ފަތުރުވެރިޔަކު ފޮތެއް ކިޔާލަން ހުޅުމާލޭ ބީޗުގައި: މި މައްސަލައިގައި ހިމެނޭ ދެ މީހުން ހައްޔަރުކުރީ ހުޅުމާލޭގައި ފަތުރުވެރިއަކަށް ހަމަލާދިން ކަމަށް ބުނެ. (ދައުރު ފައިލް ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް)

ކްރިމިނަލް ކޯޓު

ޓޫރިސްޓުންނަށް ދިން ހަމަލާ: ޓެގު އަޅުވައި ދޫކޮށްލި 2 މީހަކު މޮނިކޮންއާ ހިލާފުވެގެން ގޭބަންދަށް

ދައުލަތުން އެ ދެ މީހުން ޖަލަށްލާން އެދުނު ނަމަވެސް، ގާޒީ ނިންމެވީ އަދަބެއްގެ ގޮތުގައި ގޭބަންދު ކުރަން
12 ސެޕްޓެމްބަރު 2022

ހުޅުމާލޭގައި ޓޫރިސްޓުންތަކަކަށް ހަމަލާ ދިން މައްސަލައިގެ ތުހުމަތުގައި ހައްޔަރު ކުރުމަށް ފަހު ދައުވާނުކޮށް ދޫކޮށްލާފައި ތިބި ދެ މީހަކު އުޅޭ ނޫޅޭ ގޮތް ބެލުމަށް ނެރުނު މޮނިކޮން އަމުރާ ހިލާފުވިކަން ސާބިތުވެ އެ ދެ މީހުން ގޭބަންދު ކުރަން ކްރިމިނަލް ކޯޓުން އިއްޔެ ހުކުމް ކޮށްފި އެވެ.

މައްސަލައިގެ ފެށުން - ޓެރަރިޒަމްގެ ގާނޫނުގެ ދަށުން އުޅޭ ނޫޅޭ ގޮތް މޮނިޓާ ކުރުމަށް ޓެގް އަޅުވަން ނެރުނު މޮނިކޮން އަމުރާ ހިލާފުވުމުގެ ދައުވާ ކުރި ދެ މީހުންނަކީ:

  • އަލީ ހަމްޒަތު - ގދ. ވާދޫ/ސީސަންގެ

  • އިބްރާހިމް އަހުސަން އަހުމަދު - ރ. ކަނދޮޅުދޫ/ފެހިވިލާގެ

އެ ދެ މީހުންގެ މައްޗަށް ހައި ކޯޓުން 7 މެއި 2020ގައި ނެރެފައިވާ މޮނިކޮން އަމުރުގައި އަންގާފައި ވަނީ ހުޅުމާލެ އާއި ވިލިމާލެއަށް ނުދިޔުމަށެވެ. ނަމަވެސް، 18 ނޮވެމްބަރު 2020ގައި އެ ދެ މީހުން ދެ ކާރުގައި ހުޅުމާލެއަށް ދިޔަ ކަމަށް ދައުލަތުން ބުނެ އެވެ.

އެނގުން މުހިންމު - އެ ދެ މީހުންނަކީ ވެސް ފެބްރުއަރީ 2020ގައި ހުޅުމާލޭގައި ޓޫރިސްޓުންތަކަކަށް ވަޅިން ހަމަލާ ދިން މައްސަލައާ ގުޅިގެން ހައްޔަރު ކުރުމަށް ފަހު އެކަށީގެންވާ ވަރަށް ހެކި ނެތިގެން ދޫކޮށްލި ދެ މީހުންނެވެ. ޓެގް އެޅުވީ ދައުވާ ނުކޮށް އެ މައްސަލައިގައި އެ މީހުން ދޫކޮށްލުމަށް ފަހު ޓެރަރިޒަމްގެ ގާނޫނުގެ ދަށުންނެވެ.

ތަފްސީލު - ވަކީލަކާ ނުލައި މައްސަލައިގައި ކުރިއަށްދިޔަ އަހުސަން ދިފާއީ ހެއްކެއް ވެސް ހުށައެއް ނާޅަ އެވެ. އޭނާ ކޯޓުގައި ބުނެފައި ވަނީ:

  • ހުޅުމާލެއަށް ދިޔައީ ޓެކްސީއެއްގައި ކަމަށް އެކަމަކު ހުޅުމާލެއަށް އޭނާ ކާރުން ނުފައިބާ ކަމަށް

  • ހުޅުމާލެއަށް ދިޔުން ކަމަށް ވާނީ އޭނާ ހުޅުމާލެއަށް ފޭބި ނަމަ ކަމަށާއި އޭނާ ހުޅުމާލޭގައި އެއްވެސް މީހަކާ ބައްދަލުކޮށްފައި ނުވާނެ ކަމަށް

  • އޭނާ އަކީ ޓެކްސީ ދުއްވާ މީހެއް ކަމުން އެ މަސައްކަތުގެ ގޮތުން ހުޅުމާލެއަށް ދިޔުމަކީ ވެސް މަގުބޫލު ސަބަބެއް ކަމަށް

  • އޭނާ ދައުވާއަށް އިންކާރު ކުރި

ހަމްޒަތު ދައުވާ އިން ދިފާއުވުމަށް ގާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދި އެވެ. އޭނާގެ ފަރާތުން ބުނެފައި ވަނީ:

  • މޮނިކޮން އަމުރާ ހިލާފުވި ކަމަށް ބެލެވޭނީ މަގުބޫލު ސަބަބެއް ނެތި ހިލާފުވެއްޖެ ނަމަ ކަމަށް

  • ހަމްޒަތު ހުޅުމާލެ ދާން ޖެހުނީ އޭނާގެ ރައްޓެއްސެއްގެ ޓެކްސީގައި އޭނާގެ ދަރިފުޅު ގޮވައިގެން ހުޅުމާލެއަށް ދުއްވާލަން ގޮސް އުޅެނިކޮށް އެ ކާރު ހުއްޓުވުމުން ދަރިފުޅު ރޯތީ އަނބުރާ މާލެ ގެންދަން

  • އެކަމަށް ބާރުދީ ދަރިފުޅު ގޮވައިގެން ދިޔަ މީހާގެ އިތުރުން، ދަރިފުޅު ބަލާ ދާން އެދި ހަމްޒަތު ގުޅި އޭނާގެ ރައްޓެހިން ވެސް ހެކިބަސް ދީފައިވޭ

  • އޭނާ ވެސް ދައުވާއަށް އިންކާރު ކުރި

ކްރިމިނަލް ކޯޓުގެ ހުކުމުގައި ފާހަގަ ކުރީ، ހުޅުމާލެއަށް އެރުން މަނާ ކުރުމުގެ މޮނިކޮން އަމުރެއް އޮއްވައި އެ ދެ މީހުން ކާރުގައި ހުޅުމާލެއަށް ދިޔަކަމީ އެނގެން އޮތް ހަގީގަތެއް ކަމެވެ. އަދި ކޯޓުން ގޮތެއް ނިންމަން އޮތް ކަމަކީ އެ ދެ މީހުން ވެސް ހުޅުމާލެއަށް ދިޔައީ އެކަށީގެންވާ ސަބަބެއް އޮވެގެންތޯކަން ވެސް ހުކުމުގައި ފާހަގަކުރި އެވެ.

މި މައްސަލައިގައި ވަކީލަކާ އެކު ކުރިއަށްދިޔަ ހަމްޒަތުގެ ފަރާތުން ނެގި މައިގަނޑު ދިފާއަކީ އޭނާ ހުޅުމާލެއަށް ދާން ޖެހުނީ "ހާލަތުލް ޟަރޫރާ" ނުވަތަ ޒަރޫރީ ހާލަތެއް އޮވެގެން ކަމަށް ބުނެ ނެގި ދިފާއު އެވެ.

އެކަމަކު، އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އިރު "ދަތުރެއްގައި ހުޅުމާލެއަށް އާދެވުނީ" ކަމަށް ބުނެފައިވާތީ އެއީ އޭނާ ނަގާފައިވާ ދިފާއުއާ ތައާރަޒުވާ ވާހަކައެއްކަން ހުކުމުގައި ފާހަގަކުރި އެވެ. އަދި އޭނާ ހުޅުމާލެއަށް ދިޔައީ ދަރިފުޅު ރޯތީ ކަމަށް ބުނާއިރު، އެ ކުއްޖާ ބަލައި އާއިލާ މީހުން ފޮނުވުމުގެ ބަދަލުގައި ހަމްޒަތު އޭނާގެ ރަހުމަތްތެރިންނަށް ގުޅި ސަބަބު ސާފު ނުވާ ކަމަށް ވެސް ހުކުމުގައިވެ އެވެ.

ކްރިމިނަލް ކޯޓު. (ދައުރު ފައިލް ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

އޭގެ އިތުރުން، ހަމްޒަތުގެ ދަރިފުޅު ގޮވައިގެން ދިޔަ ރަހުމަތްތެރިޔާ، ޓެކްސީ ބާއްވާފައި ނުދާންވެގެން ހުރީ ކަމަށް ބުނި ނަމަވެސް، އޭނާ ފަހުން އަމަލު ކުރީ އެގޮތަށްކަން އޭނާގެ ވާހަކަތަކުން އެނގޭކަން ވެސް ހުކުމުގައި ފާހަގަކުރި އެވެ. އެގޮތުން، ހަމްޒަތުގެ ދަރިފުޅު ގޮވައިގެން މާލެ ގޮސް ބުއްތައްޓެއް ދީފައި ނިންދެވީ ކަމަށް އޭނާ ބުނެފައިވެ އެވެ.

ކްރިމިނަލް ކޯޓުން ނިންމީ ހަމްޒަތު، އަމަލު ކުރި ގޮތް ނޫން ގޮތަކަށް އަމަލުކޮށްގެން ނޫނީ މައްސަލަ ހައްލުކުރެވެން ނެތް ކަމަށް ހަމްޒަތަށް ސާބިތުނުކޮށްދެވޭ ކަމަށެވެ. އަދި އޭނާ މޮނިކޮން އަމުރާ ހިލާފުވީ އެކަށީގެންވާ ސަބަބެއް އޮވެގެން ކަމަށް ހެކިބަހަށް ބެލުމުން އެނގެން ނެތް ކަމަށް ވެސް ހުކުމުގައިވެ އެވެ.

އަހުސަން އަމިއްލަ ދިފާއުގައި މާ ގިނަ ވާހަކަތަކެއް ދައްކާފައި ނެތް އިރު، އޭނާގެ މައްޗަށް ވެސް ކުށް ސާބިތުވާ ކަމަށް ކަނޑައަޅާއިވެ އެވެ.

މޮނިކޮން އަމުރާ ހިލާފުވުމުގެ ކުށުގެ އަދަބަށް އޮންނަނީ ގިނަވެގެން 18 މަސްދުވަހަށް ޖަލަށްލުން ނުވަތަ ގޭބަންދު ކުރުމެވެ. ދައުލަތުން އެދުނީ ހަމްޒަތާއި އަހުސަންއަށް ވެސް 18 މަހަށް ޖަލަށްލުމަށެވެ. ގޭބަންދުކޮށްފި ނަމަ އަލުން އެ މީހުން ނުކުމެ އުޅުމުގެ ފުރުސަތު އޮންނާނެ ކަމަށް ވެސް ދައުލަތުން ބުންޏެވެ. އެކަމަކު، މައްސަލަ ބެއްލެވި ގާޒީ އާދަމް މުހައްމަދު ނިންމެވީ އެ ދެ މީހުން ގޭބަންދު ކުރާށެވެ.

އެ ދެ މީހުންނަށް ކަނޑައެޅި އަދަބު:

  • އަހުސަން: 10 މަސް ދުވަހަށް ގޭބަންދަށް

  • ހަމްޒަތު: 8 މަސް ދުވަހަށް ގޭބަންދަށް

ދައުވާ ކުރި ދެ މީހުން ޖަލަށްލުމުގެ ބަދަލުގައި ގޭބަންދަށް ލާން މައްސަލަ ބެއްލެވި ގާޒީ އާދަމް މުހައްމަދު ނިންމެވި ސަބަބުތަކުގެ ތެރޭގައި ހިމެނެނީ:

  • އެ ދެ މީހުން ހުޅުމާލެއަށް ދިޔަ ނަމަވެސް އެއްވެސް މީހަކާ ބައްދަލުކުރިކަން އެނގެން ނެތުން 

  • މޮނިކޮން އަމުރު ނެރުނު މައްސަލައާ ގުޅިގެން ދެ މީހުންނަށް ދައުވާކޮށްފައި ނުވުން

  • އަމުރާ ހިލާފުވެގެން އެއްވެސް މީހަކަށް ގެއްލުމެއް ނުވަތަ އަނިޔާއެއް ލިބިފައި ނުވުން

ފަސްމަންޒަރު - ހުޅުމާލޭގައި އޮސްޓްރޭލިއާއަށް ނިސްބަތްވާ މީހަކާއި ޗައިނާއަށް ނިސްބަތްވާ ދެ މީހުންނަށް ވަޅިން ހަމަލާ ދިނީ އެ އަހަރު ފުލުހުން ރ. މަޑުއްވަރީގައި ޓެރަރިޒަމްއާ ދެކޮޅަށް ހިންގި އޮޕަރޭޝަނާ ގުޅިގެން ބަދަލު ހިފުމެއްގެ ގޮތުގައި ކަމަށްވެ އެވެ. އަދި އެއީ ދީނީ ހަރުކަށި ފިކުރުގެ އިސް މީހެއް ކަމަށް ތުހުމަތު ކުރެވޭ ހއ. މޮޅަދޫ ބަހާރުގެ، އަބްދުﷲ އަލިމަނިކުގެ ދަރިން ދައުލަތަށް ނެގުމުން ބަދަލުހިފުމަށް ކުރި ކަމެއް ކަމުގެ އިންޓެލިޖެންސް ފުލުހުންނަށް ލިބުނުކަން ފުލުހުންގެ އޮފިސަރަކު ޓެރަރިޒަމްގެ އެހެން މައްސަލައެއްގައި ކްރިމިނަލް ކޯޓުގައި ހެކިބަސް ދެމުން ބުނެފައިވެ އެވެ

އެ މައްސަލައާ ގުޅިގެން ގިނަ ބަޔަކު ހައްޔަރު ކުރި ނަމަވެސް، އެއިން އެއްވެސް މީހެއްގެ މައްޗަށް ދައުވާ ނުކުރަން ވަނީ ނިންމައިފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް