ށ. ކޮމަންޑޫގައި ބޭއްވި އެމްޑީޕީގެ ކެމްޕެއިން ހަރަކާތެއްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު ސަލާމް ކުރައްވަނީ. (ދައުރު ފައިލް ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް)

ނަތީޖާގެ ބޮޑު މަންޒަރު: އެމްޑީޕީގެ ބާރުތައް ފުރޮޅިއްޖެ

އިންތިހާބުން ދައްކައިދިނީ ނަޝީދުގެ ފަހަތްޕުޅުގައި އަބަދު އެމްޑީޕީ ނޯންނާނެކަން

މި ފަހުގެ ތާރީހެއްގައި ބޭއްވި އެމްޑީޕީގެ އެންމެ ފޯރިގަދަ ޗެއާޕާސަންގެ އިންތިހާބު އިއްޔެ ނިމުނު އިރު ނިކުތް ނަތީޖާއިން އެއް ކަމެއް ކަށަވަރުވެ އެވެ؛ އެ ޕާޓީގެ ރައީސް، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އަތްޕުޅުގައި ޒަމާންތަކެއް ވަންދެން އޮތް ބާރުތައް މަޑުމަޑުން ދޫވެ އެކި ދިމަދިމާލަށް ދާން ފެށުމެވެ.

ހުލާސާކޮށް ބުނާ ނަމަ، މިހާތަނަށް ނަޝީދު ނޫން އެހެން ގޮތެއް ފެނިފައި ނެތް އެމްޑީޕީގެ ގިނަ މެންބަރުންނަށް އެހެން މޮޅު ލީޑަރެއް ފެނުނީ އެވެ. ޔަގީންވާ އެއް ކަމަކީ ނަޝީދުގެ ސިޔާސީ ހުވަފެންތައް ހާސިލްކުރުމުގައި އެމްޑީޕީގެ ތެރެއިން ވެސް ނަޝީދަށް ދެން ފަސޭހަ ނުވާނެ ކަމެވެ. ހާއްސަކޮށް، ކުރިއަށް އޮތް 2023ގެ ރިޔާސީ އިންތިހާބުގެ ޓިކެޓް ހޯއްދެވުމަށް ނަޝީދަށް އޮތް ޖާގަ އިތުރަށް ހަނިވީ އެވެ. 

ހަގީގަތަކީ އިއްޔެގެ ވޯޓް ކަރުދާހުގައި އިމްތިޔާޒު ފަހުމީގެ ނަމާއި ފައްޔާޒު އިސްމާއިލްގެ ނަން އޮތް ނަމަވެސް އެ އިންތިހާބުގައި އަސްލު ވާދަކުރެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ނަޝީދެވެ. އެމްޑީޕީގެ ޗެއާޕާސަންގެ ރޭސް އެހާ ވާދަވެރިވެ ފޯރިގަދަވީ ރައީސް ސޯލިހާއި ނަޝީދު ދެ ފަޅިއެއްގައި ތިއްބެވުމުންނެވެ. މިފަހަކަށް އައިސް އެމްޑީޕީގެ ހުރިހާ އިސް މަގާމުތަކަށް މީހުން ނެގުމުގެ އިންތިހާބުތަކުގައި އެ ދެ ބޭފުޅުން ތިއްބަވަނީ ދެކޮޅުގަ އެވެ. އެވާހަކަ ފާޅުގައި ވިދާޅު ނުވިޔަސް އެބޭފުޅަކު ހުންނަވާ ކޮޅު އަމަލުން ދައްކަވަ އެވެ. 

އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ރާއީސް އިބްރާހިމް މުހައްމަދު ސޯލިހް ވޯޓުލައްވަނީ. (ފޮޓޯ/ރައީސް އޮފީސް)
އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވޯޓުލައްވަން ވޯޓުލާ މަރުކަޒުގައި. (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)

އިއްޔެ ވޯޓުލާން ނުކުތް އެމްޑީޕީގެ 50،000އަށް ވުރެ ގިނަ މެންބަރުންގެ ތެރެއިން 28،000އަށް ވުރެ ގިނަ ވޯޓް، ނުވަތަ %58 ވޯޓް ކާމިޔާބު ކުރެއްވީ ރައީސް ސޯލިހުގެ ފަޅި އެވެ. އަދި ނަޝީދަށް ކާމިޔާބު ކުރެއްވުނީ 20،856 ވޯޓެވެ. އެއީ ވޯޓްލާން ނުކުތް މީހުންގެ %42 އެވެ. އެ ނަމްބަރުތަކުން މި ވަގުތުގެ ސިޔާސީ އެތައް ހަގީގަތެއް ބުނެދެ އެވެ.

ނަޝީދުގެ މަގުބޫލުކަން ދަށަށް

ރައީސް ސޯލިހު އެންމެ އިތުބާރު ކުރައްވާ އަދި އެންމެ އަރިސް ވަޒީރުގެ ގޮތުގައި ހުންނެވި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު ޗެއާޕާސަން ކަމަށް ވާދަކުރައްވާނެކަން އިއުލާން ކުރެއްވުމާ އެކު ނަޝީދުގެ ފަޅިން އިމްތިޔާޒު އެ ރޭހަށް ނުކުންނެވި އެވެ. އަދި އިމްތިޔާޒުގެ ފަހަތުން އޭނާއަށް އެންމެ ފުރަތަމަ ތާއީދުކުރެއްވި އެއް ބޭފުޅަކީ ނަޝީދުގެ އާއިލާގެ ބޭފުޅެއް ކަމަށް ވާ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އެވެ. އެކި ޕްލެޓްފޯމްތަކުގައި ނަޝީދު ވެސް އިމްތިޔާޒަށް ތާއީދު ހޯއްދަވަން ފެއްޓެވި އެވެ. އެ ހިސާބުން ކެމްޕޭން ވެސް ދެ ބަޔަކަށް ބައިވެ ނަޝީދާއި ރައީސް ސޯލިހުގެ ފަޅި އާންމުންނަށް އެނގޭނޭހެން ވަރަށް ރަނގަޅަށް ފާހަގަވާން ފެށި އެވެ. އެމްޑީޕީގެ ތެރޭގައި ދެ ބައެއް އޮތްކަން މިފަހަރު ރަނގަޅަށް ވެސް އެނގުނީ އެވެ.

ސަންގު ޓީވީން އިންތިޒާމްކުރި އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބުގެ ބަހުސްގައި ފައްޔާޒާއި އިމްތިޔާޒު. (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)

ދެން ފެނުނީ ފައްޔާޒަށް ބޮޑެތި ތުހުމަތުތަކެއް ކުރަން ފެށި ތަނެވެ. ފައްޔާޒު އިސްވެ ހުންނަވާ ސަރުކާރުގެ ތެރެއިން ކޮރަޕްޝަންގެ އަމަލުތައް ހިންގަވާ ކަމަށް ސީދާ ނަޝީދު ތުހުމަތު ކުރެއްވި އެވެ. އަދި ފައްޔާޒުގެ ކެމްޕޭނަށް ފަހިވާ ގޮތަށް އެމްޑީޕީގެ މެންބަރުންނަށް ވަޒީފާގެ ބިރު ދައްކާ ނުފޫޒު ފޯރުވާ ކަމަށް ވެސް ނަޝީދު ފާޅުގައި ވިދާޅުވި އެވެ.

އިމްތިޔާޒުގެ ކެމްޕޭންގެ މައިގަނޑު ތީމްގެ ގޮތުގައި ވެސް ހަދާފައި އޮތީ ނަޝީދު ބާކީ ވިޔަ ނުދޭން އިމްތިޔާޒް ހޮވަން ޖެހޭ ކަމެވެ. އެހެންވެ، އިމްތިޔާޒު ވީ ނަޝީދުގެ ދިފާއަށް ނުކުމެ ހުންނެވި ކެންޑިޑޭޓަށެވެ. އެކަމަކު އިއްޔެގެ ނަތީޖާއިން ސާފުވީ "ނަޝީދު ހިމާޔަތް ކުރުން" އެކަނި އެއީ ވިކޭނޭ ކަމެއް ނޫން ކަމެވެ. އަދި ޕާޓީގެ ލީޑަޝިޕްގެ ފަރާތުން އާންމު މެންބަރުން އެދޭ ގިނަ ކަންތައްތައް މިހާތަނަށް ފުރިހަމަ ވެފައި ނެތުމަކީ ވެސް އެ ނަތީޖާ ނިކުތް ސަބަބެކެވެ. 

"މިހާތަނަށް ނަޝީދުގެ ސިޔާސީ ވިސްނުުމުގައި ތިއްބެވި އެ ބޭފުޅާގެ ގާތް ބޭފުޅުން އެމްޑީޕީ ހިންގަވަން ތިއްބެވީ. އެގޮތަށް ތިއްބެވި އިރު ޕާޓީގެ ފަރާތުން މެންބަރުން އެންމެ އެދޭ ކަންކަން ވެފައެއް ނެތް. ފައްޔާޒު ބޮޑަށް ވިއްކެވީ އެ ނުވެ ހުރިކަ ންކަން ކުރަން ނުކުމެ ހުރި މީހެއްގެ ގޮތުގައި،" އެމްޑީޕީގެ އިސް މަގާމުތައް ފުރުއްވާފައިވާ އެ ޕާޓީގެ މެންބަރަކު، ނަން ނުޖަހާ ގޮތަށް، ވިދާޅުވި އެވެ.

"ނަތީޖާއިން ބޮޑަށް އެކަން އެ ފެނުނީ. ހަމައެކަނި ނަޝީދު ބުނާހާ ގޮތަކަށް ވެސް ކަންކަން ކުރުން އެއީ މާޒީ މިއަދު." 

އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވޯޓުލައްވަން ވޯޓުލާ މަރުކަޒުގައި. (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)

އޭނާ ވިދާޅުވި ގޮތުގައި، ނަޝީދުގެ މަގުބޫލުކަން ދަށަށް ދާން މެދުވެރިވާ ސަބަބުތައް ވެސް ބައިވަރެވެ. ހާއްސަ ގޮތެއްގައި، ވެރިކަމުގައި އެމްޑީޕީ އޮންނަ އިރު ވެސް އެކްޓިވިޒަމް ކުރިއަށް ނެރުއްވައިގެން ނަޝީދު މަސައްކަތް ކުރެއްވުމަކީ ގިނަ ބަޔަކަށް ގަބޫލު ނުކުރެވޭ ކަމަކަށްވި އެވެ. ހާއްސަކޮށް އެމްޑީޕީގެ ހަރު ކުލައިގެ މެންބަރުންނަށެވެ.

އޭނާ ވިދާޅުވީ ލީޑަރަކަށް ވުމާއި އެކްޓިވިޒަމްއަކީ ތަފާތު ދެ ކަންތައް ކަމަށެވެ. ނަޝީދަކީ އެކްޓިވިސްޓެއް ނަމަވެސް ލީޑަރެއްގެ ގޮތުގައި އެމަނިކުފާނަށް ރަނގަޅު ޕާފޯމެންސެއް ނުދެއްކޭ ކަމަށް އޭނާ ގަބޫލުކުރައްވަ އެވެ.

"އެކްޓިވިސްޓަކާއި ލީޑަރެއް ތަފާތު. މީގެ ކުރިން އަބަދު ވެސް ޕިކްޗާގައި ނަޝީދު ހުރީމާ އެހެން ޗޮއިސްއެއް ނެތީ. އެކަމަކު މިއަދު އެހެން ޗޮއިސްއެއް ފެންނަން ހުރެފައި ނަޝީދުގެ ލީޑަޝިޕް ކޮލިޓީތައް މަދުވުމުން އެ މަނިކުފާނުގެ މަގުބޫލުކަން ދަށަށް އެދަނީ،" އެބޭފުޅާ ވިދާޅުވި އެވެ.

އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ރައީސް ސޯލިހް ވޯޓުލައްވަން ވޯޓުލާ މަރުކަޒުގައި. (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)

ރައީސް ސޯލިހު ދުލެއް ނުދެއްވާނެ

އިއްޔެ ވޯޓް ލާން ބެހެއްޓި 282 ފޮށީގެ ތެރެއިން ވަރަށް އާދަޔާ ހިލާފު ނަތީޖާއެއް ފެނުނީ ރައީސް ސޯލިހުގެ އުފަން ރަށް ޅ. ހިންނަވަރުގެ ފޮށިންނެވެ. ހިންނަވަރުން އމްތިޔާޒަށް ލިބިވަޑައިގަތީ އެންމެ ނުވަ ވޯޓެވެ. ނަމަވެސް ފައްޔާޒު 600 ވޯޓް އެ ރަށުން ހޯއްދެވި އެވެ.

އިންތިހާބުގެ ކެމްޕޭނާ ދިމާވާ ގޮތަށް ރޯދަ މަހުގެ ފަހު 10 ގައި ރައީސް ހިންނަވަރަށް ވަޑައިގެން އުޅުއްވި އެވެ. ބައެއް މަސްދަރުތަކުން ބުނި ގޮތުގައި ރައީސް އެ ރަށަށް ވަޑައިގެން ވަކިވަކި ގްރޫޕްތަކާ ބައްދަލުކުރައްވާ ފައްޔާޒަށް ތާއީދު ހޯއްދަވަން މަސައްކަތް ކުރެއްވި އެވެ.

ހިންނަވަރުން ނުކުތް އެ ނަތީޖާއާ މެދު ހިޔާލުފާޅުކުރި މީހުން ބުނާ ގޮތުގައި އެއިން ފެންނަނީ ރައީސް ސޯލިހު ގަދައަޅާ ކުރެއްވި މަސައްކަތެވެ. އެ ރަށުން ރައީސް ނަޝީދަށް ވަރަށް ބޮޑުކޮށް ނޫނެކޭ ބުނީ ކަމަށް ޓްވިޓާގައި ހިޔާލުފާޅުކުރި އެކަކު ލިއުނެވެ.

މިހާތަނަށް ނަޝީދުގެ ސިޔާސީ ވިސްނުުމުގައި ތިއްބެވި އެ ބޭފުޅާގެ ގާތް ބޭފުޅުން އެމްޑީޕީ ހިންގަވަން ތިއްބެވީ. އެގޮތަށް ތިއްބެވި އިރު ޕާޓީގެ ފަރާތުން މެންބަރުން އެންމެ އެދޭ ކަންކަން ވެފައެއް ނެތް. ފައްޔާޒު ބޮޑަށް ވިއްކެވީ އެ ނުވެ ހުރިކަ ންކަން ކުރަން ނުކުމެ ހުރި މީހެއްގެ ގޮތުގައި.

އެމްޑީޕީގެ އިސް މަގާމުތައް ފުރުއްވާފައިވާ ބޭފުޅެއް

އެއީ ރައީސް ސޯލިހު ބޭނުންފުޅުވި ގޮތެވެ. ބޮޑު ތަފާތެއް ދައްކައި، ރިޔާސީ ޓިކެޓާ ގާތަށް ވަޑައިގެންނެވުމެވެ. ސަރުކާރަށް ތާއީދެއް ނެތް ކަމަށް ވިދާޅުވަމުން ނަޝީދު ވަޑައިގެން އިރު އެކަމަށް ގޮންޖައްސަވާ ރައީސް ސޯލިހު ނަތީޖާ ދެއްކެވި ކަމަށް ބުނެވިދާނެ އެވެ. 

"ނަތީޖާތަކުން ފެނުނު އެއް ކަމަކީ ރައީސް ނަޝީދަށް ރައީސް ސޯލިހު ދޫ ނުދެއްވާނެކަން. ވަރަށް ހޫނުވިއަސް [ރައީސް] ދޫނުދެއްވާ މަސައްކަތް ކުރެއްވީ. ނަތީޖާ ދެއްކެވީ. [ރައީސް] ސޯލިހު އެ ހުންނެވީ ނަޝީދު ބޭނުންވާ ގޮތަށް ދީލައިލާކަށް ނޫން،" އެމްޑީޕީގެ ހަރަކާތްތަކުގައި އިސްކޮށް އުޅުއްވާ އެހެން މެންބަރަކު ވިދާޅުވި އެވެ.

އިއްޔެ އިންތިހާބު ކުރިއަށް ދިޔަ ވަގުތު ދިވެހި ޗެނަލަށް ނަޝީދު ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ރައީސް ސޯލިހު ރިޔާސީ ޓިކެޓަށް ވާދަކުރައްވާނެ ކަމަށް އެމަނިކުފާނަށް ދެކެވަޑައިނުގަންނަވާ ކަމަށެވެ. އެހެން ނަޝީދު ވިދާޅުވުމާ އެކު ރައީސް އޮފީހުގެ ތަރުޖަމާން މަބުރޫކް އަޒީޒް މެދުވެރިކުރައްވާ ރައީސް އާންމުންނަށް ރައްދު ކޮށްދެއްވި މެސެޖަކީ ރިޔާސީ ދެ ވަނަ ދައުރަކަށް ވާދަނުކުރައްވަން ނިންމަވާފައި ނެތް ކަމެވެ.

ފައްޔާޒު ސަޕޯޓަރުންނާ އެކު ރޭ އުފާ ފާޅުކުރައްވަނީ. (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)
ފައްޔާޒު ސަޕޯޓަރުންނާ އެކު ރޭ އުފާ ފާޅުކުރައްވަނީ. (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)

ކުރިންސުރެ އެ މަނިކުފާނާ ގާތް ގުޅުމެއް އޮންނަ ކުރީގެ އެމްޑީޕީ މެމްބަރު ރީކޯ މޫސާ މަނިކު ވިދާޅުވީ ރައީސް ސޯލިހު ދެ ވަނަ ދައުރަކަށް ކުރިމަތިލައްވާ ވާހަކަ އަބަދު ވެސް ވިދާޅުވާ ކަމަށެވެ.

"އެކަމުގައި ކުރިއަށް ވަޑައިގަންނަވަން ރައީސް ސޯލިހު ހުންނެވީ، އެ އަޒުމުގައި ހުންނެވީ،" މޫސަ ވިދާޅުވި އެވެ.

އެމްޑީޕީއަށް ހުރިޙާ ގޮތަކުން ވެސް ކާމިޔާބެއް

އިއްޔެ އެމްޑީޕީއަށް ލިބުނު އެންމެ ބޮޑު ކާމިޔާބަކީ އެތެރޭގެ ބޮޑު އިންތިހާބެއް އޮމާންކަމާ އެކު ބާއްވާ ނިންމާލެވުމެވެ. އެއީ ވެސް ވަރަށް ވާދަވެރި ކެމްޕޭނަކަށް ފަހު އެވެ.

އިއްޔެގެ އިންތިހާބަށް އެމްޑީޕީގެ އެކްޓިވް މެންބަރުންގެ އެންމެން ކަހަލަ ގޮތަކަށް ނުކުތެވެ. އެމްޑީޕީގެ ރަސްމީ ރަޖިސްޓްރީގައިވާ 94،000 މެންބަރުންގެ ތެރެއިން %53 މެންބަރުން ވޯޓްލި އެވެ. މިއީ އެތެރޭގެ އިންތިހާބެއްގައި ވަރަށް ވެސް ރަނގަޅު ބައިވެރިވުމެކެވެ. އެހެންވީމާ ނަމޫނާ އިންތިހާބެއް ބާއްވާ ޑިމޮކްރަސީގެ ރީތި މިސާލެއް ދެއްކުމުގައި ވެސް އެމްޑީޕީ މި ވަނީ ކާމިޔާބު ހޯދައިފަ އެވެ.

ނަތީޖާތަކުން ފެނުނު އެއް ކަމަކީ ރައީސް ނަޝީދަށް ރައީސް ސޯލިހު ދޫ ނުދެއްވާނެކަން. ވަރަށް ހޫނުވިއަސް [ރައީސް] ދޫނުދެއްވާ މަސައްކަތް ކުރެއްވީ. ނަތީޖާ ދެއްކެވީ. [ރައީސް] ސޯލިހު އެ ހުންނެވީ ނަޝީދު ބޭނުންވާ ގޮތަށް ދީލައިލާކަށް ނޫން.

އެމްޑީޕީގެ ހަރަކާތްތަކުގައި އިސްކޮށް އުޅުއްވާ މެންބަރެއް

އެތައް އަހަރެއް ވަންދެން ނަޝީދާ ގުޅިލާމެހިފައި އޮތް އެމްޑީޕީގެ ލީޑަޝިޕް އެ މަނިކުފާނުގެ އަތްޕުޅުން ދޫވުމަކީ ވެސް ޑިމޮކްރަސީގެ މިސާލެއް ކަމަށް ބުނެވިދާނެ އެވެ. ޕާޓީތައް ވާންވީ ވަކި މީހެއްގެ ނުފޫޒުގައި އޮންނަ ތަނަކަށް ނޫން ކަމަށް އެންމެން ވެސް އެއްބަސްވެ އެވެ. މިފަހަރު އެމްޑީޕީގެ އިންތިހާބުން ފެނުނީ އެ މަންޒަރެވެ. އެމްޑީޕީގެ މެންބަރުން ބުނީ އެމްޑީޕީއަކީ ހަމައެކަނި ނަޝީދެއް ނޫން ކަމެވެ. ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީން އާ ލީޑަޝިޕަކަށް ވެސް ޖާގަ ދޭން ޖެހިއްޖެ ނަމަ ދޭނެކަން ވެސް ދައްކައިދިނީ އެވެ. 

 ކޮންމެ ކޮޅެއް މޮޅުވިޔަސް ހަގީގަތުގައި ކާމިޔާބުވީ އެމްޑީޕީ އެވެ. އާ ލީޑަޝިޕާ އެކު އެމްޑީޕީގެ ކުރިމަގު އަނެއްކާވެސް އާގޮތަކަށް ކުރެހޭނެ އެވެ. އެއީ މިހާރު އެމްޑީޕީގެ ސިޔާސީ ހަގީގަތެވެ.

ކޮމެންޓް (1)

ހަސަންދީ

15 މޭ 2022
މީގެ ކުރިން އެމްޑީޕީ މެމްބަރުން ދިޔައީ ވަކި މީހަކު ބުނާހާ ގޮތަކަށް ހަދަމުން. މިއަދު އެނގިއްޖެ އެޒަމާން ނިމިއްޖެކަން. ފެނިގެން މިދިޔައީ ރައީސަކު ހުއްޓާ އޭގެ މައްޗަށް ބަސްބުނަން މަސައްކަތްކުރުމަކީ ބަލައި ގަނެވޭނެ ކަމެއް ނޫންކަން.
2 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް