ވާހަކަ: ރިހުން

ވާހަކަ

ވާހަކަ: ރިހުން

އިތުބާރުކޮށްފައި ބުނާ ވާހަކަ ބޭޒާރު ވުމުން އަހަރެންގެ އެކަނިވެރިކަމުގެ އިހްސާސް އިތުރަށް ބޮޑުވިއެވެ.

އެޕިސޯޑް 3

"އެއްވެސް އެއްޗެއް ނުބުނަން،" އަދަބުވެރިކަމާއެކު އަހަރެން ޖަވާބު ދިނީމެވެ.

"ދޮގު ނުހަދާތި އިނގޭ." ބައްޕަގެ އަޑުގައި ވަނީ ހަރުކަށިކަމެވެ.

އަހަރެން އިސްދަށަށް ޖަހައިގެން ހުރީމެވެ. ހިތުގައި ޖަހާ ވިންދު އަވަސްވާން ފެށިއެވެ. މަޑުމަޑުން ދާހިއްލަން ވެސް ފެށިއެވެ. ހިންދިރުވާލީމެވެ. އެއްޗެއް ބުނަން އަނގަ ހުޅުވާލި ތަނާ މަންމަ ކޮޓަރީގެ ދޮރު ހުޅުވާލިއެވެ. އަދި ބައްޕައަށް މަންމަ ގޮވާލިއެވެ. ބައްޕަ އަހަރެންނާ ދިމާލަށް ބަލާލާފައި ދިޔައެވެ. އަހަރެން ދެ ލޯ މަރާލާފައި ކޮޓަރިއަށް ދިޔައީމެވެ.

މޫސަ ކޮޓަރި ސާފުކޮށްފައި ހިނގައްޖެއެވެ. ކޮންމެ ދުވަހެއްގެ އާދައިގެ މަތިން ފެންވަރައިގެން ނުކުމެ ރީތިވެލީމެވެ. އަދި މެންދުރުގެ ނަމާދުކޮށް އަވަދިވެގެން ކާން ދިޔައީމެވެ. ކާން ދިޔައިރު ލަލިތާއާ މޫސަ ވެސް ތިއްބެވެ. އަހަރެން ކާ ހިތެއް ނުވިއެވެ. ޖޫސް ތައްޓެއް ބޯލުމަށް ފަހު ކޮޓަރިއަށް އައުމަށް ހިނގައިގަތީމެވެ.

"މެޑަމް ރުޅި އަންނަނީ ނުކަނީމަ،" ލަލީތާ ބުންޏެވެ.

"ބުނޭ އަހަރެން ކައިފިއޭ،" އަހަރެން ރުންކުރުވެފައި ސިޑިއާ ދިމާލަށް ދަމުން ބުނީމެވެ.

"ނުކަންޏާ ނުކާ ވާހަކަ ދެއްތޯ ބުނަން ވާނީ؟" އަހަރެންގެ ފިޔަވަޅު ހުއްޓުނީ މޫސަ އަހަރެންނާ ސުވާލު ކުރީމައެވެ.

"އަހަރެން ބަނޑުހައިވީމަ އެނގޭނީ އަހަރެންނަށް. ކާންވީމަ ވެސް އެނގޭނީ އަހަރެންނަށް،" ހިތްހަމަނުޖެހިފައި ޖަވާބު ދިން ގޮތުން މޫސަ އާއި ލަލިތާ ވެސް ހައިރާންވިއެވެ. ވާނީ ވެސް އެހެންތާއެވެ. އަހަރެންނަކީ ދުވަހަކު ވެސް އެގޮތަށް ވާހަކަ ދެއްކި ކުއްޖެއް ނޫނެވެ. ގޭގައި ކައްކަން އުޅޭ މީހުންނާއި މަސައްކަތު މީހުންނާ ވެސް އަހަރެން ވާހަކަ ދައްކަނީ އިހުތިރާމާއެކުއެވެ. އަހަރެން ދެކޭ ގޮތުގައި ކޮންމެ މަސައްކަތަކީ ވެސް ހަލާލުކަމާއެކު ކުރަންޏާ ރަނގަޅު، ރީތި މަސައްކަތެކެވެ.

ކޮޓަރިއަށް ވަން ފަހުން އަހަރެން ދެރަވިއެވެ. މޫސައާ ވާހަކަ ދެއްކުމުގައި ބަސްމަގު ބޭނުން ކުރެވުނު ގޮތުންނެވެ. ދެ ހިޔާލެއްގައި ހުރެ މިއަދު ވެސް ފިލާވަޅުތައް މުތާލިޔާ ކުރުމަށްޓަކައި އިށީނީމެވެ. ނަމަވެސް ފޮތްތަކަށް ދެވޭ ޝައުގުވެރިކަން ކުޑަވިއެވެ. ދިރިއުޅުމުގައި އަހަރެންނަށް ދިމާވެގެން މިއުޅޭ ކަންތައްގަނޑާ މެދު ވިސްނެން ފެށިއެވެ. ޖެހިލުންވެ ހިތްބިރުގަންނަން ފެށިއެވެ. ފޮތުގެ ގަނޑުތައް އުކަމުން ދިޔަކަމުގައި ވިޔަސް ފޮތާ ދިމާލަކަށް ނުބެލެއެވެ. ހިޔާލުތަކަށް ގެއްލިފައި އިންދާ ތިނެއް ޖެހިއެވެ. ޓިއުޝަނަށް ދިޔުމަށް ތައްޔާރުވީމެވެ. އަދި ކާރަށް އަރައިގެން ކުލާހަށް ދާން ދިޔައީމެވެ. އަހަރެންނަށް ލޯގަނޑަށް ބަލާލެވުނެވެ. ކާރު ދުއްވަން އިން ސަމީއު އިނީ އަހަރެންނާ ދިމާލަށް ބަލަހައްޓައިގެންނެވެ. އަހަރެން ޖެހިލުންވާން ފެށިއެވެ. ކާރުގެ ސީޓުމަތީގައި އޮތް ދަބަސް ނަގައި އުނގަށް ލީމެވެ. އަދި ހަށިގަނޑުގެ ބައެއް ފޮރުވޭތޯ ބެލީމެވެ.

އަހަރެންނަކީ ބުރުގާ އަޅައިގެން އުޅޭ ކުއްޖެކެވެ. ލައި އުޅެނީ ނިވާކަން ބޮޑު، ގަޔަށް ދޫހެދުމެވެ. އަހަރެންނަކީ ޒަމާނީ ފެޝަނަށް ލޯބި ކުރާ ކުއްޖެއް ނޫނެވެ. އަހަރެން ބޭނުންވަނީ ވެސް ވަރަށް އާދައިގެ ދިރިއުޅުމެކެވެ. އަހަރެން ލޯބި ކުރަނީ ވެސް އާދައިގެ ކަންކަމަށެވެ. ޓިއުޝަނަށް ދިއުމަކީ ވެސް އަހަރެން ކުރާ ހިތުން ކުރަން ފެށި ކަމެކެވެ. އަހަރެންގެ މައިންބަފައިން ބޭނުންވީ ގެއަށް ޓީޗަރުން ގެނެސްގެން ޓިއުޝަން ނަގާށެވެ. ނަމަވެސް އަހަރެންނަށް އެ ގޮތް ކަމަކު ނުދިޔައެވެ. ކުލާހުގައި އެންމެ މޮޅު ކުއްޖާ ކަމުގައި ވިޔަސް އަހަރެން ބޭނުން ވަނީ ކިޔެވޭ އެންމެ ފުރިހަމައަށް ކިޔަވާށެވެ. ފޮތްތަކުގެ ތެރޭގައި އުޅެވުމަކީ ދިރިއުޅުމުގައި ހިނގާ ބޭކާރު ކަންތައްތަކުން ދުރު ކޮށްދޭ ކަމެއް ގޮތުގައި އަހަރެންނަށް ވިސްނުނެވެ.

އަހަރެންނަކީ ކަންކަމުގައި މާ ގޮތް ބޮޑުކޮށް، ކަންތައް ބޮޑު ކުރާ ކުއްޖެއް ނޫނެވެ. އުޅޭ އުޅުމުގަ އާއި ކުރާ ކަންތަކުގައި ވެސް އެންމެ އިސްކަމެއް ދެނީ އެންމެ އާދައިގެ ގޮތަށެވެ. އަހަރެންގެ މައިންބަފައިން އަހަރެން ހިތްފުރޭ ވަރަށް އެއްޗެހި ހޯދާދީފައި ހުރި ނަމަވެސް ގިނަ އެއްޗެހި އަހަރެން ބޭނުމެއް ނުކުރަމެވެ. ބަދަލުގައި، ބޭނުން ޖެހިފައިވާ މީހަކަށް ހަދިޔާ ކުރަމެވެ.

ޓިއުޝަން ނިމިގެން ގެއަށް ދިޔައީމެވެ. ވަރަށް ބާރަށް ސިޑިން މައްޗަށް އަރާފައި ކޮޓަރިއަށް ވަދެ ދޮރު ލެއްޕީމެވެ. ތަންކޮޅެއް ބާރަށެވެ. އަހަރެން ހުރީ ހޫނު އަރާފައެވެ. ބިރުގެންފައެވެ. ރޮވެން ފެށިއެވެ. މަޑުމަޑުން ހިނގަމުން ގޮސް އެނދުގައި އިށީނީމެވެ.

ދުވަހަކީ ހުކުރު ދުވަހެވެ. އަހަރެންނަށް ހޭލެވުނު އިރު ހަތެއް ޖަހައިފިއެވެ. ތެދުވާ ހިތްނުވެފައި ދެ ފަރާތަށް ފުރޮޅިފުރޮޅި އޮތީމެވެ. އެ ވަގުތު ކޮޓަރީގައި މީހަކު ޓަކި ޖެހިއެވެ. އަހަރެން ދޮރު ހުޅުވާލި އިރު ހުރީ ލަލިތާއެވެ.

"ސައި ބޯން،" ލަލިތާ ބުންޏެވެ.

"ކޮބާ މަންމަ؟" އަހަރެން ސުވާލު ކުރީމެވެ.

ލަލިތާ ބުނި ގޮތުގައި މަންމަ އަދި ބައްޕަ ވެސް ގެއަކު ނޫޅެއެވެ. މަންމަ ދިޔައީ ރިޒޯޓަކަށެވެ. އަންނާނީ މާދަމާ ރެއެވެ. ބައްޕަ ދިޔައީ ކައިރި ރަށަކަށެވެ. އަންނާނެ ވަކި ދުވަހެއް ނުބުނެއެވެ. އަހަރެން ހިތަށް އެރިއެވެ. ދަމުން އަހަރެން ގާތު ބުނެލި ނަމަ އުފާވާނެއެވެ. އަހަރެންނަށް ގޮތް ބާވަތް އެނގެން ފެށީއްސުރެ ވެސް އަހަރެންގެ މައިންބަފައިން އުޅެނީ އެހެންނެވެ. އަހަރެން އެމީހުން ކުށްވެރިއެއް ނުކުރާނަމެވެ. އެއަށް ވުރެ އަހަރެން އެ މީހުން ދެކެ މާ ލޯބިވެއެވެ.

ޖެހިގެން އައި ދުވަހުގެ ރޭ އަހަރެން އިންތިޒާރު ކުރީ މަންމަ އަންނާނެ ވަގުތަކަށެވެ. މަންމަ ގާތު އިނދެލާށެވެ. ހިތުގެ އުދާސްތައް ބޭރު ކޮށްލުމަށެވެ. އަހަރެން ވެއްޓެމުން މިދާ އަނދަވަޅުން ސަލާމަތް ކުރުމަށް އަހަރެންގެ އަތުގައި ހިފާތޯއެވެ. ގަޑިން ރޭގަނޑު އެގާރަ ޖެހި އިރު ވެސް މަންމައެއް ނާދެއެވެ. ބޮޑު ކޮޓަރި ސޯފާގައި އަހަރެން އޮށޯތީ ވެފައި ހުރި ވަރުބަލިކަމުންނެވެ.

ސިއްސައިގެން ގޮސް ހޭލެވުނީ އަހަރެންގެ ހަށިގަނޑުގައި މީހަކު ވަރަށް ބާރަށް ހިފެހެއްޓި ކަމުގެ އިހުސާސް ވެގެންނެވެ. މީހާ ވަނީ ދާ ހިއްލާ ފޯވެފައެވެ. ގައި މަތީގައި ބެޑްޝީޓެއް އޮތެވެ. ނަމަވެސް މީހަކު އަތްލި ކަމުގެ އެއްވެސް ކަމެއް ފެންނާކަށް ނެތެވެ. ހިފިލެއް ބާރު ކަމުން ހަށިގަނޑުގައި ނިޝާނެއް ނެތަސް އެ ތަދު ހުންނާނެ ކަން ޔަގީނެވެ. އަހަރެންނަށް ވަށައިގެން ހޯދާލެވުނެވެ. އެއްވެސް މީހަކު ފެންނާކަށް ނެތެވެ. މާދަމާއަކީ ސުކޫލު ދުވަހެކެވެ. ވުމާއެކު އަހަރެން ނިދޭތޯ ދިޔައީ ކޮޓަރި އަށެވެ.

އަހަރެން ކްލާހަށް ވަނުމާއެކު އެހެން ދުވަސްދުވަހެކޭ އެއްގޮތަށް ކުދިން މަޑުމަޑުން ވާހަކަ ދައްކަން ފެށިއެވެ. ރަކި ހިނި ހެމުންނެވެ. އަހަރެންނާ ދިމާލަށް ވައްކަޅިން ބަލަމުންނެވެ. އަހަރެން ގޮސް ގޮނޑީގައި އިށީދެފައި ބޯޑަށް ބަލާލީމެވެ. ދެ ލޮލުން ކަރުނަ ފާއްދާލީ އެ ވަގުތުއެވެ. ނަމަވެސް އެ މަންޒަރު ނުދައްކަން އިސް ދަށަށް ޖެހީމެވެ. ހިތްވަރު ކުރަން މަސައްކަތް ކުރީމެވެ. އަހަރެން ދެކެ މީހުން އެހާ ފޫހި ވަނީ ކީއްވެގެން ބާވައެވެ؟ ވަށައިގެންވާ މާހައުލުގައި އަހަރެންނަށް ތައުރީފު ނުކުރިޔަސް ހިތްހެޔޮކަމާ އެކު އަނގައިން ބުނެލާނެ މީހަކު ވެސް ނެތީ ހެއްޔެވެ؟

ގަޑިތައް ނިމެމުން ގޮސް އިންޓަވަލް ގަޑި ޖެހުނެވެ. ކެންޓީނަށް ގޮސް ސައި ބޮއިގެން އަހަރެންނާއި ފަރުހާ ކްލާހަށް ވަނުމަށް ދޮރުމައްޗަށް އެރީމެވެ. ނަމަވެސް ކުލާހަށް ނުވަދެވުނީ އަހަރެން ވަނަ ނުދީ ހުރަސް އެޅުމުންނެވެ.

"މީނަ ހުމާދު ދެކެ ލޯބިވަނީ ޔޯ!" އަހަރެން ފެނުމާއެކު ލީޝާ ބުންޏެވެ. އަހަރެންނަށް ހައިރާންވެފައި ފަރުހާއަށް ބަލާލެވުނެވެ. އަހަރެން އެ ވާހަކަ ބުނީ ފަރުހާ ގާތުގައި އެކަންޏެވެ. އިތުބާރު ކޮށްފައެވެ. ފަރުހާ ދެ ކޮނޑު މައްޗަށް އަރުވާލީ ނޭނގެއޭ ބުނަމުންނެވެ. އޭރު ކުލާހުގައި ތިބި ހުރިހާ ކުދިން ކަހަލަ ގޮތަކަށް އަހަރެންނާ ދިމާލަށް ބަލަބަލާފައި ހެނީއެވެ.

ލީޝާއަކީ މުޅި ސުކޫލުގައި ވެސް އެންމެ ރީތި ކުއްޖާއެވެ. ހުރިހާ ފިރިހެންކުދިން މަށަށް މަށަށް ކިޔާލާ ކުއްޖާއެވެ. އެކަމާ ލީޝާ ވަރަށް ފަހުރުވެރިވެ، ބޮޑާ ވެސް ވެއެވެ.

"ގޮސް އަމިއްލަ ސިފަ ބަލާބަލަ ލޯގަނޑުން. އެ ކަކުންޏެއް ހަރު ކޮންނާނީ އެ ކަކުންޏެއްގެ ވަރުން. ދިވެހި ޓީޗަރު ނުބުނޭތަ؟" ކައިރީގައި ހުރި އެހެން ކުއްޖެއްގެ އަތުގައި އަތުން ޖަހާލަމުން ލީޝާ ބުންޏެވެ.

- ނުނިމޭ -

އިތުރު އާޓިކަލް

އިތުރު އާޓިކަލް