ކްރިއޭޓިވް ޖޫސް: ޝިމާނީގެ އާޓް ދުނިޔެ

ކްރިއޭޓިވް ޖޫސް އަކީ ޝިމާނީގެ ހަޔާތުގެ ބޮޑު ބައެއް؛ އޭނާ އާޓް ދާއިރާއިން ކުރި ތަޖުރިބާ އަދި ދަސްވި ކަންތައްތައް އެހެން މީހުންނާ ހިއްސާ ކޮށްލަން ލިބުނު ފުރުސަތެއް


އާޓް ދާއިރާގައި ޝިމާނީ ޝަރީފް ވަނީ 'މަލްޓި ޑިސިޕްލިނަރީ' މަސައްކަތްތައް ކޮށްފަ އެވެ. އޭނާގެ އުފެއްދުންތައް އެކި އިވެންޓުތަކުން ފެނިފައިވެ އެވެ. މިއުރަލްސް، ޕެެއިންޓިންސް އަދި އިލަސްޓްރޭޝަންސް އުފެއްދުމުގެ އިތުރުން އޭނާ ވަނީ މާކެޓިން ދާއިރާގައި 10 އަހަރު ވަންދެން މަސައްކަތް ކޮށްފަ އެވެ. ޝިމާނީ ބުނިގޮތުގައި ދިގު މުއްދަތުގެ މި ތަޖުރިބާ އޭނާގެ އަމިއްލަ ކުންފުނި 'ކްރިއޭޓިވް ޖޫސް' އުފެއްދުމަށް ވަރަށް ބޮޑަށް އެހީވި އެވެ. މި ދާއިރާގައި އޭނާ ކުރި ތަޖުރިބާ މިފަހަރުގެ 'ފަންނުވެރި އެކުވެރިން'ގެ އެޕިސޯޑުން އަހާލެވޭނެ އެވެ.

ކްރިއޭޓިވް ޖޫސް އަކީ ޝިމާނީގެ ހަޔާތުގެ ބޮޑު ބައެކެވެ. އޭނާ އާޓް ދާއިރާއިން ކުރި ތަޖުރިބާ އަދި ދަސްވި ކަންތައްތައް އެހެން މީހުންނާ ހިއްސާ ކުރަން ލިބުނު ފުރުސަތެކެވެ. އެކަމަކު ކްރިއޭޓިވް ޖޫސް ފެށުނީ ކުއްލި ގޮތަކަށް ކޮވިޑް-19ގެ ބަލިމަޑުކަމުގެ ތެރޭގަ އެވެ.

ގޭގައި ގިނަ ވަގުތު ތިބެން ޖެހުމުން ދަރިންނާ އެކު އެ ކުދިން ފޫހިފިލުވަން އެކި ހަރަކާތްތައް ކުރިއަށްގެންދަމުން، މުނިފޫހިފިލާ ގޮތަކަށް އާޓް ކިޔަވައިދޭން ޝިމާނީ ފެށި އެވެ. އަދި، އެހެން އާއިލާތަކުގެ ކުޑަކުދިން ވެސް މިކަހަލަ ކަމެއް ކުރަން ބޭނުންވާނެތީ، އާޓް ކްލާސްތަކެއް އޮންލައިންކޮށް ފެށި އެވެ. ޝިމާނީގެ ހިތުގައި އާޓް އަށް އޮތް ލޯބި މިކަމުގެ ތެރެއިން އިތުރުވި އެވެ. ގިނަ ބައެއްގެ ތަރުހީބާ އެކު އޭނާގެ އާޓް ކްލާސްތައް ފުޅާވެ މިހާރު ކްރިއޭޓިވް ޖޫސްގެ އާޓް ކްލާސްތައް ސްޓޫޑިއޯގައި ހިންގަ އެވެ.

"ބޭނުންވަނީ ބައިވަރު މީހުންނާއި ކުދިން އެކި ކަހަލަ އާޓްއަށް އެކްސްޕޯޒް ކޮށްދޭން. ކޮންމެ ދުވަހަކު އާ ތަޖުރިބާއެއް ކޮށްލަން ލިބޭނެ. ޓްރެޑިޝަނަލް އާޓްއިން ފެށިގެން އެބްސްޓްރެކްޓް އަދި މޮޑާން އާޓް ވެސް ހިމެނޭނެ،" ޝިމާނީ ކިޔައިދިނެވެ.

ކުޑަކުދިން އަދި 18 އަހަރުން ފެށިގެން ގޮސް 50 އަހަރުގެ މީހުން ވެސް އޭނާގެ އާޓް ކްލާސްތަކުގައި ބައިވެރިވެފައިވެ އެވެ.

"މި އާޓް ކްލާސްތަކުގެ މައިގަނޑު ބޭނުމަކީ ޕާފެކްޓް އާޓް ޕީސްއެއް ހެދުމުގެ ބަދަލުގައި އޭގެ ޕްރޮސެސް އެންޖޯއި ކުރުން،" ޝިމާނީ ބުންޏެވެ.

މިހާރު ޝިމާނީގެ މުޅި ފޯކަސް އޮތީ ކްރިއޭޓިވް ޖޫސް ހިންގައި ފުޅާ ކުރުމަށެވެ. އޭގެ އިތުރުން އޭނާ ވަކިން ފްރީލާންސްކޮށް އާޓް ޕްރޮޖެކްޓުތަކުގައި މަސައްކަތް ކުރެ އެވެ. އެ ހުރިހާ ކަމެއް ކުރުން އެއްގޮތަކަށް ވެސް ފަސޭހައެއް ނޫނެވެ. ޝިމާނީ ބުނިގޮތުގައި އާއިލާ އަށާއި މަސައްކަތަށް ދޭން ޖެހޭ ވަގުތު ބަހަންޖެހެނީ ވަރަށް ބޮޑަށް ސަމާލުވެގެންނެވެ. ގަޑިތައް ބަހާލައިގެން ކަންތައްތައް ކުރާއިރު އާއިލާ އާއި ފިރިމީހާގެ ސަޕޯޓު ވަރަށް ބޮޑުކަން އޭނާ ފާހަގަ ކުރި އެވެ.

'ވިމެން ޗެމްޕިއަންސް އޮފް މޯލްޑިވްސް' އަކީ ކްރިއޭޓިވް ޖޫސްގެ ފަރާތުން މި މަހު ތައާރަފު ކުރި އުފެއްދުމެކެވެ. އަންނަ އަހަރުގެ ކަލަންޑަރެއްގެ ގޮތުގައި ބޭނުން ކުރެވޭ މި ފޮތް ފަރުމާ ކޮށްފައިވަނީ ކިޔާލަން ފަސޭހަ އަދި ދަބަހަށް ލައިގެން ސުކޫލަށް ގެންދެވޭ ގޮތަށެވެ. މި ކަލަންޑަރުގައި ހިމެނެނީ ރާއްޖޭގެ އެކި ދާއިރާތަކުގައި ފާހަގަ ކުރެވޭ އިންގިލާބީ ހިދުމަތްތައް ކޮށްދީފައިވާ ދިވެހި އަންހެނުންގެ ވާހަކަތަކެވެ. މި ކަލަންޑަރާ ބެހޭގޮތުން އިތުރު މައުލޫމާތު މި އެޕިސޯޑުގައި ޝިމާނީ ދިނެވެ.

ކޮމެންޓް

Placeholder

ފަންނުވެރި އެކުވެރިން

ފަންނުވެރި އެކުވެރިން