ނާސާގެ އޮރާޔަން ކެޕްސޫލް (ފޮޓޯ/ނާސާ)

ޖައްވު

ވަރަށް އަވަހަށް އިންސާނުން ހަނދުގައި މަޑުކުރާނެ ކަމަށް ނާސާއިން ލަފާކޮށްފި

މިހާރު ކުރިއަށްދާ އާޓީމިސް މިޝަންގައި ބޭނުންކުރާ އޮރަޔަން އުޅަނދު އެނބުރި ދުނިޔެއަށް އަންނާނީ ޑިސެމްބަރު މަހުގެ 11 ވަނަ ދުވަހު

މަދު އަހަރުތަކެއްގެ ތެރޭ އިންސާނުން ދިގު މުއްދަތަކަށް ހަނދުގައި މަޑުކުރާނެ ކަމަށް ނާސާގެ އޮފިޝަލަކު އަންދާޒާ ކުރައްވައިފި އެވެ. 

ނާސާގެ އޮރާޔަން ޖައްވީ އުޅަނދާ ބެހޭ ޕްރޮގްރާމް ބަލަހައްޓަވާ ހަވާޑް ހޫ ވިދާޅުވި ގޮތުގައި ސައިންޓިފިކް މިޝަންތައް ކުރިއަށް ގެންދިޔުމަށް އިންސާނުންނަށް ހަނދުގައި މަޑު ކުރެވޭނެ ގޮތް ހެދުމަކީ ކޮންމެހެން ކުރަން ޖެހޭނެ ކަމެކެވެ. 

ނާސާއިން ވަނީ މިދިޔަ ބުދަ ދުވަހު އޮރާޔަން އާޓީމިސް ރޮކެޓުގައި ޖައްވަށް ފޮނުވާލައިފަ އެވެ. މިއީ އިންސާނުން ހަނދަށް ފޮނުވުމަށް ނާސާއިން ރާވާފައިވާ މިޝަންތަކުގެ އެންމެ ފުރަތަމަ މަރުހަލާ އެވެ. މުސްތަގުބަލުގައި ހަނދަށް އިންސާނުން ގެންދަން ރާވާފައިވާ އޮރާޔަން އުޅަނދު މިފަހަރު ލޯންޗުކޮށްފައި ވަނީ ފަޅުވެރިޔަކު ނެތި އެވެ. އަދި މިވަގުތު މި އުޅަނދު އުޅެނީ ހަނދާ 134،000 ކިލޯމީޓަރު ދުރުގަ އެވެ. 

އާޓީމިސް ރޮކެޓު ލޯންޗުކުރުމާ ބެހޭ ގޮތުން ވާހަކަދައްކަވަމުން ހޫ ވިދާޅުވި ގޮތުގައި ރޮކެޓު ނައްޓާލާ މަންޒަރު ބެއްލެވުން ވެގެން ދިޔައީ އޭނާއަށް "ގަބޫލު ކުރަން ދަތި އިހުސާސްތަކެއް" ކުރެވުނު "ހުވަފެނީ" ވަގުތުކޮޅަކަށެވެ. 

"މިއީ ފުން ކާއިނާތު ދެނެގަތުމަށް އަހަރެމެން އަޅާ ފުރަތަމަ ފިޔަވަޅު. ހަމައެކަނި އެމެރިކާ އަކަށް ނޫން، މުޅި ދުނިޔެއަށް ވެސް،" އޭނާ ވިދާޅުވި އެވެ.

"އަދި އަހަންނަށް ހީވަނީ މިއީ ނާސާއަށް ތާރީހީ ދުވަހެއްހެން. އަދި ޖައްވަށް އިންސާނުން ފޮނުވުމާއި ފުން ކާއިނާތު ދެނެގަތުގަށް ލޯބިކުރާ އެންމެންނަށް މިއީ ތާރީހީ ދުވަހެއް."

"އަހަރެމެން އެނބުރި މިދަނީ ހަނދަށް. ހަނދަށް ދެވޭނެ ދެމެހެއްޓެނިވި ޕްރޮގްރާމަކަށް މަސައްކަތް ކުރަމުން މިދަނީ. އަދި މިއީ އިންސާނުން އަނބުރާ ހަނދަށް ފޮނުވާނެ ވެހިކަލް،" ހޫ ވިދާޅުވި އެވެ. 

މިހާރު ކުރިއަށްދާ މިޝަން ކާމިޔާބު ވެއްޖެ ނަމަ ދެން އަންނަ މިޝަންގައި އިންސާނުން ޖައްވަށް ފޮނުވާނޭ ކަމަށާއި އަދި އެއަށް ފަހު އޮންނަ ތިންވަނަ މިޝަންގައި އިންސާނުން ހަނދަށް ފައިބާނޭ ކަމަށް ހޫ ވިދާޅުވި އެވެ. 

މިހާރު ކުރިއަށްދާ އާޓީމިސް 1 މިޝަންގެ އެންމެ މުހިންމު މަރުހަލާ އަކީ އޮރާޔަން ސަލާމަތުން ދުނިޔެއަށް ގެނައުމެވެ. މި އުޅަނދު ދުނިޔެއަށް އެނބުރި ވަންނާނީ ގަޑިއަކު 38،000 ކިލޯމީޓަރު ބާރު ސްޕީޑެއްގައި 3،000 ޑިގްރީގެ ހޫނުމިނެއްގަ އެވެ. މި އުޅަނދު ސަލާމަތުން ދުނިޔެއަށް ޖެއްސުމުން މީގައިވާ ބައިބަޔާއި ނިޒާމުތައް ޓެސްޓުކޮށް ފާސްވެއްޖެ ނަމަ، 2030ގެ ކުރިން އިންސާނުންނަށް ހަނދުގައި މަޑު ކުރެވޭނެ ގޮތް ހެދުމަށް ރާވާފައިވާ ކަމަށް ހޫ ވިދާޅުވި އެވެ.

މިދިޔަ ހަފްތާގައި ނާސާއިން ލޯންޗު ކުރި އާޓީމިސް ރޮކެޓު ނައްޓާލާ މަންޒަރު (ވީޑިއޯ/ބްލޫމްބާގް ޓެކްނޮލޮޖީ)

ހަނދަށް ދިޔުމުގެ އެންމެ ބޮޑު އެއް ބޭނުމަކީ ހަނދުގެ ދެކުނު ފަރާތުގައި ފެން ހުރިތޯ ކަށަވަރު ކުރުން ކަމަށާއި ފެން ހުރި ކަމަށް ފެނިއްޖެ ނަމަ ޖައްވުގެ ދުރު ހިސާބުތަކަށް ދަތުރު ކުރުމަށް ބޮޑު ފަސޭހައަކަށް ވެގެންދާނެކަން ހޫ ފާހަގަ ކުރެއްވި އެވެ.

"އަހަރެމެން މީހުން ފޮނުވާނަން އެ ސަރަހައްދަށް. އަދި އެ ތަނުގައި ތިބެ އެމީހުން ތަހްލީލުތައް ކުރިއަށް ގެންދާނެ،" ހޫ ވިދާޅުވި އެވެ. "ދުނިޔޭގެ އޯބިޓުން ކުޑަ ތަންފުކެއް ބޭރުގައިވާ މައުލޫމާތުތައް ދެނެގަތުން މުހިންމު، މާސް އަށް ދިޔުން ފަދަ ބޮޑު ފިޔަވަޅެއް އެޅުމުގެ ކުރިން."

"އަދި ޖައްވުގެ ދުރު ހިސާބުތަކަށް އޮޕަރޭޓު ކުރުމަށް ބޭނުންވާ ދެމެހެއްޓެނިވި ޕްލެޓްފޯމަކާއި ޓްރާންސްޕޯޓޭޝަން ނިޒާމެއް އާޓީމިސް މިޝަން އިން އަހަރެމެންނަށް ފަހިކޮށްދޭ."

އޮރާޔަން ކެޕްސޫލް އެނބުރި ދުނިޔެއަށް އައުމަށް ހަމަޖެހިފައި ވަނީ 11 ޑިސެމްބަރުގަ އެވެ. 

ކޮމެންޓް (2)

ދޮން ކަލޯ

21 ނޮވެމްބަރު 2022
މަޑު ކުރާ ގޮތަށް ދެން ނާންނާނެ
0 0

އަހުމަދު

21 ނޮވެމްބަރު 2022
މަ މި ހުންނަނީ ތި ކަން ނުވެގެން ކައިވެނި ނުކުރެވިފައި. ތި ތަނުން ބުކިން ހައްދައިގެން ދޯ ޕާޓީ ބޭއްވޭނީ
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް