Majlis 2024
އޭސީ މިލާން

އިބްރަހިމޮވިޗް އިތުރު އެއް ސީޒަން ކުޅެން ނިންމައިފި

އޭނާ މިވަގުތު ހުރީ އަނިޔާގައި

އަނިޔާގައި ހުރި ނަމަވެސް އޭސީ މިލާނުގެ ސްވިޑަން ފޯވާޑް ޒަލަޓާން އިބްރަހިމޮވިޗް އިތުރު އެއް ސީޒަނަށް ކޮންޓްރެކްޓް އާކުރަން ނިންމައިފި އެވެ.

މާނައަކީ އޭނާ އުމުރުން 41 އަހަރު ވަންދެން ޕްރޮފެޝަނަލް ކެރިއަރު ކުރިއަށް ގެންދިއުމެވެ.

ކުރިން ބެލެވިފައި އޮތީ ބޮޑު އަނިޔާއެއް ދިމާވެފައިވާތީ އޭނާ ރިޓަޔާކުރާނީ ކަމަށެވެ.

މަޝްހޫރު ކުޅިވަރު ރިޕޯޓަރު ފަބްރީޒިއޯ ރޮމާނޯ ބުނި ގޮތުގައި އިބްރަހިމޮވިޗް އާއި މިލާނުން މިހާރު އެއްބަސްވުމަކަށް އައިސްފައިވާ ކަމަށެވެ.

އެއްބަސްވެފައިވަނީ މިހާރު ލިބޭ މުސާރައަށް ވުރެ ކުޑަ މުސާރައަކަށެވެ. އަދި މައިގަނޑުކޮށް ހިމެނެނީ ކުޅޭ މެޗުތަކުގެ އަދަދާއި ޖަހާ ގޯލަށް ބަލައި ދޭ ބޯނަސް އެވެ.

އިބްރަހިމޮވިޗްގެ ކަކުލަށް ލިބިފައިވާ އަނިޔާ އިން ސަލާމަތްވުމަށް ކުރި އޮޕަރޭޝަނަށް ފަހު އޭނާ އަށް ކުޅެން ނުކުމެވޭނީ ބެލެވޭ ގޮތުގައި އަންނަ އަހަރުގެ ޖެނުއަރީ މަހު އެވެ. އޭރުން ސީޒަނުގެ ދެބައިކުޅަ އެއް ބައި އޮންނާނީ ނިމިފަ އެވެ.

މިލާނުން ވަނީ ބަދަލުގައި ލިވަޕޫލްގެ ބެލްޖިއަމް ފޯވާޑް ޑިކޮވް އޮރީގީ ގެނެސްފަ އެވެ. އޭނާ މިލާނަށް ބަދަލުވީ ލިވަޕޫލާ އެކު ހަދާފައިވާ ކޮންޓްރެކްޓް ހަމަވުމުން ހިލޭ ޓްރާންސްފާއެއްގަ އެވެ.

އިބްރަހިމޮވިޗް މިލާނާ ދެ ވަނަ ފަހަރަށް ގުޅުނީ، އެމެރިކާގެ މޭޖާ ލީގުގައި ކުޅުމަށް ފަހު ރިޓަޔާކުރަން ގާތްވެފައި ހުއްޓާ 2020 ވަނަ އަހަރުގެ ޖެނުއަރީ މަހު އެވެ. އުމުރުން ދުވަސްވެފައި ހުއްޓާ އޭނާ ގެނައުމުން ފާޑުކިއުން ވެސް އަމާޒުވި އެވެ. އެކަމަކު އިބްރަހިމޮވިޗް ވަނީ މޮޅަށް ކުޅެ އަދި ކުޅުންތެރިން މޯޓިވޭޓްކޮށް، އެ ޓީމު މިދިޔަ ސީޒަނުގައި ޗެމްޕިއަންސް ލީގަށް ކޮލިފައިކޮށްދިނުމުގައި އަދި މި ސީޒަނުގައި އިޓާލިއަން ލީގު ކާމިޔާބުކޮށްދިނުމުގައި ބޮޑު ހިއްސާއެއްވެފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް