙައްމަދު

3 އޭޕްރީލު 2022
ނޭގުނެއްނު މޮޅު ކަރައެއް ހޯދާނެ ގޮތެއް
0 0

ނޭނގޭނެ

3 އޭޕްރީލު 2022
@މުޙައްމަދު އިނގިގެން ކަލޭ ކީއްކުރާނީ ވަކި
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް