Total Votes | Leading Seats

1038 Result sheets | 202,388 Votes

Party icon

66 Seats

77393 Votes - 70.97%

Party icon

12 Seats

11228 Votes - 12.9%

Party icon

11 Seats

9284 Votes - 11.83%

Party icon

2 Seats

2371 Votes - 2.15%

Party icon

1 Seats

1264 Votes - 1.08%

Party icon

1 Seats

1029 Votes - 1.08%

Party icon

0 Seats

0 Votes - 0%

Party icon

0 Seats

0 Votes - 0%

94.07% Counted

5.93% Remaining

މަރްޔަމް ނަޒާހާ އާއި ދިފާއީ ވަކީލު މަރްޔަމް ނިހާޔަތު.

ޝަރީއަތުގެ ސުވާލަކީ ޝާހިދު މެރުމުގެ ނިޔަތް ނަޒާހާގެ އޮތްތޯ

ދައުލަތުން ހެކީގެ ގޮތުގައި ހުށަހެޅި ތިން ސީޑީ ބަލައިގަތުމާ ނަޒާހާގެ ފަރާތުން ދެކޮޅު ހަދާ

މަރިޔަމް ނަޒާހާ އޭނާގެ ކުރީގެ ފިރިމީހާ ހަސަން ޝާހިދަށް ވަޅިން ހަމަލާ ދިނީ އޭނާ މަރާލުމުގެ ގަސްތު އޮވެގެން ކަމަށް ދައުލަތުން ބުނާ ވާހަކަ އާއި އެއީ ގަސްތެއް ނެތި، އަމިއްލަ ދިފާއުގައި ކުރެވުނު ކަމެއް ކަމަށް ނަޒާހާގެ ފަރާތުން ބުނާ ވާހަކަތައް ސާބިތުކޮށްދޭނެ ގޮތް ސާފުކޮށް ކިޔައިދިނުމަށް، އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާން މިއަދު އަންގަވައިފި އެވެ.

ވީ ކިހިނެއް؟ - ޖޫން 2010ގައި ޝާހިދު މަރުވީ އޭނާގެ ބުރަކައްޓަށް ނަޒާހާ ވަޅިއެއް ޖެހުމުން ލިބުނު އަނިޔާތަކަށް ފަރުވާދެމުން ދަނިކޮށެވެ. އެ މައްސަލައިގައި ދައުލަތުން ނަޒާހާގެ މައްޗަށް އުފުލި ގަސްދުގައި މީހަކު މަރާލުމުގެ ކުށުގެ ދައުވާ ސާބިތުވެ، ނަޒާހާ 25 އަހަރަށް ޖަލަށް ލާން ދަށު ކޯޓުން ހުކުމްކުރީ 2011ގަ އެވެ. 

ޖިނާއީ ކޯޓުގެ ނިންމުމަށް ތާއީދުކޮށް ހައި ކޯޓުން ކުރި ހުކުމް އޭނާގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުން، މިހާރު ކުރިއަށް ދަނީ އެންމެ ފަހު މަރުހަލާގެ އަޑުއެހުންތަކެވެ. 

ތަފްސީލް - އެ މައްސަލައިގައި މިއަދު އޮތް އަޑުއެހުމުގައި އުއްތަމަ ފަނޑިޔާރު ވަނީ ނަޒާހާގެ ފަރާތުން އަސާސީ މައުލޫމާތުތަކެއް ސާފުކުރައްވާފަ އެވެ. އެގޮތުން، އޭނާ ތައުލީމު ހާސިލުކުރި މިންވަރާއި އިސްލާމް އަދި ދިވެހި ކިޔެވިންތޯ ފަނޑިޔާރު އެއްސެވި އެވެ.

އެ ސުވާލުތަކަށް ޖަވާބުދެމުން ނަޒާހާ ބުނީ އޭނާ ކިޔެވީ އަމީނިއްޔާ ސްކޫލުން، ގްރޭޑް 10އާ ހަމައަށް ކަމަށެވެ. ނަމަވެސް އޯލެވެލް އިމްތިހާން ހެދީ، އުމުރުން 18 ފުރުމުން ކުރި ކައިވެންޏަށް ކުއްޖަކު ވެސް ލިބުނު ފަހުން އަމިއްލަ ގޮތުން ބައިވެރިވެގެން ކަމަށް އޭނާ ބުންޏެވެ.

ނަޒާހާގެ ފަރާތުން ދިފާއީ ވަކީލު މަރްޔަމް ނިހާޔަތު ވިދާޅުވީ އޯލެވެލްގައި ނަޒާހާ ދިވެހި އަދި އިސްލާމް ވެސް ކިޔެވި ކަމަށެވެ.

އިސްލާމް ވެސް ކިޔަވާފައި ހުރުމުން، މީހަކު މެރުމަކީ ކުށެއްކަން ނަޒާހާއަށް އެނގޭތޯ މުއުތަސިމް ސުވާލުކުރެއްވި އެވެ.

"މީހަކު މެރުމަކީ ބޮޑު ކުށެއްކަން އިނގޭ،" ޖަވާބުގައި ނަޒާހާ ބުންޏެވެ.

މަރްޔަމް ނަޒާހާގެ މައްސަލަ ބަލާ ސުޕްރީމް ކޯޓުގެ ބެންޗު.

އެއަށް ފަހު މުއުތަސިމްގެ ސުވާލު ދެން އަމާޒުކުރެއްވީ ދައުލަތަށެވެ. އޭނާ ވިދާޅުވީ ކުށުގެ މާއްދީ ރުކުނާއި މައުނަވީ ރުކުން ސާބިތުކޮށްދޭން ޖެހޭނެ ކަމަށާއި، އެ ދެ ކަންތައް ގުޅޭ ހިސާބެއް ވެސް އަންނަން ޖެހޭނެ ކަމަށެވެ. މި މައްސަލައިގައި ކުށުގެ މާއްދީ ރުކުނާ މެދު ސުވާލެއް ނެތް ނަމަވެސް، މައުނަވީ ރުކުން ދައުލަތުން ސާބިތުކޮށްދޭ ގޮތް ސާފުކޮށްދިނުމަށް އޭނާ އެދިވަޑައިގަތެވެ.

"ޕްރޮސެކިއުޝަނުން ވަރަށް ސާފުކޮށް ވިދާޅުވެދެއްވާ މަރްޔަމް ނަޒާހާ މީހަކު މެރުމުގެ ގަސްތު ނުވަތަ ނިޔަތް އޮތްކަން ސާބިތުކޮށްދެއްވާނީ ކިހިނަކުންތޯ،" އުއްތަމަ ފަނޑިޔާރު އެދިވަޑައިގަތެވެ.

ހަމަލާގެ ކުރިން، ދިން ގޮތުން، ފަހުން ވެސް ނިޔަތް ސާބިތުވޭ: ދައުލަތް

ދައުލަތުން ބުނީ މި މައްސަލައިގައި ހަމައެކަނި ސާބިތުކޮށްދޭން ޖެހެނީ ގަސްތު އެކަނި ކަމަށާއި، ހަމަލާ ދިނުމުގައި ބޭނުންކުރި ހަތިޔާރާއި ހަމަލާ ދިން ގޮތުން ވެސް ގަސްތު އޮތްކަން ސާބިތުވާ ކަމަށެވެ. ދައުލަތުން ބުނީ:

  • ހަމަލާ ދިނީ މީހަކު މަރުވެދާނެ ފަދަ ތޫނު އެއްޗަކުން (ވަޅިއަކުން) ކަމަށް

  • ހަމަލާ ދިނީ ޝާހިދުގެ ފަހަތުން، ބުރަކައްޓަށް؛ އޭނާއަށް ދިފާއު ނުވެވޭނެ ގޮތަށް ކަމަށް

  • އެ ދުވަހު ޝާހިދު ނަޒާހާއަށް ހަމަލާއެއް ދޭން އުޅޭ ކަމަށް ނުވަތަ ޝާހިދުގެ އަތުގައި ހަތިޔާރެއް އޮތް ކަމަށް އެނގޭނެ އެއްވެސް ހެއްކެއް ނެތް ކަމަށް

ދައުލަތުން ބުނީ، ޝާހިދަށް ހަމަލާ ދިނީ އެ ދެ މީހުންގެ ދަރިފުޅު ބަލަން ޖެހޭތީ ނަޒާހާ އެކަމާ ވަރަށް ހިތްހަމަނުޖެހިގެން އުޅުމަށް ފަހު ކަމަށެވެ. އެކަމާ ގުޅިގެން ނަޒާހާ ޝާހިދަށް ގިނަ މެސެޖުތަކެއް ކޮށްފައި ހުރި ކަމަށް ވެސް ދައުލަތުން ބުންޏެވެ. އަދި މައްސަލަ ކޯޓަށް ހުށަހެޅުމުން އިތުރަށް ރުޅި އައިސްގެން މެސެޖުކުރި ކަމަށާއި، ކޯޓަށް ވެސް ހާޒިރު ނުވި ކަމަށް ދައުލަތުން ބުންޏެވެ.

ހާދިސާ ހިނގީ ވެސް ކޯޓަށް ދާން ޗިޓު ހަވާލުކުރަން ދިޔަ ދުވަހު އެވެ. އެ ދުވަހު ޝާހިދު ތަކުރާރުކޮށް ގުޅުމުން ވެސް ނަޒާހާ ފޯނު ނުނެގި ކަމަށާއި، ފޯނު ނުނެގުމުން ޝާހިދު ގެއަށް އަންނާނެކަން ނަޒާހާއަށް އެނގޭ ކަމަށް ދައުލަތުން ބުންޏެވެ.

"އެހެންވީމަ ނަޒާހާއަށް ހަގީގަތުގައި އެކަމަށް ތައްޔާރުވެ ހުންނަން ފުރުސަތު ލިބުނު،" ދައުލަތުން ބުންޏެވެ.

އޭގެ އިތުރުން، އެ ދުވަހު ޝާހިދަށް ހަމަލާ ދިނުމުގައި ނަޒާހާ ދެ ފަހަރު ދެ ސަބަބެއް ދެއްކި ކަމަށް ވެސް ދައުލަތުން ބުންޏެވެ.

"އެއް ފަހަރު މި ބުނަނީ އެއްޗެއް ހޯދާފައި ތިމަންނައަށް އަނިޔާކުރަން އުޅޭހެން ހީވެގެން ހަމަލާ ދިނީއޭ. އަނެއް ފަހަރު މި ބުނަނީ ބަޔަކަށް ގޮވާހެން ހީވެގެން ތިމަންނަ ރޭޕް ކުރަން އަންނަނީ ހެން ހީވެގެން ހަމަލާ ދިނީއޭ. މި ދެ ނެރޭޝަން މި އަންނަނީ ސެލްފް ޑިފެންސް އެސްޓަބްލިޝް ކުރުމަށްޓަކައި،" ދައުލަތުން ބުންޏެވެ.

ނަމަވެސް ތަހުގީގަށް ބަޔާން ދިން ނަހާޒާގެ ރައްޓެއްސަކު އެ ދުވަހުގެ މާހައުލު ކިޔައިދީފައިވާ ގޮތާއި، ނަޒާހާ ބުނާ ދެ ގޮތާ މެސް ދިމާނުވާ ކަމަށް ދައުލަތުން ބުންޏެވެ. 

"އެހެންވީމަ ބިރުވެރިކަން އޮތް ކަމަށް ބުނާ ބުނުން ނަފީވާނެ،" ދައުލަތުން ބުންޏެވެ.

ޝާހިދަށް ހަމަލާ ދިނީ އަމިއްލަ ދިފާއުގައިކަން ސާބިތުކުރުމަށް ނަޒާހާގެ ފަރާތުން ފާހަގަކުރި ދެ ކަމަކީ:

  • އެ ހާދިސާ އޭނާ އަމިއްލައަށް ފުލުހުންނަށް ރިޕޯޓުކުރުން

  • ހަމަލާ ދިން ވަޅި އަމިއްލައަށް ފުލުހުންނަށް ދެއްކުން

ނަމަވެސް ދައުލަތުން މިއަދު ބުނީ ނަޒާހާ ފުލުހުންނަށް ގުޅީ އެ ނޫން ގޮތެއް އޭނާއަށް ނެތުމުން ކަމަށެވެ. ޝާހިދަށް ހަމަލާ ދިނުމުން އޭނާ ނުކުމެގެން ގޮސް ވަނީ ފިހާރައަކަށެވެ. ފުލުހުން އައިސް ޝާހިދު ހޮސްޕިޓަލަށް ގެންދިޔަ އިރު ވެސް ނަޒާހާ މަގުމަތީގައި ބަލަހައްޓައިގެން ހުރި ކަމަށް ހެކިވެރިޔަކު ވަނީ ބުނެފަ އެވެ.

ދައުލަތުން ބުނީ ނަޒާހާ އެ ހާދިސާ ރިޕޯޓުކުރީ ފުލުހުން ޝާހިދު ގެންދިޔަ ތަން ފެނިގެން ކަމަށެވެ.

"އެއީ ކޮންމެހެން [ނަޒާހާ] މައްސަލަ ހުށަނޭޅިޔަސް، ހޮސްޕިޓަލަށް ގެންދިޔަ އިރު ޝާހިދު މަރެއް ނުވޭ. ފުލުހުން އެ ތަނުގައި ތިބި. އެހެންވީމަ ކޮންމެ ގޮތެއް ވިޔަސް އެނގޭނެކަން އެނގޭނެތީ ނަޒާހާއަށް އިތުރު ޗޮއިސް އެއް ވެސް ނެތް،" ދައުލަތުން ބުންޏެވެ.

ހަމަލާ ދިން ވަގުތު ކަން ކުރެވުނު ގޮތެއް އޭނާއަށް ނޭނގޭ ކަމަށާއި، އެ ވަގުތު ހުރީ ބަލިކަށިވެފައިވާ ނަފްސާނީ ހާލަތެއްގައި ކަމަށް ނަޒާހާގެ ފަރާތުން ބުނެ އެވެ.

ނަމަވެސް ދައުލަތުން ބުނީ އެ ދުވަހު ނަޒަހާއަށް ކުރެވުނު ކަންތައް ނަޒާހާއަށް އެނގޭ ކަމަށެވެ. އެގޮތަށް ދައުލަތުން ގަބޫލުކުރަނީ:

  • ފުލުހުން ދިޔައިރު ނަޒާހާ ކްރައިމް ސީނުގައި ހުރި ލޭތައް ފޮހެފައި ވާތީ 

  • ފޮތިގަނޑާއި ވަޅި ވެސް ކޮތަޅަކަށް ލާފައި އޮތުމުން؛ ދައުލަތުން ތުހުމަތުކުރަނީ ހެކި ނައްތާލަން މަސައްކަތް ކުރި ކަމަށް

"ހާދިސާގެ ކުރިން ހިނގާދިޔަ ކަންތައްތަކާއި ހާދިސާ ހިނގި ގޮތާއި އަދި ހާދިސާގެ ފަހުން ހިނގާދިޔަ ކަންތައްތަކުން ވެސް ނިޔަތް އޮތް ކަމަށް ދައުލަތުން ގަބޫލުކުރަނީ،" ޖަވާބު ނިންމާލަމުން ދައުލަތުން ބުންޏެވެ.

ދައުލަތުން ޖަވާބު ދީ ނިމުމުން އުއްތަމަ ފަނޑިޔާރު ދެން ސުވާލުކުރީ ނަޒާހާއާ އެވެ. ފަނޑިޔާރު ވިދާޅުވީ އެއީ ގަސްތެއް ނެތި ކުރެވުނު ކަމެއް ކަމަށް ނަޒާހާ ބުނާ ވާހަކަ ސާބިތުކޮށްދޭނެ ގޮތް ސާފުކޮށްދިނުމަށެވެ. އަދި އެއީ އަމިއްލަ ނަފްސުގެ ދިފާއުގައި ކުރެވުނު ކަމެއް ކަމަށް ބުނާ ވާހަކަ ވެސް ސާފުކޮށްދިނުމަށް އެދުނެވެ.

ނަޒާހާގެ ދިފާއީ ވަކީލު ނިހާޔަތު ވިދާޅުވީ އެ މީހާ އަކީ ކުށް ކުރުމުގެ ގާބިލުކަން ހުރި މީހެއް ކަމުގައިވީ ނަމަވެސް، އަދި ކުށުގެ އަމަލު އެ މީހާ ފުރިހަމަ ކުރި ކަމުގައި ވީ ނަމަވެސް ޖިނާއީ ގަސްތެއް އެމީހާގެ އޮންނަން ޖެހޭނެ ކަމަށެވެ.

ކީރިތި ރަސޫލާގެ ހަދީސް ބަސްފުޅަކާއި ގުރުއާނުގެ އާޔަތެއްގެ މާނައާ ހަވާލާދެއްވައި ނިހާޔަތު ވިދާޅުވީ ކޮންމެ އަމަލެއްގެ ވެސް ބަރުދަން ބަލާނީ ނިޔަތުގެ މައްޗަށް ބިނާކޮށް ކަމަށެވެ.

ދައުލަތުން ދެއްކި ވާހަކައަކަށް ރައްދު ދެއްވައި ނިހާޔަތު ވިދާޅުވީ، އަނިޔާވެރި މާހައުލެއްގައި އުޅޭ މީހަކު "ސްނެޕް" ވާނީ ނުވަތަ އަމިއްލަ ދިފާއުގައި ފިޔަވަޅެއް އަޅާ ވަގުތަކީ އެމީހާއަށް އަނިޔާ ލިބެމުންދާ ވަގުތަކަށް ކޮންމެހެން ވާން ނުޖެހޭނެ ކަމަށެވެ.

އޭގެ ކުރިން ގޭންގް ރޭޕް ކުރާނެ ކަމުގެ އިންޒާރު ވެސް ދީފައި އޮތުމުން، ޝާހިދުގެ ފަރާތުން އަނިޔާއެއް ލިބޭނެ ކަމަށް ދެކި، އެ ބިރުވެރިކަމުގެ އިހުސާސް ނަޒާހާއަށް ކުރެވޭނެ ކަމަށް ނިހާޔަތު ވިދާޅުވި އެވެ.

"އެހެންކަމުން އެ ދިފާއު އެ ގޮތުގައި ލިބިދޭން ޖެހޭނެ. ޖިނާއީ ނިޔަތް ނެތް ކަމަށް އެކަށީގެންވާ ހުއްޖަތެއް ކަމަށް ބަލަން ޖެހޭނެ،" ނިހާޔަތު ވިދާޅުވި އެވެ.

ދައުލަތުން އުޅެނީ އާ ހެކި ހުށަހަޅަން؛ އެކަމެއް ނުކުރެވޭނެ

މެއި 11 ގައި ބޭއްވި އަޑުއެހުމުގައި ދައުލަތުން ވަނީ ނަޒާހާއަށާއި ޝަރީއަތަށް ރައްދުކުރުމަށް ތިން ސީޑީއެއް ހުށަހަޅާފަ އެވެ. އެ ތިން ސީޑީއަކީ:

  • ނަޒާހާ އެ ހާދިސާ ފުލުހުންނަށް ރިޕޯޓުކުރި ކޯލް ރިކޯޑިން ސީޑީ 

  • ނަޒާހާ ތަހުގީގަށް ދީފައިވާ އިންޓަވިއު ރެކޯޑިން ސީޑީ 

  • ޝާހިދުގެ މޮބައިލް އެނަލިސިސްގެ ސީޑީގެ ކޮޕީ

އެ ތަކެއްޗަކީ ދަށު ކޯޓަށް ހުށަހެޅި އެއްޗެހި ނޫން ކަމަށް ވިދާޅުވެ، ނިހާޔަތު ވަނީ އެ ތަކެތި ބަލައިނުގަތުމަށް އެދިވަޑައިގެންފަ އެވެ.

މިއަދުގެ ޝަރީއަތުގައި ނިހާޔަތު ވިދާޅުވީ ނަޒާހާގެ މައްޗަށް ކުރި ދައުވާގައި އެހެން ސިފައެއް ޖައްސައި އެއީ ދުރާލާ ރާވައިގެން ވިސްނައިގެން ކުރީގެ ފިރިމީހާ މަރާލުމުގެ ދައުވާއެއް ކަމަށް ދައުލަތުން ބުނާ ކަމަށެވެ. ނަމަވެސް ސުޕްރީމް ކޯޓާ ހަމައަށް އެ މައްސަލަ އައީ އެފަދަ ދައުވާއެއް ސާބިތުވެގެން ނޫން ކަމަށާއި، އެހެންކަމުން އެއީ މި މަރުހަލާގައި ކުރެވޭނެ ކަމެއް ނޫން ކަމަށް ނިހާޔަތު ވިދާޅުވި އެވެ.

"މިހާރު ދައުލަތުން އިތުރު ކަމެއް މި މައްސަލައަށް ލައްވައިގެން މި މޭރުމުން މި މައްސަލަ އިތުރަށް ސެންސޭޝަނަލައިޒް ކުރެއްވުމަކީ ނަޒާހާގެ ހައްގަށް އުނިކަން އަންނާނެ ކަމެއް،" އޭނާ ވިދާޅުވި އެވެ.

ނިހާޔަތު ވިދާޅުވީ ދައުލަތުން ތިން ސީޑީއެއް ހުށަހެޅީ، ކުށުގެ ނިޔަތް ނެތް ކަމަށް ނަޒާހާގެ ފަރާތުން ބުނާތީ، ކުށުގެ އެ ރުކުން އޮތް ކަން ސާބިތުކުރުމަށް ކަމަށެވެ. ނަމަވެސް ކްރިމިނަލް ކޯޓާއި ހައި ކޯޓުގައި ވެސް ދައުލަތުން އެ ހެކިތަކުގެ ވާހަކަ ދައްކާފައި ނުވާތީ، ސުޕްރީމް ކޯޓުގައި އެ ހެކިތައް ހުށަހެޅިގެން ނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ނިހާޔަތަށް ރައްދު ދީ ދައުލަތުން ބުނީ އެއީ ކްރިމިނަލް ކޯޓަށް ވެސް ހުށަހެޅި ޑޮކިއުމަންޓްތަކެއް ކަމަށެވެ. އެ ސީޑީތައް ހުށަހެޅީ 24 ޑިސެމްބަރު 2010ގައި ބޭއްވި އަޑުއެހުމުގައި ނަޒާހާ ދައުވާއަށް އިންކާރު ކުރުމުން ކަމަށް ދައުލަތުން ބުންޏެވެ.

"އޭރު އެ ސީޑީތައް ހުށަހެޅީ. ނަމަވެސް އޭގެ ފަހުން ހަމަ އެ ދުވަހު ނަޒާހާ ކުށުގެ އަމަލަށް އިއުތިރާފުވި. ނަޒާހާ އެޑްމިޓްކުރި ކަންތައްތަކުން ދައުވާ ސާބިތުވާކަމަށް ދެކޭތީ، އިތުރަށް ހެކިބަސް ނަގަން ބޭނުން ނުވާ ކަމަށާއި އިއުތިރާފުގެ މައްޗަށް ނިންމައިދިނުމަށް ދައުލަތުން އެދުނީ،" ދައުލަތުން ބުންޏެވެ.

ދައުލަތުން ބުނީ ކްރިމިނަލް ކޯޓުން އެ ސީޑީތައް އަނބުރާ ފޮނުވިކަން އެނގޭ ކްރިމިނަލް ކޯޓުގެ ސިޓީ ވެސް އެބަ އޮތް ކަމަށެވެ.  

މަރްޔަމް ނަޒާހާ އާއި ދިފާއީ ވަކީލު މަރްޔަމް ނިހާޔަތު މީގެ ކުރީގެ އަޑުއެހުމެއްގައި

ދައުލަތުން ދައްކަނީ ދެރަވަރު ވާހަކަ: ނިހާޔަތު

މީގެ ކުރިން ބޭއްވި ޝަރީއަތުގައި ދައުލަތުން ވަނީ ނަޒާހާ އަކީ އަމިއްލަ ނަފްސަށް ގެއްލުންދޭ މީހެއް ކަމަށް ބުނެފަ އެވެ. ނަމަވެސް ނަޒާހާގެ ނަފްސާނީ މައްސަލައެއް ހުންނަ ކަމަށް ދައުލަތުން އެއްބަސް ވެފައެއް ނުވެ އެވެ. އޭގެ އިތުރުން، ނަޒާހާ އާއި ޝާހިދުގެ ގުޅުން ރަނގަޅުކަން އެ ދެމީހުންގެ ދެމެދު ދައްކާފައި ހުރި ވާހަކަތަކުން އެނގޭ ކަމަށް ވެސް ދައުލަތުން ބުންޏެވެ.

އެ ވާހަކަތަކާ ގުޅިގެން ނިހާޔަތު ވަނީ ވަރަށް ބޮޑަށް ނުރުހުން ފާޅުކުރައްވައިފަ އެވެ. އޭނާ ވިދާޅުވީ އެ މީހަކު ދިރިއުޅޭ މާހައުލުގެ މައްޗަށް އެ މީހެއްގެ ނަފްސާނީ ދުޅަހެޔޮކަން ބިނާވާނެކަން ސާބިތުކުރުމަކީ އެކްސްޕާޓަކުން ގެންނަން ޖެހޭ ވަރަށް ވުރެ ސާފު ކަމެއް ކަމަށެވެ.

އަދި ނަޒާހާއަށް ޝާހިދު އަނިޔާކުރާ ވާހަކައަކީ ވެސް ދެކޮޅު ނުހެދޭނެ މިންވަރަށް ހެކި ހުރި ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ. ނިހާޔަތު ވަނީ އެފަދަ އެތައް ހާދިސާތަކެއް މިއަދު ވެސް ކޯޓުގައި ވިދާޅުވެދެއްވައިފަ އެވެ. އެގޮތުން:

  • 2008 ވަނަ އަހަރު ނަޒާހާ ބަލިވެ އިންދައި ޝާހިދު ނަޒާހާގެ ކަރުގައި ހިފާ ޖޯލި މައްޗަށް ވައްޓާލި

  • ޖީސީއީއޯ އޯލެވެލް ގެ އިނގެރޭސި މާއްދާގެ އިމްތިހާނުގައި ބައިވެރިވުމަށް ދާން އުޅެނިކޮށް ބޮލުގައި ތަޅާ އަނިޔާކުރުމުން އިމްތިހާނަށް ނުދެވި ދާން ޖެހުނީ ހޮސްޕިޓަލަށް

  • މަރުގެ ހާދިސާ ހިނގުމުގެ މަހެއްހާ ދުވަސް ކުރިން ނަޒާހާ ވަޒީފާ އަދާކުރި ހީޓްއަށް ގޮސް ކަރުގައި ހިފައި ރެސެޕްޝަން މައްޗަށް އެއްލައިލި

  • އެ ދުވަހު ފުލުހުން ޝާހިދު ހައްޔަރު ވެސް ކުރި؛ ނަމަވެސް ނަޒާހާ ފަހުން މައްސަލަ އަނބުރާ ގެންދިޔައީ

  • އަނިޔާކުރަނިކޮށް ދަރިފުޅަށް ފެނި އެ ކުއްޖާއަށް ފިޓު ޖެހި ހާލު ގޯސްވި

"ކިހާ ވަރަކަށް މި ވާހަކަ ދެއްކީމަތޯ ދެއްކި ކަމަށް ވާނީ؟ މި ކަންކަން ސާބިތުކުރަން ޝަރީއަތުގައި އެދިފައި ވެސް އެބަ ވޭ. ކިހާ ވަރަކަށް ދެއްކީމަތޯ ދެއްކި ކަމަށް ވާނީ،" ނިހާޔަތު ސުވާލު އުފެއްދެވި އެވެ.

ނިހާޔަތު ބުނީ ނަޒާހާގެ ދިފާއު ސާބިތުކުރުމަށް ހުށަހެޅި އެއްވެސް ހެއްކެއްގެ ހެކިބަސް ނަގާފައި ނުވާއިރު، އެއީ އިންސާފުވެރި ޝަރީއަތެއް ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ. އަދި ދައުލަތުން ހުށަހެޅި ހެކިން ވެސް، ނަޒާހާއަށް ޝާހިދު އަނިޔާކުރާ ކަމަށް ހެކިބަސް ދީފައިވާ އިރު އެކަންކަމަށް ބަލާފައި ނުވާ ކަމަށް ނިހާޔަތު ވިދާޅުވި އެވެ.

"އަދިވެސް މި މައްސަލައިގައި ކުށް ސާބިތުވުމުގައި އެކަށީގެންވާ ޝައްކެއް ނުވަތަ ޝުބުހައެއް އުފެދިފައި ނުވާ ކަމުގައި ބުނެވިދާނެތޯ؟ އަދި ނަހާޒާގެ ކިބައިގައި ޖިނާއީ ނިޔަތް ނެތް ކަމުގެ މައްޗަށް އަދި ގަސްތު ނަފީކުރެވޭ ވަރުގެ ހެއްކެއް ނެތް ކަމަށް ބެލުމުގެ ފުރުސަތު އަދިވެސް އެބަ އޮތް ތޯ،" އޭނާ އެއްސެވި އެވެ.

ނަޒާހާ އާއި ޝާހިދުގެ ގުޅުން ރަނގަޅު ކަމަށް ދައުލަތުން ބުނި ވާހަކައަށް ރައްދު ދީ ނިހާޔަތު ވިދާޅުވީ، ދަރީގެ ކަންކަމުގައި ދެމީހުން ވާހަކަދެއްކުމަކީ މައިންބަފައިންގެ ހައިސިއްޔަތުން ކުރަން ޖެހޭނެ ކަމަށެވެ. އަދި ދެ މީހުން މެސެޖުކޮށްފައި ހުރުމަކީ އަނިޔާތަކަށް ބަދަލު އަންނާނެ ކަމެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ފެންނަން ހުރި ހަގީގަތްތަކާ ދެކޮޅަށް، ކަމުގެ ހަގީގަތް އޮޅޭ ފަދަ ގޮތަކަށް ނަޒާހާ އާއި ހަސަން ޝާހިދުއާ ދެމެދު އޮތް ޓޮކްސިކް އަދި އެބިއުޒިވް ރިލޭޝަންޝިޕްގެ ސިފަ ބަދަލުކޮށް، ރަނގަޅު ގުޅުމެއް އޮތް ދެ ފަރާތެއް ގޮތަށް ދޭހަވާ ފަދަ ގޮތަކަށް ދައުލަތުން ވިދާޅުވުމަކީ ވަރަށް ދެރަވަރު ކަމެއް،" ނިހާޔަތު ވިދާޅުވި އެވެ.

ޖަވާބުގައި ދައުލަތުން ބުނީ ޝާހިދު ނަޒާހާއަށް އަނިޔާ ނުކުރާ ކަމަށް ދައުލަތުން އެއްވެސް އިރެއްގައި ބުނެފައި ނުވާނެ ކަމަށެވެ.

"ނަމަވެސް ދައުލަތުން ދެންނެވި ވާހަކައަކީ ނަޒާހާ ވެސް ޝާހިދަށް އަނިޔާކުރެއޭ. ޝާހިދު ވެސް ނަޒާހާއަށް އަނިޔާކުރެ އޭ. މީ ހަމަނުޖެހޭ ރިލޭޝަންޝިޕެއްގައި އުޅުނު ދެމީހުން ނޫން ކަމަކަށް ދައުލަތުން ދަންނަވާފައެއް ނުވާނެ،" ދައުލަތުން ބުންޏެވެ.

އެނގުން މުހިންމު - އެ މައްސަލައިގައި ފަނޑިޔާރުންގެ އިތުރު ސުވާލެއް ނެތް ނަމަ ދެން އޮންނާނީ އެންމެ ފަހުގެ އަޑު އެހުމެވެ. އެ އަޑުއެހުމުގައި މައްސަލަ ނިންމުމުގެ ގޮތުން ދެ ފަރާތަށް ވެސް ވާހަކަ ދައްކަން ފުރުސަތު ދޭނެ އެވެ. އެއަށް ފަހު އޮންނާނީ ހުކުމް ކުރުމެވެ.

ކޮމެންޓް (1)

ޝާހުލް

22 ޖޫން 2022
ނިޔަތް އޮތީމަ ދޯ ވަޅިއެއް ހޯދާފަ ކައިރީގަ ބާއްވާފަ އޮތީ
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް